ޤުރުއާން ކިޔަވާ މީހާ ބަސްމަލާ (ބިސްމި) ކިޔުން އޮތީ ސޫރަތެއް ކިޔަން ފަށާހިނދުގައި އެކަނި ތޯ ނުވަތަ އާޔަތެއް ކިޔަން ފަށާހިނދުގައިވެސް ތޯއެވެ؟

quran kiyava meeha bismi kiyun

ޤުރުއާން ކިޔަވާ މީހާ ބަސްމަލާ (ބިސްމި) ކިޔުން އޮތީ ސޫރަތެއް ކިޔަން ފަށާހިނދުގައި އެކަނި ތޯ ނުވަތަ އާޔަތެއް ކިޔަން ފަށާހިނދުގައިވެސް ތޯއެވެ؟

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ސުވާލުގެ ޖަވާބުގައި ބުނަމެވެ. ޤުރުއާނުގެ ސޫރަތެއް ފަށާ މީހާވެސް އަދި އާޔަތެއް ކިޔަވަން ފަށާ މީހާވެސް ބަސްމަލާ ކިޔުން މުސްތަޙައްބުވެގެންވެއެވެ. މާނައަކީ: ޚަތިމް ނަގައިގެން ކިޔަވަން ފެށީ ސޫރަތެއް ފަށައިގެންނެވެ. ނުވަތަ އެއްސޫރަތް ނިމި އަނެއް ސޫރަތް ފެށީއެވެ. މި ދެޙާލަތުގައި ބަސްމަލާ ކިޔުންވެއެވެ. ދަންނައެވެ. التوبة ސޫރަތް ފިޔަވައި ކޮންމެ ސޫރަތެއް ފެށުމުގެ ކުރިން ބިސްމި ކިޔުންވެއެވެ.

މިސާލަކަށް ކިޔެވީ ސޫރަތެއްގެ މެދުތެރޭގައިވާ ހިސާބަކުންނެވެ. ފަހެ، މި ޙާލަތުގައި ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާހިނދު، ބަސްމަލާ ކިޔުމަށް އަދި ބަސްމަލާ ނުކިޔައި ހަމައެކަނީ އިސްތިޢާޛާ (އަޢޫޛު) ކިޔުމުން ފުދޭނެ ކަމުގައި ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ. މި ޚިލާފްއާ އެކު، އޭގެ ޢަދުލުވެރި ޤައުލެއްގައި ބަޔާން ކޮށްފައިވާ ޢިލްމުވެރިން އޭގެ ތެރޭގައި الإمام الشاطبي -رحمه الله- ފަދަ ޢިލްމުވެރިން ވިދާޅުވަނީ، ސޫރަތެއްގެ މެދު ތެރެއިން ކިޔަވާ މީހާ ބަސްމަލާ ކިޔުމުގައި އިޚްތިޔާރުވެއެވެ. ކިޔަވާ މީހާ އެދޭ ކަމުގައިވާނަމަ ކިޔެވުމުގައި މައްސަލައެއް ނެތެވެ. އަދި ދޫކޮށްލުމުގައިވެސް މައްސަލައެއް ނެތެވެ. ވުމުން މިކަމުގައި ތަނަވަސްކަން ވެއެވެ.

 

ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام ابن بَاز -رحمه الله- ވިދާޅުވެފައިވެއެވެ. “ފަހެ، މުއުމިނު ފިރިހެނާ އަދި މުއުމިނު އަންހެނާއަށް ސުންނަތްވެގެންވަނީ ކޮންމެ ސޫރަތެއް ފެށުމުގެ ކުރިން ބަސްމަލާ ކިޔުމެވެ. އަދި ސޫރަތް ތަކުރާރު ކުރާހިނދު، ކޮންމެ ސޫރަތެއްގެ ކުރިން ބަސްމަލާ (بسم الله الرحمن الرحيم) ކިޔުމެވެ. ފަހެ، މާތް ނަބިއްޔާ -صلَّى اللَّهُ عليهِ وسلَّمَ-، ސޫރަތެއް ވިދާޅުވާން ފައްޓަވާހިނދުގައި ފައްޓަވަނީ بسم الله الرحمن الرحيم ވިދާޅުވެއެވެ.

