ބައެއް މީސްތަކުންގެ ނަފްސުގައި އެކިއެކި ޤައުމުތަކުގެ މައްޗަށް އޮންނަ ރުޅިވެރިކަމާއި، ނަފްރަތާއި ހަސަދައިގެ ސަބަބުން އެ ޤައުމުތަކުގެ މައްޗަށް ބުހުތާނާއި، ފާޅުވެގެންވާ ދޮގު ބުނުމާއި އަދި ނަފްރަތުގެ ލިޔުންތައް ލިޔުމަށް ޖެހިލުން ނުވެ އެވެ.
ފަހެ މިއަދު ފެތުރެމުންދާ ޚަބަރުގައިވަނީ
“ސަޢުދީ ޢަރަބިއްޔާގައި ޙައްދު ޖެހުން ހުއްޓާލަން ނިންމައިފި….” މިހެންނެވެ.
ﷲ ޙަރާމް ކޮށްފައިވާ ގޮދު ހެދުމާއި، ބުހުތާނު ބަސްތައް ބުނުމަށް ޖެހިލުންނުވާ ފަރާތްތައް، މިފަދަ ރަމަޟާން މައްސަރެއްގައިވެސް ނަފްސަށް ބިރުވެތި ކަމެއް ނެތީ ހެއްޔެވެ؟ (إِنَّمَا يَفْتَرِي الْكَذِبَ الَّذِينَ لا يُؤْمِنُونَ بِآيَاتِ اللَّهِ وَأُولَئِكَ هُمُ الْكَاذِبُونَ) النحل 105
ދޮގުހަދާކަން ކަށަވަރީ ﷲގެ އާޔަތްތަކަށް އީމާންނުވާ މީހުންނެވެ. އަދި އެބައިމީހުންނަކީ ދޮގުވެރިންނެވެ.
ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. (إياكم والكذبَ، فإن الكذبَ يهدي إلى الفجورِ، والفجورُ يهدي إلى النارِ) ”ދޮގު ހެދުމުގެ މައްޗަށް ތިޔަބައިމީހުން ސަމާލުވެ އިންޒާރު ލިބިގަތުން ހުއްޓެވެ.
ހަމަކަށަވަރުން ދޮގުހެދުން މަގުދައްކައިދެނީ ފުޖޫރަށެވެ. (ފާޖިރު، ފާޙިޝް، ނުބައި މުޑުދާރު ފާފަތަކަށެވެ.) އަދި އެ ފުޖޫރު މަގުދައްކައިދެނީ ނަރަކައަށެވެ.“
ކޮންމެ މުސްލިމަކަށް ވަންހަނާ ވެފައި ނުވާނެ ކަމަކީ، ދީނުގައި ޙައްދު ޖެހުމުގެ ޙުކުމްތަކެއް ﷲ ކަނޑައަޅުއްވާ ޝަރުޢު ކުރައްވާފައިވާ ކަމެވެ.
އިސްލާމް ދީނުގައި ޙައްދު ޖެހުމަށް ބަޔާންވެގެންވާ ޙުކުމްތަކަކީ :
1. ޝަރުޢީ ކައިވެންޏެއް ނުކޮށް ހުރެ ޒިނޭގެ ޢަމަލަށް އަރައިގެންފައިވާ މީހާ އެވެ. އޭގެ ޙުކުމަކީ 100 އެތިފަހަރުން ހައްދު ޖެހުމާއި އެކު 1 އަހަރަށް (އަރުވާލުމެވެ.) ﷲ ގެ ވަޙީބަސްފުޅުގައިވެ އެވެ. الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِنْهُمَا مِائَة…. [النور:2] އަދި ޙައްދު ޖެހުމާއެކު އެމީހާ އަރުވައިލުން ނަބިއްޔާ صلى الله عليه وسلم ހަދީޘް އިން ބަޔާންވެ އެވެ. ޙަދީޘް ކުރެއްވި އެވެ. البكر بالبكر جلد مائة وتغريب عام. މި ޙަދީޘް مسلم ރިވާކުރެއްވި އެވެ.
2. ޤަޛްފު ކުރުމެވެ. އެއީ މީހަކާ ދިމާލަށް ޒީނޭކޮށްފައިވާ ކަމުގައި ބުނުމެވެ. ފަހެ، ހަތަރު ހެކިން ގެނެސް ޘާބިތު ނުކޮށްދެވިއްޖެ މީހާގެ މައްޗަށް 80 އެތިފަހަރުން ޙައްދު ޖެހެ އެވެ. ﷲ ވަޙީ ކުރެއްވި އެވެ. وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلا تَقْبَلُوا لَهُمْ شَهَادَةً أَبَداً وَأُولَئِكَ هُمُ الْفَاسِقُونَ [النور:4].
3. ބަނގުރާ ބޯ މީހާ އެވެ. އެމީހާގެ މައްޗަށް 40 އެތިފަހަރުން ޙައްދު ޖެހެ އެވެ. އިމާމް مسلم ރިވާކުރައްވާފައިވެ އެވެ. حصين بن المنذر ގެ ޙަދީޘްގައިވެ އެވެ. أن علياً جلد الوليد بن عقبة في الخمر أربعين ثم قال: جلد النبي صلى الله عليه وسلم أربعين وأبو بكر أربعين وعمر ثمانين وكلٌّ سنة، وهذا أحب إليَّ) މި ޢިޤޫބާތްތަކެވެ.
