الحمد لله رب العالمين، وأشهد أن لا إله إلا الله وحده لا شريك له، وأشهد أن محمدًا عبده ورسوله؛ صلى الله وسلَّم عليه وعلى آله وصحبه أجمعين. أما بعد:
މާތް ﷲ ވަޙީކުރެއްވިއެވެ:
﴿وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ﴾ [غافر:60]
މާނައީ، “ތިޔަބައިމީހުންގެ ރައްބު (މާތް ﷲ) ތިޔަބައިމީހުންނަށް ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަން އިލާހުގެ ޙަޟުރަތުގައި ކަންކަމަށްއެދި ދުޢާ ކުރާށެވެ. ތިމަން ﷲ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމުއެވެ.”
﴿وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ﴾ [البقرة:186]
މާނައީ، “ތިމަން ﷲގެ އަޅާ ތިމަން ﷲ އަށް ދުޢާކޮށްފިނަމަ، އެ އަޅަކާ ގާތުގައި ތިމަން ﷲ ވޮޑިގެންވަމެވެ. ފަހެ، ތިމަން ﷲ ގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން ﷲ އަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ﷲ އަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ.”
ބަޔާންވެދިޔަ ދެ އާޔަތުގައި މާތް ﷲ ވަނީ އެކަލާންގެ ޙަޟުރަތަށް ދުޢާކޮށް ކަންކަމަށްއެދި ދެންނެވުމަށް އަމުރުކުރައްވާފައެވެ. އަދި އަޅުތަކުންގެ ދުޢާ އިޖާބަކުރައްވާ އިލާހަކީ އެކަލާންގެ ކަމުގައި އަންގަވާފައިވެއެވެ. މާތް ﷲ އަޅުތަކުންގެ ދުޢާ އިޖާބަކުރައްވާނެކަމަށް ވަޢުދުވެވޮޑިގެންފައިވާހިނދު، އެކަލާންގެ އިޖާބަކުރައްވާ ދުޢާއެއްގައި ހުންނަންޖެހޭ ޝަރުޠުތަކަކީ ކޮބައިތޯ ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ.
އޭގެ ތެރޭގައި:-
ހިތް ހާޒިރުކޮށްގެން ދުޢާކުރުން: ދުޢާ ކުރާހިނދު، ތިމާގެ ދުލުން ކިޔަނީ ކީކޭކަން ހިތުގައި އޮންނަންވާނެއެވެ. އެބަހީ އެދުޢާއެއްގެ މާނައާމެދު ވިސްނައިގެން ދުޢާކުރުމެވެ. ހަމައެކަނި ދޫ ޙަރަކާތްކުރުމަކުން ދުޢާގެ އިޚްލާސްތެރިކަން ފުރިހަމައެއް ނުވާނެއެވެ. ދުޢާކުރާހިނދު އިތުރު ފިކުރުތަކާއި ޚިޔާލުތަކަށް ގެއްލިހުރެ ކުރާ ދުޢާއަކީ އިޖާބަކުރެއްވުން ދުރު ދުޢާއެކެވެ. ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: ((ادْعُوا اللَّهَ وَأَنْتُمْ مُوقِنُونَ بِالْإِجَابَةِ ، وَاعْلَمُوا أَنَّ اللَّهَ لَا يَسْتَجِيبُ دُعَاءً مِنْ قَلْبٍ غَافِلٍ لَاهٍ)). رواه الترمذي وأحمد، وحسنه الألباني. މާނައީ، “ދުޢާ އިޖާބަކުރައްވާނެ ކަމުގެ ޔަޤީންކަމާއެކު ތިބައިމީހުން ﷲ އަށް ދުޢާކުރާށެވެ. އަދި ދަންނާށެވެ، ޣާފިލުވެފައިވާ ކުޅޭކުޅޭ ހިތަކައިގެން ކުރާ ދުޢާ މާތް ﷲ އިޖާބަ ނުކުރައްވާހުއްޓެވެ.”
