ކީރިތި ޤުރުއާނުގައި އަތްލާ ކުރި ހުވަޔަކީ ދޮގު ހުވައެއްކަން ސާބިތުވެފައިވާ މީހެއްގެ ފަހަތުގައި ނަމާދު ކުރުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟

ކީރިތި ޤުރުއާނުގައި އަތްލާ ކުރި ހުވަޔަކީ ދޮގު ހުވައެއްކަން ސާބިތުވެފައިވާ މީހެއްގެ ފަހަތުގައި ނަމާދު ކުރުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ސުވާލުގައި ދެކަމެއް އިޝާރާތް ކޮށްފައި ވުމުން، އެ ދެބަޔަށް ބަލާލަމެވެ.

ފުރަތަމައީ: މުޞްޙަފުގައި އަތް އަޅައިގެން ނުވަތަ އަތް ލައިގެން ހުރެ ހުވާ ކުރުމެވެ.

މި ޢަމަލަކީ ދީނުގައި އެކަމަށް އެއްވެސް އަޞްލެއް ވާރިދުވެގެންވާ ޢަމަލެއް ނޫންކަން ދަންނައެވެ. މި ޢަމަލަކީ އުއްމަތުގެ ސަލަފުއް ޞާލިޙުން ދެނެވަޑައިގެންނެވި ކަމެއް ނޫނެވެ. މިއީ މާތް ނަބިއްޔާގެ އަޞްޙާބު ބޭކަލުން ދެނެވަޑައިގެންނެވި ކަމެއް ނޫނެވެ. އަދި ކިޔެއްތަ! އަޞްޙާބު ބޭކަލުންގެ ޒަމާނުގައި ކީރިތި ޤުރުއާން މުޞްޙަފެއްގެ ގޮތުގައި ޖަމަޢަ ކުރެއްވުމަށްފަހުގައިވެސް، އެބޭކަލުން މުޞްހަފުގައި އަތްލައި ހުވާކުރައްވާފައި ނުވެއެވެ.

ޞަޙާބީ حُذَيْفَة بن اليَماَن – رضي الله عنه – ވިދާޅުވެފައިވެއެވެ. “ރަސޫލާ – صلى الله عليه وسلم – ގެ އަޞްޙާބުން ﷲ ގެ ޙަޟުރަތުން ޘަވާބާއި ދަރުމަ ހޯދުމަށް އަޅުކަމެއްގެ ގޮތުގައި ނުކުރާކަމެއް ތިޔަބައިމީހުން އަޅުކަމެއްގެ ގޮތުގައި ނުކުރާށެވެ. ފަހެ ހަމަކަށަވަރުން އެންމެ ފުރަތަމަ ފާޅުވި އަހުލުވެރިން، ފަހުން އަންނަ އަހުލުވެރިންނަށް އެއްވެސް އެއްޗެއް (އަލަށް ކުރުމަށް) ދުލެއް ނުކުރައްވައެވެ.“ حوادث والبدع 149

މުސްލިމެއްގެ ގޮތުގައިވާ ކޮންމެ ފަރާތެއް ދަންނަންޖެހެއެވެ. ﷲ ގަންދީ ކުރާ ހުވަޔަށްވުރެ ޤަދަރު ދެވެންޖެހޭ އަދި މާތް މަތިވެރިކޮށް ހިތޭނެ އެހެން ހުވައެއް އަދި ޢަމަލެއް ނުވެއެވެ. އެބަހީ، ތިމާގެ ދުލުން ﷲ ގަންދީ ހުވާކުރުމުގައި އެ ހުވާ ތެދުވެރި ހުވައެއް ކަމުގައި ހެދުމަށް އެއީ ބިރުވެތި ވާންޖެހޭ އެންމެ ބޮޑު ބިރުވެތި ވުމެވެ.

މި ޢަމަލަކީ އެ ޢަމަލަށް އެއްވެސް އަޞްލެއްނެތް ޢަމަލެއް ކަމުގައި އުއްމަތުގެ ބޮޑެތި ޢިލްމުވެރިން ޛިކުރު ކުރައްވާފައިވުމުން، މި ޢަމަލުން ދުރުވެ އެއްކިބާވުމަށް ސުންނަތުގެ އަހުލުވެރިޔާއަށް ފުދެއެވެ.

