އާދަކޮށް ދަމުނަމާދާއި ވިތުރި އަދާ ކުރާ މީހަކަށް، ނިދން ހޭނުލެވުމުގެ ސަބަބުން ދަމުނަމާދާއި ވިތުރި އަދާ ނުވެވި ދޫވެވިއްޖެނަމަ، ދަންވަރުގެ ބަދަލުގައި ދުވާލުގެ ވަގުތުގައި އެ ނަމާދު އަދާކޮށް، ނަމާދުތައް ލިބިގަނެވޭނެ ހެއްޔެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ރޭ އަޅުކަން އަބަދުވެސް އާދަވެ ކުރަމުންދާ މީހަކަށް ޢުޛުރުވެރި ޙާލަތެއް ދިމާވެގެން ރޭއަޅުކަން ނުކުރެވި ހުއްޓާ ފަތިސް ވަޤުތު ވަދެއްޖެހިނދު އެމީހަކަށް ރޭއަޅުކަން ޤަޟާކުރުން ދީނުގައި ހުއްދަވެގެންވެއެވެ. އޭނާ ޢާދަވެ ކުރާ ސިފައަށް އެންމެ ޢަމަލެއް ނުވަތަ އެންމެ ސިފައެއް އިތުރު ކުރުންވެއެވެ. ތިރީގައި ބަޔާން މި ކުރަނީ އެ ސިފައެވެ. އަދި އޭނާއަށް އެ ޙާލަތުގައި ރޭ އަޅުކަން ކުރާނެ ގޮތަކީ ކޮބައިކަމެވެ.
ފަހެ، ރޭގަނޑުގެ ވަޤުތުގައި ވިތުރި ކުރުމުގެ ފުރުސަތު ނުލިބި އެމީހެއްގެ މައްޗަށް ފަތިސް ވަގުތު ވަދެއްޖެ މީހާ ވިތުރި ކުރުން ސުންނަތްވެގެންވަނީ ދުވާލުގައެވެ. އިރު އެރުމަށްފަހުގައެވެ. އެހެނަސް އެއީ ވިތުރި ޢަދަދަކަށް ނޫނެވެ.
ދުވާލުގައި ވިތުރި ޤަޟާ ކުރާހިނދު ކުރުން އޮތީ ޝަފްޢު (ހިރި) ޢަދަދަށެވެ. އެގޮތުން ރޭ އަޅުކަމުގައި 11 ރަކުޢަތް (2 ރަކުޢަތުން 2 ރަކުޢަތުން ސަލާމް ދެމުން 8 ރަކުޢަތް ކޮށް އަދި ވިތުރީގެ 3 ރަކުޢަތް ކުރާ މީހަކަށް) އެ ރޭގަނޑުގައި ނަމާދު ފާއިތުވީއެވެ. ފަހެ، އެހިނދު ދުވާލުގައި 11 ރަކުޢަތުގައި ބަދަލުގައި ކުރާނީ 12 ރަކުޢަތެވެ.
އެ ގޮތުން އެމީހަކު ރޭއަޅުކަމުގައި ކުރާ މިންވަރަކީ 7 ރަކުޢަތް (2 ރަކުޢަތުން 2 ރަކުޢަތުން 4 ރަކުޢަތްކޮށް، ވިތުރީގެ 3 ރަކުޢަތް) ކުރާ މީހާ އެ ނަމާދު ދުވާލުގެ ވަޤުތުގައި ޤަޟާ ކުރާނަމަ 8 ރަކުޢަތަށް ކުރާނީއެވެ.
ފަހެ، މިފަދައިން ސުންނަތް ޘާބިތުވެގެންވެ އެވެ. އިމާމް مسلم ޞަޙީޙުގައި عائشة أم المؤمنين رضي الله عنها ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘެއްގައިވެއެވެ. “أنَّ رسولَ اللَّهِ صلَّى اللَّهُ عليهِ وسلَّمَ كانَ إذا لم يُصلِّ منَ اللَّيلِ ، منعَه من ذلِك نومٌ أو وجعٌ ، صَلَّى منَ النَّهارِ ثِنتَي عشرةَ رَكعةً”. މާނައީ، “ހަމަކަށަވަރުން ﷲ ގެ ރަސޫލާ صلَّى اللَّهُ عليهِ وسلَّمَ ރޭގަނޑުގައި (ރޭއަޅުކަން) އަވަހާރަފުޅުގެ ސަބަބުން ނުވަތަ އާލާސްކަންފުޅުގެ ސަބަބުން ނުކުރެވިއްޖެހިނދު، ދުވާލުގެ ވަގުތުގައި 12 ރަކުޢަތަށް ކުރައްވައެވެ.”
މިތަނުގައި 12 ރަކުޢަތަށް ކުރެއްވުން ޛިކުރު ކޮށްފައިވަނީ ސަބަބަކީ ނަބިއްޔާ صلَّى اللَّهُ عليهِ وسلَّمَ ރޭއަޅުކަން ކުރައްވަނީ 11 ރަކުޢަތަށް ކަމުގައި ވުމުންނެވެ. ފަހެ، ދުވާލުގެ ވަޤުތުގައި ޤަޟާކުރާނަމަ 12 ރަކުޢަތަށް ކުރައްވައެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.