ޖަވާބު ދެއްވީ: އުސްތާޛް عبد الفتاح بن عبد الحميد رشدي
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ފަހެ، ހަމަކަށަވަރުން ޢިލްމުވެރިން، މިމައްސަލާގައި ވަރަށްބޮޑަށް އިޚްތިލާފުވެފައިވެއެވެ. ހަޔެއް ނުވަތަ ހަތް ބަސްފުޅުގެ މައްޗަށް އިޚްތިލާފު އުފެދިފައިވެއެވެ. ابْنُ المُنْذِرُ ވިދާޅުވިއެވެ: “ޖަމާޢަތެއްގެ ބޭކަލުން ވިދާޅުވިއެވެ. ޙައިޟުގެ ދުވަސްވަރަށް ބަލާއިރު، މަދުމިންވަރާއި ގިނަ މިންވަރުގައި ވަކި ޙައްދެއް ނުވެއެވެ.” އަހުރެން ބުނަމެވެ: މިބަސްފުޅަކީ، މީގެ ކުރީގައި ބަޔާންކުރި، الإمَامُ الدَّارِمِي ގެ ބަސްފުޅުފަދަ ބަސްފުޅެކެވެ. އަދި އެއީ شَيخُ الإِسْلَام ابن تَيْمِيَّة އިޚްތިޔާރު ކުރެއްވިގޮތްވެސް މެއެވެ. ރަނގަޅުގޮތަކީ އެއީއެވެ. އެއީ، ޤުރްއާނާއި ސުންނަތުން އަދި އިޢުތިބާރުން ދަލީލު ކުރާގޮތެވެ.
ފުރަތަމަ ދަލީލަކީ: މާތް ﷲ ވަޙީކުރެއްވިއެވެ: ﴿ وَيَسْأَلُونَكَ عَنِ الْمَحِيضِ ۖ قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ ۖ وَلَا تَقْرَبُوهُنَّ حَتَّىٰ يَطْهُرْنَ ۖ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللَّهُ ۚ إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ ﴾ ،( البقرة:222 ). މާނައަކީ: “އަދި حيض އާމެދު، ކަލޭގެފާނާ އެއުރެން سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އުނދަގޫ (ލިބެނިވި) ކަމެކެވެ. ފަހެ، حيض ގެ ދުވަސްވަރުގައި ތިޔަބައިމީހުން އަންހެނުންނާ ދުރުހެލިވާށެވެ! (އެބަހީ: جماع ނުވާށެވެ!) އަދި އެކަނބަލުން ހިނައި طاهر ވެއްޖައުމަށްދާނދެން ތިޔަބައިމީހުން އެކަނބަލުންނާ ގާތްނުވާށެވެ! ފަހެ އެކަނބަލުން ހިނައި طاهر ވެއްޖެނަމަ، اللَّه ތިޔަބައިމީހުންނަށް أمر ކުރައްވާފައިވާ ފަދައިން އެކަނބަލުން ގާތަށް ތިޔަބައިމީހުން ދާށެވެ! (އެބަހީ: جماع ވުން ހުއްދައެވެ.) ހަމަކަށަވަރުން، ގިނަގިނައިން توبة ވާ މީހުންދެކެ اللَّه ލޯބިވެ ވޮޑިގެންވެއެވެ. އަދި طاهر ވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ.” ފަހެ، (ޖިމާޢުވުމުން) މަނާވެގަތުމަށް ﷲ ކަނޑައަޅުއްވައި އަންގަވާފައިވާ މުއްދަތަކީ، طاهر ވެއްޖައުމަށްދާންދެނެވެ. މުއްދަތަކީ، ދުވާލަކާއި ރެޔެއް ނުވަތަ ތިން ދުވަސްކަމެއް ނުވަތަ ފަނަރަ ދުވަސްކަމެއް ކަނޑައަޅުއްވާފައެއް ނުވެއެވެ. ފަހެ އެހެންކަމުން، ޙުކުމުގެ ސަބަބަކީ، ޙައިޟު ފެނުމާއި ނުފެނުންކަން ދަލީލުކޮށްދެއެވެ. ޙައިޟު ފެނިއްޖެހިނދު، ޙުކުމް ޘާބިތު ވުމެވެ. ޠާހިރުވެއްޖެހިނދު، ޙުކުމް ފިލައިދިޔުމެވެ.
