ރަމަޟާންމަހާއި ވަކިވާހިނދު: ވަޞިއްޔަތެއް
ލިޔުއްވީ: أبو عمّار عبد الفتاح (حفظه الله)
الحمد لله رب العالمين ، وأشهد أن لا إله إلا الله وحده لا شريك له ، وأشهد أنَّ محمداً عبده ورسوله ، صلى الله وسلَّم عليه وعلى آله وأصحابه أجمعين . أما بعد :
ޢިއްޒަތްތެރި މުސްލިމު އަޚުންނޭ! رمضان މަހުގެ އެންމެ ފަހުގެ ވަގުތުތައް ގުނަމުން މިދަނީ، މިމަހުގެ ދުވަސްތައް އަޅުގަނޑުމެން ރޯދައާއި، ޤުރްއާން ކިޔެވުމާއި، ދުޢާކުރުމާއި ޛިކުރުމުރުމާއި އަދި ރޭއަޅުކަމުގައި ހޭދަކޮށްފުމަށްފަހުއެވެ. ﷲ جل وعلا އީ މިކަންކަން ކުރުމަށް އަޅަމެންނަށް ވާގިވެރިކަން ދެއްވި އިލާހެވެ. އެއްވެސް ޝައްކެއްނެތެވެ. މިފަދަ މާތްވެގެންވާ މޫސުމެއް އަޅުގަނޑުމެންނަށް މިންވަރު ކުރައްވައި، އަޅުކަމުގައި ހީވާގިވުމުގެ ވާގިވެރިކަން އަޅުގަނޑުމެންނަށް ދެއްވުމަކީ، އެއިލާހަށް ޝުކުރު ކުރުން ވާޖިބުވެގެންވާ ކަމެކެވެ. މިކަމަށްޓަކައި އެއިލާހަށް ޙަމްދާއި ޝުކުރުކުރަމެވެ.
އަޚުންނޭވެ! މި މަޤާމުގައި އަޅުގަނޑުމެން ރޯދައިގެ އާޔަތް ﷲ جل وعلا ނިންމަވާފައިވާގޮތާއިމެދު ވިސްނާލަމާހެއްޔެވެ؟ އެ ކަލާނގެ ވަޙީކުރެއްވިއެވެ: {شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآنُ هُدًى لِلنَّاسِ وَبَيِّنَاتٍ مِنَ الْهُدَى وَالْفُرْقَانِ فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْهُ وَمَنْ كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ (البقرة :185) އާޔަތް ނިންމަވާފައިވަނީ މިފަދައިންނެވެ: {وَلَعَلَّكُمْ تَشْكُرُونَ} “ތިޔަބައިމީހުން އެކަލާންގެއަށް ޝުކުރުކުރުމަށްޓަކައެވެ.” އާޔަތުގައިއެވަނީ، ވަރަށްބޮޑެތި ނިޢުމަތްތަކަކާއި ދެއްވުންތަކެއް ބަޔާންކުރައްވާފައެވެ. އެއަށްފަހު ބަޔާންކުރައްވަނީ އެއީ ތިޔަބައިމީހުން (އެނިޢުމަތްތަކަށް) ޝުކުރުކުރުމަށްޓަކައެވެ.
މިއާޔަތުގައި މާތްﷲ ބަޔާންކުރައްވާފައިވާ ނިޢުމަތްތަކާމެދު ވިސްނާލަމާހެއްޔެވެ؟
- އަހަރުގެ މަސްތަކުގެ ތެރެއިން އެންމެ މާތްވެގެންވާ މަހަކީ، رمضان މަސްކަމުގައި ބަޔާންކުރައްވާފައިވެއެވެ. އެކަންދޭހަވަނީ، އެމައްސަރުގައި ހުރި ބަރަކާތްތެރިކަމާއި، ނިޢުމަތްތަކުގެ ވާހަކަ ޛިކުރުކުރައްވާފައިވާތީއެވެ.
- މި މައްސަރުގައި މާތްވެގެންވާ ދެއްވުމެއްގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. އެއީ، {أُنْزِلَ فِيهِ الْقُرْآنُ} “رمضان މަހުގައި ކީރިތި ޤުރްއާން ބާވާލެއްވުމެވެ.” އެއަށްފަހު، އެ قرآن ގެ ހިދާޔަތު ބަޔާންކުރައްވާފައިވެއެވެ. އެقرآن ކީ، {هُدًى لِلنَّاسِ} “މީސްތަކުންނަށްހުރި ހިދާޔަތެކެވެ.” {وَبَيِّنَاتٍ مِنَ الْهُدَى وَالْفُرْقَانِ} “އަދި ޙައްޤާއި ބާޠިލު ވަކިކޮށްދޭ ބަޔާންވެގެންވާ ފޮތްވެސްމެއެވެ.” އެ ޤުރްއާން މަގުދައްކަނީ ސީދާވެގެންވާ ތެދުމަގަށެވެ. އެ قرآن ގައިވަނީ އަޅުތަކުންގެ އުފާވެރިކަމެވެ. އަދި ދުނިޔެއާއި އާޚިރަތުގައި އެބައިމީހުންގެ ފަލާޙެވެ. ކީރިތި قرآن އެއްރެޔެއްގައި، އެއީ ليلة القدر ވިލޭރޭގައި ބާވާލައްވައި، އެ قرآن ގެ ދަރަޖަ މަތިވެރިކުރައްވައި މާތްކުރައްވައި، އެރޭގެ މާތްކަން އެއްހާސް މައްސަރައްވުރެ މާތްކުރެއްވިއެވެ. އެއީ ގާތްގަނޑަކަށް 83 އަހަރުގައި އަޅުކަން ކުރުމުގެ ދަރުމައެވެ. އެއްވެސް ޝައްކެއްނެތެވެ. މިއިން ދޭހަވަނީ އެރޭގެ މާތްކަމާއި ދަރަޖާއިގެ މަތިވެރިކަމެވެ. މިމައްސަރުގައި މިހުރިހައި މާތްކަމަކާއި، ދަރަޖަތައް ހުރިކަމުގެ ޚަބަރުތަކުން މި އެނގެނީ رمضان މަހުގެ މާތްކަމެވެ.