މާތް ﷲ އަށް ބިރުވެތިކަމާއިއެކު ދުޢާކުރުން: މާތް ﷲ އަށް ބިރުވެތިކަމާއިއެކު ދުޢާކުރުމަކީ ނަބީބޭކަލުންގެ ސިފައެއްކަން ބަޔާންކުރައްވައި ވަޙީކުރައްވާފައި ވެއެވެ: ﴿إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا وَكَانُوا لَنَا خَاشِعِينَ﴾ سورة الأنبياء:90 މާނައީ، “ހަމަކަށަވަރުން، އެބޭކަލުން ހެޔޮކަންތަކަށް އަވަސްވެ، އަދި ތިމަން ﷲ އަށް އެދުމާއި، ބިރުވެތިކަމާއެކު، دعاء ކުރައްވާ ކަމުގައިވިއެވެ. އަދި ތިމަން ﷲ އަށް މަޑުމައިތިރިވާ ބަޔަކުކަމުގައި އެބޭކަލުންވޫއެވެ.”
ޙަރާމް ތަކެތި ކެއުމާއި ދުރުހެލިވުން: ދުޢާ އިޖާބަވުމަށްޓަކައި އިންސާނާ ކައިބޮއި ތަކެއްޗާއި އަންނައުނަކީ ޙަލާލު ތަކެތި ކަމުގައި ވާންޖެހޭނެއެވެ. މިގޮތުން ރިބާ ކެއުމާ ދުރުހެލިވުމާއި، ދިރިއުޅުމުގައި ހޯދާ އެއްވެސް އެއްޗަކީ ޙަރާމް އެއްޗެއްކަމުގައި ވެގެން ނުވާނެއެވެ. ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: «إنَّ اللَّهَ طَيِّبٌ لَا يَقْبَلُ إلَّا طَيِّبًا، وَإِنَّ اللَّهَ أَمَرَ المُؤْمِنِينَ بِمَا أَمَرَ بِهِ المُرْسَلِينَ، فَقَالَ تَعَالَى: {يَا أَيُّهَا الرُّسُلُ كُلُوا مِنْ الطَّيِّبَاتِ وَاعْمَلُوا صَالِحًا}، وَقَالَ تَعَالَى: {يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ} ثُمَّ ذَكَرَ الرَّجُلَ، يُطِيلُ السَّفَرَ، أَشْعَثَ، أَغْبَرَ، يَمُدُّ يَدَيْهِ إلَى السَّمَاءِ: يَا رَبِّ! يَا رَبِّ! وَمَطْعَمُهُ حَرَامٌ، وَمَشْرَبُهُ حَرَامٌ، وَمَلْبَسُهُ حَرَامٌ، وَغُذِيَ بِالحَرَامِ، فَأَنَّى يُسْتَجَابُ لَذلك». أخرجه مسلم (1015)، وأحمد (8348)، މާނައީ، “ހަމަކަށަވަރުން ﷲ އީ ރިވެތިވެގެންވާ އިލާހެވެ. އެކަލާންގެ ރިވެތި ތަކެތި ފިޔަވައި އެހެންއެއްޗެއް ޤަބޫލު ނުކުރައްވައެވެ. އަދި އެކަލާންގެ ރަސޫލުބޭކަލުންނަށް އަމުރުކުރެއްވި ކަންތައްތަކަށް މުއުމިނުންނަށްވެސް އަމުރު ކުރެއްވިއެވެ. ފަހެ މާތް ﷲ ވަޙީކުރެއްވިއެވެ: “އޭ ރަސޫލުބޭކަލުންނޭވެ، ތިޔަބައިމީހުން ޙަލާލު (ރިވެތި) ތަކެތީން ކައި އުޅޭށެވެ. އަދި ތިޔަބައިމީހުން ޞާލިޙު ޢަމަލު