ދެވަނަ ދަލީލަކީ: ޞަޙީޙު މުސްލިމުގައި ޘާބިތުވެގެންވެއެވެ. ހަމަކަށަވަރުން عَائِشَة ޢުމްރާއަކަށް އިޙްރާމް ބަންނަވައިގެން ހުންނެވި ޙާލަތުގައި، އެކަމަނާ ޙައިޟުވުމުން ނަބިއްޔާ ﷺ އެކަމަނާއަށް ޙަދީޘް ކުރެއްވިއެވެ: (اِفْعَلِي مَا يَفْعَلُ اَلْحَاجُّ، غَيْرَ أَنْ لَا تَطُوفِي بِالْبَيْتِ حَتَّى تَطْهُرِي) ، (رواه مسلم، كتاب الحج: 1211). މާނައަކީ: ” ކަމަނާ ޠާހިރު ވެއްޖައުމަށްދާންދެން، ގެފުޅުގައި ޠަވާފުކުރުން ފިޔަވައި، ޙައްޖުވެރިޔާ ކުރާ ހުރިހައިކަމެއް ކުރައްވާށެވެ.” އެކަމަނާ ވިދާޅުވިއެވެ: ނަޙްރުގެ ދުވަހުގައި، ތިމަންކަމަނާ ޠާހިރުވެވަޑައިގެންނެވީމެވެ. ޞަޙީޙުލްބުޚާރީގައި ވެއެވެ. އެކަމަނާއަށް ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: (انْتَظِرِي فَإِذَا طَهَرْتِ فَاخْرُجِي إِلَى التَّنْعِيمِ) ، (رواه البخاري، كتاب العمرة: 1787). މާނައަކީ، “ކަމަނާ އިންތިޒާރު ކުރައްވާށެވެ. ފަހެ ކަމަނާ ޠާހިރުވެއްޖެނަމަ، ތަންޢީމަށް ނުކުމެވަޑައިގަންނަވާށެވެ.” ފަހެ، ނަބިއްޔާ ﷺ ވަނީ އެކަމަނާ (އަޅުކަމުން) މަނާވެގަތުން ޠުހުރާއި ގުޅުއްވާފައެވެ. ކަނޑައެޅިގެން ވަކި ޒަމާނެއް ޢައްޔަން ކުރައްވާފައެއް ނުވެއެވެ. ފަހެ، މީގެން ދަލީލުކޮށްދެނީ، ޙުކުމް ގުޅިފައިވަނީ، ޙައިޟު ފެނުމާއި ނުފެނުމުގެ މައްޗަށްކަމެވެ.
