ޖަމާޢަތުގައި ނަމާދު ކުރަނިކޮށް ނަމާދަށް ހުރި މީހަކު ޙަދަޘަވެރިވެ، ވުޟޫ ގެއްލިއްޖެ ހިނދު ޢަމަލު ކުރާނީ ކިހިނެއް ހެއްޔެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ޖަމާޢަތުގައި ނަމާދު ކުރަނިކޮށް ނަމާދަށް ހުރި މީހަކު ޙަދަޘަވެރިވެ (ވުޟޫ ގެއްލިއްޖެހިނދު) ޢަމަލު ކުރާނީ ކިހިނެތް ހެއްޔެވެ؟
ޖަވާބުގައި ބުނަމެވެ.
ފުރަތަމައީ: ވުޟޫ ގެއްލުމާއެކު އެމީހަކު އެވަނީ ޙަދަޘަވެރިވެފައެވެ. އެހިނދު އެމީހެއްގެ ނަމާދު ބާޠިލްވާނެއެވެ. އަދި ނަމާދު ކުރިއަށް ގެންގޮސްގެން ނުވާނެއެވެ.
މިއަދު ދުނިޔެމަތީގައިވާ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشَّيخ د. عَرَفَات بن حَسن المُحمَّدي حفظه الله ވިދާޅުވެފައިވެއެވެ.
“ވުޟޫނެތި ނަމާދުކޮށްފި މީހާގެ ނަމާދު ބާޠިލްވާނެއެވެ. އެކަމުގެ ދަލީލަކީ ނަބިއްޔާ -صلى الله عليه وسلم- ގެ ޙަދީޘްފުޅެވެ. (لاَ تُقْبَل صَلاةُ مَنْ أَحْدَثَ حَتَّى يَتَوضأ) “ޙަދަޘަވެރިވެފައިވާ މީހާ ވުޟޫ ކޮށްފުމަށް ދާންދެން އޭނާގެ ނަމާދު ޞައްޙައެއް ނުވާނެއެވެ.” البخاري 135 مسلم 225
އަދިވެސް މިކަމުގައި ދަންނަންޖެހޭ ނުކުތާއެއްވެއެވެ. ތިމާ ވުޟޫގެއްލިފައިވާކަން އެނގިފައިވާ ޙާލުގައި ތިމާ ނަމާދުން ނުކުތުމަށް ލަދުގަނެ، މީސްތަކުން ބުނެފާނެ ބަހަކަށްޓަކައި ނަމާދު ކުރިއަށް ގެންދިއުމުގައި އޮތް ބޮޑުވެގެންވާ ނުރައްކާ އެނގިގަތުމެވެ.
ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة د. صَالح الفَوزَان -حفظه الله- ވިދާޅުވެފައިވެއެވެ.
ސުވާލު: ފަޟީލަތުއް ޝެއިޚްއެވެ. ﷲ ޝެއިޚްއަށް ތަޥްފީޤު ދެއްވާށިއެވެ. ސުވާލު ކުރާމީހާ ބުނެއެވެ. މީހަކު ނަމާދުކުރަނިކޮށް ޙަދަޘަވެރިވީއެވެ. އެހެނަސް މީހުން އޭނާއަށް ބަލާނެ ކަމުގެ މައްޗަށް ބިރުހީވެ، ލަދުން އޭނާ ނަމާދުން ނުނިކުމެއެވެ. މިފަދަ މީހާއަކީ މުރުތައްދުވެދާނެ ކަމުގެ ބިރުއޮތް މީހެއް ކަމުގައި ބުނުމަކީ ޞައްޙަ ބަސްފުޅެއް ހެއްޔެވެ؟
ޖަވާބު : “އާނއެކެވެ. ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ އެކަމުގެ ސަބަބުން އޭނާ މުރުތައްދުވާނެ ކަމެވެ. ސަބަބަކީ އޭނާވަނީ ވުޟޫނެތި ނަމާދު ކުރުން ހުއްދަ ކޮށްފައެވެ. އޭނާ ﷲ އަށް ބިރުވެތި ނުވެ ބިރުވެތިވީ މީސްތަކުންނަށެވެ. މިއީ އޭނާއަށް ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. الحمد لله ނަމާދުން ނުކުންނާނީއެވެ.”
ވުމުން، ވުޟޫ ގެއްލުމާއެކު ނަމާދުގައި ހުރި ހިސާބަކުން އޭނާ ނަމާދުން ނިކުތުންވެއެވެ. ނަމާދުން ނުކުތުމަށް ސަލާމް ދޭކަށް އޭނާ ނުޖެހޭނެއެވެ.
ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާގައިވެއެވެ.
