![Wudhu kurumugai fenlumuge adhadhu Wudhu kurumugai fenlumuge adhadhu](https://albayaanmv.com/wp-content/uploads/2022/02/text-description-automatically-generated-with-med-678x509.png)
ވުޟޫ ކުރުމުގައި ތިން ފަހަރު ފެން ލެވުނުކަން ހަނދާން ނެތިއްޖެނަމަ ޢަމަލު ކުރާނީ ކިހިނެއް ހެއްޔެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ވުޟޫ ކުރާމީހާ ވުޟޫގެ ގުނަވަންތަކަށް 3 ފަހަރަށް ފެން ލުމާއިމެދު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ވުޟޫ ކުރާ މީހާ ވުޟޫ ގުނަވަންތައް، 3 ފަހަރަށް ދޮވުމަކީ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވާ ގޮތުގައި ވާޖިބުވެގެންވާ ކަމެއް ނޫނެވެ. މިފަދައިން ޢިލްމުވެރިން އިއްތިފާޤުވެގެންވާކަން ޛިކުރުކޮށް ނަޤުލު ކުރައްވާފައިވާ ޢިލްމުވެރިންގެ ތެރޭގައި ابن رُشد، النووي، ابن حَجر، الصنعانِي އަދި الشوكانِي – رحمهم الله – ހިމެނިވަޑައިގަންނަވައެވެ.
އިމާމް ابن رُشد – رحمه الله – ވިދާޅުވެފައިވެއެވެ. “ވުޟޫ ކުރުމުގައި ދޮވުމަށް ޤަޞްދު ކުރެވިގެންވާ ގުނަވަންތައް ދޮވުން ވާޖިބުވެގެންވާ މިންވަރަކީ 1 ފަހަރު ދޮވުން ކަމުގައި އުއްމަތުގެ ޢިލްމުވެރިން އިއްތިފާޤުވަޑައިގެންފައިވެއެވެ.”
އިމާމް النووي – رحمه الله – ވިދާޅުވެފައިވެއެވެ. “އެންމެހައި ޢިލްމުވެރިން އިޖްމާޢުވެވަޑައިގެންފައިވަނީ އެއްފަހަރު ދޮވުން ވާޖިބުވެގެންވާކަމުގައެވެ.”
އެބަހީ : ވާޖިބުވެގެންވާ މިންވަރަކީ އެއްފަހަރު ދޮވުމެވެ.
ނަބިއްޔާ -صَلَّى اللهُ عليه وسلَّمَ- ވުޟޫ ކުރެއްވިހިނދު ގުނަވަން އެއްފަހަރު ދޮވުނުކަން ބަޔާންވެގެންވާ ރިވާޔަތްތަކުގެ ތެރޭގައި ވެއެވެ.
އިމާމް البُخَارِي، ޞަޙާބީ ابن عباس – رضي الله عنهما – ރިވާކޮށްފައިވާ ރިވާޔަތުގައިވެއެވެ. (تَوَضَّأَ النبيُّ صَلَّى اللهُ عليه وسلَّمَ مَرَّةً مَرَّةً) “ނަބިއްޔާ -صَلَّى اللهُ عليه وسلَّمَ -ވުޟޫ ކުރެއްވިހިނދު އެއްފަހަރުން ފެންލައި ގުނަވަންތައް ދޮވެލެއްވިއެވެ.”
ޙަދީޘްއިން ބަޔާންވެގެންވަނީ 3 ފަހަރު ކޮންމެ ގުނަވަނެއް ދޮވުން އެއީ ވާޖިބު ކަމެއްގެ ގޮތުގައިވާނަމަ ނަބިއްޔާ 3 ފަހަރަށް ދޮވުމުގައި ލާޒިމްވެ ދެމިހުންނެވީހެވެ.
