ޖަހްރިއްޔަ (ޤުރުއާން ބާރަށް ކިޔަވާ) ނަމާދުތަކުގައި ބިސްމި ބާރަށް ކިޔުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله – صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ނަމާދުގައި ފާތިޙާ ސޫރަތް ކިޔަވާހިނދު، ޖަހްރިއްޔަ ނަމާދުގައި ބިސްމި ބާރަށް ކިޔުމުގެ ޙުކުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ނަމާދުގައި ބިސްމި ބާރަށް ކިޔުމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފުވެފައިވާ މަޝްހޫރުވެގެން ދެ ގައުލެއްގެ މައްޗަށެވެ. އެއީ؛
ފުރަތަމަ ޤައުލު: ސިއްރިއްޔަ ނަމާދުގައި އަދި ޖަހްރިއްޔަ ނަމާދުގައި ވެސް ބިސްމި ސިއްރުން ކިޔުން ސުންނަތް ވެގެންވާކަމުގައި الحنفية އަދި الحنابلة ދެކެވަޑައިގަންނަވައެވެ. މި ޤައުލު ބަޔާންކުރައްވާ އިމާމް الترمذي – رحمه الله – ވިދާޅުވެފައިވެއެވެ. “ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ މިފަދައިންނެވެ. އޭގެ ތެރޭގައި ނަބިއްޔާ – صلى الله عليه وسلم – ގެ އަޞްޙާބު ބޭކަލުންނާއި އަދި އެބޭކަލުންނަށްފަހުގައި ވަޑައިގެންނެވި ތާބިޢީ ބޭކަލުން، އެ ބޭކަލުންގެ ތެރޭގައި أبو بكر ،عمر ، عثمان އަދި علي – رضي الله عنهم – ހިމެނިވަޑައިގަންނަވައެވެ. އަދިވެސް އޭގެ އިތުރަށް ابن مسعود ، عمار بن ياسر ، ابن الزبير ، الحكم ، وحماد ، الأوزاعي ، الثوري ، ابن المبارك ވިދާޅުވެފައިވެއެވެ. ” މި ރައުޔުގެ މައްޗަށް ގިނަ ރިވާޔަތްތަކެއްވެއެވެ. އޭގެ ތެރޭގައި :
ޞަޙާބީ أَنَس – رضي الله عنه – ވިދާޅުވެފައިވެއެވެ. (صلَّيْتُ مع رسولِ اللهِ – صلى الله عليه وسلم – ، وأبي بكرٍ، وعمرَ، وعثمانَ، فلم أَسْمَعْ أحدًا منهم يقرأُ بسمِ اللهِ الرحمنِ الرحيمِ) ” ތިމަން ޞަޙާބީ رسولِ اللهِ – صلى الله عليه وسلم – އަރިހުގައި ހުންނަވައިގެން، أبُو بكر ، عمرَ، އަދި عثمانَ ފަހަތްޕުޅުގައި ހުންނަވައިގެން ނަމާދު ކުރެއްވީމުއެވެ. އެއިން އެއްވެސް ބޭފުޅަކު އަޑުހަރުކޮށް بسمِ اللهِ الرحمنِ الرحيمِ ކިޔަވާ ވިދާޅުވާ އަޑުފުޅެއް ނައައްސަވަމެވެ“. މި ހަދީޘް البخاري (743) ومسلم (399) ރިވާކުރެއްވިއެވެ.
މި ރިވާޔަތުގައި މާތް ނަބިއްޔާ – صلى الله عليه وسلم – ގެ ޢަމަލުފުޅު އަދި 3 ޚަލީފާއިންގެ ސުންނަތް ބަޔާންވެއެވެ. މި މައްސަލައިގައި ގިނަ ރިވާޔަތްތައް މިފަދައިން ރިވާވެގެންވާކަން ބަޔާންވެއެވެ.