ސުވާލު : ނަމާދު އެކަނި ކުރާ މީހަކު، އޭނާ ނަމާދަށް ހުއްޓައި ވުޟޫ ނެތްކަން އެނގިއްޖެހިނދު ޢަމަލު ކުރާނީ ކިހިނަކުން ހެއްޔެވެ؟ އިމާމެއް ނުވަތަ މައުމޫމެއް ގެ ގޮތުގައި ވުމުން އޭގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ ނުވަތަ ޢަމަލުކުރާނީ ކިހިނަކުން ހެއްޔެވެ؟
ޖަވާބު : ނަމާދަށް ހުރި މީހަކަށް، އެއީ އިމާމެއް ނުވަތަ މައުމޫމެއް ކަމުގައިވީނަމަވެސް އޭނާ ވުޟޫނެތްކަން އެނގުމުން އޭނާގެ ނަމާދު ބާޠިލްވާނެއެވެ. އިމާމެއް ނުވަތަ މައުމޫމެއްގެ ޙުކުމަކީވެސް މިއެވެ. އޭނާއަށް ވާޖިބުވެގެންވަނީ ނަމާދުން ނިކުތުމެވެ. އަދި ވުޟޫކުރުމަށްފަހު ނަމާދު އަލުން ފެށުމެވެ. وبالله التوفيق، و صلى الله على نبينا محمد وآله وصحبه وسلم.” فتاوى اللجنة الدائمة : 1733
ދެވަނައީ : ނިކުންނާނީ ކިހިނެތް ހެއްޔެވެ؟ އެބަހީ އޭނާގެ ފަހަތުގައި ގިނަ ސަފުތަކެއް ހަދައިފައިވެއެވެ. މީސްތަކުން ތިބީ ނަމާދުގައެވެ. ޢަމަލު ކުރާނީ ކިހިނެތް ހެއްޔެތެވެ؟
ފަހުގެ ދުވަސްތަކުގައި ދުނިޔެ ދުށް އެންމެ ބޮޑެތި ފިޤުހުވެރި ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الإمام العلامة محمد بن صَالح العُثَيمِين- رحمه الله- ވިދާޅުވެފައިވެއެވެ.
“އޭނާގެ މައްޗަށް އޮތީ މިސްކިތުން ނުކުމެ ވުޟޫ ކުރުމެވެ. މި ޙާލަތުގައި ސަފުތަކުގެ ތެރެއިން ދިއުން އުޛުރުވެރިވެގެންވެއެވެ. އެހަނަސް އޭނާގެ މައްޗަށް އެދެވިގެންވަނީ ސަފުތަކުގެ ތެރެއިންލާފާ ދާއިރު އޯގާތެރިކަމާއެކު ސަފުތަކުން ޖާގަ ހޯދަމުން ދިޔުމެވެ. އަދި އެމީހުންގެ ކިބައިން އިޒުނައަށް އެދުމެވެ. އެގޮތުން މިސާލާކަށް ތިބާގެ ފަޟުލުވެރިކަމުން އަހަންނަށް އިޒުނަދެއްވާށެވެ. ނުވަތަ މިފަދަ އިބާރާތްތައް ބޭނުންކުރުން ހުއްޓެވެ. އެއީ، މިސްކިތުގެ އަހުލުވެރީންގެ ކޮޑުތަކުގެ މަތީން ސަފުތައް ފޫއަޅުވަމުން ނުކުންނަން ޖެހުނު ކަމަށްޓަކާ މީސްތަކުންގެ ނަފްސުތަކަށް ހިތްހަމަ ޖެއްސުމަށްޓަކައެވެ.“ نور على الدرب 296
ވުމުން، ސަފުތަކުގެ ދެމެދުން އަދި ނަމާދަށް ތިބި މީހުންގެ ދެމެދުން މިސްކިތުން ނުކުތުން ހުއްޓެވެ.
ތިންވަނައީ: ގިނަ ބަޔަކަށް ސުންނަތުގެ ތެރެއިން ފާއިތުވެގެންވާ ސުންނަތެކެވެ. ނިކުންނަހިނދުގައި އޭނާގެ ޢަމަލުތައް ބަހައްޓާނެ ގޮތާއި މެދުގައެވެ.
ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ. (إذا صلَّى أحدُكم فأحدَثَ، فلْيُمْسِكْ على أنفِهِ ثُمَّ لْيَنْصَرِفْ) ”ތިޔަބައިމީހުންގެ ތެރެއިން މީހަކު ނަމާދު ކުރަނިކޮށް، ފަހެ ޙަދަޘަވެރިވެއްޖެ ހިނދު، އެމީހަކު އޭނާގެ ނޭފަތުގައި ހިފަހައްޓާށެވެ. (ދެން) އެއަށްފަހު ނުކުންނަ ހުއްޓެވެ.“ صحيح ابن ماجه 1015، السلسلة الصحيحة 2976
ބުނަމެވެ. ވައި ބޭރުވުންފަދަ ކަމެއް ދިމާވެ، އޭނާ ލަދުގަންނަ ކަމަކާހެދި ނަމާދުން ނުކުންނަން ޖެހިއްޖެ ހިނދު، އެ ޙާލުގައިވެސް ކަންތައްކުރަން ޖެހޭ ގޮތުގެ އިރުޝާދެއް ސުންނަތުގައި ވާރިދުވެގެން އައުމުން، ދޭހަވަނީ މި ޝަރީޢަތަކީ މުރޫޢަތްތެރިކަމަށް ބާރުއަޅައިފައިވާ ފުރިހަމަ ޝަރީޢަތެއް ކަމެވެ.
އިމާމް ޝަރުޢީ ގޮތުން ހުއްދަވެގެންވާ ޢުޛުރެއް (ޙަދަޘަވެރިވުން) ދިމާވެ ނަމާދު ދޫކޮށް ނުކުތުމުން ޢަމަލު ކުރާނީ ކިހިނެތް ހެއްޔެވެ؟
މިކަމުގައި ދެ ޙާލަތެއްގައި ނުކުތުން ވެއެވެ.
ފުރަތަމައީ: ދެމީހަކު ނަމާދު ކުރަން ތިއްބާ އިމާމު ޝަރުޢީ ޢުޛުރެއް ދިމާވެ ނުކުމެއްޖެނަމަ، މައުމޫމު އަމިއްލައަށް އެކަނި ހުރެ ނަމާދު ފުރިހަމަ ކުރާނީއެވެ. މިއީ ޖުމްހޫރު ފިޤުހުވެރިންގެ ބަސްފުޅެވެ.
ދެވަނަ ޙާލަތަކީ ބޮޑު ޖަމާޢަތެއްގައި ނަމާދުކުރަނިކޮށް އިމާމް އެފަދަ ޙާލަތެއް ދިމާވެގެން ނުކުތުމެވެ.
ފަހެ، މި ޙާލުގައި އިމާމްގެ ބަދަލުގައި މައުމޫމުންގެ ތެރެއިން މީހަކު އެ މަޤާމަށް އަރައި އިމާމްގެ ގޮތުގައިވެ ނަމާދު ކުރިއަށް ގެންދާނީއެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ ޤައުލެވެ. الحنفية ، المالكية އަދި الشافعية މަޛްހަބުގެ ޤައުލެވެ. އަދި މި ޤައުލަކީ الإمام أحمد ގެ އެއް ރިވާޔަތެވެ.
ފަހެ، ނުކުތް އިމާމް މި ފަދައިން ބުނުމުން މައްސަލައެއް ނެތެވެ. ފަހަތުގައިވާ މީހާއަށް އިޝާރަތްކޮށް ބުނާނީއެވެ. “މިވެނި މީހާއެވެ! ކުރިއަށް ޖެހި މީސްތަކުންނާއިގެން ނަމާދު ކުރާށެވެ.” މިއީ މި ކަމުގައި އޮތް ޞައްޙަ ގޮތެވެ. ފަހެ، އިމާމް ވުޟޫގައި ނެތި ނަމާދު ފެށީއެވެ. އަދި ނަމާދުގައި ހުއްޓާ ހަނދާން ވުމުންވެސް ޢަމަލު ކުރާނީ މިފަދައިންނެވެ. މިކަމަށް ދަލީލު ކުރެވޭ އެއް ދަލީލަކީ، އުއްމަތުގެ ދެވަނަ ޚަލީފާ عمرُ بن الخطاب -رحمه الله- ފަތިސް ނަމާދުގައި ވަނިކޮށް أبو لؤلؤة المجوسي ހަންޖަރުން ޙަމަލާތަށް މިޞަޙާބީގެ ހަށިކޮޅަށް ދިނުމުން އެ މަޤާމަށް ޞަޙާބީ عبدَالرحمن بن عوف -وضي الله عنه- އިމާމްގެ މަޤާމަށް އެހިނދު އަރާވަޑައިގެން ނަމާދު ކުރިއަށް ގެންދިއުމެވެ. އަދި އެގޮތުން ފަތިސް ނަމާދު ފުރިހަމަ ކުރެއްވިއެވެ. (މި ރިވާޔަތް ބުޚާރީގައި ބަޔާންވެގެންވެއެވެ.)
މި ޒަމާނުގައި ފާޅުވި އެންމެ ބޮޑެތި އިމާމުން އަދި ފިޤުހުވެރިންވެސް މިފަދައިން ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި الإمام ابن بَاز-رحمه الله އަދި العلامة ابن العثَيمِين- رحمه الله- މިފަދައިން ދެކެވަޑައިގަންނަވައެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.