ރަމަޟާން މަހުގައި ހުރިހާ ރޯދައެއް ހިފުމަށްޓަކައި ޙައިޟު ހުއްޓުވާ ބޭސް ބޭނުންކުރެވިދާނެތޯއެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله – صلوات الله و سلامه عليه – وعلى آله و صحبه أجمعين.
أما بعد:
ރަމަޟާން މަހުގެ ރޯދަ އެހެން މީސްތަކުންނާ އެކުގައި ހިފުމަށްޓަކައި އަދި އަޅުކަމުގައި އެގޮތުގައި ޤާއިމްވެ ދެމިހުރުމަށްޓަކައި ހައިޟު ހުއްޓުވާ ބޭސް ބޭނުން ކުރުމާ މެދު ބުނަމެވެ.
1. ދަންނައެވެ. ރޯދަ ހިފުމާއި، ނަމާދު ކުރުމާއި، ޙައްޖު އަދި ޢުމުރާ ކުރުމުގައި މުސްލިމް އަންހެނުން ޤާއިމްވާނެ ކަމާއި، އަޅުކަންތަކުގެ މޫސުންތައް ލައްވައި ޝަރުޢު ކުރެއްވި އިލާހު އާދަމު ދަރިންގެ ތެރެއިން އަންހެނުންނަށް ޙައިޟު ކުރިމަތި ކުރެއްވިއެވެ. މާނައީ، ރޯދަ މަހާއި އެނޫން އަޅުކަންތައް ވެސް ޝަރުޢު ކުރެއްވި ހިނދު އަންހެނުން ޙައިޟުވުން ވެސް ﷲ ލައްވައި ޝަރުޢު ކުރައްވާފައި ވުމެވެ. އެއީވެސް ﷲ ގެ ނިޔާއެވެ. އަދި މިއީ ވެސް ﷲ ގެ ނިޔާކަމުގައިވެއެވެ.
2. ޙައިޟު ވުމަކީ އަންހެނުންގެ ހަށިގަނޑަށް އޭގެ ސަބަބުން މަސްލަޙަތުތަކެއް ލައްވާފައިވާ ޢަމަލެއް ކަމުގައި މެނުވީ ނުވެއެވެ. ކޮންމެ މަހެއްގައި ހަށިގަނޑުން ފައިބާ އެ ލޭތަކަކީ އަހަރެމެންނަށް އޭގެ ޢިލްމު އެނގިފައިވިޔަސް އަދި ނޭނގިފައި ވިޔަސް އޭގެސަބަބުން އަންހެނާގެ ހަށިގަނޑަށް ހެޔޮކަންތައްތަކެއް ލިބިގެންދާނެ ކަމެއް ކަމުގައިވާނެއެވެ. ފަހެ، ބޭސް ކެއުމުގެ ސަބަބުން އެ ހިނގާ ނިޒާމު ބަދަލުވެ ދިއުމާއި، އުފުލަން ނުޖެހޭ ތަކުލީފުތަކެއްގެ ތެރެއަށް ދާން ޖެހުމާއި، ޙައިޟުވުމުގެ މުއްދަތު މުޅިން ބަދަލުވެ، ނުވަތަ ދުވަސްތައް އޮޅި އެތައް ގެއްލުންތަކެއް ދިމާވާކަން އަހަރެމެން ކޮންމެ މީހަކު ދަންނާނެއެވެ.
