މަރުވުމަށްފަހު އެއްވެސް ބޭނުމަކަށް “ޕޯސްޓް މޯޓަމް” ހެދުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ޕޯސްޓްމޯޓަމް ގެ ޙުކުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ފުރަތަމައީ: ދަންނަންޖެހޭ ޝަރުޢީ ޙުކުމެއްވެއެވެ. އެއީ މަރުވެފައިވާ ފަރާތަކީ ދިރިހުރި ފަރާތެއް ފަދައިން އެންމެ މަތީ ދަރަޖައިން ޙުރުމަތްތެރިކަން ލިބިގެންވާ ފަރާތެކެވެ. ޙަދީޘްގައިވެއެވެ.
عائشة أم المؤمنين رضي الله عنها ރިވާކޮށްފައިވާ ރިވާޔަތުގައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “كَسْرُ عَظْمِ الميِّتِ ككَسْرِهِ حيًّا” މާނައީ، “މަރުވެފައިވާ މައްޔިތެއްގެ ކައްޓެއް ބިންދާލުން އެއްފަދަވެގެންވަނީ ދިރިހުއްޓާ އޭނަގެ ކައްޓެއް ބިންދާލުމާއެވެ”.
މި ޙަދީޘް أبو داود، ابن ماجه އަދި أحمد ރިވާކޮށްފައިވެއެވެ. އިމާމް الألباني ޞައްޙަ ކުރައްވައެވެ. ވީމާ، އެއްވެސް އަނިޔާއެއް، ގޯނާއެއް އަދި އުނދަގުލެއް ކުރުން ޙަރާމްވެގެންވެއެވެ. ދިރިހުރި ފަރާތެއްގެ ހަށިގަނޑުން ކައްޓެއް ބިންދާލުން ހަރާމްވެގެންވާ ފަދައިން މަރުވެފައިވާ ފަރާތްވެސް އެފަދައެވެ.
ފަހެ، ޤަވާޢިދުގައި ބަޔާންވެގެންވެއެވެ. ޙަރާމް ކަންތައްތައް ޟަރޫރީ ޙާލަތުގައި ހުއްދަވެގެންވެއެވެ. އެ ޙާލުގައި ވެސް ހުއްދަ ކުރެވެނީ ޟަރޫރަތް ޖެހިފައިވާ މިންވަރަށެވެ. އެގޮތުން އެފަދަ ޝަރޫރީ ޙާލަތެއް އޮވެ ޟަރޫރީ ޙާލަތު ހުއްދަކުރާ މިންވަރުން ޕޯސްޓް މޯޓަމް ހެދުން ޢިލްމުވެރިން ހުއްދަ ކުރެއެވެ. އެއީ ސުވާލުގެ ދެވަނަ ބައެވެ.
ދެވަނައީ: ދުނިޔެ ދޫކުރި ފާރާތް މަރުވެދިޔަ ގޮތް ނޭނގި، ބަޔަކު ނުވަތަ ޖަމާޢަތެއްގެ ބަޔަކު ހަމަލާދީ ނުވަތަ ވިހަފަދަ އެއްޗެއް ބޯންދީ ނުވަތަ އެފަދަ ތުހުމަތު ކުރެވޭ ޖިނާއީ ކުށެއްގައި ވެއްޖެހިނދު، ޖިނާއީ ތަޙްޤީޤު ހިންގުމަށްޓަކައި ޕޯސްޓްމޯޓަމް ހެދުން ޢިލްމުވެރިން ހުއްދަކުރައްވައެވެ. އެހެނަސް އެއީ ޝަރުޠުތާކާއި އެކުގައެވެ.
މިފަދައިން މަރުވެ، ޖިނާއީކުށް ތަޙްޤީޤު ކުރުމަށްޓަކައި އެކަން ހުއްދަވެގެންވާ ކަމުގައި ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ކޮމެޓީން (ހައިއަތު ކިބާރުލް- ޢުލަމާއިން) ޤަރާރެއް (މި ތާރީޚުގައި 20/8/1396هـ ) ނެރުއްވާފައިވެއެވެ. ޤަރާރު ނަންބަރު (47) ((أبحاث هيئة كبار العلماء)) (2/84)، އަދި ސަޢުދީ ޢަރަބިއްޔާގެ ފަތުވާކޮމެޓީން (فتاوى اللجنة الدائمة- المجموعة الأولى (5/294) ހުއްދަވެގެންވާކަމަށް ފަތުވާ ދެއްވާފައިވެއެވެ.
އަދި މި ސަބަބަށްޓަކައި ޕޯސްޓްމޯޓަމް ހެދުން ހުއްދަވެގެންވާ ކަމުގައި ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ عبد العزِيز بن بازٍ رحمه الله ވިދާޅުވެފައިވެއެވެ. އަދި މިފަދައިން ހުއްދަވެގެންވާ ކަމުގައި ابن العُثَيمين رحمه الله ދެކެވަޑައިގަންނަވައެވެ.
