ހުކުރު ދުވަހު ފުރަތަމަ ޚުޠުބާއަށްފަހު ދެވަނަ ޚުޠުބާއާއި ދެމެދުގައި ލިބޭ ވަތުގުގައި ދުޢާކުރުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ސުވާލުގެ ޖަވާބު ބޮޑަށް އޮޅުންފިލުވައިދިނުމަށްޓަކައި ބައިތަކަށް ބަހާލައިގެން ޖަވާބު ދެމެވެ.
ފުރަތަމައީ:
ދުޢާ ކުރުމުގައި ދެއަތް އުފުލުމާއި މެދުގައި ބުނަމެވެ.
ޢިލްމުވެރިން ދުޢާ ކުރުމާއި އަދި އަތްތިލަ އުފުލުމުގައި 3 ބައެއް ޛިކުރު ކުރައްވައެވެ.
1. ނަބިއްޔާ -صلى الله عليه وسلم- އަރިހުން ދުޢާ ކުރެއްވިހިނދު އަތްޕުޅު އުފުއްލަވައި ދުޢާ ކުރެއްވިކަން ވާރިދުވެގެންވާ ތަންތަނެވެ. ފަހެ، ސުންނަތް ގޮތަކީ މި ތަންތަނުގައި ދުޢާ ކުރުމުގައި އަތްއުފުލުމެވެ. މިޘާލަކަށް، ޢަރަފާތް ދުވަހުގައި ދުޢާ ކުރެއްވުމުގައެވެ. ސަޢުޔު ކުރައްވާ ހިނދުގައެވެ. ފަހެ، އެހިނދު ޞަފާ ފަރުބަދަ އަދި މަރުވާ ފަރުބަދަ ކައިރީ ހުއްޓިވަޑައިގެން ދެއަތްޕުޅު އުފުއްލަވާ ދުޢާ ކުރައްވައެވެ.
2. އެތަންތަނުގައި ދުޢާ ކުރެއްވިކަން ވާރިދުވެގެންވާ، އެހެނަސް އަތްޕުޅު ނުއުފުއްލަވާކަން ވާރިދުވެގެންވާ ތަންތަނެވެ. ފަހެ، މި ހާލަތުގައި ސުންނަތް ވެގެންވަނީ ދުޢާ ކުރުމެވެ. އެހެނަސް އަތް ނުއުފުލައި އެ ދުޢާ ކުރުމެވެ. މިޘާލަކަށް ޠަވާފް ކުރުމުގައެވެ. ހުކުރު ނަމާދުގެ ޚުޠުބާގައިވެސް އިމާމްއަށް އެފަދައެވެ.
3. އެތަންތަނުގައި ދުޢާކުރެއްވިހިނދު، އަތްޕުޅު އުފުއްލެވިކަމެއް އަދި ނުއުފުއްލަވާކަމެއް ވާރިދުވެގެން ނުވާ ތަންތަނެވެ. ފަހެ، މިތަންތަނުގައި އަތް އުފުލުމާއި ނުއުފުއްލުމުގައި ތަނަވަސްވެގެންވެއެވެ.
ދެވަނައީ :
ދެ ޚުޠުބާ ދެމެދުގައި މާތް ނަބިއްޔާ -صلى الله عليه وسلم- އަތްޕުޅު އުފުއްލެވި ހެއްޔެވެ؟
އެއްވެސް ރިވާޔަތެއްގައި ނަބިއްޔާ -صلى الله عليه وسلم- އެ ދަނޑިވަޅުގައި އަތްޕުޅު އުފުއްލެވި ކަމަށް ވާރިދުވެގެން ނުވެއެވެ. ވުމުން ސުންނަތަކީ އެތަނުގައި ދުޢާ ކުރިކަމުގައިވީނަމަވެސް އަތް ނުއުފުލުމެވެ. ފަހެ، ނަބިއްޔާ -صلى الله عليه وسلم- އަކީ ދިރިހުންނެވިހިނދު، އަޞްޙާބު ބޭކަލުންނާއިގެން އިމާމްވެ ނަމާދު ކުރައްވާ އަދި ޚުޠުބާ ދެއްވާ ބޭކަލެވެ. އެހެނަސް އެ ޞަޙާބީން ނަބިއްޔާ -صلى الله عليه وسلم- ގެ ސީރަތާއި ޙަޔާތްޕުޅާއި ޢަމަލުފުޅު ބަޔާންކޮށްދެއްވިހިނދު ދެ ޚުޠުބާ ދެމެދުގައި އަތްޕުޅު އުފުއްލިކަން ބަޔާންކުރައްވާ އެފަދައިން ރިވާޔަތް ޛިކުރު ކުރައްވާފައެއް ނުވެއެވެ.
