ނަމާދު ޖަމްޢު ކުރާއިރު ނިޔަތް ގަންނާނީ ކިހިނެއް ހެއްޔެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ނަމާދު ޖަމްޢު ކުރުމުގެ މާނައަކީ ދުވާލުގެ 2 ނަމާދު އެއްވަޤުތެއްގައި ކުރުމެވެ. ނުވަތަ ރޭގަނޑުގެ ދެ ނަމާދު އެއްވަޤުތެއްގައި ކޮށްލުމެވެ.
އެ ގޮތުން ޖަމްޢު ކުރެވޭ ނަމާދު ތަކަކީ މެންދުރު ނަމާދާއި ޢަޞްރު ނަމާދު (މި ދެނަމާދު ކޮންމެވެސް އެއް ވަޤުތެއްގައި ކުރުމެވެ.)
މަޣްރިބް ނަމާދާއި ޢިޝާ ނަމާދު (ދެ ނަމާދު ކޮންމެވެސް އެއްވަޤުތެއްގައި ކުރުމެވެ.)
ޖަމްޢު ކުރާހިނދު، އެއްގޮތަކީ އިސްކޮށް ޖަމްޢު ކުރުމެވެ.
މާނައަކީ : މެންދުރު އަދި ޢަޞްރު ނަމާދު – މި ދެނަމާދު ޖަމްޢު ކުރާ މީހާ މެންދުރު ވަޤުތުގައި ދެ ނަމާދު ޖަމްޢު ކޮށްލުމަކީ، އިސްކޮށް ޖަމްޢު ކުރުމެވެ.
ހަމަ އެފަދައިން މަޣްރިބް އަދި ޢިޝާ ނަމާދު، މި ދެނަމާދު މަޣްރިބް ވަޤުތުގައި ކޮށްލުންވެސް އެއީ އިސްކޮށް ޖަމްޢު ކުރުމެވެ.
ޖަމްޢު ކުރުމުގައި އޮތް ދެވަނަ ސިފައަކީ ފަސްކޮށް ޖަމްޢު ކުރުމެވެ.
އެއީ މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޢަޞްރު ނަމާދުގެ ވަޤުތުގައި ކުރުމެވެ.
އަދި މަޣްރިބް ނަމާދާއި ޢިޝާނަމާދު ޢިޝާނަމާދުގެ ވަޤުތުގައި ކޮށްލުންވެސް އެއީ ފަސްކޮށް ޖަމްޢު ކޮށްލުމެވެ.
ފަސްކޮށް ޖަމްޢު ކުރި ކަމުގައިވީނަމަވެސް ނަމާދުގެ ތަރުތީބު ދޫކޮށްލައިގެން ނުވާނެއެވެ. ނަމާދު ކުރަންޖެހޭނީ ނަމާދުގެ ތަރުތީބުންނެވެ.
ދަންނައެވެ. މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޖަމްޢު ކުރުން ފެށޭނެ ވަޤުތަކީ މެންދުރު ނަމާދު ވަޤުތުވަނުމުންނެވެ. އެބަހީ މެންދުރު ނަމާދު ވަޤުތު ވަނުމުގެ ކުރިން ޢުޛުރުވެރި ޙާލަތު ދިމާވެ، ދުވާލުގެ ދެ ނަމާދު ޖަމްޢު ކުރާ މީހަކަށް، ނަމާދު ޖަމްޢު ކުރުމުގެ ވަޤުތު ނުވަދެއެވެ.
މެންދުރު ނަމާދު ވަޤުތު ވަނުމުން ޖަމްޢު ކުރުމުގެ ވަޤުތު ފެށުނީއެވެ. އަދި އިރު އޮއްސެންދެން އެ ވަގުތު ދެމި އޮންނާނެއެވެ.