ފަހުގެ ދުވަސްތަކުގައި އުއްމަތަށް ފާޅުވި އެންމެ ބޮޑު ސުންނަތުގެ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإِمَام ابن باز – رحمه الله – ވިދާޅުވެފައިވެއެވެ. ”ދެންފަހެ، އަޑުހަރުކޮށް ކިޔަވާހިނދު، ބިސްމި ކިޔުން އަޥްލާވެގެން ވަނީ އަޑުމަޑުކޮށެވެ. ސަބަބަކީ ނަބިއްޔާ – صلى الله عليه وسلم – އަރިއަހުން ޘާބިތުވެގެން ވަނީ އަޑުހަރުކޮށް ވިދާޅުނުވާކަމެވެ. أنس – رضي الله عنه – ގެ އަރިއަހުން البُخَاري އަދި مُسلم ގައި ޘާބިތުވެގެންވެއެވެ. ޞަޙާބީ ވިދާޅުވިއެވެ. ”النبي – صلى الله عليه وسلم – ، أَبُوبكر އަދި عُمر ކިޔަވާވިދާޅުވަން ފައްޓަވަނީ الحمد لله رب العالمين އިންނެވެ. އަދި ސުނަނުގެ އަހުލުވެރިން ރިވާކުރައްވާފައިވާ ރިވާޔަތުގައިވަނީ އެބޭކަލުން بسم الله الرحمن الرحيم އަޑުހަރުކޮށް ވިދާޅުނުވާކަމެވެ“.
الإِمَام ابن العُثَيمين – رحمه الله – ވިދާޅުވެފައިވެއެވެ. ” ސުންނަތް ގޮތަކީ، ބިސްމި އަޑުހަރުކޮށް ނުކިޔުމެވެ. ސަބަބަކީ النَّبِيُّ – صلى الله عليه وسلم – ، أَبُوبكر، عُمر އަދި عُثمَان މިއިން އެއްވެސް ބޭކަލެއް އަޑުހަރުކޮށް ވިދާޅުވެފައެއް ނުވުމެވެ. އެއީ أَنَس – رضي الله عنه – އަރިއަހުން ވާރިދުވެގެންވާ ޙަދީޘްގައި ބަޔާންވެގެންވާ ގޮތެވެ. ފަހެ، ބިސްމި އަޑުހަރުކޮށް ވިދާޅުވުން ދޫކޮށްލެއްވުމުގައި ނަބިއްޔާ – صلى الله عليه وسلم – ގެ ސުންނަތް އަދި ޚުލަފާއުއްރާޝިދޫންގެ ތިން ޚަލީފާއިން ޖަމަޢަވެވަޑައިގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާވަނީ، އެ ނަބިއްޔާއަށް ފަހުގައި، ސުންނަތުގައި ތިބުމަށް އަދި ޚުލަފާއުއްރާޝިދޫންގެ ސުންނަތުގައި ތިއްބެވުމަށް ބާރުއަޅުއްވާފައެވެ“.
ދެވަނަ ޤައުލު: الشافعية ދެކެވަޑައިގަންނަވާ ރައުޔެވެ. އެއީ ސުންނަތް ވެގެންވަނީ ނަމާދުގައި ބިސްމި އަޑުހަރުކޮށް ކިޔުމެވެ. މި ޤައުލު އިޚްތިރާރު ކޮށްފައިވާ ޢިލްމުވެރިން އެފަދައިން ބުރަވެވަޑައިގަންނަވާ ސަބަބަކީ ނަބިއްޔާ – صلى الله عليه وسلم – އެފަދައިން (ބައެއްފަހަރުގައި އަޑުހަރުކޮށް) ވިދާޅުވާ ކަމުގައި ވާރިދުވެގެންވުމެވެ.