- މިއާޔަތުގައިވާ ނިޢުމަތްތަކުގެތެރޭގައި، މިމައްސަރުގައި ރޯދަހިފުމުގެ ތަވްފީޤު މާތްﷲ އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން ވެއެވެ. އެ ކަލާނގެ ވަޙީކުރެއްވިއެވެ: {فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْهُ} “ފަހެ، މިމަހާއި ބައްދަލުކޮށްފިމީހާ ފަހެ ރޯދަހިފާހުށިކަމެވެ.” ހެޔޮޞިއްޙަތާއި، ޢާފިޔަތާއި އަދި ރޯދައިގެ އަޅުކަން އަދާކުރުމަށް އަމާން ވެއްޓެއްގައި ﷲ ގެ އަޅާއަށް މިންވަރު ކުރެއްވުމަކީ އެއްވެސް ޝައްކެއް ނެތްގޮތުގައި ބޮޑު ނިޢުމަތެކެވެ. ފާއިތުވީ ރަމަޟާންމަހު އަޅުގަނޑުމެންނާއިއެކު ރޯދަހިފުމަށްފަހު، މިރޯދަމަސް އެބަޔަކާ ބައްދަލު ނުކުރީ ކިތައް އަޚުން ހެއްޔެވެ؟ އަދި މި ރަމަޟާންމަހުގެ ކުރީކޮޅާއި ބައްދަލުވެ ފަހުކޮޅުގެ ބަރަކާތާއި ބައްދަލު ނުވެ ނިމުންއައީ ކިތައް އަޚުންނަށް ހެއްޔެވެ؟ އެކަމަކު އެ ކަލާނގެ ނިޢުމަތުން މިވަނީ ތިބާއާއި މި ބަރަކާތްތެރި މައްސަރާއި ބައްދަލުކުރައްވައި މި ނިޢުމަތް ތިބާއަށް މިންވަރު ކުރައްވާފައެވެ. އަދި ރޯދަ ހިފުމުގެ ކުޅަދާނަކަން ދެއްވައި، އެހެނިހެން އަޅުކަންތައްތައްވެސް އަމާން ވެއްޓެއްގައި އަދާކުރުމުގެ ނިޢުމަތް ތިބާއަށް މިންވަރު ކުރައްވާފައެވެ.
- މި އާޔަތުގައި ބަޔާންވެގެންވާ ނިޢުމަތްތަކުގެތެރޭގައި، އަޅުގަނޑުމެންނަށް މާތްﷲ މިންވަރުކުރެއްވި ލުއިފަސޭހަކަންވެއެވެ. {وَمَنْ كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ} އެއީ، “ބަލިވެ ނުވަތަ ދަތުރުގެ ބުރަ އުފުލަންޖެހޭ މީހާ، މިމަސް ނިމުމުން އެރޯދަ ދޫކުރި ދުވަސްތައް، އެހެން ދުވަސްތަކުން ހިފާ ހަމަކުރުމެވެ.” އިސްލާމްދީނަކީ ލުއިފަސޭހަ ދީނެކެވެ.
- މިއާޔަތުގައި ބަޔާންވެގެންވާ ނިޢުމަތްތަކުގެތެރޭގައި، މާތްﷲ އަޅުގަނޑުމެންނަށް އުނދަގޫގޮތްތައް އިރާދަ ނުކުރައްވާކަމާއި، އެކަލާނގެ އަޅުގަނޑުމެންނަށް މިންވަރު ކުރައްވަނީ ފަސޭހަގޮތްތައްކަން ހާމަކުރެއްވުން ވެއެވެ. {يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ} “އެ ކަލާނގެ ތިޔަބައިމީހުންނަށް ފަސޭހަގޮތް މިންވަރު ކުރައްވަތެވެ. އަދި އުނދަގޫގޮތް އެ ކަލާނގެ ތިޔަބައިމީހުންނަށް މިންވަރު ނުކުރައްވަތެވެ.” މިއީ ރޯދަގައި އެކަނި އޮތް ޙުކުމެއް ނޫނެވެ. ހުރިހާ ކަމެއްގައިވެސް، މާތް ﷲ އަޅުތަކުންނަށް ފަސޭހަގޮތް މިންވަރު ކުރެއްވައެވެ. رسول الله عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ : ((إِنَّ الدِّينَ يُسْرٌ، وَلَنْ يُشَادَّ الدِّينَ أَحَدٌ إِلَّا غَلَبَهُ ، فَسَدِّدُوا وَقَارِبُوا وَأَبْشِرُوا )) (ރިވާކުރެއްވީ:البخاري) މާނައަކީ، “ހަމަކަށަވަރުން ދީނަކީ ފަސޭހަ އެއްޗެކެވެ. އެއްވެސް މީހަކަށް އޭނާ އުނދަގޫގޮތް ހިޔާރުކޮށްގެން މެނުވީ ދީން އޭނާގެ މައްޗަށް އުނދަގޫވެގެން ނުވެއެވެ. ފަހެ ތިޔަބައިމީހުން ޢަމަލުތައް ސީދާކުރާށެވެ. އަދި ﷲ ވާޖިބުކުރެއްވި ގޮތުގައި ހިފާށެވެ. އަދި ދަރުމަހުރިކަމުގެ އުފާވެރިކަމުގެ ޚަބަރު ހުއްޓެވެ.”
