ފިރިހެނުން ދެކޮނޑު ނިވާ ނުކޮށް ކުރާ ނަމާދު ސައްޙަ ވާނެތޯއެވެ؟
ޖަވާބު ދެއްވީ: ޝެއިޚް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ކޮނޑު ނިވާނުކޮށް، ހާމައަށް ބަހައްޓައިގެން ނަމާދު ކުރާ މީހާގެ ނަމާދުގެ މައްޗަށް ޢިލްމުވެރިން ޚިލާފްވަޑައިގެންފައިވެއެވެ.
ފުރަތަމަ ޤައުލަކީ : އިމާމް أحمد -رحمه الله- ގެ އަރިހުން މަޛްހަބުގައި ވާރިދުވެގެންވާ ރިވާޔަތެކެވެ.
އަދި ކުޅަދާނަވެގެންވާ މީހާ އެފަދައިން (ދެކޮނޑު ނިވާނުކޮށް) ހުރެ ނަމާދު ކޮށްފިހިނދު، އެމީހާގެ ނަމާދު ޞައްޙަ ނުވާނެ ކަމާއި އަދި ނަމާދު ބާޠިލްވާނޭ ކަމެވެ.
މި ޤައުލު އުއްމަތުގެ ގިނަ ސަލަފުއް ޞާލިޙުންގެ ބޭކަލުން ބަޔާންކުރައްވާފައި ވެއެވެ. މި ޒަމާނުގެ އިމާމްވެރި ބޭފުޅުންގެ ތެރެއިން الإمام ابن بَاز -رحمه الله- އިޚްތިޔާރު ކުރައްވާފައިވާ ޤައުލަކީވެސް މިއެވެ.
ދަލީލުތަކުގެ ތެރޭގައި އިމާމް البخاري ގެ ޞަޙީޙުގައި ރިވާކޮށްފައި ވެއެވެ. ނަބިއްޔާ -صلَّى الله عليه وآله وسلَّم-ޙަދީޘް ކުރެއްވިއެވެ. : (لا يصلي أحدكم في الثوب الواحد ليس على عاتقه منه شيء) رواه البخاري ومسلم އަދި މުސްލިމްގެ ލަފްޟުގައިވެއެވެ. (عاتقيه و عاتقه )
أبي هريرة ގެ އަރިހުންރިވާވެގެންވެއެވެ. ރަސޫލާ -صلى الله عليه وسلم -ޙަދީޘްފުޅު ކުރެއްވިއެވެ. އެ ފޮތިގަނޑަކުން ކޮނޑުމަތި އެއްވެސް ވަރަކަށް ނިވާނުވާ ފޮތިގަނޑެއްގައި ތިޔަބައިމިހުންކުރެ އެކަކުވެސް ނަމާދު ނުކުރާށެވެ.”
އަދި އިމާމް މުސްލިމްގެ ރިވާޔަތުގައި “އެއް ކޮނޑު” އަދި “ދެ ކޮނޑު” މި ދެގޮތަށްވެސް ބަޔާންވެގެންވެއެވެ.
ފަހެ، ނަހީ ވާރިދުވެގެންވެގެންވުމުން އެއިން ދަލީލުކޮށްދެނީ އެމީހާގެ ނަމާދު ފަސާދަވާނެ ކަމެވެ.
އެހެނަސް ސުންނަތް ނަމާދުގައި ލުއި ދެވިގެންވާކަމަށް الإمام أحمد ގެ އަރިހުން ވާރިދުވެގެންވެއެވެ.
ސަބަބަކީ ސުންނަތް ނަމާދުގައި އެކިއެކި ކަންކަމުގައި ލުއި ދެވިގެންވުމެވެ.
