މަލާއިކަތްބޭކަލުންގެ ނަންފުޅުން ކުދިންނަށް ނަން ކިޔުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
މަލާއިކަތް ބޭކަލުންގެ ނަންފުޅުތައް ދަރިންނަށް ކިޔުމާ މެދު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ފުރަތަމައީ: މަލާއިކަތުންގެ ނަންފުޅުތައް އާދަމުގެދަރިންނަށް ކިޔުން މަނާކުރާނެ ދަލީލެއްނެތެވެ. ޔަޢުނީ: އެއްވެސް ޙަދީޘެއްގައި އެކަން ނަހީ ކުރެވިފައިނުވެއެވެ. އަދި އެފަދައިން ބަޔާންވެގެންވާ ޙަދީޘްތައް ބަލިކަށި ކަމުގައި ޢިލްމުގެ އަހުލުވެރިން ވިދާޅުވެފައިވެއެވެ. އެފަދައިން ނަބިއްޔާ ﷺ އަށް ނިސްބަތް ކުރެވިގެންވާ ޙަދީޘްތަކުގެ ތެރޭގައި އަންނަނިވި ޙަދީޘް ހިމެނިގެންވެއެވެ. ރިވާޔަތުގައިވެއެވެ. ” أن رجلاً قال: يا رسول الله، ولد لي مولود فما أخير الأسماء؟ قال: إن خير أسمائكم الحارث وهمام، ونعم الاسم عبد الله وعبد الرحمن، وسموا بأسماء الأنبياء، ولا تسموا بأسماء الملائكة.” މާނައީ: “ނަބިއްޔާ ﷺ އަރިއަހަށް މީހަކު ވަޑައިގެން ދެންނެވިއެވެ. ﷲ ގެ ރަސޫލާއެވެ. ތިމަންނައަށް އަލަށް ދަރިއެއް ލިބިއްޖެއެވެ. ފަހެ، ދަރިއަށް ނަން ކިޔުމުގައި އިޚްތިޔާރު ކުރާނީ ކޮން ނަމެއްތޯއެވެ؟ އެހިނދު ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުން ކިޔުމަށް އެންމެ ހެޔޮވެގެންވާ ނަންތަކަކީ الحارث އަދި همام އެވެ. އަދި عبد الله އާއި عبد الرحمن އެވެ. (މި ދެނަމުގެ) ހެޔޮ ކަމާއެވެ. އަދި ނަބީބޭކަލުންގެ ނަންފުޅުތަކުން ނަންދޭށެވެ. މަލާއިކަތްބޭކަލުންގެ ނަންފުޅުތަކުން ނަންތައް ނުދޭށެވެ”. މި ޙަދީޘަކީ ވެސް މަލާއިކަތް ބޭކަލުންގެ ނަންފުޅުތަކުން ނަން ނުދިނުމަށް ޛިކުރުވެގެންވާ ޙަދީޘްތަކުގެ ތެރެއިން ރިވާޔަތެކެވެ. އެހެނަސް މުޙައްޤިޤުން ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ބަލިކަށި ޙަދީޘެކެވެ. ވީމާ މިފަދައިން މަނާ ކުރުމަށް ދަލީލެއް ވާރިދުވެގެންނުވެއެވެ.
ދެވަނައީ: ޢިލްމުވެރިންގެ މެދުގައި މަލާއިކަތްބޭކަލުންގެ ނަންތައް ދަރިންނަށް ކިޔުމާއިމެދުގައި ޚިލާފް އުފެދިފައިވެއެވެ. އެޚިލާފު އުފެދިފައިވަނީ ހުއްދަ ކަމެއް ކަމާއި މަކްރޫހަ ވެގެންވާ ޢަމަލެއް ކަމުގެ ދާއިރާގައެވެ.
