ތިމާ މިލްކުކޮށްފައި ނުވާ، ތިމާގެ އަތްމައްޗަށް މިލްކުކޮށް ލިބިފައިނުވާ ތަކެތި ވިއްކުމާއި، ޕްރީ އޯޑަރޭ ބުނެ ލާރި ނެގުމުގެ ޙުކުމް

pre-order ah viyafaari kurumuge hukum

ތިމާ މިލްކުކޮށްފައި ނުވާ، ތިމާގެ އަތްމައްޗަށް މިލްކުކޮށް ލިބިފައިނުވާ ތަކެތި ވިއްކުމާއި، ޕްރީ އޯޑަރޭ ބުނެ ލާރި ނެގުމުގެ ޙުކުމް

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ތިމާ މިލްކުކޮށްފައި ނުވާ، ތިމާގެ އަތްމައްޗަށް މިލްކުކޮށް ލިބިފައިނުވާ ތަކެތި ވިއްކުމާއި، ޕްރީ އޯޑަރޭ ބުނެ ލާރި ނެގުމުގެ މައްޗަށް ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ދަންނައެވެ. އިސްލާމްދީން އައިސްފައިވަނީ ފުރިހަމަ ވެގެންވާ އިޤްތިޞާދަކާއި ގަނެވިއްކުމާއި އަދި އެންމެހައި ޙަލާލު ވިޔަފާރިތަކަކަށް މަގުދައްކައިދޭ ފުރިހަމަ ހެޔޮ ޤަވާޢިދުތަކާއި ނިޟާމްތަކެއްގެ މަތިންނެވެ. އަދި އެ ޤަވާޢިދުތަކުގައި މީސްތަކުންގެ ޙައްޤުތައް އެންމެހައި ސިފަތަކެއްގައި ރައްކާތެރިކޮށް އަދި ރައްކާތެރި ކުރާނެ މަގުތަކެއްވެސް ހޯދައިދީފައިވެއެވެ. އަދި ދީނުގައި އެކަމެއް މަނާ ކޮށްފައިވާނަމަ، އެހިނދު އެއީ މީސްތަކުންގެ މުދަލާއި އެމީހުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށްޓަކައެވެ.

މަކަރާއި، ގޮތްނޭގޭ އަދި ހީލަތްތެރި ގޮތުގައި މުޢާމަލާތް ހިންގޭނެ އެންމެހައި ވަޞީލަތްތަކެއް ރައްކާތެރިކޮށް މީސްތަކުންނަށް ޙިމާޔަތް ހޯއްދަވައި ދެއްވާފައިވެއެވެ. ފަހެ، އެ ޤަވާޢިދުތަކުގައި ދެމިހުރެއްޖެހިނދު، އެހިނދު އެއީ އެބައިމީހުން ގަނެވިއްކުމުގައި އަދި އެހެނިހެން މުޢާމަލާތްތަކުގައި ޢަދުލުވެރިކަމުގައި ދެމިތިބުން ކަމުގައި ކަނޑައެޅުއްވިއެވެ. ފަހެ، މިއަދު ޝަރީޢަތުގެ ޙުދޫދުތަކާއި ޤަޥާޢިދުތަކަށް ފައިސާ އާއި މުދަލުގައި ޖެހުމުން އެކަމުގައި ހުއްދަ ނުވަތަ ހުއްދަ ނޫންތޯ ބެލުންވަނީ ނުހަނު ބީރައްޓެހި ކަމަކަށްވެފައެވެ. ފައިސާ ހޯދޭނެ ވަޞީލަތެއް ކަމުގައިވެއްޖެހިނދު ކޮންމެ ޙާލެއްގައިވެސް ތިމާގެ އަމިއްލަ މަންފާއަށްޓަކައި އެ މުޢާމަލާތްތަކުގެ ތެރެއަށް ވަދެގަތުން މިވަނީ ގިނަވެފައެވެ. ﷲ ހިދާޔަތްދެއްކެވި އަޅަކު ފިޔަވައެވެ.