- މިއާޔަތުގައި ބަޔާންވެގެންވާ ނިޢުމަތްތަކުގެތެރޭގައި، رمضان މަހު ރޯދަހިފައި ފުރިހަމަކުރުންވެއެވެ. رمضان މަހު ރޯދަހިފައި ފުރިހަމަވެގެން އަންނަނީ، ޢީދުވިލޭރެއަށް އިރުއޮއްސުމުންނެވެ. އެހިނދުން ރޯދަހިފައި ފުރިހަމަ ވެ، ﷲ މިންވަރުކުރެއްވި މި ނިޢުމަތުގެ މޫސުން ނިމިދިޔައީއެވެ.
- މިއާޔަތުގައި ބަޔާންވެގެންވާ ނިޢުމަތްތަކުގެތެރޭގައި، رمضان މަހު ރޯދަހިފައި ފުރިހަމަވުމުން، މާތް ﷲ ދެއްވި މިބޮޑު ނިޢުމަތް މިންވަރުކޮށްދެއްވިކަމަށްޓަކައި އެ ކަލާނގެ މަތިވެރިކޮށް تَكْبِيْرُ ކިޔުން ޝަރުޢުކުރެއްވުން ވެއެވެ. އެ ކަލާނގެ سبحانه وتعالى ވަޙީކުރެއްވިއެވެ: {وَلِتُكَبِّرُوا اللَّهَ عَلَى مَا هَدَاكُمْ} “ތިޔަބައިމީހުންނަށް ހިދާޔަތް ދެއްވިކަމުގެމައްޗަށް ﷲ އަށް تَكْبِيْرُ ކިޔާށެވެ. އެއީ ޢީދު ދުވަހު تَكْبِيْرُ ކިޔުމެވެ. މި تَكْبِيْرُ ފެށެނީ ޢީދުވިލޭރެޔަށް އިރު އޮއްސުމުންނެވެ. އެހިސާބުން ރޯދަމަސްނިމި شَوَّال މަސް ފެށުނީއެވެ. شَوَّال މަހުގެ ފުރަތަމަ ދުވަހަކީ، ޢީދު ދުވަހެވެ. އެއީ،ފިޠުރު ޢީދު ދުވަހެވެ. ފިޠުރު ޢީދު ގެ މާނައަކީ ރޯދައަށް ނުހުރެ ކައިބޮއި އުޅުމުގެ ޢީދު ދުވަހެވެ.
- މިމަތިވެރިވެގެންވާ ހުރިހާ ނިޢުމަތްތައް ޛިކުރުކުރެއްވުމަށްފަހު އެ ކަލާނގެ މިވަނީ، އެ ކަލާނގެއަށް ޝުކުރު ކުރުމަށް އަޅުގަނޑުމެންނަށް އަންގަވާފައެވެ. {وَلَعَلَّكُمْ تَشْكُرُونَ} “އަދި އެއީ ތިޔަބައިމީހުން ﷲ އަށް ޝުކުރު ކުރުމަށްޓަކައެވެ.” ވީމާ ﷲ ދެއްވި ނިޢުމަތްތަކަށް އިޤުރާރު ވެ، އެނިޢުމަތްތަކަށް ޝުކުރުކޮށް، އެނިޢުމަތްތަކުގެ މަތީން ހަނދާންކޮށް، ޙަމްދުކުރާމީހުންގެ ތެރޭގައިވުން ލާޒިމުވެގެންވެއެވެ. އެކަލާންގެއަށް ޝުކުރު ކުރުމުގެގޮތުން ތަކްބީރު ކިޔުމަށް އެ ކަލާނގެ މިވަނީ އަޅުގަނޑުމެންނަށް އަންގަވާފައެވެ. {وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ}، ﷲ ދެއްވާ ނިޢުމަތްތަކަށް އިޤުރާރުވެ ޝުކުރުކުރާ މީހުންގެތެރެއިން އަޅަމެން ލައްވާންދޭވެ! އަދި އެ ކަލާނގެ ޙައްޤުގައި ކުށެއް ކުރެވިފައިވާނަމަ، އަޅަމެން އެކުށުން ސަލާމަތް ކުރައްވައި މަޢާފް ދެއްވާންދޭވެ! މިމަސް ނިމިގެންދާހިނދު، އަޅަމެންގެ ފާފަތައް ފުއްސަވައި، އަޅަމެންގެ ފަރާތުން ރުއްސަވައި، ނަރަކައިން އަޅަމެން މިންޖު ކުރައްވައި، ﷲ އަށް ކިޔަމަންތެރިވާ އަޅުންގެރެއިން ލައްވާންދޭވެ!
