ދަރިން ކައިފައި ބާކީ ވެފައި ހުންނަ ކާއެއްޗެހި އުކާލުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

kaaboa thakethi ukaalun

ދަރިން ކައިފައި ބާކީ ވެފައި ހުންނަ ކާއެއްޗެހި އުކާލުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ކާ އެއްޗެހި އުކާލުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ފުރަތަމައީ : ކެއުމަށް އެކަށީގެންވާ އަދި ހެޔޮ ކާބޯތަކެތި އުކާލުން ޙަރާމްވެގެންވެއެވެ. ސަބަބަކީ ކާބޯ ތަކެއްޗަކީ އެއީ ﷲ ދެއްވި ނިޢުމަތެއް ކަމުގައިވުމުން އެ އުކާލުމުގައި 2 ކަމެއް ހިމެނެއެވެ.

  1. ނިޢުމަތް ދަށްކޮށް އަގެއްނެތް އެއްޗެއް ގޮތުގައި ހެދުމެވެ. ފަހެ، މުސްލިމް އަޅާއަށް ވާޖިބުވެގެންވަނީ ނިޢުމަތްތަކަށް ޝުކުރުވެރިވާ އަދި ނިޢުމަތްތަކަށް ޤަދަރުދިނުމެވެ.
  2. މިފަދައިން އުކާލުން ވެގެންދަނީ މުދާ ހަލާކުކޮށް ނައްތައި ބޭކާރު ކޮށްލުމުގެ ތެރެއިންނެވެ. ޞަޙީޙުގައި ވާރިދުވެގެންވާ ޙަދީޘެއްގައިވެއެވެ. (إِنَّ اللَّهَ كَرِهَ لَكُمْ ثَلاثاً: قِيلَ وَقالَ، وَإضَاعَةَ المالِ، وَكَثْرَةَ السُّؤالِ) “ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ﷲ ތަޢާލާ 3 ކަމަކަށް ރުއްސަވާވޮޑި ނުގަންނަވައެވެ. (އޭގެ ތެރޭގައި) މުދާ ހަލާކުކޮށް ބޭކާރު ކޮށްލުންވެއެވެ.”

ދެވަނައީ : ކާބޯތަކެތި ބޭނުން ނުކޮށް އެއްލާލުމަކީ އިސްރާފު ކުރުމުގެ ތެރެއަށް ވަންނާނެ ކަމެއް ކަން ދަންނަ އެވެ. އެއީ ﷲ ޙަރާމް ކުރައްވާފައިވާ ޢަމަލެއް ކަމުގައި ދަންނަންޖެހެއެވެ. ﷲ ވަޙީ ކުރެއްވި އެވެ. (وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا إِنَّهُ لَا يُحِبُّ الْمُسْرِفِينَ) الأعراف-31، “ތިޔަބައިމީހުން ކާށެވެ. އަދި ބޯށެވެ. އިސްރާފް ނުކުރާށެވެ. ހަމަކަށަވަރުން އެ އިލާހު އިސްރާފް ކުރާ މީހުދެކެ ލޯބިވެވޮޑިނުގަންނަވައެވެ.

ކާބޯތަކެތި އިސްރާފު ނުކުރުމާއި އަދި ކެއުމަށް އެކަށީގެންވާ އެއްޗެއް ކަމުގައި ވެއްޖެހިނދު އެއިން މަންފާ ލިބިގަތުމާއި އުކައި ނުލުމަކީ ދީނުގައިވާ ރިވެތި ޢާދަ އެކެވެ. އަދި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތެކެވެ. ޙަދީޘްގައިވެއެވެ. (إذا سقطت لقمة أحدكم فليمط عنها الأذى وليأكلها، ولا يدعها للشيطان) “ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ އަތުން ކާއެތިކޮޅެއް ވެއްޓިއްޖެހިނދު، އޭގައިވާ އެއްޗެއް -ވެއްޓުމުން އޭގައި އުނގުޅުނު- އެއްޗެއް ފިލުވައި އެ ކެއުން ހުއްޓެވެ. އަދި ޝައިޠާނައަށް އެ ކާއެތިކޮޅު ދޫކޮށް ނުލާށެވެ.”

ތިންވަނައީ : މި މިންވަރަށް ކާއެއްޗެހި އިސްރާފް ނުކުރުމަށް އަދި އުކާ ނުލުމަށް އައިސްފައި ވުމުން، އަބަދުވެސް ކާ އެއްޗެހި އެއިން މަންފާ ކުރެވޭނެ ވަޞީލަތެއް އޮވެއްޖެހިނދު އެ ގޮތުން އެ ބޭނުން ކުރުން ހުއްޓެވެ. އޭގެ ތެރޭގައި :

ފަހުން ކެއުމަށްޓަކައި ބެހެއްޓޭނެ އެއްޗެހި ކަމުގައިވާނަމަ އެ ފަދައިންނެވެ.

އެ ކާއެއްޗެހި އުކާލުމުގެ ބަދަލުގައި ޖަނަވާރުންގެ ކާއެއްޗެއްގެ ގޮތުގައި ހެދޭނަމަ އެފަދައިންނެވެ.

މުހިންމުވެގެންވަނީ އެ އުކާނުލައި އެއިން މަންފާއެއް ވެވޭނެ މަގެއް އޮވެއްޖެނަމަ އެ ގޮތަކަށް ޢަމަލު ކުރުމެވެ.

ހަތަރުވަނައީ : ކުޑަކުދިންވެސް އެ ކާއެއްޗެއް ކެއުމަށް ތައްޔާރުކޮށް، މޮޑެ އެއްކޮށްލުމަށް ފަހުގައި، އެ ކުދިންނަށް އެ ނުކެވުނީއެވެ. ކާތަކެތި ހުރި ގޮތުން އެހެން ބަޔަކު އެ ކެއުމަށް ފަކުރު ގަންނަ ފަދަ ނުވަތަ އެއީ ނުބެހެއްޓޭނެ ގޮތުގައިވެ އުކާލުމަކުން އެކަމުގައި މައްސަލައެއް ނެތެވެ.

ސަބަބަކީ އެއިން މަންފާއެއް ލިބިގަންނަ އެހެން ވަޞީލަތެއް ނެތުމެވެ. މި ޙާލުގައި އެއީ އިސްރާފް ކުރުން ކަމުގައި ނުބެލެވޭނެއެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.