އަދި ހަމަކަށަވަރުން ކޮންމެ ސޫރަތެއް ފެށުމުގައި ﷲ ވަނީ ބަސްމަލާ ބާވައިލައްވާފައެވެ. ކޮންމެ ސޫރަތެއް ބާވައިލެއްވޭހިނދު، (بسم الله الرحمن الرحيم) އެ ސޫރަތާއި އެކުގައި ބާވައިލެއްވެއެވެ. براءة ސޫރަތް (ތަޥްބާ ސޫރަތް) ފިޔަވައެވެ. ފަހެ، ކަމަކަށަވަރުން عثمان އަދި ޞަހާބީން ކީރިތި ޤުރުއާން (ފޮތަކަށް) ޖަމަޢަ ކުރެއްވިހިނދު، އެ ސޫރަތަކީ ވަކި މުސްތަޤިއްލު ސޫރަތެއްތޯ ނުވަތަ އެއީ الأنفال ސޫރަތުގެ ބައެއްތޯ އެބޭކަލުން ހުއްޓިވަޑައިގެންނެވިއެވެ. އެހެން ވުމުން އެ ދެ ސޫރަތް ދެމެދުގައި ބަސްމަލާ ނުލިޔުއްވައެވެ. ދެންފަހެ، އެ ސޫރަތް ފިޔަވައި އެހެން ސޫރަތްތައް ފަށާހިނދު، ޤުރުއާން ކިޔަވާ މީހާއަށް ޝަރުޢުވެގެންވަނީ، ބަސްމަލާ ކިޔުމެވެ. އަދި ސޫރަތް ތަކުރާރުކުރާހިނދު ބަސްމަލާ ކިޔުންވެއެވެ.

ދެންފަހެ، ސޫރަތެއްގެ މެދުތެރެއިން ކިޔަވަން ފަށާހިނދުގައި، އޭނާއަށް އޮތީ އިސްތިޢާޛާ (އަޢޫޛު) أعوذ بالله من الشيطان الرجيم ކިޔައި އެ މިންވަރުން ފުއްދާލުމެވެ. އަދި ބަސްމަލާ ކިޔުމުގައި މައްސަލައެއްނެތެވެ. އެހެނަސް އިސްތިޢާޛާ ކިޔުމުން ފުދޭނެއެވެ. އެއީ ﷲ جل وعلا ބަސް ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. (فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ) “ފަހެ،ނަބިއްޔާ ޤުރުއާން ކިޔަވާ ވިދާޅުވާނަމަ، ރަޙްމަތުން ބޭރުކުރައްވާފައިވާ ޝައިޠާނާގެ ކިބައިން ދުރުކުރެއްވުން އެދި الله ގެ ހަޟްރަތުން ރައްކާތެރިކަމަށް އެދި ދަންނަވާށެވެ.] ފަހެ، ސޫރަތެއްގެ މެދުތެރެއިން ކިޔަވާނަމަ، އިސްތިޢާޛާ ކިޔުމުން ފުދޭނެއެވެ.” (ފަތުވާ ނިމުނީއެވެ.)

އިތުރު މަޢުލޫމާތުގެ ގޮތުގައި ބުނަމެވެ. ޤުރުއާން ކިޔަވަން ފަށަނީ ސޫރަތެއް ފަށައިގެން ކިޔާ ދަނޑިވަޅެއް ކަމުގައިވީނަމަވެސް އިސްތިޢާޛާ (އަޢޫޛު) ކިޔުން ހުއްޓެވެ. އެއީ ކީރިތި ޤުރުއާން ކިޔަވާ މީހާ، ޤުރުއާން ކިޔަވަން ފެށުމުގެ ކުރިން އަބަދުވެސް އިސްތިޢާޛާ ކިޔުމަށް ﷲ އަމުރުފުޅު ކުރައްވާފައި ވުމުންނެވެ. ﷲ ވަޙީ ކުރެއްވިއެވެ. (فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ) “ފަހެ، ނަބިއްޔާ ޤުރުއާން ކިޔަވާ ވިދާޅުވާނަމަ، ރަޙްމަތުން ބޭރުކުރައްވާފައިވާ ޝައިޠާނާގެ ކިބައިން ދުރުކުރެއްވުން އެދި الله ގެ ހަޟްރަތުން ރައްކާތެރިކަމަށް އެދި ދަންނަވާށެވެ.]

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.