ޢިއްޒަތްތެރި މުސްލިމު އަޚުންނޭ! މިމާތްވެގެންވާ މޫސުން އަޅުގަނޑުމެންނާއި ވަކިވެގެންދާހިނދު، އަޅުގަނޑުމެން ހަނދާންކުރަންވީ މުހިއްމު ނުކުތާއަކީ، رمضان މަހުގައި އަޅުގަނޑުމެންނަށް މިންވަރު ކުރެއްވި އަޅުކަންތައްތަކުގެ ނިމުން رمضان މަހާއިއެކު ވަކިވެގެންދާންވީ ނޫންކަމެވެ. رمضان މަސް ނިމުމަކީ އަޅުކަމުގެ ސިއްކަޖެހުންކަމުގައި ނުބަލާށެވެ. رمضان މަހުގައި ﷲ އަށް އަޅުވެތިވުމުގެގޮތުން ކުރި ޖިހާދަކީ އަޅުގަނޑުމެން އަޅުކަމުގެ މަގަށް ހުޅުވާލަދިން ދޮރެއްކަމުގައި ބަލާށެވެ.
رمضان މަސް ނިމުމާއެކު ބައެއްމީހުން އަޅުކަމުގައި ސިއްކަ ޖަހާތަން ފެނެއެވެ. އަދި ބައެއް މީހުން އިސްލާމްދީނުގެ ފަރުޟުތަކާއި ވާޖިބުތައް އަދާކުރުމުންވެސް ދުރުވެގަނެއެވެ. މިއީ ނުރައްކާތެރިކަމެކެވެ. މިއީ އިންސާނަކަށް ކުރިމަތިވާނެ އެންމެ ނުރައްކާތެރި އެންމެ ގެއްލުންބޮޑު މުޞީބާތެވެ.
ޢިލްމުވެރިން ބަޔާކުރައްވާގޮތުން، رمضان މަހުގައި ހިފިރޯދަޔާއި، އެހެނިހެން އަޅުކަންތައްތައްވެސް ޤަބޫލު ކުރެއްވުމުގެ ޢަލާމާތަކީ، رمضان މަހަށް ފަހު، އޭނާގެ ޙާލަތު ކުރީގެ ޙާލަތަށްވުރެ ރަނގަޅުވުމެވެ. ފަރުޟު އަޅުކަންތައްތަކާއި ވާޖިބުތަކަށް ރައްކާތެރިވެ، ޙަރާމް ކަންތައްތަކާއި ފާފަތަކުން ދުރުހެލިވުމެވެ. މިއީ އަޅުކަން ތިބާގެ ފަރާތުން ޤަބޫލު ކުރެއްވުމުގެ ޢަލާމާތެވެ. އެކަމަކު، رمضان މަސް ނިމުމުން، ފާފަތަކަށް އަރައިގަނެ، ފަރުޟުތައް އަދާކުރުމުން ދުރުވެގެންވާނަމަ، އެއީ އަޅުކަން ޤަބޫލު ކުރެއްވުމުގެ ޢަލާމާތެއް ކަމުގައެއް ނުވާނެވެ. رسول الله عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ: ((رَغِمَ أَنْفُ رَجُلٍ دَخَلَ عَلَيْهِ رَمَضَانُ ثُمَّ انْسَلَخَ قَبْلَ أَنْ يُغْفَرَ لَهُ)) (ރިވާކުރެއްވީ:الترمذي) “އެމީހަކާ رمضان މަސް ބައްދަލުވެ، ނިމިގެންދާއިރު، އެމީހެއްގެ ފާފަތައް ނުފޮހިވިއްޖެނަމަ އެމީހަކަށް ހަލާކު ހުއްޓެވެ. އަބާއްޖަވެރިކަން ހުއްޓެވެ.”
އަޚުންނޭވެ! އެންމެ މަތިވެރި ވަޞިއްޔަތަކީ، رمضان މަހަށްފަހު، ތިބާ ﷲ އަށް ކިޔަމަންތެރިވުމުގައި ވުމެވެ. رمضان މަހުގެ رَبّ ކީ شَوَّال ގެވެސް رَبّ ކަމުގައި ހެދުމެވެ. شَوَّال ގެ رَبّ ކީ ދެންހުރި އެހެން ހުރިހައި މަސްތަކުގެވެސް رَبّ ކަމުގައި ދެކުމެވެ. އަޅާގެފަރާތުން ފެންނަން ބޭނުންވަނީ އޭނާގެ މުޅި ޙަޔާތުގައިވެސް އަޅުކަމުގެ ތެރޭގައި ހުރުމެވެ. ﷲ ވަޙީކުރެއްވިއެވެ: {وَاعْبُدْ رَبَّكَ حَتَّى يَأْتِيَكَ الْيَقِينُ} (الحجر:99) މާނައީ: “މަރާއި ބައްދަލުވެއްޖައުމަށް ދާންދެން ކަލޭގެފާނު، ކަލޭގެފާނުގެ ރައްބަށް އަޅުކަންކުރުމުގައި ދެމިހުންނާށެވެ.” އަދިވެސް ވަޙީކުރެއްވިއެވެ: {يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنْتُمْ مُسْلِمُونَ} (آل عمران:102) އޭއީމާންވެއްޖެމީސްތަކުންނޭވެ! ޙައްޤުވެގެންވާގޮތުގައި ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ. އަދި މުސްލިމުންކަމުގައިވާޙާލު މެނުވީ ތިޔަބައިމީހުން މަރުވެ ނުދާށެވެ.”