އެހެނަސް އެ ދެމެދުގައި އިށީނދެވަޑައިގަންނަވާކަން ރިވާޔަތްތަކުން ބަޔާންވެއެވެ. ޞަޙާބީ عَبْدِ اللَّهِ بن عمر – رضي الله عنهما – ވިދާޅުވެފައިވެއެވެ. (كَانَ النَّبِىُّ صلى الله عليه وسلم يَخْطُبُ خُطْبَتَيْنِ يَقْعُدُ بَيْنَهُمَا ) މާނައީ، “ނަބިއްޔާ -صلى الله عليه وسلم- ދެ ޚުޠުބާ ދެއްވާ އެ (ދެ ޚުޠުބާ) ދެމެދުގައި އިށީނދެވަޑައިގެން އިންނަވައެވެ.” البخاري 928
ވުމުން ދެ ޚުޠުބާ ދެމެދުގައި އިށީނދެވަޑައިގެން އިންނަވާކަން ވާރިދުވެފައިވީހިނދުގައި، އެ ދެމެދުގައި ކިޔުމަށް ވަކި ޚާއްޞަ ދުޢާއެއް، ނަބިއްޔާ -صلى الله عليه وسلم-ގެ އަރިހުން އަދި އަޞްޙާބު ބޭކަލުން -رضي الله عنهم -ގެ އަރިހުންވެސް ވާރިދުވެގެންނުވެއެވެ.
އެހެނަސް ހުކުރު ދުވަހު އިމާމް މިންބަރަށް އަރާވަޑައިގަންނަވާ ވަޤުތުން ފެށިގެން ނަމާދުކޮށް އަވަދިވުމަށް ދާންދެން އެއީ ދުޢާ އިޖާބަކުރެވޭ ވަޤުތެއްކަމުގައި ވާރިދުވެފައިވުމުން އެ ސަބަބަށްޓަކައި ދުޢާކުރުން މުސްތަޙައްބުވެގެންވާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.
އިމާމް مسلم ޞަޙީޙުގައި ޞަޙާބީ أبو هريرة – رضي الله عنه-ގެ އަރިހުން ރިވާކޮށްފައިވާ ރިވާޔަތުގައިވެއެވެ. (މި ރިވާޔަތުގައި ބަޔާންވަނީ ހުކުރު ދުވަހު ދުޢާ އިޖާބަ ކުރެވޭ ވަޤުތާއި މެދުގައެވެ.) (إنَّ في الجُمُعَةِ لَساعَةً، لا يُوافِقُها مُسْلِمٌ، يَسْأَلُ اللَّهَ فيها خَيْرًا، إلَّا أعْطاهُ إيَّاهُ) “ހަމަކަށަވަރުން ހުކުރު ދުވަހުގައި (ދުޢާ އިޖާބަކުރެވޭ) ވަޤުތެއްވެއެވެ. މުސްލިމް އަޅަކު ހެޔޮކަމަކަށް އެދި ދުޢާ ކުރުމުގައިވެ، އެގޮތުގައި އެ ވަޤުތާއި ބައްދަލުވެއްޖެހިނދު އެމީހަކަށް އެކަމެއް ނުދެއްވާ ދޫކޮށްނުލައްވާނެއެވެ.” مسلم 852
ފަހެ، މި ވަޤުތާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފް ބޮޑުވެގެންވެއެވެ. އެހެނަސް އެންމެ ބާރުގަދަ 2 ޤައުލުތެރޭގައިވާ އެއް ޤައުލަކީ އެ ވަޤުތަކީ އިމާމް ޚުޠުބާ ދިނުމަށް މިންބަރަށް އަރާ ވަޤުތުން ފަށައިގެންގޮސް ނަމާދުކޮށް އަވަދި ވުމަށް ދާންދެނެވެ.
ފަހެ، އެހެންވުމުން، ދެ ޚުޠުބާ ދެމެދުގެ ވަޤުތަކީ އެއީ ހުކުރު ދުވަހު ދުޢާ އިޖާބަ ކުރެވޭ ވަޤުތުގެ ތެރެއިންވާ ވަޤުތެއް ކަމުގައި ވުމުން، އެ ވަޤުތުގައި ދުޢާ ކުރުމަށް ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ.
އިސްވެ ބަޔާން ކުރެވުނު ފަދައިން، ދުޢާ ކުރާ މީހާ ކިޔުމަށް ޚާއްޞަ ލަފްޟުތަކެއް ނުވެއެވެ. އެހެނަސް އޭނާއަށް ދެދުނިޔޭގެ ބާއްޖަވެރިކަން ޙާޞިލްވާނެ ދުޢާ ކިޔުން ވެއެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.