ކޮންމެ ގުނަވަނެއް 1 ފަހަރު ދޮވުން ހުއްދަވެގެންވާކަމާއި އަދި 2 ފަހަރަށް ދޮވުންވެސް ހުއްދަވެގެންވާކަމާއި އަދި 3 ފަހަރަށް ދޮވުންވެސް ހުއްދަވެގެންވާކަން ބަޔާންވެގެންވެއެވެ.
އެންމެ ހެޔޮވެގެންވަނީ އަދި އަޥްލާވެގެންވަނީ 3 ފަހަރަށް ދޮވުންތޯ ނުވަތަ އޭގައި ހެޔޮކަން ބޮޑުވެގެންވަނީ އެކިފަހަރު އެކި ޢަދަދުން ދޮވުންތޯ، މި މައްސަލައިގެ މައްޗަށް ޢިލްމުވެރިން ޚިލާފްވަޑައިގަންނަވާފައިވެއެވެ.
މާނައަކީ، ހެޔޮކަން ބޮޑުވެގެންވަނީ އެ ދަނޑިވަޅެއްގައި މަޞްލަޙަތު ރިއާޔަތް ކުރާ ސިފައަކަށް ބަލައިގެން އެ ފަދައިން އެންމެ މަޞްލަޙަތު އޮތް ސިފައިގައި ވުޟޫ ކުރާހިނދު އެ ޢަދަދުން ދޮވުމެވެ.
އެކަމަށް އެބޭކަލުން ގެންނަވާފައިވާ ފައިދާ ތަކުގެ ތެރޭގައި ހިމެނިގެންވެއެވެ.
އެކިފަހަރުގައި އެކި ޢަދަދަށް ގުނަވަނަށް ފެންލުމުން ( 1 ފަހަރު ނުވަތަ 2 ފަހަރަށް ނުވަތަ 3ފަހަރަށް) ފެންލުމުން، މާތް ނަބިއްޔާ -صلى الله عليه وسلم – އެކިފަހަރު އެކި ޢަދަދަށް ފެންލައި ވުޟޫ ކުރެއްވި ސިފަތައް އެމީހަކު އޭނާ ވުޟޫ ކުރުމުގައި ޖަމަޢަކުރުން ވެއެވެ.
ބައެއް ފަހަރު ވުޟޫ ކުރުމުގައި އެއްފަހަރު އެ ގުނަވަނަށް ފެންލުން ނުވަތަ 2 ފަހަރަށް ފެންލުން އެއީ އެންމެ މަޞްލަޙަތު އޮތް ގޮތް ކަމުގައިވެސް ވެދާނެއެވެ. މިޘާލަކަށް މަދުން ފެން ހުރުމުގެ ސަބަބުން، ފެނުން އިޤްތިޞާދު ކުރުމުގައި އެންމެ އަޥްލާވެގެންވާ ގޮތަކީ 1 ފަހަރު ފެން ލުން ކަމުގައިވާނެތީއެވެ.
ނުވަތަ ޖަމާޢަތުގައި ނަމާދު ކުރެވެމުން ދަނީއެވެ. އަދި އޭނާއަށް ނަމާދު ފާއިތުވެދިއުމުގެ ފުރުސަތު އެބަ އޮތެވެ. ފަހެ، އެހިނދު ވުޟޫގެ ގުނަވަންތައް ފުރިހަމައަށް ދޮވެވޭ ގޮތުގައި ކޮންމެ ގުނަވަނެއް އެއްފަހަރު ދޮވެލުން އެއީ އެމީހަކަށް ޖަމާޢަތް ހޯދޭނެ ސަބަބެއް ކަމުގައިވާ ދަނޑިވަޅުގައި އެންމެ ހެޔޮވެގެންވަނީ އެއްފަހަރު ފެންލައި ގުނަވަން ފުރިހަމައަށް ދޮވެލުމެވެ. ފަހެ، އެހިނދު ޖަމާޢަތް ލިބޭނެއެވެ.
