ސުންނަތް ނަމާދު ފަށަން ވަކި ދުޢާއެއް އޮވޭތޯއެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ސުންނަތް ނަމާދު ފަށަން ވަކި ދުޢާއެއްވޭ ހެއްޔެވެ؟
މި ސުވާލުގެ މުރާދަކީ ނަމާދަށް ކޮޅަށް ހުރުމަށްފަހު، ޙަރަމް ބަނުމުގެ ކުރިން ކިޔުމަށް އޮތް ޚާއްޞަ ދުޢާއެއް ކަމުގައިވާ ނަމަ އެކަމަށް ޖަވާބުގައި ބުނަމެވެ.
ބައެއް ފޮތްތަކުގައި ޙަރަމް ބަނުމުގެ ކުރިން سَمِعْنَا وَأَطَعْنَا މިފަދައިން ކިޔުމަށް ބުނެފައިވެއެވެ.
މިފަދައިން ކިޔުމަށް އެއްވެސް ޙަދީޘެއް މާތް ނަބިއްޔާ صلى الله عليه وسلم އަރިއަހުން ޞައްޙަ ސަނަދެއްގައި ވާރިދުވެފައެއް ނުވެއެވެ. އަދި ނަބިއްޔާ صلى الله عليه وسلم ޙަރަމްބަންނަ ތަކްބީރަށްވުރެ ކުރިން އެއްވެސް އެއްޗެއް ވިދާޅުވާކަމަށް ނަޤުލުކުރެވިގެން ނުވެއެވެ. އަދި މި ޢަމަލަކީ ވާރިދުވެފައިވާ ޞައްޙަ ޙަދީޘްތަކުގައި ބަޔާންވެގެންވާ ބަސްފުޅުތަކާއި ޚިލާފް ޢަމަލެއް ކަމުގައި މެނުވީ ނުވެއެވެ. أَبُوهُرَيرة -رضي الله عنه- ރިވާކޮށްފައިވާ ޙަދީޘްގައިވެއެވެ.
(إنما جعل الإمام ليؤتم به فلا تختلفوا عليه فإذا كبر فكبروا..) ހަމަކަށަވަރުން އިމާމް ލެވިގެންވަނީ ތިޔަބައިމީހުން ތަބަޢަވުމަށްވާ މީހެއްގެ ގޮތުގައިއެވެ. ފަހެ، ތިޔަބައިމީހުން އިމާމްއާ ޚިލާފްނުވުން ހުއްޓެވެ. އިމާމް ތަކްބީރު ކިޔުމުން ތިޔަބައިމީހުން ތަކްބީރު ކިޔާށެވެ.
الإِماَم ابن القيم -رحمه الله- ވިދާޅުވެފައިވެއެވެ. ”ނަބިއްޔާ صلى الله عليه وسلم ނަމާދަށް ހުއްޓިވަޑައިގަންނަވާހިނދު اللهُ أَكْبَرُ (ޙަރަމްބަންނަ ތަކުބީރު) ވިދާޅުވެއެވެ. އަދި އޭގެ ކުރިން އެއްވެސް އެއްޗެއް ވިދާޅުނުވެއެވެ“. زاد المعاد
ވުމާއެކު، ނަމާދަށް ކޮޅަށް ހުއްޓުމާއެކު ތަކްބީރު ކިޔުމުގެ ކުރިން އެއްވެސް ދުޢާއެއް އަދި އެއްވެސް ޛިކުރެއް ކިޔުމެއް ނުވެއެވެ. އެފަދަ އެއްވެސް އެއްޗެއް ވާރިދުވެގެން ނުވެއެވެ.
ދެވަނައީ: ޙަރަމް ބަނުމަށްފަހުގައި ކިޔުމަށް ދުޢާއެއްވޭ ހެއްޔެވެ؟
އާނއެކެވެ! الله أكبر ކިޔައި ޙަރަމް ބަނުމަށްފަހު، ފާތިޙާ ސޫރަތް ކިޔެވަން ފެށުމުގެ ކުރިން، ކިޔުމަށް ކަނޑައެޅިފައިވާ ޛިކުރެއްވެއެވެ. އެ ޛިކުރަށް ދުޢާއުލް-އިސްތިފްތާޙް އޭ ބުނެވެއެވެ.
އެގޮތުން އެ ދަނޑިވަޅުގައި ކިޔުމަށް ދުޢާތަކެއް ވާރިދު ވެގެންވެއެވެ. އެހެނަސް ކިޔާނީ އެއް ދުޢާއެވެ. ދުޢާތަކުގެ ތެރެއިން ކޮންމެވެސް އެއް ދުޢާއެވެ. އެފަދަ ދުޢާތަކުގެ ތެރޭގައި :
“سبحانك اللهم وبحمدك، وتبارك اسمك، وتعالى جدك، ولا إله غيرك” މިއީ އެ މަޙައްލުގައި ކިޔުމަށް ވާރިދުވެގެންވާ ދުޢާއެކެވެ.
އަދިވެސް ވާރިދުވެފައިވެއެވެ. اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ ، كَمَا بَاعَدْتَ بَيْنَ المَشْرِقِ وَالمَغْرِبِ ، اللَّهُمَّ نَقِّنِي مِنَ الخَطَايَا ، كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنَ الدَّنَسِ ، اللَّهُمَّ اغْسِلْ خَطَايَايَ بِالْمَاءِ ، وَالثَّلْجِ ، وَالبَرَدِ މިއީވެސް އެތަނުގައި ކިޔުމަށް ވާރިދުވެގެންވާ ދުޢާއެކެވެ. އަދިވެސް ވާރިދުވެފައިވެއެވެ.
وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَاوَاتِ وَالْأَرْضَ حَنِيفًا ، وَمَا أَنَا مِنَ الْمُشْرِكِينَ ، إِنَّ صَلَاتِي ، وَنُسُكِي ، وَمَحْيَايَ ، وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ ، لَا شَرِيكَ لَهُ ، وَبِذَلِكَ أُمِرْتُ وَأَنَا مِنَ الْمُسْلِمِينَ
އަދި މި ނޫންވެސް އެހެން ދުޢާތަކެއްވެއެވެ. އެ މަޙައްލުގައި ކިޔުން އޮތީ މިތަނުން ކޮންމެވެސް އެއް ދުޢާއެވެ.
ކޮންމެވެސް 1 ދުޢާއެވެ. އެއް ދުޢާއަށްވުރެ ގިނައިން ޖަމްޢުކޮށްގެން ކިޔައިގެން ނުވާނެއެވެ. ދުޢާއުލް އިސްތިފްތާޙް އަކީ ނަމާދުގައި ސުންނަތެކެވެ.
ފަރުޟު ނަމާދުގައި އަދި ސުންނަތް ނަމާދުގައިވެސް ކިޔާނީ މިތަނުން ކޮންމެވެސް އެއް ދުޢާއެވެ. ދުޢާއުލް-އިސްތިފްތާޙް އަކީ ފަރުޟު އަދި ސުންނަތް ނަމާދުތަކުގައިވެސް ޙަރަމް ބަނުމަށްފަހުގައި ކިޔުން ސުންނަތްވެގެންވާ ދުޢާއެކެވެ. ޛިކުރެކެވެ. ނަމާދު ކުރާ އެންމެހައި ފަރާތްތަކަށް މިއީ ސުންނަތް ވެގެންވާ ޢަމަލެއް ކަމުގައިވެއެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.