މީހަކު ނިޔާވިތާ އަހަރެއް ވުމުން ނުވަތަ ވަކި ދުވަހެއް ވުމުން ޞަދަޤާތް ކުރުމަކީ ކޮންކަހަލަ ކަމެއް؟

މީހަކު ނިޔާވިތާ އަހަރެއް ވުމުން ނުވަތަ ވަކި ދުވަހެއް ވުމުން ޞަދަޤާތް ކުރުމަކީ ކޮންކަހަލަ ކަމެއް؟

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

މަރުވެފައިވާ މައްޔިތާއަށް، އެކަންތައްތައް ކުރުމުން އެ މައްޔިތާއަށް އޭގެ ދަރުމަ އާއި ޘަވާބު ލިބޭނެ ކަންތައްތަކެއް ޙަދީޘްގައި ޛިކުރުވެގެންވެއެވެ.

މައްޔިތާއަށް އޭގެ ދަރުމަ އާއި ޘަވާބު ލިބޭނެ ކަންތައްތަކެއް ކަމުގައި ޙަދީޘުން ޘާބިތުވެފައިވާ ޢަމަލުތަކަކީ ކޮބައިތޯއެވެ؟ އެގޮތުން މި ލިޔުމުގައި އެފަދަ ޘާބިތުވެގެންވާ ޢަމަލުތަކުގެ ތެރެއިން ބައެއް ޢަމަލުތައް ޛިކުރު ކުރަމެވެ. النبي صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (إذا مات الإنسان انقطع عمله إلا من ثلاثة إلا من صدقة جارية أو علم ينتفع به أو ولد صالح يدعو له) “އިންސާނާ މަރުވުމަށްފަހު، ތިން ކަމަކުން މެނުވީ އޭނާގެ އެންމެހައި ޢަމަލުތަކެއް މެދުކެނޑިގެންދެއެވެ. ދެމިހުންނާނެ ގޮތުގައި ދޫކޮށްފައިވާ ޞަދަޤާތެކެވެ. ނުވަތަ ދޫކޮށްފައިވާ ފައިދާކުރާނެ ޢިލްމެވެ. ނުވަތަ ޞާލިޙް ދަރިއެއް އޭނާއަށްޓަކައި ދުޢާކޮށްދިނުމެވެ” (صحيح مسلم،1631).

މި ޙަދީޘްގައި މައްޔިތާއަށް ޘަވާބު ލިބޭނެ ކަންތައްތައް ގޮތުގައި:

1. ދުޢާކޮށްދިނުން

2. މައްޔިތާގެ ނަމުގައި ޞަދަޤާތް ދިނުން

3. ޢިލްމު ފޯރުކޮށްދެވިފައިވެ، އެއިން މީސްތަކުން މަންފާ ހޯދުމުން އެއިން މައްޔިތާއަށް ދަރުމަ އާއި ޘަވާބު ލިބޭނެކަންވެއެވެ.

ހަމައެފަދައިން އެހެނިހެން ޙަދީޘްތަކުގައި ޙައްޖު ކޮށްދެވޭނެ ކަމާއި ޢުމުރާ ކޮށްދެވޭނެކަން ބަޔާންވެގެންވެއެވެ.

ހަމައެފަދައިން ދަލީލުން ޘާބިތުވެގެންވާ ކަންތައްތައް މެނުވީ ކޮންގެން ނުވާނެއެވެ. އެގޮތުން:

ޤުރުއާން ކިޔަވައި މައްޔިތާއަށް ދިނުން، ރޯދަ ހިފައި އެރޯދަ މައްޔިތާއަށް ދިނުން، ފާތިޙާ ކިޔެވުމާއި، 40 އަށް ކެއްކުމާއި މިފަދަ އެންމެހައި ޢަމަލުތަކަކީ ކޮށްގެންވާނެ ޢަމަލުތަކެއް ނޫނެވެ.

ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ عبد العزِيز بن عبد الله بن بَاز -رحمه الله- އަރިހުގައި މައްޔިތާއަށް ދިރިތިބީން ޢަމަލުކޮށް ހަދިޔާ ކުރެވޭނެތޯ ސުވާލު ކުރެވުނުހިނދު ޖަވާބުގައި ދެންނެވި އެވެ.

