ރޭގަނޑުގެ ނަމާދުތަކުގައި މިސްކިތުގެ ބޮކިތައް ނިއްވާލައިގެން ނަމާދު ކުރުމުގެ ޙުކުމް.
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ނަމާދު ކުރާހިނދު ޚުޝޫޢަތްތެރިކަން ގެނައުމަށްޓަކައޭ ބުނެ ދިއްލާފައި ހުންނަ ބޮކިތައް ނިއްވާލުމަކީ އުއްމަތުގެ ސަލަފުއް ޞާލިޙުން ކޮށްއުޅުއްވި ކަމެއް ނޫނެވެ. އެބޭކަލުންނަކީ ނަމާދުގައި އަދި އެ ނޫން ދަނޑިވަޅުތަކުގައިވެސް އެންމެ ހެޔޮވެގެންވާ ގޮތުގައި ﷲއަށް ބިރުވެތިވެވަޑައިގެންނެވި ބޭކަލުންނެވެ. އެކަލާނގެއަށް ބިރުވެތިވެވަޑައިގެންނެވި އަހުލުވެރިންނެވެ. ނަމާދުގައި އަދި އެހެނިހެން އަޅުކަންތަކުގައި އެބޭކަލުންވާކަން ކަށަވަރީ ބިރުވެތި ވުމަށް ނުހަނު އެދޭ ބޭކަލުން ކަމުގައެވެ. އެހެނަސް އެއާއެކުވެސް ދިއްލާފައިހުންނަ ތަކެތި ނިއްވާލުމަކީ އެބޭކަލުން ކޮށް އުޅުއްވި ކަންތައްތަކެއް ނޫނެވެ. އަދި ކިޔެއްތަ، އެކަން ކުރެއްވުމަށް އެންމެހައި މަގުތަކެއް ލިބިފައިވެ އަދި ދޮރުތަކެއް ހުޅުވިފައިވެ އެބޭކަލުން އެކަންތައް ދޫކޮށްލެވިއެވެ.
އެބޭކަލުން ﷲއަށް ބިރުވެތިވެވަޑައިގެންނެވި މިންވަރު ބަޔާންވެގެންވާ ސީރަތުގެ އެތައް ފިލާވަޅުތަކެއްވެއެވެ. އުއްމަތުގެ ދެވަނަ ޚަލީފާ عمر بن الخَطَّاب -رضي الله عنه- ވިދާޅުވެފައިވެއެވެ. ”ތިޔަބައިމީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެހައި މީސްތަކުންނަކީ ސުވަރުގެ ވަންނާނެ މީހުންނެވެ. މިފަދައިން އުޑުން ނިދާ އިއްވެވިއްޖެ ނަމަ، އެމީހަކީ އެއީ އަހަރެން ކަމުގައި ވެދާނެކަމަށް އަހަރެން ބިރުވެތިވަމެވެ.“ حلية الأولياء 1/ 53
ޞަޙާބީ عبدالله بن الزبير -رضي الله عنه- ނަމާދަށް ހުންނަވާހިނދު، ނަމާދުގެ ޚުޝޫޢަތްތެރިކަން ބަޔާންކުރެވިގެންވާ ރިވާޔަތުގައިވެއެވެ. “ނަމާދަށް ހުންނަވާހިނދު ޚުޝޫޢަތްތެރިކަމުގެ ބޮޑުކަމުން ލަކުޑިގަނޑެއް ފަދައެވެ.“صحيح/ابن أبي شيبة ٧٤٣٦
މަޝްހޫރު ތާބިޢީ سعيد بن جبير -رحمه الله- އާ މެދުގައި ޛިކުރު ކުރެވިގެންވެއެވެ. القاسم بن أبي أيوب ވިދާޅުވިއެވެ. ”سعيد بن جبير ރޭގަނޑުގެ ވަޤުތުގައި ކީރިތި ކުރައްވަމުންގޮސް އެކަލޭގެފާނުގެ ދެ ލޯފުޅު ފުސްވެ ހަލާކުވެގެން ދިޔައެވެ.“ حسن/الزهد لأحمد ٥١٣
މިފަދަ އެތައް މިޘާލުތަކެވެ. މިފަދަ ތަޤްވާވެރި، ﷲ އަށް ބިރުވެތިވަޑައިގަންނަވާ ބޭކަލުންގެގޮތުގައި ވީހިނދު އެބޭކަލުންނަށް އެ މިސްކިތްތަކުގައި ދިއްލާފައިހުންނަ ވޮށްތަށް ނުވަތަ ފާނޫޒާއި ބޮކި ފަދަ ތަކެތި އެބޭކަލުން ނުނިއްވައެވެ. އޭގެ ބަދަލުގައި އެ ޢަމަލު ހިންގާފައިވަނީ ދީނުގެ ޙައްޤުމަގުން ބޭރުވެފައިވާ މާތް ނަބިއްޔާ އަދި އަޞްހާބު ބޭކަލުންގެ އަދި ސުންނަތުގެ އިމާމުންގެ މަގު ދޫކޮށްފައިވި ބާޠިލް އަހުލުވެރިން ކަމުގައި ދަންނައެވެ.
