الحمد لله رب العالمين، الصلاة والسلام على نبينا محمد وعلى آله وأصحابه أجمعين، وبعد:
ދުޢާ އިޖާބަކުރެއްވުމުގެ ތިން ސަބަބު
( لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ )
ސަޢުދު ބިން އަބީވައްޤާޞް ރިވާކުރެއްވި ބަސްފުޅުގައި ވެއެވެ: ބޮޑުމަހެއްގެ ބަނޑުގައި އޮވެ ޛުއްނޫން ކުރެއްވި ދުޢާއަކީ މިއެވެ. ( لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ )
މި ދުޢާކުރެއްވުމުގައި ތިން ވަސީލަތެއް މެދުވެރިކޮށް ދުޢާކުރައްވާފައި ވެއެވެ.
ފުރަތަމަ ވަސީލަތަކީ، ތައުޙީދު މެދުވެރިކޮށް މާތް ﷲ އަށް ދުޢާކުރުމެވެ. އެންމެ މާތްވެގެންވާ ވަސީލަތަކީ އެއީއެވެ. لَا إِلَهَ إِلَّا أَنْتَ މާނައީ، އިނބައިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަންކުރެވޭ އެހެން އިލާހަކު ނުވެއެވެ.
ދެވަނަ ވަސީލަތަކީ، މާތް ﷲ ގެ ފުރިހަމަވަންތަކަމާއި ހައިބަވަންތަކަމާ ފުށޫއަރާ އެންމެހާ ކަންކަމުން އެކަލާންގެ ހުސްޠާހިރުވަންތަ ކުރުމެވެ. سُبْحَانَكَ މާނައީ، އިނބައިލާހު ހުސްޠާހިރުވަންތަވެވޮޑިގެންވެއެވެ.
ތިންވަނަ ވަސީލަތަކީ، ކުރެވިފައިވާ ކުށަށް އިޢުތިރާފުވެ ނިކަމެތިކަމާއެކު ދެންނެވުމެވެ. إِنِّي كُنْتُ مِنَ الظَّالِمِينَ މާނައީ، މިއަޅާ އަނިޔާވެރިވި މީހުންގެ ތެރެއިން ވީމުއެވެ.
މި ތިން ވަސީލަތަކީ ދުޢާ އިޖާބަކުރެއްވުމުގެ ތިން ސަބަބެވެ.
ނަބިއްޔާ ﷺ ގެ ބަސްފުޅުގައިވެއެވެ. ( فَإِنَّهُ لَمْ يَدْعُ بِهَا رَجُلٌ مُسْلِمٌ فِي شَيْءٍ قَطُّ إِلَّا اسْتَجَابَ اللَّهُ لَهُ )
މާނައީ، “އެއްވެސް މުސްލިމަކު މިފަދައިން ދުޢާކޮށްފިނަމަ، އޭނާ ދުޢާކުރިކަމެއް އިޖާބަނުވެ ނުދާހުއްޓެވެ.”
وَصَلَّى اللَّهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ تَسْلِيمًا كثيراً