ނަމާދުގެ އައްތަޙިއްޔާތުގައި އިންނަ ހިނދު ޝަހާދަތް އިނގިލި ޙަރަކާތް ކުރުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟

ahthahiyaathugai ingili harakaai kurun

ނަމާދުގެ އައްތަޙިއްޔާތުގައި އިންނަ ހިނދު ޝަހާދަތް އިނގިލި ޙަރަކާތް ކުރުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

އައްތަހިޔާތުގައި އިށީނދެ އިންނައިރު އިނގިލިން އިޝާރާތްކޮށްގެން އިންނަ މީހާ އިނގިލިން ޙަރަކާތް ކުރާނެ ސިފައާ މެދުގައި ކުރެވިފައިވާ ސުވާލުގެ މައްޗަށް ބުނަމެވެ.

ފަހުގެ ދުވަސްތަކުގައި އުއްމަތަށް ފާޅުވި މުޙައްދިޘް އަދި ޙަދީޘް ޢިލްމުގައި އެފަދަ ދެވަނަ ބޭކަލެއް ނުވާ الإمام المحدث محمد ناصر الدين الألبانِي -رحمه الله- ދެއްވާފައިވާ ފަތުވާއެއް މިތަނުގައި ލިޔަމެވެ. މި ބަސްފުޅުތަކަކީ ޝެއިޚް މިސްކިތަކަށް ވަޑައިގެން އެތަނުގައިވި އަހުލުވެރިން ނަމާދުގައި އިނގިލި ޙަރަކާތް ކުރައްވާތަން ފެނިވަޑައިގެންނެވުމުން އެބައިމީހުންނަށް ޙަރަކާތް ކުރަންވީގޮތް އުނގަންނައިދީފައިވާ ފަތުވާއެކެވެ. ޝެއިޚް ވިދާޅުވެފައިވެއެވެ.

“އެބައިމީހުން ނަމާދުގެ އައްތަހިޔާތުގައި އިނގިލި ޙަރަކާތް ކުރުމާއި މެދު، މިތަނަށް ޙާޟިރުވެތިބި އަހަރެމެންގެ އެންމެހައި އަޚުންނަށް ހަނދުމަކޮށްދިނުމަށް އަހަރެން ބޭނުންވެއެވެ.

ނަމާދުގައި އިނގިލި ޙަރަކާތް ކުރުމުގައި ޝަރީޢަތުގައި ކަނޑައެޅިފައި ނުވާ އިތުރު ޙަރަކާތްތަކެއް ގެނެސްފައިވެއެވެ. އެއްވެސް ޝައްކެތް ނެތެވެ. އައްތަހިޔާތުގައި އިނގިލި ޙަރަކާތް ކުރުމަކީ ސުންނަތެކެވެ. އެހެނަސް އަހަރެމެންގެ ތެރޭގައިވާ ނަމާދުކުރާ ވަރަށްވެސް ގިނަ ސުންނަތުގެ އަހުލުވެރިން، ސުންނަތުގައި ވާރިދުވެގެންނުވާ ޙަރަކާތްތައް ގެނެސްފައިވެއެވެ. އެއީ އިނގިލި ތިރި ކުރުމާއި މައްޗަށް އުފުލައި ހެދުމެވެ.

މި މިސްކިތުގައި އަހަރެންނަށް ފެނުނު އެއް މަންޒަރަކީ، މި މިސްކިތުގެ އިމާމް – ﷲ އިމާމްއަށް ހެޔޮ ޖަޒާ ދެއްވާށިއެވެ – ސުންނަތް ފެތުރުމަށް އިމާމް ނުހަނު ބުރަ މަސައްކަތް ކުރައްވައެވެ.