ތިންވަނަ ދަލީލަކީ: މި މައްސަލާގައި، ފިޤުހު ޢިލްމުވެރިން ބަޔާންކުރައްވާފައިވާ، މިންވަރުތަކާއި ތަފްޞީލުތައް ﷲ ގެ ފޮތުގައާއި، ރަސޫލާ ﷺ ގެ ސުންނަތުގައެއް ނުވެއެވެ. (އެވިދާޅުވާ)ކަމުގެ ޙާޖަތާއި އަދި ޞަރޫރަތަކީ އެފަދައިން ބަޔާންކުރެއްވުން ކަމުގައިވިޔަސްމެއެވެ. ފަހެ، އަޅުތަކުންނަށް ފަހުމްވުމާއި އަޅުވެތިވުން ވާޖިބުވެގެންވާނަމަ، ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ކޮންމެ މީހަކަށްވެސް ފާޅުގައި އެނގޭނެފަދައަކުން ބަޔާންކުރެއްވީހެވެ. ނަމާދާއި، ރޯދައާއި، ކައިވެންޏާއި، ވަރިޔާއި، ތަރިކައާއި އަދި މިނޫނަސް މުހިއްމު ޙުކުމްތައް ބަޔާންކުރެއްވިއެވެ. ހަމައެފަދައިން، ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ވަނީ، ނަމާދުގެ ޢަދަދުތަކާއި ވަޤުތުތަކާއި، ރުކޫޢާއި ސަޖިދަވެސް ބަޔާންކުރައްވާފައެވެ. އަދި ޒަކާތުގެ މުދަލަކީ ކޮބައިކަމާއި، ނިޞާބާއި، އޭގެ މިންވަރާއި އަދި ޙައްޤުވެރިންނަކީ ކޮބައިކަން ބަޔާންކުރެއްވިއެވެ. އަދި ރޯދާގައި، އޭގެ މުއްދަތާއި ޒަމާން ބަޔާންކުރެއްވިއެވެ. ޙައްޖާއި އަދި އެނޫން އަޅުކަންތައްތައްވެސް ހަމައެފަދައިން ބަޔާންކުރެއްވިއެވެ. ކެއުމާއި ބުއިމުގެ އަދަބުތަކާއި، ނިދުމާއި، ޖިމާޢުވުމާއި، އިށީނުމާއި، ގެއިން ނިކުމެ ވަދެ ހެދުމުގެ އަދަބުތަކަށް ދާންދެން ބަޔާންކުރެއްވިއެވެ. އަދި ޤަޟާޙާޖާގެ އަދަބުތަކުގެ ތެރެއިން، އިސްތިޖުމާރު ކުރުމުގައި ފުހެންޖެހޭ ޢަދަދަށް ދާންދެން ބަޔާންކުރެއްވިއެވެ. މިނޫނަސް، އެންމެއާދާއިގެ ކުދި މައްސަލަތަކުގެ ކަންކަމުގެ އެންމެ ފުންމިނުގެ ޙުކުމްތައްވެސް ބަޔާންކުރެއްވިއެވެ. މިއީ، ﷲ ގެ ދީން ފުރިހަމަވެ، މުއުމިނުންނަށް ނިޢުމަތްތައް ފުރިހަމަކޮށްދެއްވާފައިވާކަން ހާމަވާ ކަމެކެވެ. ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ: ﴿ وَنَزَّلْنَا عَلَيْكَ الْكِتَابَ تِبْيَانًا لِّكُلِّ شَيْءٍ ﴾ (النحل:)89 ). މާނައަކީ: “އަދި ތިމަންއިލާހު، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ.” އަދިވެސް ވަޙީކުރެއްވިއެވެ: ﴿ مَا كَانَ حَدِيثًا يُفْتَرَىٰ وَلَٰكِن تَصْدِيقَ الَّذِي بَيْنَ يَدَيْهِ وَتَفْصِيلَ كُلِّ شَيْءٍ ﴾ (يوسف:111). މާނައަކީ: ” އެ قرآن އަކީ، ހަދައިގެން އުފެއްދޭ ވާހަކަތަކެއްނޫނެވެ. އެހެނެއްކަމަކު، އެއީ އޭގެކުރިން ބާވައިލެއްވި ފޮތްތައް ތެދުކުރާ، އަދި ހުރިހާކަމެއް تفصيل ކޮށްދޭ ފޮތެކެވެ.”