އިންޓަނެޓްގައި، އޮންލައިން ޕްލެޓްފޯމެއްގައި ވިއްކަން ޖަހާފައި ހުންނަ އެއްޗަކީ، އޭގެ މިލްކުވެރިޔާ ފިޔަވައި އެހެން މީހަކު މިލްކު ކުރާ އެއްޗެއް ނޫނެވެ. މިޘާލަކަށް އޮންލައިންކޮށް އެއްޗެހި ވިއްކާ ވިޔަފާރި ކުރާ ކުންފުއްޏެއްގެ ސައިޓެކެވެ. ރާއްޖޭގައި ހުރި މީހަކު އޭނާ އަމިއްލަ ޤުރޫޕެއްގައި އެސައިޓުގައި ވިއްކަންހުންނަ ތަކެތި ލިބެން ހުރި ވާހަކަ ޖަހައެވެ. އަދި ރާއްޖޭގައި އޭނާ ހުރެ އެތަކެތި ވިއްކައި މީހުންގެ އަތުން ފައިސާވެސް ނަގައެވެ. ފަހެ، ފައިސާ ނަގައި އެއަށްފަހު އެ ފައިސާ ލިބުމުން އޭނާ އޮންލައިންކޮށް ވިއްކާ ސައިޓަށްވަދެ އެ ސައިޓުން އެ އެއްޗެއް ގަނެ ހަދައެވެ. މި ސިފައަކީ މިއަދު ޢާންމުވެފައިވާ އަދި އެތައް ބަޔަކު ފައިސާ ހޯދުމުގެ ޤަޞްތުގައި ކުރަމުން ގެންދާ ވިޔަފާރިއެއް ކަމުގައި ހަދައިފައިވެއެވެ.

ޝައްކެތްވެސްނެތެވެ. ދެމީހަކު ދެބަސް ނުވާ ގޮތުގައި ބުނާނެއެވެ. ރާއްޖޭގައިހުރެ ކަސްޓަމަރުންގެ އަތުން ފައިސާ ނަގައި ވިއްކާފައިވަނީ ތިމާގެ އަތުގައި ނުވަތަ ތިމާ މިލްކު ނުކުރާ މުދަލެވެ. ފަހެ، މި ޢަމަލުގެ ޙުކުމް ބަޔާންވެގެންވާ ޙަދީޘްތަކުގެ ތެރޭގައި އިމާމް الترمذي ( 1232 ) أبو داود ( 3503 ) النسائي ( 4613 ) އަދި ابن ماجه ( 2187 ) ޞަޙާބީ حَكِيمِ بْنِ حِزَامٍ ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘް ވެއެވެ. ޞަޙާބީ ވިދާޅުވެފައިވެއެވެ. “ﷲގެ ރަސޫލާއެވެ! އަހަރެންގެ އަތުގައި ނެތް އެއްޗެއް އޭނާއަށް ވިއްކައިދިނުމަށް މީހަކު އައިސް ތިމަން ގާތުގައި އެދެއެވެ. ފަހެ، އެ މުދަލެއް އޭނާއަށް ވިއްކުމަށްފަހު، ބާޒާރުން އެ މުދަލެއް ގަތުމަށްފަހު އެ ގަތް މީހާއަށް އެ ޙަވާލު ކުރަމު ހެއްޔެވެ؟” އެހިނދު ޙަދީޘްފުޅު ކުރެއްވިއެވެ. (لا تبِع ما ليسَ عندَكَ) “ތިބާގެ އަތުގައި ނެތް (އަމިއްލައަށް މިލްކު ކޮށްފައިވާ އެއްޗެއް މެނުވީ) ނުވިއްކާށެވެ.”