ވުމުން މައްސަލައިގެ އެންމެ ހެޔޮވެގެންވާ ޤައުލަކީ، އެކި ފަހަރު ޢަދަދު ތަފާތުކޮށް (1، 2 ނުވަތަ 3 ފަހަރުން) ގުނަވަންތައްދޮވެ ވުޟޫ ކުރުމެވެ.
ދެން އޮތީ، ވުޟޫގެ ގުނަވަނުގައި ފެން ލެވުނު މިންވަރާއި މެދުގައި ހަނދާންނެތުނު މީހާ ޢަމަލު ކުރާނެ ގޮތާއި މެދުގައެވެ.
ޝައްކުވަނީ ތިމަންނައަށް އެ ގުނަވަނަށް ފެން ލެވުނީ 3 ފަހަރަށް ނުވަތަ 2 ފަހަރަށް ކަމާއި މެދުގައެވެ. ފަހެ، އެހިނދު ޔަޤީންވާ ޢަދަދުގެ މައްޗަށް ބިނާ ކުރާށެވެ. އެއީ، ހަމަޔަޤީނުންވެސް 2 ފަހަރަށް ލެވުނުކަން ޔަޤީންވެއެވެ. ޝައްކުވަނީ 3 ފަހަރަށް ލެވުމާއި މެދުގައެވެ. ވުމުން 2 ފަހަރަށް ލެވުނު ކަމުގެ މައްޗަށް ބިނާކޮށް ކުރިއަށް ދާނީއެވެ. އެހިނދު އިތުރަށް 1 ފަހަރަށް ފެންލުމުން 3 ފަހަރަށް ލެވުނުކަން ޔަޤީން ކުރެވުނީއެވެ.
އިތުރު ފައިދާއެއްގެ ގޮތުގައި ބުނަމެވެ. ވުޟޫގެ ގުނަވަންތަކަށް ފެންލުމުގައި އެންމެ ގިނަ މިންވަރަކީ ދޮންނަ ގުނަވަންތަކަށް 3 ފަހަރު ފެން ލުމެވެ. އެއަށްވުރެ ގިނައިން ފެން ލުމަކީ ބިދުޢަވެރި ޢަމަލެކެވެ.
عَبْدُاللهِ بِن مُغَفَّل – رضي الله عنه – ގެ އަރިހުން ރިވާކުރެވިގެންވެއެވެ. ނަބިއްޔާ -صلى الله عليه وسلم- ޙަދީޘް ކުރެއްވިއެވެ. (إِنَّهُ سَيَكُوْن فِيْ هَذِه الأُمَّةِ قَوْمٌ يَعْتَدُوْنَ في الطهُوْر) أحمد (٤/٨٦) “ހަމަކަށަވަރުން ތިމަން ނަބިއްޔާގެ އުއްމަތުގައި ޙަދަޘަ އެރިގަތުމުގައި ޙައްދުފަހަނައަޅައިދާ ބަޔަކު ވާނެތެވެ.” ޙަދީޘްގެ ލަފްޟުގައި ބަޔާންވެގެންވާ ފަދައިން މިއީ ޙައްދު ފަހަނައެޅުމުގައިވާ ޢަމަލެކެވެ.
الإِمَام التِّرمِذي – رحمه الله – عَبدُ الله بن مُبَارك ގެ އަރިއަހުން ނަޤުލުކުރައްވާފައިވެއެވެ. (ވިދާޅުވިއެވެ.) “ވުޟޫ ކުރުމުގައި ތިން ފަހަރަށްވުރެ ގިނަކޮށްފި މީހާ ފާފަވެރި ވާނެ ކަމުގެ މައްޗަށް އަމާންކަމެއް ނެތެވެ. އަދި الإمَام أَحمَدُ އާއި إِسْحَاق ވިދާޅުވެފައިވެއެވެ. ފިތުނަވެރިވެފައިވާ މީހަކު މެނުވީ ތިންފަހަރަށްވުރެ އިތުރެއް ނުކުރާނެތެވެ.” الترمذي في جامعه (٤٤)
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.