ފޯނުގެ ރިންގޓޯނަކަށް ޤުރްއާނުގެ އާޔަތެއް ލުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟

quran ge aayath thah phone ringtone lumuge hukum

ފޯނުގެ ރިންގޓޯނަކަށް ޤުރްއާނުގެ އާޔަތެއް ލުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ރިންޤްޓޯންއަށް ޤުރުއާން އެޅުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނެމެވެ.

އުއްމަތުގެ ޢިލްމުވެރިންގެ ބަސްފުޅުތަކުން މި ޢަމަލަކީ ހުއްދަ ކުރައްވާފައިވާ ކަމެއް ނޫނެވެ.

ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ފަތުވާކޮމެޓިގެ މެންބަރ ޑރ. العلامة صَالح الفَوزان حفظه الله ވިދާޅުވެފައިވެއެވެ.

ސުވާލު: ފޯނުގެ ރިންޤްޓޯންއަށް މިއުޒިކީ ރާގުތަކުގެ ބަދަލުގައި ބަންގީގެ އަޑު އެޅުން ހުއްދަވާނެ ހެއްޔެވެ؟

ޖަވާބު: އެއްވެސް ޛިކުރެއް، އެއީ ޤުރުއާން ނުވަތަ ބަންގި އަދި ޛިކުރުތަކުގެ ތެރެއިން ހިމެނޭ އެއްވެސް ބާވަތެއްގެ އެއްޗެއް ފޯނެއް އައުމުން އެކަން އަންގައިދިނުމުގެ ބޭނުމުގައި އަޅާފައި ބަހައްޓައިގެން ނުވާނެއެވެ. މިއީ ޛިކުރުތަކަށް އިހާނާތްތެރި ކުރުމުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. އެހެނަސް ޛިކުރު ނޫން އެހެން އެއްޗެއް ފޯނު އައުމުން އަންގައިދިނުމަށް ބޭނުން ކުރުން ހުއްޓެވެ.

ސުވާލުކުރާ މީހާ: ބައެއް މީހުން އެކަމަށް މަދަޙައަޅާފައި ހުރެއެވެ. އެކަމުގައި މައްސަލައެއްވޭ ހެއްޔެވެ؟

ޖަވާބު : ތިޔަ އެންމެހައި ތަކެއްޗަކީ ހުއްދަވެގެންވާ ތަކެއްޗެއް ނޫނެވެ. މަދަޙައަކީ ހުއްދައެއްޗެއް ނޫނެވެ.“

އަޚާއެވެ. މިފަދައިން ޢިލްމުވެރިން ވިދާޅުވާ ގިނަ ސަބަބުތަކެއްވެއެވެ.

ޤުރުއާން ބާވައިލައްވާފައިވާ ސަބަބު ބަޔާންކުރައްވާ ﷲ ވަޙީ ކުރެއްވިއެވެ.

ﷲ عزوجل ވަޙީކުރައްވާފައިވެއެވެ. “كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ” سورة ص: 29

މާނައީ، ”މިއީ އިބަ ނަބިއްޔާއަށް ތިމަން އިލާހު ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. އެއީ އެބައިމީހުން އެފޮތުގެ އާޔަތްތަކުގެ މައްޗަށް ތަދައްބުރު ކުރުމަށްޓަކައެވެ.“

ﷲ ވަޙީކުރައްވާފައިވެއެވެ. “أَفَلَا يَتَدَبَّرُونَ الْقُرْآنَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَا” سورة محمد: 24

”ފަހެ ޤުރުއާނާއި މެދު އެބައިމީހުން ވިސްނައި ފިކުރު ނުކުރަނީ ހެއްޔެވެ؟ ނުވަތަ އެބައިމީހުންގެ ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟“

ވީމާ، ޝައްކެތް ނެތް ގޮތުގައި ފޯނުގައި ރިންޤްޓޯންއަށް ޤުރުއާން އަޅައިފައިވުމަކީ ޤުރުއާނުގެ އާޔަތްތަކުގެ މައްޗަށް ތަދައްބުރު ކުރުމާއި އޭގެ އާޔަތްތަކުގެ މައްޗަށް ފިކުރު ކުރުމުގެ އަމުރުފުޅާއި ޚިލާފް ކަމެކެވެ. ތިމާ ވިސްނުމެއް އަދި ސަމާލުކަމެއް ނުދެވި ކޮންމެ ތަނަކުވީކަމުގައިވީ ނަމަވެސް ފޯނަށް މީހަކު ގުޅުމުން އެއިން ޤުރުއާން ކިޔަވަން ފަށައެވެ. ބުނެވޭ ކަހަލައެވެ! ޤުރުއާން ގެ އާޔަތްތައް މިވަނީ ފޯނެއް އައުމުން ހަދާންކޮށްދޭ ފަދަ އެއްޗެއްގެ ގޮތުގައެވެ.

މި ޢަމަލަކީ އޭގެ ސަބަބުން ޤުރުއާނަށް ދޭންޖެހޭ ޤަދަރާއި އިޚްތިރާމް ކުޑަވެގެންވާ ޢަމަލެއް ކަމުގައިވެއެވެ. އެގޮތުން ޤަޞާޙާޖަތް ކުރެވޭ ގިފިލި ނުވަތަ ފާހާނާތަކުގެ ތެރެއިން ފޯނު އައުމުން ޤުރުއާން ކިޔެވުން އެއީ ކޮންފަދަ ހިތާމަވެރި ޢަމަލެއް ހެއްޔެވެ؟ އެހެނީ އެއީ ޤުރުއާންނަށް މާތް މަތިވެރި ކުރުމުގެ މައްޗަށް އޮތުން ނަފީ ކުރެވޭ ކަމެއްކަމުގައި މެނުވީ ނުވެއެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.