ދަތުރުވެރިންނަށް ހުކުރު ނަމާދު ކުރުން ވާޖިބު ވާނެތޯއެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد
ދަތުރުވެރިޔާގެ މައްޗަށް ހުކުރު ނަމާދުގެ ޙުކުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ހުކުރު ނަމާދު އެބަޔަކަށް ވާޖިބުވެގެންވާ މީހުންގެ ތެރެއިން އިސްތިސްނާ ވެގެންވާ މީހުންގެ ތެރޭގައި ދަތުރުވެރިންވެއެވެ. އޭގެ ދަލީލުތަކުގެ ތެރޭގައި އިމާމް الطبرانيُّ -رحمه الله- «الأوسط» (٨١٨) ގައި އަދި الدارقطنيُّ (١٥٨٢) ޞަޙާބީ ابنِ عمر رضي الله عنهما ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘެއްވެއެވެ. ނަބިއްޔާ صلَّى الله عليه وسلَّم: ޙަދީޘް ކުރެއްވިއެވެ. (لَيْسَ عَلَى مُسَافِرٍ جُمُعَةٌ) “ދަތުރުވެރިޔާއަށް ހުކުރުނަމާދެއް ނުވެއެވެ.” މި ޙަދީޘް އިމާމް الألبانيُّ «صحيح الجامع» (٥٤٠٥) ގައި ޞައްޙަ ކުރައްވާފައިވެއެވެ.
އަދިވެސް އެހެން ޙަދީޘެއްގައިވެއެވެ. ނަބިއްޔާ صلَّى الله عليه وسلَّم ޙަދީޘް ކުރެއްވިއެވެ. مَنْ كَانَ يُؤْمِنُ بِاللهِ وَالْيَوْمِ الْآخِرِ فَعَلَيْهِ الْجُمُعَةُ يَوْمَ الْجُمُعَةِ إِلَّا مَرِيضٌ أَوْ مُسَافِرٌ أَوِ امْرَأَةٌ أَوْ صَبِيُّ أَوْ مَمْلُوكٌ. މާނައީ، ﷲ އަށާއި ޤިޔާމަތް ދުވަހަށް އީމާންވާ މީހާ، ހުކުރު ދުވަހުގައި ހުކުރު ނަމާދު ކުރުން ވާޖިބުވެގެންވެއެވެ. ބަލި ޙާލުގައި ނުވަތަ ދަތުރުވެރިއެއްގެ ގޮތުގައި ނުވަތަ އަންހެނެއް ނުވަތަ ކުޑަކުއްޖެއް ނުވަތަ އަޅެއްގެ ގޮތުގައިވާ މީހެއް ކަމުގައި ނުވާނަމައެވެ. މި ޙަދީޘް ޞަޙާބީ جابر بنِ عبد الله رضي الله عنهما ގެ އަރިހުން އިމާމް الدارقطني (١٥٧٦) އަދި އިމާމް البيهقي – السنن الكبرى (٥٦٣٤) ގައި ރިވާކޮށްފައިވެއެވެ.
މި ޙަދީޘްތަކުން ބަޔާންވެގެންވަނީ ދަތުރުވެރިޔާ ހުކުރު ނަމާދަށް ޙާޟިރުވުމުގެ ވާޖިބުކަން ކެނޑިގެންވާކަމެވެ. ޔަޢުނީ ލާޒިމް ނުވާނެކަމެވެ.
ނަމަވެސް ދަންނައެވެ. އެތަނެއްގައި ބަންގި ގޮވާއަޑު އިވޭ ޙާލުގައިވާ މުސްލިމަކު ތިމަންނައަކީ ދަތުރުވެރިއެކޭ ބުނެ މީސްތަކުންނާއެކު ޖަމާޢަތުގައި ހުކުރު ކުރުމެއް ނުވެއޭ ބުނުން މިއީ އެދެވިގެންވާ ޢަމަލެއް ނޫނެވެ. އަދި ކިޔެއްތަ އޭނާގެ މައްޗަށް ހުކުރު ނަމާދުގެ ޖަމާއަތަށް ޙާޟިރުވުންވެއެވެ. އެހެނަސް އޭނާއަކީ ދަތުރުވެރިއެއްގެ ގޮތުގައިވެ ޢުޛުރުވެރިންގެ ތެރެއިން ހިމެނިގެންވާ މީހެކެވެ. މިފަދައިން ބައެއް މުހައްޤިޤުން ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި އިމާމް شَيخ الإسلام ابن تَيمية (رحمه الله) ހިމެނިވަޑައިގަންނަވައެވެ.
ފަހެ، ޢުޒުރުވެރިންގެ ޙާލުގައިވީނަމަވެސް އޭނާގެ ޙާޖަތެއްނެތި ނުވަތަ އޭނާ އެކަމަކުން މަޝްޣޫލުކުރުވާ ކަމެއް ނުވާނަމަ ހުކުރު ނަމާދު ދޫކޮށްލުން އެއީ އެދެވިގެންވާ ކަމެއް ނޫނެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.