ދަންނަ އެވެ! ސަޢުދީ ޢަރަބިއްޔާއިން މި ހައްދުތައް ހުއްޓާލާފައެއް ނުވެ އެވެ. އަދި ކިޔެއްތަ! މި އެންމެހައި ޙުކުމްތަކުގައި ﷲގެ ޝަރުޢުގައިވާ ފަދައިން ޙުކުމް ޤާއިމްކުރުން ވެ އެވެ. ﷲ ތަޢާލާ ޙަޟުރަތުން އަހަރެމެން އެދެނީ އެ ޤައުމަކީ ﷲ ގެ ޝަރީޢަތް ތަންފީޛުކުރުމުގައިވާ ނަމޫނާ ދަޥްލަތެއްގެ ގޮތުގައި ވުމަށެވެ. އަދި އެފަދައިން އެ ދަޥްލަތުގައިވާ ފަރާތްތަކަށް ﷲ ހެޔޮ މަގުދައްކަވައި އެފަދައިން ޘާބިތު ކޮށްދެއްވުމެވެ. އެހެނަސް ހުއްޓާ ލާފައިވަނީ ތަޢުޒީރު ކުރެވޭ ކަންތަކުގަ އެވެ.
ތަޢުޒީރުގެ މާނައަކީ، އިސްލާމް ދީނުގައި ހައްދެއް، ޢުޤޫބާތެއް ކަނޑައެޅިފައިނުވާ ކަންކަމުގައި، ޤާޒީއަށް އެކަމުގައި ޙުކުމް ކުރުމެވެ.
ފަހެ، މިއީ ޤާޟީއަށް ފެންނަ އެންމެ އިންސާފުވެރިކަމުގައި ވުމެވެ. ދަންނަ އެވެ! މުސްލިމް ވެރިޔާއަށް އެ ތަޢުޒީރު ޙުކުމްގައި އެއަށްވުރެ ބޮޑު މަޞްލަޙަތެއް އޮވެއްޖެކަން ފެނިއްޖެހިނދު އެކަމުގައި އެހެން ޙުކުމަކަށް ބަދަލު ކުރުމަށް މުސްލިމް ވެރިންނަށް ޝަރީޢަތުގައިވަނީ އެކަމަށް ހުއްދަ ދެވިފަ އެވެ. ފަހެ، މިކަމުގައި ބަދުބަސް ބުނުމަށް، ނަފްރަތު އުފެދޭ ގޮތަށް އަދި ރުޅިވެރިކަން ފާޅުކުރެވޭ ގޮތަށް ޢަމަލު ކުރަން އޮތް އެއްވެސް އެއްޗެއް، އެއްވެސް ޢަމަލެއް ވޭ ހެއްޔެވެ؟
ފަހެ، އެހިނދު ދީނުގައި އެކަމަށް ހުއްދަދެވިފައިވާ ކަމެއްގައި އެ މިންގަނޑުގެ ތެރޭގައި ކުރުމުން އެއީ އެ ބަޔަކަށް ޢައިބުކޮށް، ބަދުބަސްތައް ބުނުން ހުއްދަވެގެންވާ ޢަމަލެއް ކަމުގައި ހުއްދަވާނީ ކިހިނަކުން ހެއްޔެވެ؟ މިއީ ފަސާދައާއި ފިތުނައިގެ ތެރެއަށް ގެންދިއުން ނޫން ޢަމަލެއް ކަމުގައި މެނުވީ މިކަމުގައި ނުވެ އެވެ.
ފަހެ، އެހިނދު މައްސަލަ ވަރަށް ސާފުކޮށް ފަހުމްވެ، ޙަޤީޤަތް އެނގިބަޔާންވެ އެވެ.
ހިތާމައަކީ، ޚަބަރުފަތުރާ ވަޞީލަތްތަކުގެ އަހުލުވެރިންނަކީ އެކަމުގެ އަހުލުވެރިން ކަމުގައިނުވެ، ތިމާމެންގެ މޮޅުކަމާއި، ތިމާމެން ލިޔެލާ ސުރުޚީއަކީ މީސްތަކުންގެ ނަޟަރު ހުއްޓި އެއަށް މިސްތަކުން ލެނބިގެންދާ ނޫސްތަކެއް ގޮތުގައި ހެދުމެވެ. އެއީ ކިތަންމެ ބޮޑު އޮޅުވާލުމެއް އަދި ޙަޤީޤަތާއި ޚިލާފްވެ ހެދިފައިވާ ދޮގެއް ކަމުގައިވީނަމަވެސް އެވެ.
ފަހުގެ ދުވަސްތަކުގައި އުއްމަތަށް ފާޅުވި އިމާމް العلامة مُقبل بن هَادي -رحمه الله- ގެ ބަސްފުޅުގެ ތެދުކަމާ އެވެ.
” މީޑިޔާގެ ވަޞީލަތްތަކަކީ ޙަޤީޤަތްތަކާއި، ޞާލިޙް އަހުލުވެރިން މުޖުތަމަޢުގެ ތެރޭގައި އެއީ ޝައިޠާނުންގެ ގޮތުގައި ހަދައި ބަދަލުކޮށްލާ އެއްޗެކެވެ. އަދި ޝައިޠާނުން ޞާލިޙުންގެ ގޮތުގައި ކަނޑައަޅަ އެވެ.“ كتاب المصارعة (٢٩)
ކަންކަމުގެ މައްޗަށް، އެއީ ޚަބަރު ފެތުރުން ކަމުގައިވީނަމަވެސް، ދީނީ ކަންކަމުގައި ބަސް ބުނުން ކަމުގައިވީނަމަވެސް، ކަމާ އެކަށީގެން ނުވާ މީހުން އިސްވުމަކީ ޤިޔާމަތުގެ ޢަލާމާތެކެވެ. މިއަދު މިވަނީ އެފަދަ މީހުން ޚަބަރު ލިޔުމުގައިވާ ތަނެވެ.
أُسْتَاذ أبو أنس محمد حسن حفظه الله