ވިޔަފާރި ކުރާ މީހެއްގެ އަތުގައި ހުންނަ، އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައި ހުންނަ މުދަލުން ޒަކާތް ނެރެން ޖެހޭނެ ހެއްޔެވެ؟

mudhaluge zakaai

ވިޔަފާރި ކުރާ މީހެއްގެ އަތުގައި ހުންނަ، އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައި ހުންނަ މުދަލުން ޒަކާތް ނެރެން ޖެހޭނެ ހެއްޔެވެ؟

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ފުރަތަމައީ: (ޒަކާތުގެ ތެރެއަށް ވަންނަ ތަކެތި) އެމީހެއްގެ އަތުގައި ނިޞާބް ހަމަވެ، އެގޮތުގައި އެއްއަހަރުގެ (ހިޖްރީ އެއް އަހަރު) ވޭތުވެއްޖެހިނދު، އެމީހާގެ އަތުގައިވާ ތަކެތިން ޒަކާތް ނެރެންޖެހޭނެއެވެ.

މިޘާލަކަށް ޒަކާތުގެ ނިޞާބަކީ 5 ހާސް ރުފިޔާއެވެ. އެމީހާގެ މުސާރަ ޖަމަޢަކޮށްފައިވެ، އަދި ލިބޭ އެހެނިއެން އާމްދަނީން ލިބިފައިވާ ފައިސާ ރައްކާކޮށްފައި ހުންނަ ހުރުމުގައި މި ޢަދަދަށްވުރެ މަތީގައިވެ ހިޖުރީ އެއް އަހަރު ފާއިތު ވުމުން އެއީ ޒަކާތް ދައްކަންޖެހޭ މުދަލުގެ ތެރެއަށް އެ މުދާ ވަނީއެވެ.

ވުމުން، އެމީހެއްގެ އަތުގައި ވިޔަފާރިކުރާ ތަކެތި ހުރެއްޖެ މީހާ، އެތަކެތީގެ އަގު ހެދުމުން 5 ހާސް ނުވަތަ އެއަށްވުރެ މަތީގައި ހުންނަ ނަމަ، އެހިނދު އެމީހަކު އެވަނީ ޒަކާތުގެ ނިޞާބު ނުވަތަ ނިޞާބު ހަމަވެފައިވާ ފަރާތެއްގެ ގޮތުގައެވެ. އެގޮތުގައިވެ އަހަރު ދުވަސް ވަނުމުން، ޒަކާތް ނެރެން ޖެހޭނެއެވެ.

އެގޮތުން އަތުގައިވާ ފައިސާގެ ތެރެއަށް ވިއްކަން ހުރި ތަކެތި ވިއްކާ އަގުން އަގުކޮށް ފައިސާގެ ތެރެއަށް އެ އަގު އެއްކޮށްލާނީއެވެ. އަދި އޭގެ ސާޅިސް ބައިކުޅަ އެއްބައި ނެރޭނީއެވެ.

އަދިވެސް އިތުރަށް ކިޔައިދެމެވެ.

މިޘާލަކަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އެމީހާ ޒަކާތް ނެރެން އަހަރުހަމަވާ ދުވަހެވެ. 5 ހާހަށްވުރެ މަތީގައިވެ ޒަކާތް ދައްކައިފިއެވެ. ބައްޔެއްވެ ޛުލް-ޤައިދާ މަހުގައި 2 ހާސް ރުފިޔާ ފިޔަވައި އެހެން ހުރިހައި ފައިސާއެއް ޚަރަދު ކޮށްފިއެވެ. ފަހެ، ޛުލްޤައިދާ މަހާއި، ޙައްޖުމަހާއި، މުޙައްރަމް، ސަފަރު ނިމިގެންދިޔައިރުވެސް 5 ހާސް ރައްކާކުރެވިފައި ނުވެއެވެ. މާނައީ، ނިޞާބް ހަމަ ނުވެއެވެ. އެގޮތުގައިވެ، ޝަޢުބާން މަސް އައިހިނދު 12 ހާސް ރުފިޔާ އަތުގައި ހުއްޓެވެ. ވުމާއެކު، މިހާރު 12 މަސް ގުނަން ފަށާނީ ޝަޢުބާން މައްސަރުންނެވެ. ސަބަބަކީ އޭގެ ކުރިން އަތުގައި ނިޞާބް ހަމަވެފައި ނުވުމެވެ. 5 ހާހަށް ނުވަތަ އެއަށްވުރެ މައްޗަށް އަރާފައިވަނީ ޝަޢުބާން މަހުގައެވެ.

ދެވަނައީ: ނިޞާބް ހަމަވެ، އެގޮތުގައި އެއް އަހަރު ވޭތުކޮށްފައިވާ ފައިސާ ނުވަތަ ނަޤުދުފައިސާއަށް އަގުކުރެވޭ ވިޔަފާރި މުދާ، މިތަކެތިން ޒަކާތް ނެރޭނީ 40 ބައިކުޅަ އެއްބައެވެ. 40 އިން ގެއްލުމުން އަންނަ ނަތީއްޖާއަކީ ޒަކާތެވެ. މިޘާލަކަށް އަހަރު ހަމަވިއިރު އަތުގައި ހުރި ފައިސާ އަދި ވިއްކާ މުދާތައް ޙިސާބުކޮށް ބެލިއިރު ޢަދަދަކީ 40 ހާސްއެވެ. އެހިނދު އެއިން ޒަކާތް ނެރޭނެ މިންވަރަކީ 1 ހާސް ރުފިޔާއެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.