މަޣްރިބް ނަމާދާއި އިޝާ ނަމާދު ޖަމްޢު ކުރުން ފެށޭނެ ވަޤުތަކީ އިރު އޮއްސުމާއި އެކުގައެވެ. އަދި ރޭގަނޑު ދެބައިވުމަށް ދާންދެން އެ ވަގުތު ދެމި އޮންނާނެއެވެ.
ނިޔަތް ގަތުމާއި މެދުގައި ބުނަމެވެ.
އަބަދުވެސް ނިޔަތުގެ މަޙައްލަކީ ހިތެވެ. ނިޔަތް އޮންނާނީ ހިތުގައެވެ.
ނިޔަތާއި މެދުގައި ނަބިއްޔާ – صلَّى اللَّهُ عليهِ وسلَّمَ – ޙަދީޘް ކުރައްވާފައިވެއެވެ. (إنَّمَا الأَعْمَالُ بِالنِّيَّاتِ وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى) “ހަމަކަށަވަރުން ޢަމަލުތައް ބިނާވެގެންވަނީ ނިޔަތްތަކުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށް އޮތީ އެމީހަކު ނިޔަތްގަތް ކަމެކެވެ…”
ވުމުން، ނިޔަތުގެ ގޮތުގައި ދުލުން ކިޔުމަށް އޮތް އެއްޗެއް އަދި އެއްވެސް މިންވަރެއް ނުވެއެވެ.
އިސްކޮށް ޖަމްޢު ކުރާ މީހާ ނުވަތަ ފަސްކޮށް ޖަމްޢު ކުރާ މީހާ އެކަން ކަށަވަރުކޮށް ހިތަށް އެރުވުމުން އެވަނީ ނިޔަތް ގަނެވިފައެވެ.
ބައެއް މީހުން “އަޅުގަނޑު މެންދުރު ނަމާދުގެ ފަރުޟު 4 ރަކުޢަތް ﷲ އަށްޓަކައި އަދާކުރުމަށް ނިޔަތް ގަންނަމޭ” މިފަދައިން ދުލުން ކިޔުމަކީ ސުންނަތާއި ޚިލާފް ދީނަށް އަލަށް ވައްދާފައިވާ ބިދުޢަވެރި ޢަމަލެކެވެ.
شَيخ الإِسلام ابن تَيميَّة ވިދާޅުވެފައިވެއެވެ. ”އެންމެހައި މުސްލިމުން އިއްތިފާގުވެގެންވާ ގޮތުގައި ނިޔަތް އަޑުހަރުކޮށް ބާރަށް ކިޔުމަކީ، ވާޖިބު އަދި މުސްތަޙައްބު ވެގެންވާ ކަމެއް ނޫނެވެ. އެހެނަސް ނިޔަތް އަޑުހަރުކޮށް ބާރަށް ކިޔާ މީހާއަކީ ބިދުޢަވެރި އަދި ޝަރީޢަތާ ޚިލާފަށް ޢަމަލުކޮށްފައިވާ މީހެކެވެ.“ (مجموع الفتاوى2/88)
ވުމުން، ނަމާދު ޖަމްޢު ކުރުން ހުއްދަވެގެންވާ މީހަކު، މެންދުރު ނަމާދާއި އަޞްރު ނަމާދު ޖަމްޢު ކުރާހިނދު،
އެންމެ ފުރަތަމަ ކުރާހުށީ މެންދުރު ނަމާދެވެ. އަދި މެންދުރު ނަމާދު ކުރުމަށް ހިތަށް އަރުވާލުމުން އެހިނދު އެވަނީ ނިޔަތް ގަނެވިފައެވެ. އަދި މެންދުރު ނަމާދުކޮށް ސަލާމް ދޭނީއެވެ.
އެއަށްފަހު، މެންދުރު ވަޤުތުގައި ޢަޞްރު ނަމާދު ޖަމްޢު ކުރާނަމަ، އެފަދައިން ހިތަށް އަރުވާލުމުން ނިޔަތް އެ ފުދުނީއެވެ. ދުލުން ކިޔަންޖެހޭ މިންވަރެއް ނުވެއެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.