މި މިސްކިތުގައި ނަމާދުކުރާ ބައެއް މީހުން އައްތަހިޔާތުގައި އިނގިލި ޙަރަކާތް ކުރާތަން އަހަރެންނަށް ފެނުނެވެ. މިއީ، މިސްކިތުގެ އިމާމް އަދާކުރަންޖެހޭ ވާޖިބު އަދާކޮށްފައިވާކަން ދޭހަކޮށްދޭ ދަލީލެކެވެ. الحَمدُ لله އެވެ. އަހަރެމެންނަށް ވާޖިބުވެގެންވަނީ ސުންނަތަށް ދަޢުވަތު ދިނުމެވެ. އެފަދައިން އިނގިލި ޙަރަކާތްކުރި ބައެއް ފަރާތްތައް އަދި މި ދަތުރުގައި އަހަރެމެންނާ އެކުގައި ބައިވެރިވާ ބައެއް އަޚުން އައްތަހިޔާތުގައި ޙަރަކާތްކުރާހިނދު އެ ޙަރަކާތުގެ ތެރެއަށް، އިނގިލި ތިރިކޮށް އަދި މައްޗަށް އުފުލައި ހެދުން ހިމެނެއެވެ. ޔަޢުނީ: މިފަދައިން އިނގިލި ތިރިއަށް ގެނައުމާއި މައްޗަށް އުފުލުމަކީ ސުންނަތުގައި އެކަމަށް އެއްވެސް އަޞްލެއް އޮތް ކަމެއް ނޫނެވެ. އިނގިލި ތިރިކޮށް މައްޗަށް އުފުލުމަކީ ސުންނަތުގައި އެކަމަށް އެއްވެސް އަޞްލެއްއޮތް ކަމެއް ނޫނެވެ.

ސުންނަތުގައި އައިސްފައިވަނީ ޙަރަކާތް ކުރުމެވެ. މާނައަކީ، ޙަރަކާތް ކުރުމުގައި އަބަދުވެސް އިނގިލި ޤިބްލައަށް ބެހެއްޓުމަށް ސަމާލުކަން ދިނުމެވެ. ޤިބްލައަށް ބަހައްޓައިގެން ޙަރަކާތް ކުރާހިނދު، އެ ޙަރަކާތުގައި އިނގިލި ތިރިކުރާކަށް ނުޖެހޭނެއެވެ.

އަދި ޙަރަކާތް ކުރުމުގައި އިނގިލި ތިރިކޮށްފިހިނދު، އިނގިލި ހުންނާނީ ބިންމައްޗަށް އިޝާރާތް ކުރެވޭ ގޮތަށެވެ. ބިންމައްޗަކީ ތިބާއަށް ޤިބްލަކަމުގައި ނުވެއެވެ. އެހެނަސް ޤިބްލަވަނީ ތިބާގެ މޫނާ ދިމާލަށެވެ.

ފަހެ، އަތްތިލަ އޮންނާނީ ކަކުލުގެ މަތީގައެވެ. އައްތަހިޔާތަށް އިށީނުމާއެކު، އެންމެހައި އިނގިލިތަކެއް އަތްތިލައިގެ ތެރެއަށްލައި، މެދު އިނގިއްޔާއި ބޮޑުވައި (ވައްބުރަކަށްވާ ގޮތަށް ޖައްސައި) އިނގިލި ޖައްސައި، ޝަހާދަތް އިނގިލި ހުޅުވައި، ޝަހާދަތް އިނގިލިން ޙަރަކާތް ކުރާނީއެވެ. އެ ޙަރަކާތް ކުރުމުގައި އެއްވެސް ގޮތަކަށް އިނގިލި ތިރިކުރުމެއް އަދި މައްޗަށް އުފުލުމަށް އެއްވެސް އަޞްލެއްނުވެއެވެ.

އެހެނަސް ޙަރަކާތް ކުރުންއޮތީ އިނގިލި ސީދަލަށް ބަހައްޓައިގެންނެވެ. މިއީ، މި މަޖްލިސްގައި އަހަރެން ތިޔަ ފަރާތްތަކަށް ހަނދުމަކޮށްދިނުމަށް ބޭނުންވި އެއްޗެވެ. ފަހެ، ހަނދުމަކޮށްދިނުމަކީ މުއުމިނު އަޅުތަކުންނަށް ފައިދާކުރާނެ ކަމެކެވެ.”