އެ (ވިދާޅުވާ) މިންވަރުތަކާއި ތަފްޞީލުތައް ﷲ ގެ ފޮތުގަޔާއި އަދި ސުންނަތުގައިވެސް ނެތުމުން، ބަޔާންވަނީ، އެވިދާޅުވާގޮތަށް ނުބެލެވޭނެ ކަމުގައެވެ. އެކަމަކު ބަލަންޖެހޭނެގޮތަކީ، ޝަރުޢީ ޙުކުމްތައް އެކަމެއްގެ މައްޗަށް ނަންކިޔޭ حيض ވުޖޫދުވުމާއި ނެތުމުގެ މައްޗަށް ބިނާކުރުމެވެ. ދަލީލަކީ މިއީއެވެ. އެއީ ޤުރްއާނާއި ސުންނަތުގައި، ޙުކުމް ޒިކުރުކޮށްފައި ނުވުމުން، އެފަދައިން (މިންވަރުތައް) ކަނޑަނޭޅޭނެކަމެވެ. ޢިލްމީ މައްސަލަތަކުގެ ތެރެއިން، މިމައްސަލައާއި އަދި މިނޫން މިފަދަ މައްސަލަތަކުން ތިބާއަށް މިފައިދާ ކުރާނެއެވެ. ސަބަބަކީ، ޤުރްއާނުން ނުވަތަ ސުންނަތުގެ ދަލީލުން ނުވަތަ އެނގިގެންވާ އިޖުމާޢުއަކުން ނުވަތަ ޞައްޙަ ޤިޔާސަކުން މެނުވީ، ޝަރުޢީ ޙުކުމް ޘާބިތު ނުކުރެވޭނެއެވެ. شَيخُ الإِسْلَام ابن تَيْمِيَّة -رحمه الله- އެބޭފުޅާގެ ޤާޢިދާއެއްގައި ވިދާޅުވެފައިވެއެވެ: “އޭގެތެރެއިން، حَيْضُ މިނަން ވެއެވެ. ޤުރްއާނާއި ސުންނަތުގައި ގިނަ ހުކުމްތަކެއް އެކަމަށް ބަޔާން ކުރައްވާފައިވެއެވެ. އުއްމަތް އެކަމުގެ ޙާޖަތަށްޖެހި، މައްސަލަ ބޮޑުވެފައި ވީނަމަވެސް، އޭގެ މަދުމިންވަރާއި، ގިނަ މިންވަރު، އަދި ދެ ޙައިޟުގެ ދެމެދުގައިވާ ޠުހުރުގެ މިންވަރު ބަޔާންކުރައްވާފައެއް ނުވެއެވެ. ބަހުގެ ހަމައިން ބަލާއިރު، އެއްމިންވަރާއި އަނެއް މިންވަރު ތަފާތެއް ނުކުރެއެވެ. ފަހެ، އެގޮތަށް ވަކި މިންވަރެއް ކަނޑައަޅައިފިމީހާ، ހަމަކަށަވަރުން ޤުރްއާނާއި ސުންނަތާ ޚިލާފުވެއްޖެއެވެ.”(رسالة في الأسماء التي علق عليها الشارع الأحكام بها:35).
ހަތަރުވަނަ ދަލީލަކީ: اِعْتِبَارُ ކުރުމެވެ. އެއީ، ގުޅިގެންދާ ޞައްޙަ ޤިޔާސެވެ. ﷲ ތަޢާލާވަނީ، حَيْضُ ގެ عِلّة (ސަބަބު) އަކީ، أَذًى (އުނދަގޫ ލިބެނިވި) ކަމެއްގެ ގޮތުގައި ބަޔާންކުރައްވާފައެވެ. حَيْضُ ވުޖޫދު ވެއްޖެހިނދު أَذًى ދެމިއޮންނާނެއެވެ. ދެވަނަ ދުވަހާއި އެއްވަނަ ދުވަހުގެ ތަފާތެއް ނޯންނާނެއެވެ. ހަތަރުވަނަ ދުވަހާއި ތިންވަނަ ދުވަހުގެ ތަފާތެއް ނޯންނާނެއެވެ. ސޯޅަވަނަ ދުވަހާއި ފަނަރަވަނަ ދުވަހުގެ ތަފާތެއް ނޯންނާނެއެވެ. އަށާރަވަނަ ދުވަހާއި ސަތާރަވަނަ ދުވަހުގެ ތަފާތެއް ނޯންނާނެއެވެ. حَيْضُ އަކީ حَيْضُ އެވެ. أَذًى އަކީ أَذًى އެވެ.