އަދިވެސް ގެންނަވާފައިވާ ދަލީލުތަކުގެ ތެރޭގައި : أبو داود ٦٣٦ ރިވާކޮށްފައިވާ ޙަދީޘްވެސް ހިމެނެއެވެ. ޙަދީޘްގައިވެއެވެ. «نَهَى رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنْ يُصَلِّيَ الرَّجُلُ فِي سَرَاوِيلَ وَلَيْسَ عَلَيْهِ رِدَاءٌ»
“ކޮނޑުމަތި ނިވާކުރާނެ ފޭރާމެއް ނެތި ތިރިން ފޭރާމެއް އަނދެގެންހުރެ، އެމީހަކު ނަމާދު ކުރުން ﷲ ގެ ރަސޫލާ -صَلَّى اللهُ عَلَيْهِ وَسَلَّمَ- ނަހީކުރެއްވިއެވެ.”
ފަހެ، މި ޙަދީޘްތަކުގެ ޟާހިރު މާނައަކީ އެމީހާގެ ނަމާދު ޞައްޙަވެގެން ނުވާނެކަމެވެ.
ދެވަނަ ޤައުލަކީ : ޖުމްހޫރު ޢިލްމުވެރިންގެ ޤައުލެވެ. އެބޭކަލުން ވިދާޅުވެފައިވަނީ، ފަހެ އިސްވެ ދިޔަ ޙަދީޘްތަކުގެ މާނައަކީ ކަރާހާތްތެރިކަމެވެ. އެފަދައިން ނަމާދު ކޮށްފި މީހާގެ ނަމާދު ބާޠިލްވުމެއް ނޫނެވެ. ސަބަބަކީ، ނަމާދުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނިގެންވާ އަދި ފިރިހެނުންގެ މައްޗަށް ކަނޑައެޅިގެންވާ ޢަޥްރަ، ނިވާވެފައިވުމެވެ.
އެހެނަސް (ކޮނޑު ނިވާކޮށްގެން ނަމާދު ކުރުމަކީ) މިއީ މުސްތަޙައްބުވެގެންވާ ޙުކުމެވެ. ފަހެ އެފަދައިން ނަމާދު ކޮށްފި މީހާއަކީ އޭނާގެ ހަށިގަނޑު ނިވާކޮށްފައިވާ މީހެއް ކަމުގައި ވާނެއެވެ.
މިބޭކަލުން މިކަމަށް ދަލީލުކޮށްފައިވަނީ ދަލީލުން އަދި ޤިޔާޞުންނެވެ. އެ ދަލީލު ތަކުގެ ތެރޭގައި ޞަޙާބީ جَابِر -رضي الله عنه- ގެ ޞާޙިބާ ވިދާޅުވެފައިވެއެވެ. “ތިމަން، ޞަޙާބީ އެއްފޮތިގަނޑުގައި ނަމާދު ކުރައްވަނިކޮށް ދެކެވަޑައިގެންނެވީމެވެ.” ފަހެ، އެކަމާއި ގުޅިގެން ޞަޙާބީ جابر -رضي الله عنه – ވިދާޅުވިއެވެ. “ނަބިއްޔާ -صَلَّى اللهُ عَلَيْهِ وَسَلَّمَ- އެންމެ ފޮތިގަނޑެއްގައި ނަމާދު ކުރައްވަނިކޮށް ތިމަން ޞަޙާބީ ދެކެވަޑައިގެންނެވީމެވެ.”