3. އަންހެނުން ޙައިޟުވެ ގެއްލޭ ރޯދަތަކަކީ މަދު ޢަދަދެކެވެ. ބަލަމާ ހިނގާށެވެ. 10 ރޯދައެވެ. ރަމަޟާން މަހަށް ފަހު، ރޯދަތައް ޤަޟާ ކުރުމަށް އޮތް 300 އެތައް ދުވަހެއްގައި މި ރޯދަތައް ޤަޟާ ކުރުމަކީ ނުހަނު ލުއި ކަމެއްގެ ގޮތުގައި މެނުވީ ނުވެއެވެ. އެހެން ނޫންތޯއެވެ؟ ފަހެ، އެހިނދު އެފަދަ ބުރައެއް ނެތް ކަމެއްގައި ހަށިގަނޑަށް މިފަދަ ކަމެއް އުފުލުމުގެ ބޭނުމެއް އަދި ޙާޖަތެއްވޭ ހެއްޔެވެ؟
4. ބައެއް ފަރާތްތަކުގެ ސުވާލަކީ، ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގެ އަޖުރެވެ. އެހިނދު ބުނަމެވެ. ފަހު ރޭތަކަކީ ރޯދައަށް ހުންނަން ޖެހޭ ވަޤުތެއް ނޫނެވެ. އެއީ ރޯދައަށް ހުރެގެން އަޅުކަން ކުރުމުން ނޫނީ ނުލިބޭ ރޭތަކެއް ނޫނެވެ. ރޭ އަޅުކަމުގައި ހުރެގެން ލިބޭ ރޭތަކެކެވެ. ޤުރުއާން ކިޔެވުމާއި (ޤުރުއާނުގައި ނުބީހެ ކިޔެވުން)، ޛިކުރު ކުރުމާއި، ދުޢާ ކުރުމާއި، މި އެންމެހައި ކަންތައްތަކަކީ ރޭ އަޅުކަމެވެ. އަދި އެ ރޭ ހޯދުމަށް މަސައްކަތް ކުރާ މީހާއަށް ކިޔުމަށް އޮތީ ކޮން އެއްޗެއް ކަމާއި މެދު ނަބިއްޔާ – صلى الله عليه وسلم – އަރިހުގައި ސުވާލު ދެންނެވުމުން، ޙަދީޘްފުޅު ކުރެއްވީ ޙައިޟުގައިވާ ފަރާތްތަކަށްވެސް ކުރެވޭނެ ކަމެކެވެ. صحيح الترمذي 3513 ގައިވާ ޙަދީޘްގައިވެއެވެ. (قلت: يا رسولَ اللهِ أرأيتَ إن علمتُ أيَّ ليلةِ القدرِ ما أقولُ فيها ؟ قال: قولي: اللهمَّ إنك عفوٌّ تُحبُّ العفوَ فاعفُ عنِّي)
عَائِشَة – رضي الله عنها – ވިދާޅުވެފައިވެއެވެ. “ތިމަންކަމަނާ ރަސޫލާ – صلى الله عليه وسلم – އަރިހުގައި ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. ތިމަންކަމަނާއަށް ލައިލަތުލް ޤަދްރި ބައްދަލުވެއްޖެ ހިނދުގައި އެ ރޭގައި ތިމަން ކަމަނާ ކިޔާނީ ކޯންޗެއް ތޯއެވެ؟ އެ ހިނދު ނަބިއްޔާ – صلى الله عليه وسلم – ޙަދީޘް ކުރެއްވިއެވެ. މިފަދައިން ދަންނަވާށެވެ. (اللهمَّ إِنَّكَ عَفُوٌّ تُحِبُّ العَفْوَ فَاعْفُ عَنِّيْ) ”
5. އިސްވެ ދިޔަ އެންމެހައި ނުކުތާތަކުގެ މައްޗަށް ރިޢާޔަތް ކުރުމުން ޙަޤީޤަތުގައި ﷲ އަންހެނުންގެ ޠަބީޢަތުގައި ލައްވާފައިވާ ޙައިޟު ހުއްޓުވައި އެކަމަށް ބޭސް ކެއުމުގެ ޙާޖަތެއް ނުޖެއެވެ. އެހެނަސް ޢިލްމުވެރިންގެ ބަސްތަކަށް ބަލާއިރު އެއީ ޙަރާމް ކަމެއް ކަމަށް ވިދާޅުވެފައި ނުވެއެވެ. ޝަރުޠުތަކާއެކު އެކަން ހުއްދަކޮށްފައިވެއެވެ. އެފަދަ ޝަރުޠުތަކަށް ބަލާއިރު، ޑަކްޓަރަކާއި މަޝްވާރާކޮށް ، ބޭސް ކެއުމުގެ ސަބަބުން ހަށިގަނޑަށް ގެއްލުން ނުވާނެ ކަމުގައިވުން އަދި ފިރިމީހާ އެކަމަށް އެއްބަސްވެފައިވުންވެއެވެ. العَلامة ابن بَاز – رحمه الله – ވިދާޅުވެފައިވެއެވެ. “މީސްތަކުންނާއި އެކީގައި ރޯދަ ހިފައި ނަމާދު ކުރުމަށްޓަކައި ހައިޟު ހުއްޓުވާ ބޭސް ބޭނުން ކުރުމުގައި މައްސަލައެއްނެތެވެ. އެހެނަސް ޝަރުޠުތަކާއި އެކުގައެވެ. އެއީ އެ ބޭނުން ކޮށްގެން ގެއްލުމެއް ނުލިބުމެވެ. އެގޮތުން ޑަކްޓަރާއި މަޝްވަރާކޮށް އަދި ފިރިމީހާ އެކަމަށް އެއްބަސްވުމެވެ. އެއީ ހަށިގަނޑަށް ގެއްލުން ނުދިނުމަށްޓަކައެވެ. އަދި ފިރިމީހާއަށް ނުކިޔަމަންތެރި ނުވުމަށްޓަކައެވެ. މަޝްވަރާކޮށް އަދި ބޭނުން ކޮށްގެން ގެއްލުމެއް ނުލިބޭނެ ކަމުގައި ވާނަމަ މައްސަލައެއްނެތެވެ”.