ކުރާހުށިކަމެވެ.” އަދިވެސް ވަޙީކުރެއްވިއެވެ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންނަށް ތިމަން ﷲ ރިޒުޤުދެއްވި ޙަލާލުތަކެތީން ތިޔަބައިމީހުން ކައި އުޅޭ ހުށިކަމެވެ.” އެއަށްފަހު މީހެއްގެ ވާހަކަ ބަޔާންކުރެއްވިއެވެ. މީހަކު ދިގުދަތުރެއްގައިވެ ބޯ ހޭވި ހިރަފުސް އަރާފައިވާ ހާލުގައި އުޑާ ދިމާއަށް ދެއަތް އުފުލައި، އޭ ރައްބު! އޭ ރައްބު! ކިޔައި ދުޢާކުރެއެވެ. އެކަމަކު އޭނާގެ ކައިއުޅެނީ ޙަރާމް ތަކެއްޗެވެ. އޭނާ އަނދެ އުޅެނީ ޙަރާމް ތަކެއްޗެވެ. އޭނާގެ ދަތުރުގެ ސަވާރީއަކީ ޙަރާމް އެއްޗެކެވެ. ފަހެ އެހިނދު ތިމަން ﷲ އޭނާގެ ދުޢާ އިޖާބަކުރައްވާނީ ކިހިނެތްހެއްޔެވެ؟”
ދުޢާ އިޖާބަކުރައްވާ ވަގުތަކާއި ދިމާކުރުން: ދުޢާ އިޖާބަކުރައްވާ ވަރަށްގިނަ ވަގުތުތަކެއް ވެއެވެ.
އޭގެތެރޭގައި، ދަންވަރުގެ ވަގުތުވެއެވެ. އެވަގުތުގެ މާތްކަން ބަޔާންކުރައްވައި ހަދީޘް ކުރައްވާފައި ވެއެވެ: ((يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا، حِينَ يَبْقَى ثُلُثُ اللَّيْلِ الْآخِرُ، يَقُولُ: مَنْ يَدْعُونِي فَأَسْتَجِيبَ لَهُ، مَنْ يَسْأَلُنِي فَأُعْطِيَهُ، مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ)) رواه البخاري (1094). މާނައީ، “އަޅުގަނޑުމެންގެ ރައްބު ކޮންމެ ރެޔަކު ދުނިޔޭގެ އުޑަށް ފައިބާ ވޮޑިގަންނަވައެވެ. ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގެ ފަހުބައިގާ އެކަލާނގެ ވޮޑިގެންވެއެވެ. އަދި ވަޙީކުރައްވައެވެ: “ތިމަން ﷲ އަށް ދުޢާކުރާ މީހެއްގެ ދުޢާ އިޖާބަ ކުރައްވާހުށީމެވެ. ތިމަން ﷲ ގެ ޙަޟުރަތުން ކަމަކަށް އެދި ދަންނަވާ މީހަކަށް އެކަމެއް ފުއްދަވައި ދެއްވާހުށީމެވެ. ތިމަން ﷲ ގެ ޙަޟުރަތުން ފާފަފުއްސެވުމަށް އެދޭ މީހެއްގެ ފާފަ ފުއްސަވާދެއްވާހުށީމެވެ.”
އެ ވަގުތުގައި ރަސޫލު ﷲ ﷺ ގެ ޢަމަލުފުޅު ބަހައްޓަވާގޮތަކީ، ދަމު ނަމާދު ކުރެއްވުމާއި އިސްތިޣުފާރު ކުރެއްވުމާއި ދުޢާ ކުރެއްވުމުގައި ހޭދަކުރެއްވުމެވެ. އެކަލޭގެފާނު ދަމު ނަމާދު ދިގުކޮށް ކުރައްވައި، އަޞްޙާބުބޭކަލުންނަށް އެފަދައިން ޢަމަލު ކުރެއްވުމަށް ބާރުއެޅުއްވިއެވެ.