އަދިވެސް، އެބޭކަލުން މިފަދައިން ބުރަވެވަޑައިގަންނަވާ އެއް ސަބަބު ކަމުގައިވަނީ، بسم الله الرحمن الرحيم އަކީ ފާތިޙާ ސޫރަތުގެ އެއް އާޔަތް ކަމުގައި ވިދާޅުވުމެވެ. އެއީ އެއް އާޔަތް ކަމުގައި ވުމުން އެހެނިހެން އާޔަތްތައް ކިޔާފަދައިން ބާރަށް ކިޔުން ހުއްޓެވެ. ބިސްމިއަކީ الشافعية ދެކެވަޑައިގަންނަވާ ގޮތުގައި ސޫރަތުލް ފާތިޙާ ގެ އާޔަތެއްކަމުގައިވީ ނަމަވެސް، ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ ބިސްމިއަކީ ނަމްލު ސޫރަތް ފިޔަވައި ސޫރަތުލް ފާތިޙާގެ ވެސް އަދި އެނޫން ސޫރަތެއްގެ ވެސް އާޔަތެއް ނޫންކަމަށެވެ. بسم الله الرحمن الرحيم އަކީ ނަމްލު ސޫރަތުގެ އާޔަތްތަކުގެ ތެރެއިން ބައެކެވެ. ނަމްލު ސޫރަތް ފިޔަވައި އެހެން ސޫރަތްތަކުގައި ބިސްމިއަކީ އެ ސޫރަތަކަށް ޚާއްސަވެގެންނުވާ ވަކި އާޔަތެއް ކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. و الله أعلم – ޢިލްމުވެރިންގެ ބަސްފުޅުތަކުން މިއީ މި ކަމުގައި ޞައްޙަ ގޮތެވެ. (ޔަޢުނީ : ބިސްމި އަކީ ފާތިޙާ ޞޫރަތުގެ އާޔަތެއް ނޫނެވެ.)
އަދިވެސް މީގެ އިތުރަށް الشافعية އިންގެ މި ބަސްފުޅަށް ދެވޭ ރައްދަކީ، ބިސްމިއަކީ ފާތިޙާ ސޫރަތުގެ އާޔަތެއް ކަމުގައިވާނަމަ ނަބިއްޔާ – صلى الله عليه وسلم – އެހެނިހެން އާޔަތްތައް ބާރަށް ވިދާޅުވި ފަދައިން ނަމާދުގައި ބިސްމިވެސް ވިދާޅުވީހެވެ. އޭގެ ބަދަލުގައި ސިއްރުން ވިދާޅުވުމުން އެ މައްސަލަ ސާފުވެގެންދެއެވެ. ފުރަތަމަ ޤައުލުގައި ބިސްމި ސިއްރުން ވިދާޅުވާކަމުގެ ޞައްޙަ ދަލީލުތަކުން މިކަން ސާފު ވެގެންދެއެވެ.
މިއީ މި މައްސަލައިގައި މަޝްހޫރު ދެ ޤައުލެވެ. އަދި މި ނޫންވެސް ޤައުލުތައް މި ކަމުގައިވެއެވެ.
މި މައްސަލައިގައި ބަޔާންވެގެންވާ ޤައުލުތަކުގެ ތެރެއިން އެންމެ ޞައްހަ ވެގެންވާ ގޮތަކީ އިސްވެ ބަޔާން ކުރި ފަދައިން، ނަމާދުގައި ސިއްރުން ބިސްމި ކިޔުމެވެ. އެއީ ބާރަށް ކިޔަވާ ނަމާދުތަކުގައި ވެސް އަދި ސިއްރުން ކިޔަވާ ނަމާދުތަކުގައި ވެސް ޙުކުމެވެ. ސަބަބަކީ ޞައްޙަ ޙަދީޘްފުޅުތައް އަދި ނަބިއްޔާ- صلى الله عليه وسلم – ގެ ޚަލީފާއިންގެ ފަރާތުން ވެސް އެފަދައިން ބަޔާންވެގެންވުމުންނެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.