ޞަޙާބީ حَكِيمِ بْنِ حِزَامٍ އަކީ ވިޔަފާރިވެރިއެކެވެ. ފަހެ، ބައެއްފަހަރު ތަކެތި ގަތުމަށް އަންނަ މީހުން، ގަތުމަށް ބޭނުންވާ އެއްޗެއް އެ ގަންނަހިނދު އަތުގައި ނުހުރެއެވެ. އެހިނދު ނަބިއްޔާ -صلى الله عليه وسلم – ގެ އަރިހުގައި ސުވާލުކޮށްފައިވަނީ، އެ އެއްޗެއް އަތުގައިނެތްހިނދު، ގަންނަން ބޭނުންވާ މީހާއަށް އެ ވިއްކާލުމަށްފަހު، ބާޒާރުން އެ ހޯދައި ގަނެފައި އެމީހާއާ ޙަވާލު ކުރުން ހުއްދަވެގެންވޭ ހެއްޔެވެ؟ ފަހެ، އެހިނދު ނަބިއްޔާ -صلى الله عليه وسلم – ގެ ޖަވާބަކީ، ތިބާގެ އަތުގައި ނެތް އެއްޗެއް ވިއްކައިގެން ނުވާނެކަމެވެ. މާނައަކީ ގަނެވިއްކުމުގެ ޢަޤުދު ކުރެވޭހިނދު، ތިބާގެ އަތުގައިވާ މުދަލެއް މެނުވީ ވިއްކައިގެން ނުވާނެއެވެ.

މި ޙަދީޘްއިން ބަޔާންވަނީ އެމީހަކު އަތުގައި މިލްކު ކޮށްފައިވާ އެއްޗެއް ނުވަތަ އޭނާގެ އަތްމަތީގައި އޭގެ މައްޗަށް ބާރުފޯރުވެވޭ ޙާލަތުގައިވާ އެއްޗެއް މެނުވީ އޭނާއަށް އެ ވިއްކުން ހުއްދައެއް ނުވާނެ ކަމެވެ. ފަހެ، އަތުގައި ނެތް އެއްޗެއް ވިއްކުމުން، އޭނާއަށް އެ ހޯދުމުގެ މައްޗަށް ޔަޤީންކަމެއް ނުލިބޭނެއެވެ. ފަހަރެއްގައި އެ އެއްޗެއް ހޯދިދާނެއެވެ. އަދި ނުހޯދުމަކީވެސް އޭގައި އެކަށީގެންވާ ކަމެކެވެ. ފަހެ، ވުމުން އޭގެ އާޚިރު ނަތީއްޖާއަކީ ކޮބައިކަމެއް ނޭގެއެވެ.

މިއަދު އެތައް ބަޔަކު ސޯޝަލް މީޑިޔާގައި ވިޔަފާރި ކުރާ ސިފައަކީ މިއެވެ. އެގޮތުން ރަށުގައި ހުންނަ ނުވަތަ ޤައުމުގައި ހުންނަ ފިހާރައެއްގައި ވިއްކުމަށް ހުންނަ ތަކެތި އޭނާ އަމިއްލަ ޤޫރޫޕެއްގައި ޖަހައި އެ ލިބެންހުރި ވާހަކަ ބުނެއެވެ. ފަހެ، ޙަޤީޤަތަކީ އެތަކެއްޗަކީ އެހެން މީހަކު މިލްކު ކޮށްފައިވާ އެމީހާގެ ވިޔަފާރި ކުރާ ފިހާރައިގައި ހުރި އެއްޗެކެވެ.

އަދި އޭނާ އެތަކެތި ޤުރޫޕުގައި ޖަހައި، އެކި މީހުންނަށް އެތަކެތި ވިއްކައި، ފައިސާ ނެގުމަށްފަހު، އެ ތަކެތި ވިއްކުމަށް ޖަހާފައިހުރި ފިހާރައަށް އައިސް އެ ގަނެއެވެ. އިސްވެ ދިޔަ ޙަދީޘްގައި ބަޔާންވެގެންވާ ސިފައާ އެއްވެސް ތަފާތެއް ނެތެވެ. މިފަދައިން ރިވެތި ނަންތަކުގައި މިޢަމަލުތައް ކުރާ މީހުންގެ ގިނަ ކަމާއެވެ! ބުނެއެވެ. “ޕްރީ އޯޑަރު ނަގަނީއެވެ.” ނުވަތަ “އޮންލައިންކޮށް އެއްޗެހި ވިއްކަނީއެވެ.”