ދެދުވަހުގައިވެސް އޮންނަ عِلّة (ސަބަބު)، ދެ ދުވަހުގައިވެސް އޮންނާނީ އެއްވަރަކަށެވެ. ދެދުވަހުގައި عِلّة ހަމަހަމަވެފައި ވީހިނދު، ޙުކުމުގައި ތަފާތު ކުރާނީ ކިހިނެއްހެއްޔެވެ؟! މިއީ ޞައްޙަ ޤިޔާސާއި ޚިލާފުވުން ނޫންހެއްޔެވެ؟! ޞައްޙަ ޤިޔާސަކީ، ދެދުވަހުގެ عِلّة ގައި ހަމަހަމަވެފައި ވީހިނދު، ދެދުވަހުގެ ޙުކުމުގައިވެސް އެއްފަދަވުން ނޫންހެއްޔެވެ؟!
ފަސްވަނަ ދަލީލަކީ: ވަކި މުއްދަތެއް ކަނޑައަޅާ ބޭފުޅުންގެ އިޚްތިލާފު ބަސްފުޅުތަކާއި، އެބަސްފުޅުތަކުގެ ހަމައެއް ނެތްކަން ބަޔާންކުރުމެވެ. ފަހެ އެކަމުން ދަލީލުކޮށްދެނީ، މިމައްސަލާއިގާ ރުޖޫޢަވުން ވާޖިބު ދަލީލެއް ނެތްކަމެވެ. އެކަމަކު، އެއީ، ކުށްކުރެވުމާއި، ރަނގަޅުގޮތަށް ހުށަހެޅޭ އިޖުތިހާދީ ޙުކުމްތަކެއްކަމެވެ. އޭގެތެރެއިން އެއްބަސްފުޅަކީ އަނެއް ބަސްފުޅެއްގެ މައްޗަށް ތަބާވުން އައުލާ ބަސްފުޅެއް ނޫނެވެ. ޚިލާފު އުފެދޭހިނދު އޮތީ ޤުރްއާނާއި ސުންނަތަށް ރުޖޫޢަވުމެވެ.
އެހެންކަމުން، އެނގި ބަޔާންވަނީ، ބާރުގަދަ ބަސްފުޅަކީ، حَيْضُ ގައި އޭގެ މަދު މިންވަރާއި ގިނަ މިންވަރުގައި ވަކި ޙައްދެއް ނުވާކަމެވެ. އަދި ރާޖިޙު ބަސްފުޅަކީ މިއީއެވެ. ދަންނާށެވެ. އެއްވެސް ޒަހަމެއްފަދަ ސަބަބެއްނެތި، އަންހެނާގެ ފަރާތުން ފެންނަ ޠަބީޢީ ލެޔަކީ ޙައިޟުގެ ލެޔެވެ. އެއްވެސް ޒަމާނެއް ނުވަތަ ޢުމުރެއް ކަނޑައެޅުމުގެ މިންވަރެއް އެކަމުގައި ނުވެއެވެ. އެއީ، މެދުކެނޑުމެއްނެތި އަބަދު ލޭއަންނަ މީހަކު މެނުވީއެވެ. ނުވަތަ މަހެއްގައި އެއްދުވަހަށް ނުވަތަ ދެދުވަސްފަދަ ކުރުމުއްދަތަކަށް މެދުކެނޑޭ މީހަކު މެނުވީއެވެ. އެހިނދުން އެއީ، އިސްތިޙާޟާގެ ލެޔެވެ. އިސްތިޙާޟާއާއި އަދި އެކަމުގެ ޙުކުމްތައް ފަހުން ބަޔާންކުރާނަމެވެ. -إن شاء الله-
شَيخُ الإِسْلَام ابن تَيْمِيَّة -رحمه الله- ވިދާޅުވިއެވެ: “އިސްތިޙާޟާގެ ލޭކަމުގެ ދަލީލެއް ފެނިއްޖައުމަށްދާން، އަންހެނާގެ ރަޙިމުން އަންނަ ލޭގެ އަސްލަކީ، ޙައިޟުގެ ލެޔެވެ.” އަދިވެސް ވިދާޅުވިއެވެ: “)ޒަހަމެއް ނުވަތަ ބައްޔެއްފަދަ ކަމެއް ނޭނގޭ ޙާލަތުގައި، (އަންހެނާގެ ފަރާތުން) އަންނަ ކޮންމެ ލެޔަކީ، ޙައިޟުގެ ލެޔެވެ.” (رسالة في الأسماء التي علق عليها الشارع الأحكام بها:36-37)
