ދުޢާ ކުރުމަށް އަތް އުފުލުންވަނީ ބިދުޢަގެ ތެރޭގަތޯއެވެ.

 

ސުވާލު : ފަރުޟު ނަމާދައް ފަހުން ކިޔަން ސުއްނަތުން ސާބިތުވެފައިވާ ޒިކުރުތައް ކިޔުމަށްފަހު، ނުވަތަ ސުއްނަތް ނަމާދުތަކަށްފަހުން ކަމަކަށް އެދިގެން ދުޢާކުރާ މީހާ، މިސާލަކަށް މި ބަލިމަޑުކަމުން ސަލާމަތް ކޮށްދިނުމަށް އެދި ނުވަތަ ތިމާ އަދި މައިންބަފައިންގެ ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރުމަށް އަތް އުފުލުންވަނީ ބިދުޢަގެ ތެރޭގަތޯއެވެ.

ފަރުޟު ނަމާދުތަކަށްފަހުގައި ކިޔުމަށް ޚާއްޞަ ޛިކުރުތަކެއްވެ އެވެ.

ފަހެ އެ ޛިކުރުތައް ކިޔުން އެއީ ފަރުޟު ނަމާދަށް ފަހުގައި ކަނޑައެޅިފައިވާ ސުންނަތެވެ. އަދި ފަރުޟު ނަމާދަށްފަހުގައި ދުޢާވެސް ކުރެ އެވެ. މިޘާލަކަށް أستغفر الله “އަޅުގެ ވެރި އިލާހު، މި އަޅާގެ ފާފަ ފުއްސަވައިދެއްވާށެވެ.”

މިއީ ދުޢާއެއް ނޫން ހެއްޔެވެ؟

އެހެނަސް ނަބިއްޔާ ﷺ އަތްޕުޅު އުފުއްލަވާ ދުޢާކުރައްވާފަ އެއް ނުވެ އެވެ.

ފަހެ، އެހިނދު އަހަރެމެންވެސް ވާރިދުވެގެންވާ ޛިކުރުތައް ކުރަމެވެ. އެހެނަސް އަތެއް ނުއުފުލަމެވެ. ފަރުޟު ނަމާދު ފަހުގައި ކިޔާ ޛިކުރު ތަކުގެ ތެރޭގައި ، މި ދުޢާވެސް ހިމެނެ އެވެ. اللهمَّ أعِنِّي على ذكرِك وشكرِك وحسنِ عبادتِك “އަޅުގެވެރި އިލާހު! އިބަ އިލާހަށް ޛިކުރު ކުރުމާއި، ޝުކުރު ކުރުމާއި އަދި ހެޔޮވެގެންވާ އަޅުކަން ކުރުމަށް މި އަޅާއަށް ވާގިވެރިކަން ދެއްވާނދޭވެ…”

އެހެނަސް އަތް ނުއުފުލަ އެވެ. ފަހެ، މިއީ މި ދަނޑިވަޅުގައި ވާރިދުވެގެންވާ ޙާލަތެވެ.

އަދިވެސް ތަފްޞީލުކޮށް ބުނަމެވެ.

ނަމާދަކީ އަޅުކަމެކެވެ. ފަހެ، އެހިނދު ނަމާދު ޘާބިތުވެގެންވާ ވާރިދުވެގެންވާ ގޮތަށް ކުރަންޖެހެ އެވެ. ނަމާދަށް ފަހުގައިވެސް އޮތީ އަޅުކަމެކެވެ. އެއީ ވާރިދުވެގެންވާ ގޮތަށް ވިރުދާއި، ޛިކުރު ކުރުމެވެ. ފަހެ، ބަޔާން މިކުރެވުނީ އެ ބަސްތަކެވެ.

އަތް އުފުލައިގެން ކިޔާނެ ދުޢާ އެއް އެތަނުގައި ނޯންނާނެ ކަމެވެ.

އަދި “ޛިކުރު ތަސްބީޙަ ކިޔާފައި ކިޔާ ދުޢާ” އެއް އެތަނުގައި ނޯންނާނެ ކަމެވެ.

ފަހެ، މި އަޅުކަން (ނަމާދަށް ފަހުގައި ވާރިދުވެގެންވާ ޛިކުރު، ވިރުދުގެ) ގެ އަޅުކަން ކޮށް އޭނާ ނިންމާލީ އެވެ.

ފަހެ އެހިނދު އެއަޅުކަން އެކުރެވުނީ އަދާކުރަންޖެހޭ ގޮތަށެވެ.

ފަހެ، އެއަށްފަހު އެމީހަކަށް އެވަނީ އެމީހަކު ﷲ އަށް ވަޤުތު ހޭދަކުރާނެ ގޮތަށް ހުޅުވިފައިވާ ވަޤުތެއްގެ ގޮތުގަ އެވެ. ޤުރުއާން ކިޔަވާ މީހާ ޤުރުއާން ކިޔަވަންވީ އެވެ.

ޛިކުރު ކުރަން ބޭނުން މީހާ ޖިކުރު ކުރަންވީ އެވެ.

ނަމާދު ކުރަން ބޭނުންވާ މީހާ ނަމާދު ކުރަންވީ އެވެ.

އަދި ދުޢާއެއް ކުރުމަށް ބޭނުންވާ މީހާ ދުޢާވެސް ކުރަންވި އެވެ.

ދެންފަހެ، ސުންނަތް ނަމާދަށް ފަހުގައި، ދުޢާ ކުރުމާއި ނުކުރުން ވަނީ ތަނަވަސް ވެގެންނެވެ. ބޭނުންވާ މީހާ އޭނާ ދުޢާ ކުރުމެވެ.

އަދި ނަމާދުކޮށް ނިމުމުން ތެދުވަން ބޭނުންވާ މީހާއަށް އެފަދައިންވެސް ވެ އެވެ. އިސްވެ ބަޔާންކޮށްފައިވާ ޖަވާބުގައި މި ދަނޑިވަޅުތައް ތަފްޞީލުކޮށް ބަޔާންކޮށްފައިވާނެ އެވެ. ކޮންމެ ދަނޑިވަޅެއްގައި އެ ދަނޑިވަޅުގައި ވާރިރުވެގެންވާ ގޮތަށް ސުންނަތަށް ޢަމަލު ކުރުމަށް ބާރުއެޅުން ހުއްޓެވެ.

މައްސަލަ ސާފުކޮށް އޮޅުން ފިލައިފި ކަމުގައި އުއްމީދު ކުރަމެވެ.

أُسْتَاذ أبو أنس محمد حسن حفظه الله