رقم الشـريط( 494 ) الفتوى (4) كيفية تحريك الإصبع في التشهد

އަޚުންނާއި އުޚްތުންނޭވެ! ސަލަފީ ދަޢުވަތް، ދަޢުވަތުލް ސަލަފިއްޔާ، އަކީ އަހަރެމެން އެމަންހަޖަކަށް ދަޢުވަތުދޭ މަންހަޖެވެ. އެއީ ޤުރުއާނާއި ސުންނަތް ޞަޙާބީންނަށް ފަހުމްވެވަޑައިގެންނެވި ގޮތަށް ޢަމަލު ކުރުމެވެ. އެފަދައިން ބަޔާން ކުރުމެވެ. އަހުލުއް ސުންނަތަކީ މިއެވެ.

އަދި ތާބީއީންނަށް އަދި އެއަށްފަހުގައި ތާބިޢީ ބޭކަލުންނަށް ތަބަޢަވަވަޑައިގެންނެވި އިމާމުންނެވެ. އެފަދައިން އެކިއެކި ޖީލުތަކުގައި އެބޭކަލުން އެ ހިދާޔަތް އުފުލައި، ބަޔާންކޮށް މިއަދާހަމައަށްވެސް ފޯރުކޮށްދިން ގޮތުގައި ދަޢުވަތް ދިނުމެވެ. ފަހެ، މިއީ އެކަކުގެ ކިބައިން އަނެކަކު އުފުލައި މި ދަޢުވަތް ފޯރު ކޮށްދިނުމުގައިވާ މަންހަޖެވެ.

ފަހެ، އެގޮތުން ކޮންމެ ޒަމާނެއްގައިވެސް ﷲ އެފަދަ މުޖައްދިދުން ދުނިޔެއަށް ފާޅުކުރައްވާ މީސްތަކުންގެ ތެރޭގައި ދޫކޮށްލެވިފައިވާ އަދި ޙައްޤުން އެއްކިބާވެފައިވާ ކަންތައްތައް އެ އިމާމުން ފާޅުވެ ޙައްޤު މަގުގައި ޤާއިމްކޮށްދެއެވެ. ފަހެ، އިމާމް އަލް-އަލްބާނީ އަކީ އެފަދަ ބޭކަލެއް ކަމާއިމެދު އުއްމަތް ދެބަސްނުވެއެވެ. ބާޠިލް ފިކުރު ތަކާއި، ބަސްތައް އަދި ޢަޤީދާތައް އަހަރެމެން މިނެކިރާނީ މިފަދަ އިމާމުންގެ ބަސްތަކުގެ މަތިންނެވެ. ޙައްޤުމަގުގައި ބަސްތަކާއި ހުއްޖަތްވުން އެންމެ އަޥްލާވެގެންވަނި މި އިމާމުންގެ ބަސްފުޅެވެ.

ދެންއޮތީ މި އިމާމްގެ އަރިހުން އިނގިލި ޙަރަކާތް ކުރުމާއިމެދުގައި ވާރިދުވެގެންވާ ޢަމަލީ ސިފައެވެ. މިއަދު މައްކާގައިވާ ޢިލްމުވެރިޔާ الشيخ محمد عمر بازمول – حفظه الله – އާއި އިމާމް الألبَانِي – رحمه الله – ދެމެދު ހިނގައި ދިޔަ ޙާދިޘާއެއް ބަޔާން ކުރަމެވެ.

“މަޣްރިބު ނަމާދުގެ ވަޤުތު ވަނީ ގާތްވެފައެވެ. ޢަޒީޒިއްޔާ ކައިރީގައި އޮންނަ އަވަށްގަނޑަކަށް އަހަރެމެން ދިއުމަށް ކާރު ދުއްވާލީމެވެ. ފަހެ، އެހިނދުގައި الشيخ ވިދާޅުވިއެވެ.

“މިތާ ކައިރީގައި މިސްކިތެއް ނެތް ހެއްޔެވެ؟”

ޝެއިޚް އަރިއަހުގައި ދެންނެވީމެވެ. “އާދޭހެވެ. ޝެއިޚްއެވެ. އެހެރަ ހިސާބުގައި ހުންނާނެއެވެ.”