އަޚުންނޭވެ! ޞިއްޙަތާއި ޢާފިޔަތުގައި އަދި ދަތިކަމުގައިވެސް އިސްލާމްދީނަށް ތިޔަބައިމީހުން ފަރުވާތެރިވާށެވެ. ހަމަކަށަވަރުން އިސްލާމްދީނަށް ފަރުވާތެރިވެއްޖެ މީހާއަށް، الكريم سبحانه وتعالى ދެއްވާ މިންނަތަކީ، ހެޔޮނިމުމެއް އަދި ހެޔޮމަރެއް މިންވަރުކޮށްދެއްވާއި، އެގޮތުގައި ނިމިގޮސް އަދި އެގޮތުގައި އަލުން ދިރުއްވައި ފޮނުއްވުމެވެ. އެހެންކަމުން، މިއީ ކޮންމެމީހަކުވެސް ދެނެގަތުން ވަރަށް މުހިއްމު ކަމެކެވެ. ﷲއަށް އަޅުކަންކުރުން ޚާއްޞަކުރަންޖެހެނީ ވަކި ޚާއްޞަ މައްސަރެއްކަމުގައި ނުހެދުމެވެ. ނުވަތަ ވަކިވަޤުތެއް ޚާއްޞަ ނުކުރުމެވެ. الله سبحانه وتعالى ވަޙީކުރެއްވިއެވެ: {إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنْتُمْ تُوعَدُونَ} (فصلت:30) މާނައީ: “ހަމަކަށަވަރުން ތިމަންމެންގެ ރައްބަކީ ހަމައެކަނި ﷲ އޭ ބުނެ، އެއަށްފަހު އެ ޝަރީޢަތުގެ މަތީގައި ޤާއިމުވެ ތިބި މީހުންގެ މައްޗަށް (މަރުގެވަޤުތުގައި) މަލާއިކަތްބޭކަލުން ފައިބައިވަޑައިގަންނަވާނެތެވެ. އަދި އެބޭކަލުން ދަންނަވާނެތެވެ: ތިޔަބައިމީހުން (މަރަށް އަދި އޭގެފަހުގައިވާ ކަންކަމަށް) ބިރުވެތި ނުވާށެވެ. އަދި ދުނިޔެ ފަސްދީ ތިޔަބައިމީހުން ދޫކުރި ކަންކަމަށް ތިޔަބައިމީހުން ހިތާމަ ނުކުރާށެވެ. ތިޔަބައިމީހުންނަށް ވަޢުދުވެގެންވާ ސުވަރުގެ ހުރިކަމުގެ އުފާވެރި ކަމުގެ ޚަބަރު ހުއްޓެވެ.”
އަޚުންނޭވެ! ފަހެ ﷲ އެމީހަކާ މި މަސް ބައްދަލުކުރައްވައި، މިމަހުގައި ރޯދަހިފުމާއި، ރޭ އަޅުކަމާއި އަދި ﷲ އަށް ކިޔަމަންތެރިވުމުގެ މިންނަތް މިންވަރުކޮށްދެއްވުމުން، މިމަސް ނިމުމަށްފަހު، އެއީ އެ ކަލާނގެ މަގާއި ކުރިމަތިލުމުގެ މަގަށް ހުޅުވުނު ދޮރެއްކަމުގައި ހަދާށެވެ. އެކަމަކު رمضان މަސް ނިމުމާއެކު އަޅުކަން ކުރުމުން އެކަހެރިވާމީހާ ދަންނާށެވެ. ތިބާއަށް ކުރިމަތިމިވީ ބޮޑު މުޞީބާތެކެވެ. رمضان މަހުގައި އަޅުކަމުގައި ހީވާގިވެ އެމަސް ނިމުމަށްފަހު، އަޅުކަން ކުރުމުގައި ފަރުވާކުޑަކުރާ މީހުންނާއި ބެހޭގޮތުން ބައެއް ސަލަފުން ވިދާޅުވެފައިވެއެވެ. “بئس القوم لا يعرفون الله إلا في رمضان” “އެބައިމީހުންނަށް ހަލާކު ހުއްޓެވެ. رمضان މަސް ނޫން އެހެން މަހެއްގައި އެމީހުން ﷲ ނުދަންނަނީ ހެއްޔެވެ.”
