ރަމަޟާން މަހުގައި ޝަރުޢީ ޢުޛުރެއް ދިމާވެ އޭގެ ސަބަބުން ދޫކުރި ރޯދަތަކެއް ނުހިފައި ހުއްޓައި އަންހެނަކު މާބަނޑު ވުމަށްފަހުގައި، ޤަޟާކުރަންޖެހޭ ރޯދަތައް ހިފުމަށް ނުކުޅަދާނަވުމުން ޢަމަލު ކުރާނެ ގޮތަކީ ކޮބާ ހެއްޔެވެ؟

roadha gadha kurun

ރަމަޟާން މަހުގައި ޝަރުޢީ ޢުޛުރެއް ދިމާވެ އޭގެ ސަބަބުން ދޫކުރި ރޯދަތަކެއް ނުހިފައި ހުއްޓައި އަންހެނަކު މާބަނޑު ވުމަށްފަހުގައި، ޤަޟާކުރަންޖެހޭ ރޯދަތައް ހިފުމަށް ނުކުޅަދާނަވުމުން ޢަމަލު ކުރާނެ ގޮތަކީ ކޮބާ ހެއްޔެވެ؟

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ރަމަޟާން މަހުގައި ޝަރުޢީ ޢުޛުރެއް ދިމާވެ އޭގެ ސަބަބުން ދޫކުރި ރޯދަތަކެއް ނުހިފައި ހުއްޓައި އަންހެނަކު މާބަނޑުވީއެވެ. އަދި މާބަނޑު ވުމަށްފަހުގައި ޤަޟާކުރަންޖެހޭ ރޯދަތައް ހިފުމަށް ނުކުޅަދާނަވުމުން ޢަމަލު ކުރުމަށް އޮތް ސިފައަކީ ކޮބައިކަމާއި މެދު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނެމެވެ.

ފުރަތަމައީ: އެއް ރަމަޟާންމަހުގައި ގެއްލިފައިވާ ރޯދަ އަނެއް ރަމަޟާން މައްސަރު އައުމަށް ދާންދެން ލަސްކުރުން ހުއްދައެއް ނުވާނެއެވެ. ފަހެ، ރަމަޟާން މަސް ބައްދަލު ކުރުމުގެ ކުރިން ހުރިހައި ރޯދައެއް ޤަޟާކޮށް ޚަލާސް ކުރުމަށް އެމީހެއްގެ މައްޗަށް ވާޖިބުވެގެންވެއެވެ.

عَائِشَة رضي الله عنها ވިދާޅުވެފައިވެއެވެ. “كان يكون علي الصوم من رمضان فما أستطيع أن أقضيه إلا في شعبان” މާނައީ، “ތިމަންކަމަނާ ޤަޟާކުރަން ޖެހިފައިވާ ރަމަޟާންމަހުގެ ރޯދަ ހުރެއެވެ. އެ ރޯދަތައް ޝަޢުބާން މައްސަރުގައިމެނުވީ ޤަޟާކުރުމަށް ތިމަންކަމަނާއަށް ކުޅަދާނައެއް ނުވެއެވެ”.

العَلاَّمَة الشَّيْخ العُثَيمِين حَفظَه الله ވިދާޅުވެފައިވެއެވެ. “މި ޙަދީޘް ނުވާނަމަ، ރަމަޟާން މަހުގެ ގެއްލޭ ރޯދަތައް ވީހާވެސް އަވަހަކަށް ޤަޟާކުރުން (ހިފައި ޚަލާޞް ކުރުން) ވާޖިބުވެގެންވާ ކަމުގައި އަހަރެމެން ބުނީމެވެ”. (فتاوى العثيمين ج19 ص365)

ފަހެ، މިއީ ގެއްލިފައިވާ ރަމަޟާން މަހުގެ ރޯދަތައް ހިފުން އެންމެ ލަސްކުރެވޭނެ މުއްދަތެވެ. ޝަރުޢީ ސަބަބެއް ނެތި ރަމަޟާން މަސް ބައްދަލު ކުރާހިނދު، ރޯދަ ޤަޟާ ނުކުރި މީހާ ފާފަވެރިވާނެއެވެ.

ދެވަނައީ: އުޚްތަށް ދިމާވެފައިވާ ޙާލަތަކީ ޝަރުޢީ ޢުޛުރެކެވެ. އެއީ ރޯދަތައް ޤަޟާކުރުމުގެ ވަޤުތުގެ ތެރޭގައި ވަނިކޮށް ޢުޛުރުވެރި ޙާލަތެއް މެދުވެރިވީއެވެ. އެއީ މާބަނޑު ވުމެވެ. ފަހެ މިއީ ޝަރުޢުގައި އެމީހަކަށް ޢުޛުރު ލިބިގެންވާ ޙާލަތެކެވެ. ﷲ ވަޙީ ކުރެއްވިއެވެ. “وَمَن كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ” ، މާނައީ: “އަދި ތިޔަބައިމީހުންގެ ތެރޭގައިވާ ބަލި މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ އެހެން ދުވަސްތަކުން އެ ޢަދަދަށް ރޯދަ ހިފާ ހަމަކުރާހުއްޓެވެ”.

ވީމާ، މި އުޛުރުވެރިން، އެބައިމީހުން އުޛުރު ފިލައި ދިއުމާ އެކު ރޯދަތައް ޤަޟާކުރުން ހުއްޓެވެ. އެއީ އެއް ރަމަޟާން މަސް ފާއިތުވެ ދިޔަ ކަމުގައިވީ ނަމަވެސްއެވެ.

އެހެންކަމުން، ކުރީގެ ރަމަޟާން މަހުގެ ރޯދަ ޢުޛުރުވެރި ޙާލަތެއްގައި ހުއްޓާ، 2 ވަނަ ރަމަޟާން މަސް ބައްދަލު ކުރިމީހާ، ދެވަނަ ރަމަޟާން މަސް ނިމުނުން އެ ޤަޟާކުރަންޖެހޭ ރޯދަތައް ހިފުން ހުއްޓެވެ.

އިތުރު އެއްވެސް އެހެން ޙުކުމެއް ނެތެވެ. ރޯދައަކަށް ރޯދައެއްގެ މަގުން ޤަޟާ ކުރާނީއެވެ.

ސަބަބަކީ ތި ޢުޛުރަކީ ދާއިމީ ޢުޛުރަކަށް ނުވާތީ، ފިލައިދަނިވި ޢުޛުރަކަށްވުމުން، ޢުޛުރު ފިލައި ދިއުމާއިއެކު، ރޯދަ ޤަޟާ ކުރާނީއެވެ.

އުޛުރުވެރި ޙާލަތުގައިވުމުން އިތުރު އެއްވެސް ކައްފާރާއެއް ނުވަތަ ޢަމަލެއް ނެތެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.