ބަންގިގޮވާ ނިމޭ ވަގުތު ދުޢާކުރުމަކީ ދުޢާ އިޖާބަކުރައްވާ ވަގުތެކެވެ. ޢަބްދު ﷲ ބިން ޢަމްރު رضي الله عنه- ވިދާޅުވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! މުދިމުން އަހަރެމެންގެ މައްޗަށް މާތްކަން ހޯދައިފިއެވެ. ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: ((قُلْ كَمَا يَقُولُونَ، فَإذَا انتَهَيتَ فَسَلْ تُعْطَه)). أخرجه أبو داود (524) واللفظ له، وأحمد (6601) މާނައީ، “ތިބާ ބަންގިއަށް އިޖާބަދޭށެވެ. އަދި ބަންގިދީ އަވަދިވެއްޖެ ހިނދު ތިބާ ﷲ ގެ ޙަޟުރަތުން އެދި ދަންނަވާށެވެ. ތިބާ އެދުނު ކަމެއް އެކަލާންގެ ތިބާއަށް ދެއްވާނެއެވެ.”
ބަންގިއާ ގަމަތާ ދެމެދުގެ ވަގުތަކީ ދުޢާކުރުން މާތްވެގެންވާ ވަގުތެކެވެ. ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: ((لَا يُرَدُّ الدُّعَاء بَيْنَ الأَذَانِ وَالإِقَامَة)) النسائي في ((الكبرى)) (9812 ) މާނައީ، “ބަންގިއާއި ޤަމަތާއި ދެމެދުގައި ކުރާ ދުޢާ ރައްދު ނުކުރެވޭ ހުއްޓެވެ.”
ނަމާދުގައި ފަހު އައްތަޙިއްޔާތު ކިޔައި އަވަދިވުމުން، ސަލާމް ދިނުމުގެ ކުރިން ކުރާ ދުޢާއަކީ އިޖާބަކުރައްވާ ދުޢާއެކެވެ. ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: ((ثُمَّ يَتَخَيَّرُ مِنَ الدُّعَاءِ أعْجَبَهُ إلَيْهِ، فَيَدْعُو)) أخرجه مسلم (402) މާނައީ، “ދެން އޭނާ ކުރަން ބޭނުންވެފައިވާ ދުޢާއެއް އިޚްތިޔާރުކޮށް އެ ވަގުތުގައި ކުރާހުށިކަމެވެ.”
ހުކުރު ޚުޠުބާ ކިޔުމަށް އިމާމު މިންބަރަށް އަރާ ވަގުތުން ފެށިގެން ނަމާދު ނިމެންދެންނާއި، އަދި ހުކުރު ދުވަހުގެ ފަހު ވަގުތަކީވެސް ދުޢާ އިޖާބަކުރައްވާ ވަގުތެކެވެ. ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: ((إنَّ في الجُمُعَةِ لَسَاعَةً، لا يُوافِقُها مُسْلِمٌ، يَسْأَلُ اللَّهَ فيها خَيْرًا، إلَّا أعْطاهُ إيَّاهُ، قالَ: وَهِيَ سَاعَةٌ خَفِيفَةٌ)) أخرجه البخاري (6400)، ومسلم (852) މާނައީ، “ހުކުރު ދުވަހުގައި ވަގުތެއް ވެއެވެ. އެވަގުތުގައި މުސްލިމަކު ދުޢާކުރާ ވަގުތަކާ ދިމާވެއްޖެނަމަ، އޭނާ އެ އެދުނުކަމެއް މާތް ﷲ ދެއްވާހުއްޓެވެ. ހަދީޘް ކުރެއްވިއެވެ: އެއީ ކުޑަވަގުތުކޮޅެކެވެ.”
