ރޭގަނޑު ނިދަން އޮށޯންނަ ހިނދު ފަތިސް ނަމާދަށް ހޭލުމުގެ ނިޔަތުގައި ކަހުފް ސޫރަތުގެ ފުރަތަމަ 10 އާޔަތް ކިޔަވައިގެން އޮތުމުން ނަމާދަށް ހޭލެވޭނެ ކަމުގައި މީހުން ބުނާ ވާހަކައަކީ ސައްޙަ ވާހަކައެއްތޯއެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين. أما بعد:
ރޭގަނޑު ނިދަން އޮށޯންނަ މީހާ ފަތިސް ނަމާދަށް ހޭލުމުގެ ނިޔަތުގައި ކަހުފް ސޫރަތުގެ ފުރަތަމަ 10 އާޔަތް ކިޔަވައިގެން އޮތުމުން ނަމާދަށް ހޭލެވޭނެ ކަމުގައި މީހުން ބުނާ ކަމަށާއި އަދި އެއީ ތެދެއްތޯ، މިކަމުގެ ޖަބާވުގައި ބުނަމެވެ.
ނިދުމުގެ އަދަބުތަކާއި ހޭލުމުގެ އަދަބުތަކަކީ ޞައްޙަ ސުންނަތުން ވާރިދުވެފައިވާ ކަންތައްތަކެވެ. ޞައްޙަ ވެގެންވާ ދުޢާތަކާއި އަދި ޛިކުރުތައްވެއެވެ. މުއުމިނު އަޅާއަށް އެފަދައިން ވާރިދުވެގެންވާ މިންވަރު ފުދެއެވެ. އަދި ދުނިޔެއާއި އާޚިރަތުގެ ހެޔޮކަން ޙާޞިލް ކުރުމަށް އެއީ ފުދޭނެ މިންވަރެއް ކަމުގައި ޤަބޫލު ކުރެވެއެވެ.
އެއަށްފަހު، އޭގެ އިތުރަށް ދަލީލެއް ނުވަތަ ޞައްޙަ ޙުއްޖަތެއް ނެތި، ވަކި އާޔަތްތަކެއް ވަކި ޢަދަކަށް ކިޔުމާއި އަދި ވަކި އާޔަތްތަކެއް ކިޔުމުން މިވެނި އެވެނި ކަމެއް ވާނެކަމަށް ބުނުމަކީ ޝަރުޢީ ޞައްޙަ ދަލީލަކުން މެނުވީ ބުނެގެންވާނެ ކަންކަމެއް ނޫނެވެ.
މުސްލިމް އަޅުތަކުން ދެނެގަތުމަށް އޮތް މުހިންމު ނުކުތާއެއް މިތަނުގައި ބަޔާން ކުރަމެވެ. މާތް ނަބިއްޔާ ﷺ މިދުނިޔެ މަތީގައި ހޭދަކުރެއްވި ޙަޔާތްފުޅުގައި އެ ޢަމަލަކީ އޭގެ ސަބަބުން ﷲ އަށް ކުއްތަން ކޮށްދޭނެ އަދި ސުވަރުގެ ޙާޞިލްވާނެ އަދި ނަރަކައިން ސަލާމަތް ކޮށްދޭނެ ޢަމަލެއް ކަމުގައިވެއްޖެހިނދު އެކަން ބަޔާން ކުރައްވާފައިމެނުވީ ދުނިޔެ ދޫ ނުކުރައްވައެވެ
ރަސޫލާ ﷺ ހަދީޘް ކުރެއްވިއެވެ. “ما بقي شيء يقرب من الجنة ويباعد من النار إلا وقد بين لكم” މާނައީ: ތިޔަބައިމީހުން ސުވަރުގެއާއި ގާތްކޮށްދޭނެ އަދި ނަރަކައިން ދުރުކޮށްދޭނެ އެއްވެސް ޢަމަލެއް ބަޔާން ނުކުރައްވައި ތިމަން ނަބިއްޔާ ދޫކޮށްފައި ނުވާނެކަން ކަށަވަރެވެ”. މި ރިވާޔަތް އިމާމް الألباني -رحمه الله- الصحيحة ގައި ގެންނަވާފައި ވެއެވެ.
ޤުރުއާނާއި ސުންނަތުގެ އެއްވެސް ތަނެއްގައި، ފަތިސް ނަމާދަށް ތެދުވުމަށް ނިޔަތްގަނެ ކަހުފް ސޫރަތުގެ ފުރަތަމަ 10 އާޔަތް ކިޔެވުމުން އެމީހަކަށް ހޭލެވޭނެ ކަމަށް ބުނާ އެއްވެސް ދަލީލެއް ނުދެކެމެވެ.