އަހަރެމެން ކާރުގައި “ޝާރިޢު ޚަދަމާތް” މަގަށް ވަދެ، އެ މަގުން ގޮސް ވަރަށްވެސް ހަނި ގޯޅިއަކަށް ވަނީމެވެ. އެ ގޯޅީގައި މިސްކިތެއް ހުއްޓެއެވެ. އެތަނުގައި ކާރު ބޭއްވުމަށް ފަހު މިސްކިތަށް ވަނީމެވެ.

ޤަމަތްދީ ނަމާދުކުރުމަށް ފެއްޓުނެވެ. އަހަރެން الشيخ އާ ވަރަށް އަރިއަހުގައި ހުރުމަށް ކަނޑައަޅައިގެން ހުރީމެވެ. އެއްވެސް ގޮތަކަށް ޝެއިޚަށް ދަތިފުޅު ވެދާނެގޮތަކަށް ހުންނާކަށް ބޭނުމެއް ނުވެއެވެ. އަހަރެން ބޭނުންވީ الشيخ ވަރަށްވެސް ހިތްޕުޅުހަމަޖެހިވަޑައިގެން ހުންނަވައިގެން ނަމާދުކުރެއްވުމަށެވެ. އެހެނަސް الشيخ ނަމާދު ކުރެއްވުމުގައި ސުންނަތުގައި ޤާއިމްވެ ހުންނެވުމަށް ވަރަށްބޮޑަށް ބޭނުންފުޅުވެއެވެ. އަދި ނުހަނު ގަދައަޅާ މަސައްކަތްޕުޅު ކުރައްވައެވެ. ފަހެ، އެގޮތުން ފައިތިލައާ ފައިތިލަ ޖައްސަވާފައި ބަހައްޓަވައެވެ. އަދި އެ ސަފުގައި އަހަރެންނާއި الشيخ އާ ދެމެދުގައި ހުރި ހުސްޖާގަ الشيخ ބައްދާލެއްވިއެވެ. އަހަރެން ހުރީ ޝެއިޚް ނަމާދު ކުރައްވާ ގޮތް ވަރަށްބޮޑަށް ބަލަން ބޭނުންވެފައެވެ. އެއީ ނަމާދު ޞައްޙަކޮށް ކުރާނެ ސިފަ އުނގެނިގަތުމަށްޓަކައެވެ.

އަހަރެންނަށް އެންމެބޮޑަށް ފާހަގަވި އެއްކަމަކީ، އައްތަހިޔާތުގައި އިށީނދެވަޑައިގެން އިންނަވާ ޝަހާދަތް އިނގިލިފުޅުން އިޝާރާތްކުރައްވާ ހަރަކާތް ކުރައްވާ ހިނދުގައި، ޝަހާދަތް އިނގިލިފުޅު މައްޗަށާއި ތިރިއަށް ހަރަކާތެއް ނުކުރައްވައެވެ. އަދި ޝަހާދަތް އިނގިލިފުޅު ކަނާތްފަރާތް ނުވަތަ ވާތްފަރާތަކަށް ވެސް ބޮޑަށް ހަރަކާތެއް ނުކުރައްވައެވެ. އެހެނަސް އިނގިލިފުޅުން އިޝާރާތްކުރައްވާ، ޙަރަކާތް ކުރައްވަނީ ވަރަށްވެސް މަޑުމަޑުން ލުއިކޮށެވެ. ނަމާދުކުރައްވާ ނިމިވަޑައިގަތުމުން އަހަރެން الشيخ އަރިއަހުގައި ދެންނެވީމެވެ.

“އައްތަހިޔާތުގައި އިށީނުމަށްފަހު، ޝަހާދަތް އިނގިލިން ޙަރަކާތްކުރުމާ ބެހޭ ގޮތުން الشيخ ވިދާޅުވެފައިވާ ބަސްފުޅު އަޑުއެހީމެވެ. އެހެނަސް އެކަންކުރަންވީ ގޮތް، އޮންނަންވާ ގޮތުގައި ދެންމެއަކު ނޫނީ އޮޅުންނުފިލައެވެ.”

ފަހެ، އެހިނދު الشيخ ހިނިފުޅުވެޑުވިއެވެ. އަދި އަހަރެންނަށް ހީވާ ގޮތުގައި الشيخ ވިދާޅުވިއެވެ. “الحمد لله އެވެ.”

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.