ބަޔާންވެ ދިޔަ ވަގުތުތައް ނޫނަސް ދުޢާ އިޖާބަކުރައްވާ ވަރަށްގިނަ ވަގުތުތައް ވެއެވެ. އަދި ﷲ ގެ އަޅާ ހޭދަކުރަންޖެހޭ ބައެއް ޙާލަތްތަކަކީވެސް އެވަގުތުގައި އޭނާ ކުރާ ދުޢާ އިޖާބަކުރައްވާ ޙާލަތްތަކެކެވެ. ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: ((ثَلَاثُ دَعَوَاتٍ مُسْتَجَابَاتٌ : دَعْوَةُ الصَّائِمِ ، وَدَعْوَةُ الْمَظْلُومِ، وَدَعْوَةُ الْمُسَافِرِ)) رواه الطبراني في الدعاء (1215) ، والبيهقي في شعب الإيمان (7513). މާނައީ، “އިޖާބަކުރައްވާ ތިން ދުޢާއެއް ވެއެވެ. އެއީ، ރޯދަވެރިޔާގެ ދުޢާއާއި، އަނިޔާލިބިފައިވާ މީހާގެ ދުޢާއާއި ދަތުރުވެރިޔާގެ ދުޢާއެވެ.” އަދިވެސް ޙަދީޘްކުރެއްވިއެވެ: ((ثَلَاثُ دَعَوَاتٍ لَا تُرَدُّ: دَعْوَةُ الْوَالِدِ لِوَلَدِهِ، وَدَعْوَةُ الصَّائِمِ، وَدَعْوَةُ الْمُسَافِرِ)) رواه البيهقي في السنن الكبرى (3/345، 6185) މާނައީ، “ރައްދު ނުކުރެވޭ ތިން ދުޢާއެއް ވެއެވެ. ބައްޕައަކު އޭނާގެ ދަރިއަށް ކުރާ ދުޢާއާއި، ރޯދަވެރިޔާގެ ދުޢާއާއި އަދި ދަތުރުވެރިޔާގެ ދުޢާއެވެ.”
ކަމަކަށްއެދި މާތް ﷲ ގެ ޙަޟުރަތުގައި ދުޢާކުރާހިނދު ސަމާލުކަންދިނުން ހުއްޓެވެ. ދުޢާކުރުމަށްފަހު، އެ ދުޢާކުރިކަމެއް އިޖާބަވުން ލަސްވެއްޖެކަމުގައި ހިތައި އުންމީދުކަނޑައި ނުލާށެވެ! ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: ((يُسْتَجَابُ لِأحَدِكُم مَا لَم يَعْجَلْ، فَيَقُولُ: دَعَوْتُ وَدَعَوْتُ فَلَم أَرَه يُسَتَجَابُ لِي، فَيَسْتَحْسِرُ عِنْدَ ذَلِكَ وَيَدَعُ الدُّعَاءَ)) أخرجه البخاري (6340) بنحوه مختصراً، ومسلم (2735) واللفظ له. މާނައީ، “ތިޔަބައިމީހުންގެ ތެރެއިން މާތް ﷲ އިޖާބަކުރައްވަނީ އިޖާބަވުން އަވަސްވެގެން ނޫޅޭ މީހުންގެ ދުޢާއެވެ. ފަހެ، އޭނާ ބުނެއެވެ: އަހަރެން ދުޢާކޮށްފީމެވެ. އަހަރެން ދުޢާކޮށްފީމެވެ. އެކަމަކު އިޖާބަވާތަނެއް ނުފެނުނެވެ. އެހިނދު އޭނާ އުންމީދު ކަނޑައިލާ ދުޢާކުރުން ހުއްޓާލައެވެ.”
ދުޢާ ކުރުމުގައި އެފަދައިން ޢަމަލު ކުރުމަކީ އެދެވިގެންވާ ގޮތެއް ނޫނެވެ. ފަހެ އޭނާ ދުޢާ އިޖާބަކުރައްވާނެ ކަމުގެ އުންމީދުގައި މެދުކަނޑާނުލައި ދުޢާކުރަންވާނެއެވެ. ﷲ ތަޢާލާ އީ ޙަކީމުވަންތަ ކޮންމެ ކަމެއްގެ ޢިލްމު މޮޅަށް ދެނެވޮޑީގެންވާ އިލާހެވެ. އޭނާއަށް މަސްލަޙަތު ހުރި ގޮތެއްގެ މައްޗަށް ބިނާވެ ދުޢާ އިޖާބަކުރެއްވުން ލަސްކުރައްވަފާނެއެވެ. އެއީ، އޭނާ ދުޢާކުރުމުގައި ދެމިހުރޭތޯއެވެ. އެހިނދު މުއްދަތު ދިގުވެގެން ދިޔަޔަސް އޭނާ ކުރާ ދުޢާގައި މާތް ﷲ ދަރުމަ ލައްވަވާނެއެވެ.