މާނައީ: އެއްފޮތިގަނޑެއްގައި ނަމާދު ކުރާނަމަ މުޅިހަށިގަނޑު އެކުއެކީގައި ނިވާނުވާނެކަމެވެ. ސަބަބަކީ ނަބިއްޔާ -صَلَّى اللهُ عَلَيْهِ وَسَلَّمَ- އަރިހުން އެހެން ޙަދީޘްތައް މި މައުޟޫގައި ވާރިދުވެގެންވުމެވެ. އޭގެ ތެރޭގައި އިމާމް البخاري ٣٥٨ ގައި ރިވާކޮށްފައިވެއެވެ. ޙަދީޘްގައިވެއެވެ. “أَوَلِكُلِكُمْ ثَوْبَانِ” މާނައީ، “ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް ދެ ފޭރާން (ދެ ފޮތިގަނޑެއް) ލިބިގެންވޭ ހެއްޔެވެ؟”
ފަހެ، މި ޤައުލުތަކުން ޞައްޙަވެގެންވާ ޤައުލަކީ، و الله أعلم ، ފުރަތަމަ ބަސްފުޅެވެ. އެމީހަކަށް ކުޅަދާނަކަން ލިބިފައިވެ، އޭނާގެ ދެކޮނޑުމަތިން ފޭރާމެއް އަޅައި ނިވާނުކޮށް ނަމާދު ކޮށްފި މީހާގެ ނަމާދު ޞައްޙައެއް ނުވާނެއެވެ. ސަބަބަކީ އެއީ ޞަރީޙަ އަދި ފާޅުވެގެންވާ އެންމެ ފާޅުކަންބޮޑުގޮތުގައި ދަލީލުގައި ނައްޞުގައި ވާރިދުވެގެންވާ ގޮތެވެ.
ދެންފަހެ، ފިރިހެނާގެ ޢަޥްރަ އެއީ ވަކި ހިސާބެއް ކަމުގައި ބުނެފައިވާ ބުނުމަށް ދެވޭ ރައްދަކީ، ނަމާދުގައި ޢަޥްރަ ނިވާ ކުރުމަކީ ވަކި ޚާއްޞަ ކަމެކެވެ. އަދި ނަމާދުން ބޭރުގައި ނިވާ ކުރުމަކީ ވަކި ޚާއްޞަ ކަމެކެވެ. އެހިނދު ދެ ބަޔަށް އެއް ޙުކުމެއް ދަލީލު އައުމަށްފަހު ނުނެގޭނެކަމެވެ.
ދަންނައެވެ! އަތުގައި އެންމެ ފޭރާމެއް ނޫން އެއްޗެއް ނެތް މީހެކެވެ. ފަހެ، އެމީހާ މި ޙުކުމުގެ ތެރެއަށް ނުވަންނާނެއެވެ. ފަހެ، ނައްޞުގައި އެމީހާ ވާޖިބުވެގެންވާ ޢަޥްރަ ނިވާކޮށްފިހިނދު އެމީހާގެ މައްޗަށް ފުދޭނެއެވެ.
ޙަދީޘްގައި ވެއެވެ. “عن جابر بن عبد الله رضي الله عنهما قال خرجت مع النبي {صلى الله عليه وسلم} في بعض أسفاره فجئت ليلة لبعض أمري فوجدته يصلي وعلي ثوب واحد فاشتملت به وصليت إلى جانبه فلما انصرف قال ما السرى يا جابر فأخبرته بحاجتي فلما فرغت قال ما هذا الاشتمال الذي رأيت قلت كان ثوب – يعني ضاق – قال فإن كان واسعا فالتحف به وإن كان ضيقا فاتزر به رواه البخاري بهذا اللفظ ورواه مسلم ولفظه إذا كان واسعا فخالف بين طرفيه وإن كان ضيقا فاشدده على حقوك”