އަޚުންނޭވެ! ރޯދަހިފާ ކޮންމެމީހަކީ ރަމަޟާންމަހުން ފައިދާ ލިބިގަތް މީހެއްނޫނެވެ. ރޭއަޅުކަންކުރި ކޮންމެ މީހަކީ ރޭއަޅުކަމުން ފައިދާ ލިބިގަތް މީހެއް ނޫނެވެ. رسول الله عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ: ((رُبَّ صَائِمٍ حَظُّهُ مِنْ صِيَامِهِ الْجُوعُ وَالْعَطَشُ، وَرُبَّ قَائِمٍ حَظُّهُ مِنْ قِيَامِهِ السَّهَرُ)) (ރިވާކުރެއްވީ:أحمد) މާނައަކީ: “ރޯދަވެރިޔާ އޭނާގެ ރޯދައިން ލިބުނު ނަޞީބަކީ ބަނޑުހައިހޫނުކަމާއި ކަރުހިއްކުން ކަމުގައި ވެދާނެއެވެ. އަދި ރޭއަޅުކަންކުރި މީހާއަށް އޭނާގެ ރޭއަޅުކަމުން ލިބުނު ނަޞީބަކީ ހޭލާހުރުން ކަމުގައިވެސް ވެދާނެއެވެ.” އެހެންކަމުން، ތިބާގެ ރޯދައާއި، ރޭއަޅުކަމާއި އަދި އެހެނިހެން އަޅުކަންތައްތައްވެސް، ﷲ ގެ ޙަޟްރަތުގައި ޤަބޫލުވެވިގެންވާ ޢަމަލުތަކެއްކަމުގައި ހެދުމަށްޓަކައި، ތިބާ ﷲ އަށް އިޚްލާޞްތެރިކަމާއިއެކު ކުރާ އަޅުކަންތައްތަކެއްކަމުގައި ހަދާށެވެ.
ޢިއްޒަތްތެރި އަޚުންނަށް ބުނަމެވެ. رمضان މަހުގެ ފަހުގެ ޙަޔާތަކީ، އޭނާގެ ނަފްސާއި ޖިހާދު ކުރުމުގެ ޙަޔާތެކެވެ. رمضان މަހަށް ފަހު، ނަފްސުތައް ދެނަފްސުންކުރެ ނަފްސަކަށް ވެދެއެވެ. އެއްނަފްސަކީ رمضان މަހުގެ ދަރުސްތަކުން ޢިބްރަތް ލިބިގަތް ނަފްސެވެ. އެ ނަފްސުގެ ވެރިޔާ، رمضان މަހަށް ފަހު، ﷲ އަށް ކިޔަމަން ގަތުމުގައި ޖިހާދު ކުރެއެވެ. رمضان މަހުން ފައިދާ ލިބިގަނެ ހެޔޮކަމުގެ ލަގަނުގައި ހިފައެވެ. އެހެންކަމުން އޭނާ، قرآن ކިޔެވުމާއި އެ قرآن ގެ އާޔަތްތަކާމެދު ވިސްނައި ފިކުރުކުރުމަށް ޕްރޮގްރާމެއް ގެންގުޅޭނެއެވެ. ރޭއަޅުކަމުން މިންވަރެއް ކުރިޔަށް ގެންދާނެއެވެ. ސުންނަތް ރޯދަ ހިފުމަށް މިންވަރެއް ގެންގުޅޭނެއެވެ. شَوَّال މަހުން ހަ ރޯދަ ހިފާނެއެވެ. رسول الله عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ: ((مَنْ صَامَ رَمَضَانَ وَأَتْبَعَهُ سِتًّا مِنْ شَوَّالٍ فَكَأَنَّمَا صَامَ الدَّهْرَ كُلَّهُ)) (ރިވާކުރެއްވީ:أحمد) މާނައަކީ: رمضان މަހު ރޯދަހިފައި، އެއާއި ވިދިގެން شَوَّال މަހުން ހަރޯދަ ހިފައިފިނަމަ، މުޅި އަހަރުގައި ރޯދަ ހިފިފަދައެވެ.” އަދި އޭނާ ކޮންމެ މަހަކުން ތިން ރޯދަ ހިފުމަށް ޕްރޮގްރާމެއް ގެންގުޅޭނެއެވެ. އެއީ މުޅި އަހަރުގައި ރޯދަ ހިފުންކަމުގައި ވެގެންދެއެވެ. رسول الله عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ: ((صَوْمُ شَهْرِ الصَّبْرِ وَصَوْمُ ثَلَاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ صَوْمُ الدَّهْرِ)) (ރިވާކުރެއްވީ:أحمد) މާނައަކީ: “ކެތްތެރިކަމުގެ މަހުގެ ރޯދައާއި، ކޮންމެ މަހަކުން ތިން ދުވަހުގެ ރޯދައަކީ، މުޅި އަހަރު ދުވަހުގެ ރޯދައެވެ.” އެނަފްސުގެ އަހުލުވެރިންނާއި ބެހޭގޮތުން ﷲ ވަޙީކުރައްވާފައިވެއެވެ: {وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا وَإِنَّ اللَّهَ لَمَعَ الْمُحْسِنِينَ} )العنكبوت:69( “ތިމަން ﷲ ގެ މަގުގައި ޖިހާދުކުރާ މީހުންނަށް، ހެޔޮކަމުގެ މަގަށް މަގުދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ މުޙްސިނުންނާއި އެކުގައެވެ.”
