ވާރިޘުންނަކީ ކޮބައިތޯއެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
މައްޔިތާގެ ވާރުތަ މުދާ ލިބޭ ފަރާތްތަކަކީ އެ ދިމާވާ ޙާލަތެއްގެ ގޮތުން ހަމައެކަނި އެއްބަނޑު އެއްބަފާ މީހުން އެކަނި ކަމުގައިވެސް ވެދާނެއެވެ. ބައެއް ފަހަރު މައްޔިތާގެ ގޮތުން، އެއްބަނޑު އެއްބަފާ މީހުންނާ އެކުގައި އެއްބަފާ މީހުންވެސް ބައިވެރިވެދާނެއެވެ. މިޘާލަކަށް ބައްޕައަކު އެކި ބަނޑަށް ލިބިފައިވާ ދަރިންނަކީ އެއްބަފާ ދަރިންގެ ގޮތުގައިވެ، ބައްޕަ ދުނިޔެ ދޫކުރުމުން އެ ބައްޕަގެ ފަރާތުން ވާރުތަ މުދާ ލިބޭ ފަރާތްތަކަކީ އެއްބަފާ ގުޅުމުގައިވާ ފަރާތްތައް ކަމުގައިވުމެވެ.
ހަމަ އެފަދައިން އެއްބަޑު މީހުންވެސް ވެދާނެ އެވެ. އަދި ދިމާވާ ޙާލަތެއްގެ ގޮތުން ބޮޑު ބޭބެއަކީވެސް ވާރުތަ މުދާ ލިބޭ ފަރާތެއްގެ ގޮތުގައި ވެދާނެއެވެ. ވުމުން ވާރުތަވެރިންނަކީ ވަކި ބައެއް ކަމުގައި ކަނޑައެޅި އެ ނޫންބަޔަކު ވާރިޘުންގެ ގޮތުގައި ނުވާނެއޭ ބުނުމެއް ނުވެއެވެ.
ވުމުން ވާރުތަމުދާ ލިބޭ މީހުން 3 ބަޔަކަށް ބެހިގެންދެއެވެ. ފިރިހެނުންގެ ތެރެއިން ވާރުތަ މުދާ ލިބޭ މީހުންވެއެވެ. އަދި އަންހެނުންގެ ތެރެއިން ވާރުތަ މުދާ ލިބޭ ބަޔަކުވެސްވެއެވެ. އަދި ވާރުތަ މުދާ ލިބުން ޙައްޤުވެގެންވާ ފަރާތްތައް ކަނޑައެޅުމަށްފަހުގައި، ބާކީހުރި ބައި މައްޔިތާގެ ގާތްތިމާގެ މީހުންގެ ތެރެއިން ލިބޭ ބަޔަކުވެސް ވެއެވެ.
އިމާމް الْبُخَارِي އަދި مُسْلِم ރިވާކުރައްވާފައިވާ ޙަދީޘްގައިވެއެވެ. ނަބިއްޔާ -صلى الله عليه وسلم- ޙަދީޘް ކުރެއްވިއެވެ. (أَلْحِقُوا الْفَرَائِضَ بِأَهْلِهَا، فَمَا أَبْقَتِ الْفَرَائِضُ، فَلِأَولَى رَجُلٍ ذَكَرٍ) ”ތަރިކަ މުދަލުން ފަރުޟު ކަނޑައެޅިފައިވާ ބައިތައް، އޭގެ ޙައްޤުވެރިންނަށް ބަހާށެވެ. އެއަށްފަހު ބާކީ ހުރި އެއްޗެއް ލިބުން ވަނީ، ޢާއިލީ ގޮތުން (މައްޔިތާއާ) އެންމެ ގާތް ފިރިހެނަކަށެވެ.“
އަދި ވާރުތަ މުދާ އެކި މީހުންނަށް ޙައްޤުވެގެންވަނީ އެކި މިންވަރަށެވެ. ވަކި ބަޔަކު ތިބުމުން އަނެއްބަޔަކަށް ލިބޭ މިންވަރު މަދުވެ ނުވަތަ ގިނަވެދިއުމުގެ ތަފްޞީލުތަކަށް ބެލުން އޮތީ އެކަމަށް ޝަރީޢަތުގައި ކަނޑައެޅިފައިވާ ޤާނޫނުތަކަށެވެ.
ފިރިހެނުންގެ ތެރެއިން ވާރުތަވެރިންނަކީ :
1. ދަރިން
2. ދަރިންގެ ދަރިން (ކިތަންމެ ދަށަށް ދިޔަސް)
3. ބައްޕަ
4. ބައްޕަގެ ބައްޕަ (ކިތަންމެ މައްޗަށް ދިޔަސް)
5. އެއްބަނޑު އެއްބަފާ އަޚު
6. އެއްބަފާ އަޚު
7. އެއްބަނޑު އަޚު
8. އެއްބަނޑު އެއްބަފާ އަޚުގެ ފިރިހެން ދަރި
9. އެއްބަފާ އަޚުގެ ފިރިހެން ދަރި
10. އެއްބަނޑު އަޚުގެ ފިރިހެން ދަރި
11. ބައްޕަފަރާތުގެ ބޮޑުބޭބެ
12. އެއްބަނޑު އެއްބަފާ ބައްޕަ ފަރާތުގެ ބޮޑުބޭބެގެ ދަރިން
13. ބައްޕަ ފަރާތުގެ ބޮޑުބޭބެގެ ދަރިން
14. ފިރިމީހާ
15. މިނިވަންކުރި މީހާ
އަންހެނުންގެ ތެރެއިން ވާރުތަ ކުރާނެ ފަރާތްތަކަކީ :
1. އަންހެން ދަރިން.
2. ފިރިހެން ދަރިންގެ އަންހެން ދަރިން
3. މަންމަ
4. މަންމަގެ މަންމަ
5. ބައްޕަގެ މަންމަ
6. އެއްބަނޑު އެއްބަފާ އުޚްތު
7. އެއްބަފާ އުޚްތު
8. އެއްބަނޑު އުޚްތު
9. އަނބިމީހާ
10. މިނިވަންކުރި އަންހެން މީހާ
ވުމުން މިއީ އެކި ޙާލަތްތަކުގައި ފިރިހެނުންނާއި އަންހެނުންގެ ތެރެއިން ވާރުތަ ލިބޭ ފިރިހެނުންނާއި އަންހެނުންނެވެ. އެގޮތުން އެމީހުންނަށް ލިބޭ ޙާލަތްތަކާއި، ލިބޭ މިންވަރުތަކާއި މިކަމުގެ ތަފްޞީލުތައް ބަޔާންވެގެންވަނީ ޝަރީޢަތުގައި ބަޔާންވެގެންވާ ވާރުތަ މުދާ ބެހުމުގައިވާ ޤަވާއިދުތަކުގެ މައްޗަށެވެ. ފަހެ، މިކަންތައްތައް އެގޮތުގައި ކަނޑައެޅުމަށްޓަކައި ރުޖޫޢަވުން ހުށީ ޝަރުޢީ ކޯޓުތަކަށެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.