ތުއްތު ކުދިންގެ ފޫޅު ވެއްޓުމުން ޢަމަލުކުރަންޖެހޭ އެންމެ ރަނގަޅުގޮތަކީ ކޮބާ ހެއްޔެވެ؟

ތުއްތު ކުދިންގެ ފޫޅު ވެއްޓުމުން ޢަމަލުކުރަންޖެހޭ އެންމެ ރަނގަޅުގޮތަކީ ކޮބާ ހެއްޔެވެ؟

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ދަންނައެވެ. ދަތް، ނިޔަފަތި އަދި އިސްތަށިފަދަ އޭގެ ޛާތުގައި ދިރުމެއް ނުވާ އަދި އިޙްސާސްނުވާ ފަދަ ތަކެތި އާދަމު ދަރިންގެ ހަށިގަނޑުން ވަކިވި ކަމުގައިވީނަމަވެސް އެއީ ނަޖިސް އެއްޗެއް ކަމުގައި ނުވާނެއެވެ. ހަމައެފަދައިން ފޫޅުވެސްވެއެވެ.

ފަހުގެ ދުވަސްތަކުގައި އުއްމަތަށް ފާޅުވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الإمام محمد بن صَالح العُثَيمِين -رحمه الله- ވިދާޅުވެފައިވާ ގޮތުގައި، ފޫޅުދަނޑި ވާހުށީ ނިޔަފަތީގެ ޙުކުމުގައެވެ. މާނައަކީ، ކޮންމެހެން ވަޅުލާކަށެއް ނުޖެހޭނެއެވެ. އަދި ވަޅުލުމަކީ ވާޖިބެއްވެސް ނޫނެވެ. ހަމައެފަދައިން އެދޭ މީހަކު އެތަކެތި ވަޅުލުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ.

އެހެނަސް އެއީ ވަކިގޮތަކަށް ޢަމަލުކުރަން ޖެހޭ އެއްޗެއް ކަމުގައި ބުނާނަމަ އެކަމަށް ދަލީލެއް އަދި ޙުއްޖަތެއް އޮންނަން ޖެހޭނެއެވެ. ފަހެ، ދީނުގައި އެފަދައިން އެއްވެސް އެއްޗެއް ވާރިދުވެފައި ނުވުމުން ވަކި ގޮތަކަށް ޢަމަލުކުރުން އޮތްކަމަށް ދެކިގެން ނުވާނެއެވެ.

އެތަކެއްޗަކީ ހަޑި ހުތުރު އަދި ފަކުރުގަންނަ ތަކެތި ކަމުގައިވުމުން މީސްތަކުންގެ ލޯމައްޗަށް ނުފެންނަގޮތަށް އެތަކެތި ނައްތައިލުން ހުއްޓެވެ. އެގޮތުން ޑަސްބިނަށް ލުމާއި ކުނިފަދަ ތަކެތީގެ ތެރެއަށް ލައި އުކާލުމުގައި އެއްވެސް މައްސަލައެއް ނެތެވެ.

މިއީ މި މައްސަލައިގައި ފަހުގެ ދުވަސްތަކުގައި ދުނިޔެމައްޗަށް ފާޅުވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام عَبد العَزِيز بن باز -رحمه الله- ވެސް ވިދާޅުވެފައިވާ ގޮތެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.