ހިތާމައަކީ، މިއަދު ސުންނަތަށް ދަޢުވާކުރާ ފަރާތްތަކުންވެސް މި ޢަމަލުތައް ހިންގުމެވެ. ފަހެ، އެބަޔަކު ސުންނަތަށް ދަޢުވާކުރާހިނދު ޖާހިލުވެފައިވާލެއް ބޮޑުކަމާއެވެ!
މިޢަމަލުގެ ޙަޤީޤަތް ބަޔާންކުރައްވާ މިއަދު ދުނިޔެމަތީގައި ތިއްބެވި ސުންނަތުގެ އިމާމުން، ޢިލްމުވެރިން ފަތުވާ ދެއްވާފައިވެއެވެ. އޭގެ ތެރޭގައި މަދީނާގެ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشَّيخ العَلاَّمَة عُبَيد بن عَبد الله الجَابِري -حفظه الله – ވިދާޅުވެފައިވެއެވެ.
ސުވާލު : ޚުޝޫޢަތްތެރި ވުމަށް ބުނެ، ތަރާވީޙް ނަމާދުގައި، ދިއްލާފައި ހުންނަ ބޮކިތައް ނިއްވުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖަވާބު : “އުއްމަތުގެ ސަލަފުންގެ ފަރާތުން އަހަރެމެންނަށް އެނގިފައިވަނީ، ދިއްލާފައި ހުންނަ ވޮށެއް ނުވަތަ ދިއްލާފައި ހުންނަ އަލިކުރާ އެއްވެސް އެއްޗެއް އެބައިމީހުން ނިއްވާނުލާ ކަމެވެ. ފަހެ، މި ޢަމަލު (އަލިތައް ނިއްވާލުން) އަކީ ބައެއް ޞޫފީންގެ ފަރާތުން އައިސްފައިވާ އެއްޗެއް ކަމެވެ. އުއްމަތުގެ ސަލަފުންގެ ފަރާތުން އެއްގޮތަކަށްވެސް މި ޢަމަލެއް ވާރިދުވެގެން ނުވެއެވެ. ފަހެ، އަޅުކަމުގެ އަޞްލަކީ އެކަމެއް ނުކުރުމެވެ. މަނާވެފައި ވުމެވެ. ދަލީލެއް ބަޔާންވުމަށް ދާންދެނެވެ. ޚުޝޫޢަތްތެރިކަން މުސްލިމް އަޅާއަށް ތިޔަގޮތް ނޫން ގޮތްތަކުންވެސް ޙާޞިލް ކުރެވޭނެއެވެ.” (ޝެއިޚްގެ ފަތުވާ ނިމުނީއެވެ.)
އަޚާއެވެ! މިއީ މި ޢަމަލުގެ ޙަޤީޤަތެވެ. މިފަދައިން ޢަމަލު ކުރުމުން އެހިނދު ތަބަޢަވެވެނީ ކޮން ބަޔަކަށް ހެއްޔެވެ؟
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.