ދަންނައެވެ! ޖިނާއީ ތަޙްޤީޤު ހިންގުމަށްޓަކައި މިފަދައިން ޕޯސްޓްމޯޓަމް ހެދުން ހުއްދަވެގެންވަނީ އެކަމަށް ކަނޑައެޅިފައިވާ ޝަރުޠުތަކާ އެކުގައެވެ. އެއީ:
1. މަރުވެފައިވާ ފަރާތަކީ މީހަކު ނުވަތަ ބަޔަކު ޤަތުލުކޮށް މަރާލައިފައިވާ ފަރާތެއް ކަމުގައި ތުހުމަތު ކުރެވުމެވެ.
2. ޖިނާއީ ތަޙްޤީޤު ހިންގުމަށް ބަލާއިރު ހެކިތައް ޘާބިތު ކުރެވޭވަރަށް ނެތުމެވެ. (މާނައީ: ޤަތުލުކޮށް މަރާލާފައިވާ ފަރާތެއް ކަމުގައި ތުހުމަތު ކުރެވޭހިނދު، އެކަން ޝައްކެތް ނެތް މިންވަރަށް ޘާބިތު ކުރެވޭ ވަރަށް ޤަރީނާ ނެތުނީއެވެ. އަދި އެކަން ސާބިތު ކުރެވެން އޮތީ ޕޯސްޓް މޯޓަމް ހަދައިގެން ކަމުގައިވުމެވެ.)
3. ޕޯސްޓް މޯޓަމް ހެދުމަށް ނުހަނު ބޮޑަށް ޟަރޫރަތް ޖެހިފައިވުމެވެ.
4. ޝަރުޢީ ޤާޟީ އެކަން ކުރުމަށް ހުއްދަ ދިނުމެވެ.
5. މަރުވެދިޔަ ފަރާތުގެ ވާރިޘުން ޤާތިލަށް ނުވަތަ ޖިނާއީ ގޮތުން ތުހުމަތު ކުރެވޭ ފަރާތަށް މަޢާފު ދޭން ބޭނުން ނުވާ ޙާލަތުގައެވެ.
އިސްވެދިޔަ، ސަބަބުތަކުން ބަޔާންވަނީ މި ޢަމަލަކީ އެއަށް ނުހަނު ބޮޑަށް ޟަރޫރީ ޙާލަތް މެދުވެރިވެ އަދި ކުޑަ މިންވަރަކަށް ޙާޖަތްޖެހިގެން ކުރެވޭނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އޭގެ ސަބަބުން ނުހަނު ބޮޑުވެގެންވާ
މަޞްލަޙަތެއް ނުކުތުމާއި އެކަމަށް ނުކޮށް ތަޙްޤީޤު ހިންގުމަށް ނުކުޅަދާނަވާ ދަރަޖައަށް ދިއުމުން މެނުވީ ހުއްދަ ނުވާނެ ޢަމަލެއް ކަމެވެ. އަދި މި ނޫން ސަބަބުތައް ވެސް ޢިލްމުވެރިން ޛިކުރު ކުރައްވާފައިވެއެވެ.
ތަޢުލީމު ހޯދުމަށްޓަކައި ޕޯސްޓް މޯޓަމް ހެދުމެވެ.
ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކުގެ ތެރެއިން މިކަމަށް ހުއްދަވެގެންވަނީ މަރުވެފައިވާ ފަރާތްތަކުގެ ތެރެއިން އެއްގޮތަކީ މުރުތައްދުވެ އެ ހާލުގައި މަރުވާ ފަރާތްތަކާއި އަދި ހަރުބީ ކާފަރުންނެވެ.
ފަހެ، ޑޮކްޓަރީ ޢިލްމު ކިޔެވުމާއި އެކަމުގެ މަޞްލަޙަތު އޮވެއްޖެހިނދު ހުއްދަވެގެންވުމެވެ.
އެހެންކަމުން މަޢުޞޫމް ހަށިގަނޑުތައް މިކަމަށްޓަކައި ބޭނުން ކުރުން ޢިލްމުވެރިން ހުއްދަ ނުކުރައްވައެވެ. މިފަދައިން ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ކޮމެޓީން (ހައިއަތު ކިބާރުލް- ޢުލަމާއިން) ޤަރާރެއް (މި ތާރީޚުގައި 20/8/1396هـ ) ނެރުއްވާފައިވެއެވެ.
ޤަރާރު ނަންބަރު (48) ((أبحاث هيئة كبار العلماء)) (2/83)، އަދި ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ عبد العزِيز بن بازٍ رحمه الله ވިދާޅުވެފައިވެއެވެ.
އަދިވެސް ވިދާޅުވެފައިވެއެވެ. މަޢުޞޫމް ހަށިގަނޑުތަކަކީ ދިރިހުރި ޙަޔާތުގައި އެއްވެސް ގޮތަކަށް އަނިޔާ ކުރުމާއި އަދި ގޯނާ ކުރުން ހުއްދަވެގެން ނުވާ ފަދައިން ދުނިޔެ ދޫކުރުމަށްފަހުގައި ވެސް ހުއްދަވެގެން ނުވާނެއެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.