جابر بن عبد الله -رضي الله عنهما- ގެ އަރިހުން ރިވާވެގެންވެއެވެ. “ނަބިއްޔާ -صلى الله عليه وسلم- ކުރެއްވި ބައެއް ދަތުރުތަކުގައި ނަބިއްޔާ އާއިއެކު ތިމަންނަ ނުކުތީމެވެ. އެއްރެއެއްގައި ތިމަންނަ އަމިއްލަ ކަންތައްތަކުގެ ތެރެއިން ކަމެއްގައި ރަސޫލާ -صلى الله عليه وسلم- ގެ އަރިހަށް ވަޑައިގަތީމެވެ. އެހިނދު ނަބިއްޔާ -صلى الله عليه وسلم- ނަމާދު ކުރައްވަނީއެވެ. ތިމަންނަ ގައިގައި އޮތް އެންމެ ފޮތިގަނޑަކުން މުޅި ހަށިގަނޑު ނިވާކުރުމަށްޓަކައި ގުދުވެ ވީހާވެސް ބޮޑަކަށް ހަށިގަނޑުގައި އެފޮތިގަނޑު އޮޅާލުމަށްފަހު، ނަބިއްޔާ -صلى الله عليه وسلم-ގެ އެއްފަރާތުގައި ހުރެ ނަމާދު ކުރީމެވެ. ނަބިއްޔާ -صلى الله عليه وسلم-ނަމާދުކޮށް އަވަދިވި ހިނދު ދެންނެވިއެވެ. “އޭ ޖާބިރެވެ. ކޮންކަމަކާއިގެން ނުވަތަ ކޮން ޚަބަރަކާއިގެންތޯއެވެ؟.” ތިމަންގެ ބޭނުން ރަސޫލާ –صلى الله عليه وسلم-ގެ އަރިހުގައި ދެންނެވީމެވެ. ދެން ތިމަންނާ ވާހަކަ ދައްކާ ނިމުމުން ޙަދީޘްފުޅު ކުރެއްވިއެވެ. “ގުދުވެ ފޮތިގަނޑުތެރެއަށް ބޮނޑިވެގަތްގަތުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟” ތިމަންނާ ދެންނެވީމެވެ. ތިމަންނާ އަތުގައި އޮތް ހަމައެކަނި ފޮތިގަނޑު މުޅި ހަށިގަނޑު ނިވާ ކުރާކަށް ތަނަވަސްވެގެންނުވެއެވެ. އެހިނދު ޙަދީޘްފުޅު ކުރެއްވިއެވެ. “އެފޮތިގަނޑު ތަނަވަސްވެގެންވާނަމަ އޭގެން މައްޗާއި ތިރި ނިވާކުރާށެވެ. (އެބަހީ: އިޒާރެއްގެ އިތުރުން ރިދާ އެއްގެ ގޮތުގައި ބޭނުންކުރާށެވެ.) އެހެނަސް އެ ފޮތިގަނޑު އެކަމަށް ހަނިވެގެންވާނަމަ ހަމައެކަނި ތިރި ނިވާކުރާނެ އިޒާރެއްގެ ގޮތުގައި ބޭނުންކުރާށެވެ.” މިއީ އެ ލަފްޛަކުން އިމާމް البخَاري ރިވާކުރެއްވި ލަފްޛެވެ.
އިމާމް مسلم މި ޙަދީޘް ރިވާކުރެއްވި ލަފްޒަކީ “އެ ފޮތިގަނޑު ފުޅާވެ ތަނަވަސްވެގެން ވާނަމަ ހަށިގަނޑު ގައި އޮޅާލައި ތިރިއާ މަތި ނިވާކުރާށެވެ. (އެގޮތުން ًއުނަގަނޑުގައި ފޮތިގަނޑު ބެންނެވުމަށްފަހު ކަނާތްފަޅި ވާތު ކޮނޑުމައްޗަށް އެއްލާ އަދި ވައަތްފަޅި ކަނާތު ކޮނޑުމައްޗަށް އެއްލާށެވެ. އެއީ އޭގެ ސަބަބުން މޭމަތި ނިވާކުރުމަށްޓަކައެވެ.) އެހެނަސް އެފަދައިން ކަންތައްކުރުމަށް ފޮތިގަނޑު ހަނިވެގެންވާނަމަ އުނގުގައި އެފޮތިގަނޑު ބަންނާށެވެ.”
ނިންމާލުމުގެ ކުރިން ބުނަމެވެ. މިޒަމާނުގައި އިޙްރާމް ބަނުމަށްފަހު، އިޙްރާމުގައި ތިބޭ ބައެއް މީހުން ކޮނޑު ހާމަކޮށް ނަމާދުކޮށްހެދުމުގެ މި އަމަލުގެ މައްޗަށް ސަމާލުވާން ޖެހެއެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.