ސުވާލު: (ދިރިތިބި މީހުން ޢަމަލުކުރުމުން) އެ ޢަމަލުތައް މައްޔިތުންނަށް ހަމައަށް ފޯރާނެ ހެއްޔެވެ؟

ޖަވާބު: “އެމީހުންނާ ހަމައަށް ފޯރާނީ ޝަރީޢަތުގައި މައްޔިތުންނާ ހަމައަށް ފޯރާނެކަމަށް ދަލީލު ކުރެވިގެންވާ ޢަމަލުތަކެވެ. އެއީ ނަބިއްޔާ ﷺ ޙަދީޘްފުޅު ކުރައްވާފައިވާ ފަދައިންނެވެ. (إذا مات الإنسان انقطع عمله إلا من ثلاثة إلا من صدقة جارية أو علم ينتفع به أو ولد صالح يدعو له) “އިންސާނާ މަރުވުމަށްފަހު، ތިން ކަމަކުން މެނުވީ އޭނާގެ އެންމެހައި ޢަމަލުތަކެއް މެދުކެނޑިގެންދެއެވެ. ދެމިގެންދާ ގޮތުގައި ދޫކޮށްފައިވާ ޞަދަޤާތެކެވެ. ނުވަތަ ދޫކޮށްފައިވާ ފައިދާކުރާނެ ޢިލްމެވެ. ނުވަތަ ޞާލިޙް ދަރިއެއް އޭނާއަށްޓަކައި ދުޢާކޮށްދިނުމެވެ”.

އިމާމް مسلم ޞަޙީޙުގައި ރިވާކުރެއްވިއެވެ. އަދި ހަމައެފަދައިން އެހެނިހެން ޙަދީޘްތަކުގައި އައިސްފައިވާ ފަދައިންނެވެ. އޭގެ ތެރޭގައި، ޞަދަޤާތް ދިނުމާއި، ދުޢާ ކުރުމާއި، ޙައްޖު ކުރުމާއި، ޢުމުރާ ކުރުމާއި އަދި މައްޔިތާ ދޫކޮށްފައިވާ ޢިލްމެވެ.

ދެންފަހެ، ނަމާދުކޮށް، އެ ނަމާދު މައްޔިތާއަށް ހަދިޔާ ކުރުމާއި، ޤުރުއާން ކިޔަވައި އެ ހަދިޔާ ކުރުމާއި ނުވަތަ ޠަވާފް ނުވަތަ ސުންނަތް ރޯދަ ހަދިޔާކުރުން، މިކަންތައް ކުރުމަށް އެއްވެސް އަޞްލެއް އޮތްކަމެއް ނުދަންނަމެވެ.

އަދި ޝަރުޢުވެގެންވަނީ މިކަންކަން ދޫކޮށްލުމެވެ. (އެބަހީ: ވާރިދުވެފައިވާ ޢަމަލުތައް ފިޔަވައި އެހެނިހެން ޢަމަލުތައް ނުކުރުމެވެ.)

އެއީ ނަބިއްޔާ ﷺ ހަދީޘް ކުރައްވާފައިވާ ފަދައިންނެވެ. (‏من عمل عملا ليس عليه أمرنا فهو رد‏)‏ “އަހަރެމެންގެ ދީނުގައިނުވާ ޢަމަލެއް ކޮށްފި މީހެއްގެ ކިބައިން އެ ޢަމަލު ރައްދު ކުރެވިގެންވެއެވެ”.

އިމާމް މުސްލިމް ޞަޙީޙުގައި ރިވާ ކުރެއްވިއެވެ. مجموع الفتاوى (13/249)

ދަންނަހުއްޓެވެ. މައްޔިތާއަށް ކޮށްދިނުމަށް ޘާބިތުވެގެންވާ ޢަމަލުތައް ވެސް ވަކި ދުވަހެއް ކަނޑައަޅައި އެ ދުވަހަށް ޚާއްޞަކޮށްފިހިނދު އެއީވެސް ޘާބިތު ނުވާ ދީނަށް އަލަށް ގެނެސްފައިވާ ޘާބިތު ނޫން ޢަމަލެއް ކަމުގައިވެއެވެ.

މިޘާލަކަށް ޞަދަޤާތް ކުރުމެވެ. ވަކި ދުވަހެއް ވަކި ވަޤުތެއް ބެލުމެއްނެތި މައްޔިތާގެ ނަމުގައި ޞަދަޤާތް ކުރުން އެއީ ދީނުގައި ހުއްދަ ކުރައްވާ ކަނޑައެޅިފައިވާ ޢަމަލެކެވެ. އެހެނަސް އަހަރުފުރޭ ދުވަހުގައި، 40 ފުރޭ ދުވަހުގައި

ނުވަތަ 2 އަހަރުފުރޭ ދުވަހުގައި ޞަދަޤާތް ކުރުން ވެގެންދަނީ ބިދުޢަވެރި ޢަމަލަކަށެވެ. މިފަދައިން ޢަމަލުކުރުން ދުރުވާން ޖެހޭނެއެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.