ދުޢާ އިޖާބަކުރެއްވުން ލަސްވެއްޖެނަމަ އަމިއްލަ ނަފުސު ޙިސާބުކޮށް، ކުރެވިފައިވާ ފާފަތަކުން ތައުބާވާށެވެ. އަދި ފާފަކުރުން ހުއްޓައިލާށެވެ. ރަޙިމުގެގުޅުން ކަނޑާލެވިފައިވާނަމަ، އެ ގުޅުން ބަދަހިކުރާށެވެ.
ﷲ ގެ އަޅަކު ކުރާ ދުޢާ އިޖާބަކުރެއްވުން ދުނިޔޭގައި ނުފެނުނު ނަމަވެސް، އޭނާ ދުޢާކުރި ކަމަކަށްވުރެ ހެޔޮވެގެންވާ ކަމެއް ދުނިޔޭގައި ދެއްވަފާނެއެވެ. ނުވަތަ އޭނާގެ ކިބައިން ނުބައިކަމެއް ފިއްލަވައި ދެއްވަފާނެއެވެ. ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: ((مَا مِنْ عَبْدٍ يَدْعُو اللهَ بِدَعْوَةٍ لَيْسَ فِيهَا إِثمٌ وَلَا قَطِيْعَةُ رَحِمٍ إِلَّا أَعْطَاهُ اللهُ بِهَا إِحْدَى ثَلَاثٍ: إِمَّا أَنْ تُعَجَّلَ لَهُ دَعْوَتُهُ فِي الدُّنْيَا، وَإِمَّا أَنْ تُدَّخَرَ لَهُ فِي الآخِرَةِ، وَإمَّا أَنْ يُصْرَفَ عَنْهُ مِن الشَّرِّ مِثْلُ ذَلِكَ قَالُوا: يَا رَسُولَ اللهِ إذا نُكْثِرُ؟ قَالَ: اَللهُ أَكْثَرُ)) أخرجه أحمد (11133)، والبخاري في ((الأدب المفرد)) (710) މާނައީ، “އެއްވެސް އަޅަކު މާތް ﷲ އަށް ދުޢާއެއް ކޮށްފިނަމަ، އެ ދުޢާގައި ފާފައެއް ނުވަތަ ރަޙިމުގެ ގުޅުން ކެނޑުމެއް ނުވާނަމަ، ތިން ކަންމަކުންކުރެ ކޮންމެވެސް އެއްކަމެއް ނުދެއްވައި ނުދާހުއްޓެވެ. އެހެންޏާ ދުޢާކުރި ކަންތައް ދުނިޔޭގައި އަވަސްކޮށްދެއްވުމެވެ. ނުވަތަ އާޚިރަތަށް އެކަމެއް އޭނާއަށްޓަކައި ލަސްކުރެއްވުމެވެ. ނުވަތަ އޭނާއަށް ކުރެވިފައިވާ އެމިންވަރުގެ ފާފައެއް ފުއްސެވުމެވެ. ދެންނެވުނެވެ: އޭ ﷲ ގެ ރަސޫލާއެވެ! އަޅުގަނޑުމެން ދުޢާކުރެއްވުން ގިނަ ކުރައްވަންތޯއެވެ؟ ޙަދީޘްކުރެއްވިއެވެ: އެންމެ އިތުރު (ގިނަ) ކަންވަނީ ﷲ ގެ ޙަޟުރަތުގައެވެ.”
މާތް ﷲ އަށް ދުޢާކުރާހިނދު، ޠަހާރަތުގައި ހުރުމާއި، ޤިބުލައަށް ކުރިމަތިލުމާއި އަދި ދެއަތް އުފުލައިގެން ދުޢާކުރުމަކީ، ދުޢާ އިޖާބަކުރެއްވުމުގެ މުސްތަޙައްބު ކަންކަމެވެ. އަދި ދުޢާކުރުމުގައި ﷲ އަށް ޙަމްދުކޮށް ޘަނާ ދަންނަވައި، ރަސޫލު ﷲ ﷺ އަށް ޞަލަވާތް ކިޔެވުން އިސްކުރުން އެދެވިގެން ވެއެވެ.