ދެވަނަ ނަފްސަކީ، رمضان މަސް ނިމުމަށްފަހު، އޭނާގެ ކުރީގެ ޙަޔާތަށް އެނބުރި ދާ މީހާއެވެ. رمضان މަހުގެ ދަރުސްތަކުން ފިލާވަޅެއް، ޢިބްރަތެއް އޭނާއަކަށް ޙާޞިލެއް ނުވިއެވެ. رمضان މަހުގައި އަޅުކަމުގައި ހީވާގިވުމަށްފަހު، އެ މަސް ނިމުމުން އަނެއްކާވެސް އަޅުކަންތައްތަކަށް ފަރުވާކުޑަކޮށް، ގުނަވަންތަކުގެ ލަގަން އޭނާގެ ހަވާނަފްސަށް ދޫކޮށްލައެވެ.
ޢިއްޒަތްތެރި އަޚުންނޭ! رمضان މަސް ނިމެމުންދާހިނދު، ފަރުވާތެރިވާންވީ މުހިއްމުކަމެއްވެއެވެ. އެއީ، ފިޠުރުޒަކާތް ނެރުމެވެ.
ފިޠުރުޒަކާތަކީ، رمضان މަސް ނިމުމާއި ވިދިގެން ފަޤީރުންނާއި މިސްކީނުންނަށް، ކާތަކެތީން ޞާޢެއްގެ މިންވަރު ނެރުމެވެ. އެއީ މުސްލިމުންގެ ތެރެއިން އަންހެނުންނާއި ފިރިހެނުން އަދި ކުޑަކުދީންނާއި މުސްކުޅީން އަދި އަޅުންގެ މައްޗަށްވެސް ނެރުން ވާޖިބުވެގެންވާ ޒަކާތެކެވެ. ابن عمر رضي الله عنهما ވިދާޅުވިއެވެ : ((فَرَضَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ زَكَاةَ الفِطْرِ صَاعًا مِنْ تَمْرٍ أَوْ صَاعًا مِنْ شَعِيرٍ عَلَى العَبْدِ وَالحُرِّ، وَالذَّكَرِ وَالأُنْثَى، وَالصَّغِيرِ وَالكَبِيرِ مِنَ المُسْلِمِينَ)) (ރިވާކުރެއްވީ: البخاري އާއި مسلم) މާނައަކީ، “ފިޠުރު ޒަކާތުގެ ގޮތުގައި، ކަދުރުން ނުވަތަ ޝައީރުން (ގޮދަނުން) ޞާޢެއްގެ މިންވަރު، މުސްލިމުންކުރެ، އަޅުންނާއި މިނިވަނުންނާއި، ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިންނާއި އަދި މުސްކުޅީންގެ މައްޗަށްވެސް ނެރުމަށް، رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ފަރުޟު ކުރެއްވިއެވެ.”
زكاة الفطر ނެރެނީ رمضان މަހާއި ބައްދަލުކޮށް އެމަސް ނިމުމާއި ގުޅިގެންނެވެ. رمضان މަހާއި ކިތަންމެ ކުޑަ މިންވަރެއްވެސް ބައްދަލުކުރިމީހާ ފިޠުރު ޒަކާތް ނެރެންޖެހޭނެއެވެ. މިގޮތުން، رمضان މަހުގެ އެންމެ ފަހުދުވަހު އިރު އޮއްސުމުގެކުރިން އުފަންވާ ކުއްޖާއަށްވެސް ފިޠުރު ޒަކާތް ނެރެންޖެހޭނެއެވެ.
ފިޠުރު ޒަކާތް ގުޅިފައިވަނީ ﷲ އަށް ޝުކުރުވެރިވުމުގެ ގޮތުންނެވެ. އަދި އެއީ ޒަކާތްދޭމީހާ، رمضان މަހު ކުރެވިފައިވާ ފާފަތައް ޠާހިރުކޮށްދޭ ކަމެކެވެ. އަދި މިސްކީނުންނަށް ދެވޭ ކާއެއްޗެއް ކަމުގައިވެދެއެވެ. ابن عباس رضي الله عنهما އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ : ((فَرَضَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ ، وَطُعْمَةً لِلْمَسَاكِينِ )) (ރިވާކުރެއްވީ އަބުދާވޫދު) މާނައަކީ، ” رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ފަރުޟު ކުރެއްވީ، ފިޠުރުޒަކާތް ނެރުމުން، ރޯދަވެރިޔާއަށް ކުރެވިފައިވާ ނުބައި ބުނުންތަކާއި، ކުރެވިފައިވާ ނުބައި ޢަމަލުތަކުގެ ކަށްފާރާއެއްކަމުގައި ވުމަށާއި، މިސްކީނުންނަށް ދެވޭ ކާއެއްޗެއް ކަމުގައި ވުމަށެވެ.”