މިހެންމިކަން އޮތުމުން، ތިޔަ ޢަމަލަކީ އެއްވެސް ދަލީލެއް ޙުއްޖަތެއްނެތް، ދީނަށް އަލަށް ވައްދާފައިވާ ކަންތައްތަކުގެ ތެރެއިން މެނުވީ ނުވެއެވެ.
އަޚާއެވެ! ދަންނަހުއްޓެވެ. މާތް ނަބިއްޔާ ﷺ ވަނީ މި އުއްމަތަށް އިސްލާމް ދީނަށް އަލަށް ކަންތައްތައް ވެއްދުމުގެ މައްޗަށް އިންޒާރު ދެއްވާފައެވެ
އަދި ނަބިއްޔާ ﷺ ވަނީ އެފަދަ ޢަމަލުތަކަކީ ނަރަކައަށް ގެންގޮސްދޭނެ ޢަމަލުތަކެއް ކަމާއި އެފަދަ އެންމެހައި ޢަމަލުތަކަކީ މަގުފެދުންތަކެއް ކަމުގައި ބަޔާން ކުރައްވާފައެވެ. ޙަދީޘް ކުރެއްވިއެވެ. “عَلَيْكُمْ بِسُنَّتِي وَسُنَّةِ الخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ مِنْ بَعْدِي ، تَمَسَّكُوا بِهَا وَعَضُّوا عَلَيْهاَ بِالنَّوَاجِذِ ، وَإَيَّاكُمْ وَمُحْدَثَاتُ الْأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالَةٌ ” މާނައީ: ތިޔަބައިމީހުންގެ މައްޗަށްވަނީ ތިމަން ނަބިއްޔާގެ ސުންނަތެވެ. އަދި ތިމަން ނަބިއްޔާއަށް ފަހުގައި ހިދާޔަތްލިބިގެންވާ ޚުލަފާއުއް ރާޝިދީންގެ ސުންނަތެވެ. އޭގައި ހިފަހައްޓާށެވެ. އަދި ކޮލުދަތްތަކުން އޭގައި ބާރަށް ހިފަހައްޓާށެވެ. އަދި ދީނަށް ގެނެވޭ އައު ކަންތައްތަކުގެ މައްޗަށް ތިމަން ނަބިއްޔާ ތިޔަބައިމީޙުންނަށް އިންޒާރު ދެމެވެ. ފަހެ، ހަމަކަށަވަރުން ކޮންމެ އައުކަމަކީ އެއީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ. رواه أحمد އަދި أبوداود އަދި ابن ماجه ގައި މިއީ މަޝްހޫރު ޞައްޙަ ޙަދީޘެކެވެ.
އަދިވެސް ދެނެގަތުން ހުއްޓެވެ. ތަޖުރިބާ ކޮށްފައިވާ ތަޖުރިބާތަކަކުން އެއީ ސުންނަތެއް ކަމުގައި ނުވާނެއެވެ. އަދި އެފަދަ ތަޖުރިބާއަކީ އެކަން ކުރުމަށް ދަލީލު ކުރެވޭ ޢަމަލެއް ވެސް ނޫނެވެ. އޭގެ ބަދަލުގައި ދީނުގައި އެކަމަށް ޘާބިތު ދަލީލެއް ބަޔާންވެގެން ނުވާހިނދެއްގައި ކަނޑައެޅިގެންދާނީ ބިދުޢަތަކުގެ ތެރެއަށެވެ.
ވީމާ، ނިދަން އޮށޯންނަ މީހާގެ ޢަމަލު ކަމުގައި ވާހުށީ ޘާބިތުވެގެންވާ ދުޢާތަކާއި ޛިކުރުތައް ކިޔުމެވެ. ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮ ކަންތައްތަކަށް އެވަރުން ފުދޭނެ ކަމުގައި ދަންނަހުއްޓެވެ. ފަހެ، ފަތިސް ނަމާދަށް ހޭލުމަށް އެދޭ މީހާއަށް އޮތީ ހުއްދަވެގެންވާ ސަބަބުތައް އިޚްތިޔާރުކޮށް އެ ސަބަބުތަކުގައި ހިފުމެވެ. ބިދުޢަވެރި (ދީނަށް އަލަށް ގެނެސްފައިވާ) ޢަމަލުތަކުގެ މައްޗަށް އިންޒާރު ލިބިގަތުމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.