މިޒަމާނުގައި ފާޅުވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިމާމް الألبَانِي – رحمه الله – މިފަދައިން މުޞްޙަފްގައި އަތްލައިގެން ހުރެ ހުވާ ކުރުމަކީ ސުންނަތުގައި އެކަމަށް އެއްވެސް އަޞްލެއް އޮތް ކަމެއް ނޫން ކަމުގައި ވިދާޅުވެފައިވެއެވެ. فتاوى عبر الهاتف والسيارة -017

މިއަދު ދުނިޔެމަތީގައި ތިއްބެވި ސުންނަތުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ މެންބަރު العلامة صَالح الفَوزَان -حفظه الله – ވިދާޅުވެފައިވެއެވެ. “ހުވާކުރާހިނދު މުޞްހަފުގައި އަތް އެޅުމަކީ އެކަމަށް އެއްވެސް އަޞްލެއް އޮތް ކަމެއް ނޫނެވެ. ހުވާކުރާހިނދު އޭގެ މަތީގައި އަތް އެޅުމަށްޓަކައި މުސްޙަފް އިސްތިޢުމާލު ކޮށްގެން ނުވާނެއެވެ. މިއަމަލަށް އިސްތިޢުމާލުކޮށްގެން ނުވާނެއެވެ.”

ވުމާއެކު މި ޢަމަލުގެ މަތިން ދުރުވުމަށް އަދި އެއްކިބާވުމަށް ނަޞޭޙަތްތެރިވަމެވެ.

ދެވަނައީ: ހުވާ ކުރިހިނދު އެމީހަކު ދޮގު ހުވާކޮށްފައިވުމެވެ.

ﷲ ގަންދީ ހުވާކުރާ މީހާ ދޮގު ހުވާކުރުމަކީ ބޮޑުވެގެންވާ ފާފައިގެ ތެރޭގައި ހިމެނިގެންވާ ޢަމަލެކެވެ. ފަހެ، އޭނާއަށް އޮތީ އެ ޢަމަލުން ތަޥްބާވުމެވެ.

މިކަމުގެ ނުރައްކަލާއި ނުބައިކަން ބަޔާންވެގެންވާ ޙަދީޘްތަކުގެ ތެރޭގައި ހިމެނެއެވެ. (من حلف على يمين هو فيها كاذب يقتطع بها مال امرئ مسلم بغير حق لقي الله وهو عليه غضبان)” ދޮގުވެރިއެއް ކަމުގައިވާޙާލު ހުވާކޮށް، އަދި އެ ހުވައިގެ ސަބަބުން މުސްލިމެއްގެ މުދާ ނުޙައްޤުން ހޯދައިފިމީހާ، ﷲ އާ ބައްދަލު ކުރާހުށީ، އޭނާގެ މައްޗަށް ﷲ ކޯފާވެވޮޑިގެންވާ ޙާލުގައެވެ.”

އެހެން ލަފްޟެއްގައިވެއެވެ. (فقد أوجب الله له النار وحرم عليه الجنة )” ފަހެ، ހަމަކަށަވަރުން އޭނާގެ މައްޗަށް ނަރަކަ ވާޖިބުވެ، އޭނާގެ މައްޗަށް ސުވަރުގެ ޙަރާމް ކުރެވިގެންވެއެވެ.”

އެބަހީ : މި ފާފައިގެ ބޮޑުކަމުން އެމީހެއްގެ މައްޗަށް ނަރަކައިގެ ބޮޑުވެގެންވާ ވަޢީދުގެ ބަސް އައިސްފައިވެއެވެ.

ވުމުން، އޭނާ ދޮގު ހުވައެއް ކޮށްފައިވާނަމަ އެމީހެއްގެ މައްޗަށް އޮތީ ﷲ އަށް ތަޥްބާވުމެވެ. އަދި ކުރެވިފައިވާ އެ ފާފަވެރި ޢަމަލު ދޫކޮށް ހެޔޮ ޞާލިޙް ޢަމަލުތައް ކުރުމުގައި ކުރިއަރައި ދިއުމެވެ. އެ ދޮގު ހުވައިގެ ސަބަބުން ނުޙައްޤުން އެއްޗެއް އަތުލައިފައިވާނަމަ، އެ އަނބުރައި ރައްދުކުރުން ހުއްޓެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.