ގާތްތިމާގެ މީހުންނަށް ފަރުޟު ޒަކާތް ދެވިދާނެ ހެއްޔެވެ؟

ގާތްތިމާގެ މީހުންނަށް ފަރުޟު ޒަކާތް ދެވިދާނެ ހެއްޔެވެ؟

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ގާތްތިމާގެ މީހުންނަށް ފަރުޟު ޒަކާތް ނެރެފައި ދިނުމާއި މެދުގައި ބުނަމެވެ. މިތަނުގައި މި މައްސަލައިގައި ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام عَبد العَزِيز بن عبد الله بن بَاز -رحمه الله- ވިދާޅުވެފައިވާ ބަސްފުޅެއް ބަޔާން ކުރަމެވެ.

“ފިރިހެނަކު ނުވަތަ އަންހެނަކުވެސް އޭނާ ނެރޭ ޒަކާތުގެ ފައިސާ އޭނާގެ ފަޤީރު އަންހެން ކޮއްކޮއަށް، ދައްތައަށް، ނުވަތަ އޭނާގެ ބޮޑު ބޭބެއަށް ނުވަތަ ބޮޑު ދައިތައަށް ދިނުމުގައި މައްސަލައެއް ނެތެވެ. އަދި މި ނޫންވެސް ޢާއިލާގެ ތެރޭގައިވާ ފަޤީރަކަށް ދިނުމުގައިވެސް މައްސަލައެއް ނެތެވެ. ޢާންމު ދަލީލުތަކުން ބަޔާންވެގެންވަނީ މިފަދައިންނެވެ.

އަދި ކިޔެއްތަ، މިފަދައިން ގާތްތިމާގެ ފަޤީރުން ގޮތުގައިވާ އަހުލުވެރިންނަށް ޒަކާތް ދިނުން ވެގެންދަނީ، އެ ފަރާތްތަކަށް ދެވޭ ޞަދަޤާތެއް ގޮތުގަ އެވެ. އަދި ރަޙިމްގެ ގުޅުން ދެމެހެއްޓުމުގެ ތެރެއިން ހިމެނިގެންވާ ޢަމަލެއްގެ ގޮތުގައެވެ.

އެހެނަސް މަންމަ، ބައްޕަ (ކާފަ އަދި މުނިކާފަ) އަށް ޒަކާތުގެ ފައިސާ ދީގެން ނުވާނެއެވެ. އެއީ ފަޤީރުން ކަމުގައިވީނަމަވެސްމެއެވެ. އަދި ތިމާގެ ދަރިންނަށްވެސް ޒަކާތު ފައިސާ ދީގެން ނުވާނެއެވެ. އެބައިމީހުންނަށް ހޭދަ ކުރަން ޖެހޭނީ ތިމާގެ އަމިއްލަ މުދަލުން ތިމާއަށް ކުޅަދާނަވީ ވަރަކުންނެވެ.” (ޝެއިޚްގެ ބަސްފުޅު ގެނެސްދީފައިވަނީ އޭގެ މާނައިގައެވެ.)

ބުނަމެވެ. އެބަޔަކު ބެލުމަށް ތިމާގެ މައްޗަށް ބަލަދު އަރާފައިވާ ފަރާތްތައް ކަމުގައިވާ ތިމާގެ އަނބިމީހާ އަދި ދަރިންނަކީ ތިމާ އެބަޔަކަށް ޚަރަދުކޮށް ބަލަން ޖެހިފައިވާ ފަރާތްތަކެވެ. ވުމުން، އެ ބަލަން ޖެހިފައިވާ އަދި ޚަރަދު ކުރަން ޖެހިފައިވާ ޚަރަދު ފޫބައްދާ އެއްޗެއް ގޮތުގައި ޒަކާތް ނެރެ ހަދައިގެން ނުވާނެއެވެ. ފަހެ، ތިމާ ނެރޭ ޒަކާތް ދޭން ޖެހޭނީ ތިމާ އެބަޔަކު ބެލުން، އަދި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ނުއުފުލާނެ ފަރާތްތަކަށެވެ. މިޘާލަކަށް ބޮޑުބޭބެއެވެ. ބޮޑު ދައިތައެކެވެ. ނުވަތަ އެމީހުންގެ ދަރިންނެވެ.

މިފަރާތްތަކަކީ ޢާއިލާގެ ގާތް ތިމާގެ މީހުން ކަމުގައިވީނަމަވެސް ޒަކާތް ޙައްޤުވެގެންވާ ޙާލަތުގައިވާ ބައެއް ކަމުގައިވާނަމަ އެ ގާތްތިމާގެ މީހުންނަށް ޒަކާތް ދެވޭނެއެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.