ވަކި ޢުމުރެއް ނުވަތަ މުއްދަތެއް ކަނޑައަޅަން ވިދާޅުވާ ބޭފުޅުންގެ ބަސްފުޅާއި ޚިލާފަށް، ބަޔާންވެދިޔަ ބަސްފުޅަކީ، ދަލީލަށް ބަލާއިރު (މިމައްސަލާއިގެ) ރާޖިޙު ބަސްފުޅެވެ. އަދި އެއީ، ފަހުމްވުމާއި ދެނެގަތުމަށް އަދި ޢަމަލުކުރުމަށްވެސް އެންމެ ފަސޭހަގޮތްވެސްމެއެވެ. އަދި ހަމަ އެހެންމެ، އިސްލާމްދީނުގެ ޤާޢިދާއާއި ދީނީ ރޫޙާއި އެއްގޮތްވުމުން، ބަލައިގަތުމަށް އައުލާވެގެންވާ ގޮތަކީވެސް އެއީއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿ وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ ﴾ (الحج:78) “އަދި دين ގައި އުނދަގޫވެގެންވާ ދަތިކަމެއް އެކަލާނގެ ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ.” އަދި رسول الله ﷺ ޙަދީޘްކުރެއްވިއެވެ: (إِنَّ الدِّينَ يُسْرٌ، وَلَنْ يُشَادَّ الدِّينَ إِلاَّ غَلَبَهُ، فَسَدِّدُوا وَقَارِبُوا وَأَبْشِرُوا) (رواه البخاري، في كتاب الإيمان: 39). މާނައަކީ: “ހަމަކަށަވަރުން އިސްލާމްދީނަކީ ލުއިފަސޭހެ ދީނެކެވެ. އެމީހަކު ދީނުގެ ކަންކަމުގައި ބުރަކޮށްފިމީހާ ފިޔަވައި، ދީން ބުރަ އެއްޗެއްކަމުގައެއް ނުވެއެވެ. ތިޔަބައިމީހުންގެ ޢަމަލުތަކުގައި ތެދުވެރިވާށެވެ. އަދި ތިޔަބައިމީހުންނަށް ވާޖިބު ކުރެއްވި މިންވަރުން ﷲ އަށް ކުއްތަންވާށެވެ. އަދި މަތިވެރި ދަރުމަ ހުރިކަމުގެ ޚަބަރުން އުފާވެރިކަން ލިބިގަންނާށެވެ.” رسول الله ﷺ ގެ އަޚްލާޤުގެ ތެރެއިން ވެއެވެ. ދެކަމެއްގެ ތެރެއިން ކަމެއް އިޚްތިޔާރު ކުރެއްވުމަށް އެދެފިނަމަ، ފާފައަކަށްނުވާ ޙާލަތުގައި، އެތަނުން ފަސޭހަގޮތް އެކަލޭގެފާނު އިޚްތިޔާރު ކުރައްވަވައެވެ. (البخاري:6126، مسلم:2327).
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.Top of Form