ﷲ ގެ ނަންފުޅުތަކާއި ސިފަފުޅުތަކާއި، ތައުޙީދު މެދުވެރިކޮށް ދުޢާ ކުރުމަކީ، ރަސޫލު ﷲ ﷺ ވަރަށްގިނަ ދުޢާތަކުގައި ދައްކަވާދެއްވާފައިވާ ނަމޫނާއެކެވެ. މިފަދަ ދުޢާއެއްގެ މިސާލެއް ބަޔާންކުރަމެވެ.
ބޭކަލަކު މިފަދައިން ދުޢާ ކުރައްވާތީ ރަސޫލު ﷲ ﷺ އަޑުއެއްސެވިއެވެ. ((اَللَّهُمَّ إِنِّي أَسْألُكَ بِأنِّي أَشْهَدُ أَنَّكَ أَنْتَ اللَّهُ لَا إلَهَ إلَّا أَنْتَ الأحَدُ الصَّمَدُ، الَّذي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُن لَهُ كُفُوًا أَحَدٌ، قالَ: فقالَ: والَّذي نَفسِي بِيَدِهِ لَقَد سَأَلَ اللَّهَ بِاسمِهِ الأَعْظَمِ الَّذي إِذَا دُعِيَ بِهِ أجابَ، وإذا سُئِلَ بِهِ أَعْطَى)) أخرجه أبو داود (1493)، والترمذي (3475)، وأحمد (23002) واللفظ لهم، وابن ماجه (3857) مختصراً. ދުޢާގެ މާނައަކީ، “ހައްދަވައި ބޮޑުކުރެއްވި އިލާހު! މިއަޅާ އިނބަ އިލާހުގެ ޙަޟުރަތުން އެދި ދަންނަވަމެވެ. ހަމަކަށަވަރުން އިނބައިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަންކުރެވޭ އެހެން އިލާހަކު ނުވާކަމަށް މިއަޅާ ހެކިވަމެވެ. އިނބައިލާހު އެއްކައުވަންތަވެގެން ވެއެވެ. އިނބައިލާހުއީ އެންމެހާ ތަކެތި އިނބައިލާހަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އިނބައިލާހު ބޭނުންވެވޮޑިގެންނުވާ އިލާހެވެ. އިނބައިލާހަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އިނބައިލާހު އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ. އަދި އިނބައިލާހުއާ އެއްފަދަވެގެންވާ، ހަމައެކަކުވެސް ނުވެތެވެ.” ރަވީ ވިދާޅުވިއެވެ: ޙަދީޘްކުރެއްވިއެވެ: “ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެކަލާންގެ އަތްޕުޅުގައިވާ ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން އޭނާ ﷲ ގެ އެންމެ މަތިވެރިވަންތަ ނަންފުޅުން އެކަލާންގެއަށް އެދި ދަންނަވައިފިއެވެ. އެފަދައިން މެދުވެރިކޮށް ދަންނަވައިފިނަމަ، އޭނާ އެ ދުޢާކުރިކަމެއް އެކަލާންގެ އިޖާބަކުރައްވާނެއެވެ. އަދި އޭނާ އެދުނުކަމެއް އެކަލާންގެ ފުއްދަވައި ދެއްވާނެއެވެ.”
وَأَسْأَلُ اللهَ جَلَّ أَنْ يُوَفِّقَنَا أَجْمَعِينَ لِكُلِّ خَيْرٍ، وَأَنْ يَتَقَبَّلَ مِنَّا، وَأَن يَتَجَاوَزَ عَنَّا، وَأَنْ يُصْلِحَ لَنَا شَأْنَنَا كُلَّهُ، وَأَنْ لَا يَكِلْنَا إِلَى أَنْفُسِنَا طَرْفَةَ عَيْنٍ، إِنَّهُ سَمِيعٌ قَرِيْبٌ مُجِيْبٌ.
وصلى الله وسلَّم على عبده ورسوله نبينا محمد وآله وصحبه أجمعين .