އަދިވެސް މި ޙުކުމް ބަޔާންވެގެންވާ ޙަދީޘްތަކުގެ ތެރޭގައި صحيح النسائي 4645 ގައި ޞަޙާބީ عبدالله بن عمروގެ އަރިހުން ބަޔާންވެގެންވާ ޙަދީޘްގައިވެއެވެ. (نهى رسولُ اللهِ صلى الله عليه وسلم عن سلفٍ وبيعٍ، وعن بيعِ ما ليس عندَك ….) “އޭނާއަށް ދަރަންޏަށް މިވެނި މިންވަރަކަށް ފައިސާދޭ މަތިން އެއްޗެއް ވިއްކުން ރަސޫލާ -صلى الله عليه وسلم – ނަހީ ކުރެއްވިއެވެ. އަދި ތިބާގެ އަތުގައި (މިލްކުކޮށްފައި) ނުވާ އެއްޗެއް ވިއްކުންވެސް ރަސޫލާ -صلى الله عليه وسلم – ނަހީ ކުރެއްވިއެވެ.”

ފަހެ، އަތުގައި ނެތް ނުވަތަ ތިމާގެ ބެލެހެއްޓުމުގެ ދަށަށް ނާންނަ އެއްޗެއް ގަނެވިއްކުން މަނާވެގެންވާކަން ބަޔާންވެގެންވާ ޙުކުމަކީ ދީނުގައި ނުހަނު ޞަރީޙަ އަދި އޭގައި ފާޅުކަންބޮޑުވެގެންވާ ގޮތުގައި ހުއްދަވެގެން ނުވާނެ ވިޔަފާރިއެއްކަން ބަޔާންވެގެންވެއެވެ. ފަހެ، މިއަދު އާންމުވެފައިވާ މިސިފައިގައި ކުރެވޭ ވިޔަފާރިތަކުގެ މައްޗަށް ﷲއަށް ބިރުވެތިވުން ހުއްޓެވެ.

ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އިމާމް الشيخ عبد العزيز بن باز – رحمه الله – ވިދާޅުވެފައިވެ އެވެ. “(މި މައުޟޫގައި ވާރިދުވެގެންވާ ބައެއް ޙަދީޘްތައް ޛިކުރު ކުރެއްވުމަށްފަހުގައި ވިދާޅުވިއެވެ.) ފަހެ، މި އެންމެހައި ހަދީޘްތަކުން ޙައްޤު ހޯދުމުގައިވާ ފަރާތަށް އެނގި އޮޅުންފިލައިދަނީ، އޭނާ މިލްކުކޮށްފައި ނުވާ އެއްޗެއް މުސްލިމަކު ވިއްކުން ހުއްދަވެގެން ނުވާނެކަމެވެ. (އެއްޗެއް ވިއްކުމަށްފަހު) އެއަށްފަހު އެ އެއްޗެއް އޭނާ ގަނެއެވެ. ފަހެ، އޭނާއަށް ވާޖިބުވެގެންވަނީ، އޭނާ އެ އެއްޗެއް ގަތުމަށްފަހު އޭނާގެ މިލްކުވެރިކަމުގެ ދަށަށް އެ ގެނައުމަށްފަހުގައި އެ ވިއްކުމަށް ލަސްކުރުމެވެ. އަދި (މި ދަލީލުތަކުން ބަޔާންވެގެންވަނީ) ވަރަށްވެސް ގިނަ ބަޔަކު ޢަމަލުކުރާ ގޮތް ކަމުގައިވާ، މުދާ އެ ވިއްކާ މީހަކު އޭނާގެ ފިހާރައިގައި ނުހުންނަހިނދު، އޭނާއަށް އެ މިލްކު ނުވާހިނދު އެ ވިއްކާލުމެވެ. މިއީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެއީ، ނަބިއްޔާ -صلى الله عليه وسلم- ގެ ސުންނަތާއި ޚިލާފްވެގެންވާތީއެވެ. އަދި ޠާހިރުވެގެންވީ ޝަރީޢަތުގައި ކަނޑައެޅި ޤައިދުކޮށްފައިވާ ސިފައާ ޚިލާފަށް މުޢާމަލާތްތައް ކުޅިވަރެއްގެ ގޮތުގައި ހަދާފައިވުމެވެ. އަދި މިފަދައިން ޢަމަލު ކުރުމަކީ ފަސާދައާއި ނުބައި ކަންތައްތައް އަދި އޭގެ ނިމުމުގެ ހިތިކަން ﷲ މެނުވީ އެހެންފަރާތެއް ދެނެވޮޑިގެން ނުވާނެ ޢަމަލެކެވެ.” مجموع فتاوى 19 / 52