ވިމާ، ޢާއިލާތަކުގެ މަސްއޫލުވެރިން އެބަމީހުންގެ ބެލުމުގެ ދަށުގައިވާ ކޮންމެ މީހެއްގެ މަތިން، ކާތަކެތީން ޞާޢު އެއްގެ މިންވަރު ނެރުން ވާޖިބުވެގެންވެއެވެ. ކާތަކެތީން ފިޠުރު ޒަކާތް ނެރުއްވާކަން އެކަލޭގެފާނުން ޢަމަލުފުޅުން ހާމަކޮށްދެއެވެ. أبو سعيد الخدري رضي الله عنه ވިދާޅުވިއެވެ : ((كُنَّا نُخْرِجُ فِي عَهْدِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَوْمَ الفِطْرِ صَاعًا مِنْ طَعَامٍ)) (ރިވާކުރެއްވީ: ބުޚާރީއާއި މުސްލިމު) މާނައަކީ، ” رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޒަމާނުގައި ތިމަންބޭކަލުން ޢީދު ދުވަހުގައި ޒަކާތް ނެރުއްވަނީ ކާތަކެތީންނެވެ.” މިހާ ސާފުކޮށް، ޙަދީޘް ބަސްފުޅުގައި ބަޔާންވެގެންވީހިނދު، ފިޠުރުޒަކާތް ނެރެންވާނީ ކާތަކެތީންނެވެ. އެގޮތުން، ކަދުރު، ގޮދަން، ހިމަގޮދަން، އަޤިޠު، ހިކި މޭބިސްކަދުރު، ހަނޑޫ، ޒުވާރި މިފަދަ ކޮންމެ ބާވަތަކުންނަމަވެސް ޞާޢެއްގެ މިންވަރު ނެރުން ހުއްޓެވެ. އެތަނެއްގައި ޢާއްމުކޮށް ބޭނުންކޮށްއުޅޭ، ގިނަ ދުވަހަށް ރައްކާކުރެވޭ، އެބަޔަކު ޙާޖަތްޖެހިފައިވާ ކާތަކެތީގެ ބާވަތަކުން ނެރެވިދާނެއެވެ.
އެހެންކަމުން، ކާތަކެތީގެ ބަދަލުގައި، ފިޠުރު ޒަކާތް ފައިސާއިން ނެރުން ހުއްދަވެގެން ނުވާނެއެވެ. نبي عليه الصلاة والسلام ގެ ޒަމާނުގައިވެސް، އެޒަމާނުގެ ފައިސާ ކަމުގައިވާ ދީނާރާއި ދިރުހަމު ހުއްޓެވެ. ނަމަވެސް އެފައިސާ ހުރެމެ، ކާތަކެތިން ޒަކާތް ނެރުމަށްވަނީ نبي عليه الصلاة والسلام އަމުރުކުރައްވާފައެވެ. ވީމާ رسول الله عليه الصلاة والسلام ގެ ޙަދީޘް ބަސްފުޅުގެ ކުރިޔަށް ތިމާގެ އަމިއްލަ ރައުޔު ނެރެ، ފައިސާއިން ފިޠުރު ޒަކާތް ނެރުމަށް ހުއްދަވެގެންވާކަމަށް ބުނުމަކީ ފާޅުކަން ބޮޑު ނައްޞަކާއި ޚިލާފަށް ބުނާބުނުމެކެވެ. މި ނައްޞުގެ ކުރިޔަށް ތިމާގެ ރައުޔު އިސްނުކުރެވޭނެއެވެ.
ޝައިޚް ޢަބްދުލްޢަޒީޒު ބިން ބާޒް – رحمه الله – ވިދާޅުވިއެވެ: “(ފިޠުރު) ޒަކާތް ފައިސާއިން ނެރުން ހުއްދަ ނުވާނެއެވެ. ޒަކާތް ނެރެންވާނީ ކާތަކެތީންނެވެ. ޒަކާތް ފަރުޟު ކުރެއްވީ ކާތަކެތީންނެވެ. ވީމާ ވާޖިބުވެގެންވަނީ، ކާތަކެތީން ފިޠުރު ޒަކާތް ނެރުމެވެ. އަދި ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅަކީވެސް މިއީއެވެ.”
ފިޠުރުޒަކާތް ނެރުމުގެ ވަޤުތަކީ، ޢީދު ވިލޭރެއަށް އިރު އޮއްސުމުންނެވެ. އަދި ނިމޭ ވަޤުތަކީ ޢީދުނަމާދު ފެށުމާ ހަމައަށެވެ. އެކަން ބަޔާންވެގެންވާ ޙަދީޘްގައިވެއެވެ: ابن عمر- رضيالله عنهما – ވިދާޅުވިއެވެ: ((أمرَنا رسولُ اللهِ صلَّى الله عليه وسلَّم بزكاةِ الفِطرِ أن تؤدَّى قبل خُروجِ النَّاسِ إلى الصَّلاةِ)) (ރިވާކުރެއްވީ: ބުޚާރީއާއި މުސްލިމު) މާނައަކީ، “މީސްތަކުން ޢިދުނަމާދަށް ނުކުތުމުގެ ކުރިން ފިޠުރުޒަކާތް ނެރުމަށް رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ތިމަންބޭކަލުންނަށް އަމުރު ކުރެއްވިއެވެ.” ޢީދުގެ އެއްދުވަސް ނުވަތަ ދެދުވަސްކުރިން ނެރުން މައްސަލައެއް ނެތެވެ. އެކަމަކު އޭގެކުރިން ނެރުން ހުއްދައެއްނުވާނެއެވެ.
ﷲ އަޅަމެންގެކިބައިން ޤަބޫލު ކުރައްވާށިއެވެ.
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.