الحمد لله رب العالمين، الصلاة والسلام على نبينا محمد وعلى آله وأصحابه أجمعين، وبعد:
ރެޔާއި ދުވާލު މުސްލިމުއަޅާ ފަސްފަހަރު ތަކުރާރު ކުރަންޖެހޭ ނަމާދުތަކަކީ، އޭނާގެ އީމާންކަން މިނެކިރޭ މީޒާނެވެ.
عبدالله بن عمرو ގެ އަރިހުން ރިވާވެގެން ވެއެވެ: އެއްދުވަހަކު ނަމާދާ ބެހޭގޮތުން ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: ((مَن حافَظَ عليها كانَتْ له نورًا وبُرْهانًا ونَجاةً يَومَ القيامةِ، ومَن لم يحافِظْ عليها لم يكُنْ له نورٌ ولا بُرْهانٌ ولا نَجاةٌ، وكان يَومَ القِيامةِ مع قارونَ وفِرْعونَ وهامانَ وأُبَيِّ بن خَلَفٍ)). أخرجه أحمد (6576) މާނައީ، “ނަމާދުތަކަށް ރައްކާތެރިވެއްޖެ މީހަކަށް ޤިޔާމަތްދުވަހު އެނަމާދުތަކަކީ، އޭނާއަށްހުރި، އަލިކަމަކާއި، ހެއްކެތްގެ ގޮތުގައާއި އަދި ސަލާމަތެއް ކަމުގައި ވާނެއެވެ. ނަމަވެސް ނަމާދުތަކަށް ފަރުވާތެރި ނުވާ މީހަކަށް އެއީ، އޭނާއަށްހުރި، އަލިކަމަކާއި، ހެއްކެތްގެ ގޮތުގައާއި އަދި ސަލާމަތެއް ކަމުގައެއް ނުވާނެއެވެ. އޭނާ އެދުވަހުން ވާނީ، ޤާރޫނާއި ފިރުޢައުނާއި އަދި ހާމާނާއި އަދި އުބައްޔު ބިން ޚަލަފުއާ އެކުގައެވެ.”
ފަހެ ނަމާދަކީ، އޭނާގެ އީމާންކަމަށް ހުރި ބުރުހާނެކެވެ. އީމާންކަމުގެ މައްޗަށް ހެކިވާ ހެކިވެރިއެކެވެ. އަޅާ ނަމާދަށް ފަރުވާތެރިވާ ކޮންމެ ފަހަރަކީ، އޭނާގެ އޭނާގެ ހިތުގެ ސަލާމަތާއި އީމާންކަމުގެ ރަމްޒެކެވެ.
އެކަމަކު ނަމާދު ވަގުތު ވާހިނދު އޭނާ ކަންނެތްވެ، ނަމާދު ކުރުމަށް ބުރަހެލިވާ ކަމުގައިވާނަމަ، އެއީ، އޭނާގެ ހިތް ސަލާމަތުން ނެތްކަމާއި، އީމާންކަން ބަލިކަށިކަމުގެ ރަމްޒެކެވެ. އެފަދަ މީހާ، ނަމާދު ކުރުމަށް ނިދިން ހޭލުމަށް ގޮވާލިނަމަ، ރުޅިގަދަވެއެވެ. ނޫންނަމަ އަދި ވަގުތު އެބައޮތޭ ބުނެ، ފަހުން ކުރުމަށް ނަމާދުތައް ފަސް ކުރެއެވެ. މިފަދަ އެތަށް އުޒުރެއް އޭނާގެ ވެއެވެ. މިއީ، ބަލި ހިތެއްވެ ވެރިޔާގެ ހާލަތެވެ.
وَصَلَّى اللَّهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ تَسْلِيمًا كثيراً