އެގޮތުން ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ މަލާއިކަތް ބޭކަލުންގެ ނަންފުޅުތަކުން ނަންދިނުން ހުއްދަވެގެންވާ ކަމުގައިއެވެ. އަދި ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ އެއީ މަކްރޫހަވެގެންވާ ކަމެއް ކަމުގައެވެ. އިމާމް مالك -رحمه الله- މިފަދައިން ވިދާޅުވެފައިވެއެވެ. ابن رشد -رحمه الله- ވިދާޅުވެފައިވެއެވެ. “އިމާމް مالك -رحمه الله- މިފަދައިން ކަރާހާތްތެރިވުމުގެ ސަބަބު ކަމުގައި ބަޔާންކުރައްވާ ވިދާޅުވެފައިވެއެވެ. އެއީ އެނަން އާދަމުދަރިންނަށް ކިޔުމުގެ ސަބަބުން އެ ނަމަށް ހުތުރުކަން ގެނުވާތީއެވެ. އެގޮތުން އެ ނަމަށް ޢައިބުވާގޮތަށް އެކުލެވިގެންވާތީއެވެ”. އެބަހީ: މީހަކަށް ޖިބްރީލް – عَليه السّلام – ގެ ނަމުން ނަން ދެވުމުން އެހިނދު އެމީހާއަށް އިޝާރަތްކޮށް ބުނެވެއެވެ. ޖިބްރީލް އަތުވެއްޖެއެވެ. ޖިބްރީލް ފެނިއްޖެއެވެ. މިފަދައިން ބުނާއަޑު އިވުމުން އެއީ ނުހަނު ޙައިރާންކަން ގެނުވާ ކަމެއްގެ ގޮތުގައިވުމާއި، އެ ނަމަށް ޢައިބުވެގެންދިއުން ހިމެނިގެންވުމެވެ.
އަދި އިމާމް ابن القيم -رحمه الله- ލިޔުއްވި މަޝްހޫރުފޮތް تحفة المودود ގައި މަލާއިކަތުންގެ ނަންފުޅުތަކުން ނަން ދިނުމުގެ ޞައްޙަ ގޮތަކީ އެއީ މަކްރޫހަވެގެންވާ ޢަމަލެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވެއެވެ. އަދިވެސް މި ކަން ކަރާހަތްތެރި ކަމެއް ކަމުގައިވާ ސަބަބެއް ކަމުގައި ވިދާޅުވެއެވެ. އެ ނަންފުޅުތަކަކީ މަލާއިކަތް ބޭކަލުންނަށް
ޚާއްޞަވެގެންވާ ނަންފުޅުތަކެއްގެ ގޮތުގައި ކަނޑައެޅިފައިވާ ނަންތަކެކެވެ. އެގޮތުން جبريل ، ميكائيل އަދި إسرافيل މި ނަންފުޅުތައް ކިޔުން މަހްރޫހަވެގެންވެއެވެ. ވީމާ، މިކަމުގައި ނަޞޭޙަތްތެރިވަނީ މިފަދަ ނަންތައް ކިޔުމުން ދުރުހެލިވުމަށެވެ.
ނިންމާލުމުގެ ކުރީގައި ބުނަމެވެ. މިއަދު މީސްތަކުންގެ ތެރޭގައި ނަންކިޔުމުގެ ތެރޭގައި ޢާންމުވަމުންދާ އެއް ސިފަ ކަމުގައިވާ މަލާއިކަތްބޭކަލުންގެ ނަންފުޅުތައް އަންހެން ދަރިންނަށް ކިޔުމަކީ ދީނުގައި ހުއްދަވެގެންވާ ޢަމަލެއް ނޫން ކަމުގައި ޢިލްމުވެރިން ކަނޑައަޅުއްވައެވެ. އެ ގޮތުން ملاك (މަލާކް) ملك (މަލަކް) مَلَكَةَ (މަލަކަ) ފަދަ ނަންތައް ކިޔުމުގެ ޙުކުމަކީ ޙަރާމްވެގެންވުން ކަމުގައި ބުނުމަކީ ނުހަނު ބާރުގަދަ ބުނުމެކެވެ. ސަބަބަކީ މި ޢަމަލު ވާކަން ކަށަވަރީ މުޝްރިކުން މަލާއިކަތްބޭކަލުންނަކީ ﷲ ގެ އަންހެންދަރިން ކަމުގައި ހަދާފައިވުމުގެ ޢަމަލާއި ވައްތަރުވެގެންދާ ޢަމަލެއްގެ ގޮތުގައެވެ. ވީމާ، މިކަމުގެ މައްޗަށް ސަމާލުވުން ހުއްޓެވެ.
މި މައްސަލައިގެ ޚުލާޞާއަކީ ފިރިހެންދަރިންނަށް މަލާއިކަތްބޭކަލުންގެ ނަންފުޅުތަކުން ނަން ކިޔުން ދޫކޮށްލުން އަޥްލާވެގެންވުމެވެ. އަދި އަންހެން ދަރިންނަށް އެފަދަ ނަންތައް ކިޔުން ޙަރާމްވެގެންވުން ކަމުގައި ބުރަވެއެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.