ގެއަކަށް ޒިޔާރަތް ކުރާ މީހާއަށް ދެވޭ އެންމެ ފުރަތަމަ ކާއެއްޗަކީ ފޮނި އެއްޗަކަށް ވާންޖެހޭނެތޯއެވެ؟

ގެއަކަށް ޒިޔާރަތް ކުރާ މީހާއަށް ދެވޭ އެންމެ ފުރަތަމަ ކާއެއްޗަކީ ފޮނި އެއްޗަކަށް ވާންޖެހޭނެތޯއެވެ؟

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله – صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ގެއަކަށް ޒިޔާރަތް ކުރާ މީހާއަށް ދެވޭ އެންމެ ފުރަތަމަ ކާއެއްޗެހި ފޮނި އެއްޗެއް ކަމުގައި ވުމަކީ ދީނީ ގޮތުން އެއްވެސް ގޮތަކަށް އެފަދައިން ޢަމަލު ކުރުމަށް ކަނޑައެޅިފައިވާ ކަމެއް ނޫނެވެ. އެހެނަސް އެތަނެއްގެ އަހުލުވެރިން ޢާދަވެ ޢަމަލުކުރާ ކޮންމެ ގޮތަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ.

ދީނުގައި މެހުމާނާއަށް ހެޔޮކޮށް ހިތުމަށް އަމުރުފުޅު ކުރައްވާފައިވެއެވެ. أبو شريح العدوي خويلد بن عمرو ރިވާކޮށްފައިވެ އެވެ. رَسُول صلَّى اللَّهُ عليهِ وسلَّمَ ޙަދީޘް ކުރެއްވި އެވެ. (ومَن كانَ يُؤْمِنُ باللَّهِ واليَومِ الآخِرِ فَلْيُكْرِمْ ضَيْفَهُ) “އަދި ﷲ އާއި ޤިޔާމަތް ދުވަހަށް އީމާންވާމީހާ (ދަންނާށެވެ.) އޭނާގެ މެހުމާނާއަށް ހެޔޮކޮށްހިތުން ހުއްޓެވެ “ صحيح البخاري 6019

އަދި ދީނުގައި މެހުމާނުންނަށް އަދާކުރުމަށް އޮތް އަދަބުތަކެއްވެއެވެ. އެހެނަސް އެ މެހުމާނާއަށް މެހުމާންދާރީ އަދާކުރުމުގެ ތެރޭގައި އެންމެ ފުރަތަމަ ފޮނިކާއެއްޗެއް ދިނުން ޛިކުރުވެގެން ނުވެއެވެ.

އެހެނަސް ޙާލަތު ދިމާކުރާ ގޮތެއްގެ ސަބަބުން، މިޘާލަކަށް މެހުމާނުންގެ ގޮތުގައި ގެއަށް ޒިޔާރަތް ކުރީ ރޯދަވެރިންނެވެ. އެހިނދު އެންމެ ފުރަތަމަ ރޯދަ ވީއްލުމަށް ކަދުރު މެހުމާނުންނަށް ދިނުމަކީ ސުންނަތެކެވެ. އެއީ މެހުމާނުންނަށް އެންމެ ފުރަތަމަ ދެވޭ އެއްޗަކީ ފޮނި އެއްޗެއް ގޮތުގައި ވުމުންނެއް ނޫނެވެ. އެހެނަސް އެއީ ރޯދަވެރިންގެ ގޮތުގައި ވުމުންނެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.