ޢާއްމުކޮށް އަންހެނަކު ބަލިވެ އިނދެއްޖެނަމަ، އޭނާގެ ފަރާތުން (ޙައިޟުގެ) ލޭ ކެނޑިދެއެވެ. الإِمَامُ أَحْمَدُ-رحمه الله- ވިދާޅުވިއެވެ: “އެނގިގެންވާގޮތުގައި، އަންހެނުންގެ ގޮތަކީ، އޭނާ ބަލިވެއިންނަހިނދުން ލޭ މެދުކެޑުމެވެ.” ފަހެ، ވިހެއުމުގެ ދެ ދުވަސް ނުވަތަ ތިންދުވަސް ފަދަ، ކުރު މުއްދަތެއްގެ ކުރިން، މާބަނޑު އަންހެނާގެ ފަރާތުން ލޭއަތުވެއްޖެނަމަ، އެއީ ނިފާސްގެ ލެޔެވެ. ނަމަވެސް، ވިހެމުގެ މާކުރިންނަމަ، ނުވަތަ ވިހެއުމުގެ ކުރު މުއްދަތެއްގެކުރިން، އެކަމަކު ވިހެއުމުގެ އެއްވެސް ޢަލާމާތެއްނެތި ލޭ އަތުވެއްޖެނަމަ، އެއީ، ނިފާސްގެ ލެޔެއް ނޫނެވެ. އެކަމަކު ސުވާލަކީ، ޙައިޟުގެ ޙުކުމްތައް ކަނޑައެޅުމަށްޓަކައި، އެއީ، ޙައިޟުގެ ލޭގެގޮތުގައި ބެލެވިދާނެހެއްޔެވެ؟ ނުވަތަ ޙައިޟުގެ ޙުކުމްތައް ކަނޑަނޭޅޭ، ފަސާދަ ލެޔެއްގެ ގޮތުގައި އެލޭ ބެލެވޭނެހެއްޔެވެ؟
މިއީ، ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލައެކެވެ.
ރަނގަޅުގޮތަކީ، އެއީ، ޢާއްމުކޮށް ޙައިޟުގެ ދުވަސްވަރު ލޭ އަންނަ ގޮތުގައި އަންނަ ލެޔެއްނަމަ، އެއީ ޙައިޟުގެ ލެޔެވެ. ސަބަބަކީ، ޙައިޟުގެ ލޭކަން މަނާކުރާނެ ސަބަބެއްނެތި، އަންހެނާގެ ފަރާތުން އަންނަ ލޭގެ އަޞްލަކީ، ޙައިޟުގެ ލެޔަށްވުމެވެ. ފަހެ، މާބަނޑު އަންހެނާ، ޙައިޟު ނުވާނެކަމަށް ޤުރްއާނާއި ސުންނަތުން ދަލީލެއް ނުކުރެއެވެ.
މިއީ، އިމާމު މާލިކާއި، އިމާމުއްޝާފިޢީގެ މަޛުހަބެވެ. އަދި شَيخُ الإِسْلَام ابن تَيْمِيَّة -رحمهم الله- އިޚްތިޔާރު ކުރައްވާފައިވާ ގޮތެވެ. (الاختيارات ،30 ). އަދި އިމާމު އަޙްމަދުގެ ރިވާޔަތެއް އެފަދައިން ވާކަމުގައި البيهقي ވިދާޅުވެފައިވެއެވެ. އެކަލޭގެފާނު އެބަސްފުޅަށް ރުޖޫޢަވެ ވަޑައިގެންފައިވާކަމުގައި ވިދާޅުވެފައިވެއެވެ.
މިބަސްފުޅުތަކުގެ މައްޗަށް ބިނާކޮށް ބުނަމެވެ. ދެ މައްސަލައެއްގައި ފިޔަވައި، މާބަނޑު ނޫން އަންހެނާގެ ޙައިޟުގެ މައްޗަށް ޘާބިތުކުރެވޭ ކަންތައްތައް، މާބަނޑު އަންހެނާގެ ޙައިޟުގެ މައްޗަށް ޘާބިތު ކުރެވެއެވެ.
ފުރަތަމަ މައްސަލައަކީ: ވަރިއެވެ. މާބަނޑު ނޫން އަންހެނާ ޙައިޟުގެ ޙާލަތުގައި ލާޒިމުކުރާ ޢިއްދާއިގެ ދުވަސްވަރު ވަރިކުރުން ޙަރާމްވެގެންވެއެވެ. އަދި މާބަނޑު އަންހެނަކުނަމަ، ވަރިކުރުން ޙަރާމްވެގެން ނުވެއެވެ. ސަބަބަކީ، މާބަނޑު ނޫން އަންހެނާގެ ޙައިޟުގެ ދުވަސްވަރު ވަރިކުރުމަކީ މި އާޔަތާއި ޚިލާފު ކަމަކަށްވާތީއެވެ: ﴿ فَطَلِّقُوهُنَّ لِعِدَّتِهِنَّ ﴾ (الطلاق:) “ތިޔަބައިމީހުން އަނބިން ވަރިކުރާނަމަ، ފަހެ، އެކަނބަލުންގެ عدّة އަށް (ފެށޭގޮތުގައި ސުންނީ ވަރިޔަކުން) ތިޔަބައިމީހުން އެކަނބަލުން ވަރިކުރާށެވެ.” މާބަނޑު އަންހެނާގެ ޙައިޟުގެ ދުވަސްވަރުގައި ވަރިކުރުން، މިއާޔަތާއި ޚިލާފުވެގެން ނުވެއެވެ. ސަބަބަކީ، މާބަނޑު އަންހެނާ ވަރިކުރާމީހާ ވަރިކުރަނީ، އޭނާގެ ޢިއްދާއިގެ ތެރޭގައި ކަމުގައި ވާތީއެވެ. އެއީ ޙައިޟުވެރިއެއް ކަމުގައިވިޔަސް، ނުވަތަ ޙައިޟުވެރިއެއް ނޫންކަމުގައިވިޔަސް، ހަމަހަމަވެގެން ވެއެވެ. ސަބަބަކީ، އޭނާގެ ޢިއްދައަކީ މާބަނޑުކަމެވެ. ވީމާ، އެހެން ޙާލަތެއްގައިވާ މީހާއާއި ޚިލާފަށް، މާބަނޑު އަންހެނާއާއި ޖިމާޢުވުމަށްފަހު، ވަރިކުރުން ޙަރާމްވެގެން ނުވެއެވެ.
ދެވަނަ މައްސަލައަކީ: އެހެން ޙައިޟުވެރިންނާއި ޚިލާފަށް، މާބަނޑު އަންހެނާގެ ޙައިޟުން ޢިއްދަ ފުރިހަމަ ނުވާނެއެވެ. ސަބަބަކީ، ވިހެއުމުން ފިޔަވައި، މާބަނޑުއަންހެނާގެ ޢިއްދަ ނުނިމޭނެތީއެވެ. އެއީ އޭނާ ޙައިޟު ވިޔަސް އަދި ޙައިޟު ނުވިޔަސް މެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿ وَأُولَاتُ الْأَحْمَالِ أَجَلُهُنَّ أَن يَضَعْنَ حَمْلَهُنَّ ﴾ (الطلاق:4) “އަދި މާބަނޑު އަންހެނުންގެ عدّة އަކީ، އެކަނބަލުން ބަނޑުގައިވާ ދަރި ވިހެއުމެވެ.”