6. ނިންމާލުމުގެ ކުރިން ފަހުގެ ދުވަސްތަކުގައި އުއްމަތަށް ފާޅުވި އެންމެ ބޮޑު އެއް ފިޤުހު ޢިލްމުވެރިޔާ العلامة ابن العُثَيمين – رحمه الله – ދެއްވާފައިވާ ފަތުވާއެއް ބަޔާން ކުރަމެވެ.
ސުވާލު : ރޯދަމަހުގެ ރޯދަ ހިފުމަށްޓަކައި އަންހެނާއަށް އޭނާގެ ޙައިޟުވުން ހުއްޓުވާ ބޭސް ބޭނުން ކުރުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖަވާބު : މި މައްސަލައިގައި އަހަރެން ދެކެނީ، އަންހެންމީހާ މި ޢަމަލުން ދުރުވުމެވެ. (މިގޮތަށް ޢަމަލު ނުކުރުމެވެ.) އަދި ކިޔެއްތޯއެވެ، ﷲ އޭނާއަށް ޤަދަރުގައި ނިޔާ ކަނޑައެޅުއްވި ގޮތުގައި ދެމިހުރުމާއި، އާދަމު ދަރީންގެ އަންހެންދަރިންގެ މައްޗަށް ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި ހުރުމެވެ. ހަމަކަށަވަރުން ﷲ ތަޢާލާ ޙައިޟުވުން (މައްސަރު ކަންތައް) ވުޖޫދުގައި ލައްވާފައިވުމުގައި ޙިކުމަތެއް ވާނެއެވެ. ފަހެ، މި ޙިކުމަތަކީ އަންހެންމީހާގެ ޠަބީޢަތާއި މުނާސިބު އެއްޗެއް ކަމުގައިވެއެވެ. ފަހެ، ހަމަކަށަވަރުން މައްސަރުކަންތައް މަނާކުރުމުން، އޭގެ ސަބަބުން އެ ކުރެވުނު ކަންތައްތަކުގެ ރައްދެއްގެ ގޮތުގައި އިދިކޮޅު ކަންތައްތަކެއް، ގެއްލުންވާނެ ކަންތައްތަކެއް، އަންހެންމީހާގެ ހަށިގަނޑުގައި ހިނގާނެއެވެ. ފަހެ، ނަބިއްޔާ – صلى الله عليه وسلم – ޙަދީޘް ކުރެއްވިއެވެ. (لاضرر ولا ضرار) “ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަމިއްލަ ނަފްސަށް ގެއްލުން ދިނުމެއް އަދި އަނެކާގެ ނަފްސަށް ގެއްލުން ދިނުމެއް ވެސް ނުވެއެވެ”. މިއީ، އެ ބޭސް ބޭނުން ކުރުމުގެ ސަބަބުން އަންހެންމީހާގެ ރަޙިމަށް ލިބޭ ގެއްލުންތައް ބަޔާންކޮށް ޑަކްޓަރުން ބުނެފައިވާ ބަސްތަކަށް ނުބެލި ކަމުގައިވިޔަސް އެނގި ބަޔާންވެގެންވާ ކަމެކެވެ. މި މައްސަލައިގައި އަހަރެން ދެކޭ ގޮތަކީ އަންހެނުން މިފަދަ ބޭސްތައް ބޭނުން ނުކުރުމެވެ. ﷲ ތަޢާގެ ޙިކުމަތްވަންތަ ކަމަށް އަދި އެކަލާނގެ ޤަޟާޤަދަރަށް ޙަމްދު ހުއްޓެވެ. ފަހެ، ޙައިޟު ބައްދަލުކުރުމާ އެކުގައި ނަމާދު ކުރުމާއި ރޯދަ ހިފުމުން އެއްކިބާވުން ހުއްޓެވެ. އަދި ޠާހިރުވުމުން ރޯދަހިފުމާއި ނަމާދުކުރުމުގައި ދެމިހުންނާނީއެވެ. އަދި ރަމަޟާން މަސް ނިމުމުން އަންހެންމީހާއަށް ރަމަޟާން މަހުން ގެއްލުނު ރޯދަތައް ހިފާނީއެވެ.” مجموع فتاوى ورسائل ج 19 ص 269
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.