މިތަނުގައި މީސްތަކުންގެ ތެރޭގައި ޢާންމުވެފައިވާ މި ޙަލާލުވެގެން ނުވާ މުޢާމަލާތުގެ ސިފަ މިޘާލެއްގެ ގޮތުގައި ބަޔާން ކުރަމެވެ.

އެސްޓާސް ފިހާރައިގައި އެތައް މުދަލެއް ފިހާރަ އަދި އޮންލައިންކޮށް ވިއްކުމަށް ޖަހާފައި ހުރެއެވެ. ފަހެ، އެއީ މުދާތައް މިލްކުވެރި އަދި މުދާތައް އޭގެ މިލްކުވެރިން ވިއްކުމަށް ކަނޑައަޅާފައިވާ ތަންތަނެވެ. އެހެނަސް އެހެން މީހަކު، އޮންލައިން ސްޓޯރެއް ހުޅުވައި، އެސްޓާސް ފިހާރައިގައި ހުރި މުދާތަކުގެ ފޮޓޯތައް ޖަހައި އެއީ އޭނާ ވިއްކާ ތަކެއްޗެއް ކަމުގައި ހަދައި ވިޔަފާރި ކުރެއެވެ. އަދި އޭނާއަށް ގުޅާ ކަސްޓަމަރުންނަށް އޭނާގެ އެ މުދާތައް ވިއްކައެވެ. މުދަލުގެ އަގު ލިބުމުން އޭނާ އެސްޓާސް ފިހާރައިން އެ މުދާ އެއަށްފަހުގައި ގަނެއެވެ. އަދި ބުނާ ތަނަކަށް ޑެލިވަރީ ކޮށްދެއެވެ.

އެއްވެސް ޝައްކެތްނެތް ގޮތުގައި މިއީ ޙަދީޘްގައި ބަޔާންކޮށްފައިވާ ޙަރާމްވެގެންވާ މުޢާމަލާތެވެ. ހުއްދަވެގެން ނުވާ ސިފައިގައި ވިޔަފާރި ކުރުމުގެ ނަމުގައި ކޮށްފައިވާ ފާފަވެރި ޢަމަލެވެ. މިފަދައިން ބޭރުގެ އޮންލައިން ސައިޓްތަކުންވެސް ކުރުމަކީ ޙުކުމުގައި އެއްފަދަ ކަމެކެވެ.

މި ސިފައިގައި ވިޔަފާރި ކުރުމަށްޓަކައި ޕްރީ އޯޑަރަށް ދެބައިކުޅަ އެއްބައި ނަގަނީ ކަމުގައި ބުނެ ތިމާ މިލްކު ނުކުރާ މުދަލަށް ފައިސާ ނެގުންވެސް ވަންނާނީ ހުއްދަ ނޫން ޢަމަލުގެ ތެރެއަށެވެ.

ނިންމާލުމުގެ ކުރީގައި ބުނަމެވެ. ދީނުގައި ސަލްމު ނުވަތަ ސަލަމްގެ ވިޔަފާރިއަކީ އެހެން މުޢާމަލާތެކެވެ. އެއީ ތިމާގެ އަތުގައި، މިލްކު ނުވާ އެއްޗެއް ވިއްކުމާއި މުޅިން ތަފާތު ވިޔަފާރިއެއް ކަމުގައި ދަންނައެވެ.

މި ސިފައާއި ސަލަމްގެ ވިޔަފާރި އަކީ މުޅިން ތަފާތު ކަމެކެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.