ސުވާލު: ފަތިސް ނަމާދު ކުރުމަށްފަހު، އިރު އެރުމުން 2 ރަކުޢަތް ކުރުމަށްޓަކައި އިށީނދެ އިންނަ މީހާ، އެ ގޮތުގައިވަނިކޮށް ވުޟޫ ގެއްލިގެން، ވުޟޫ ކުރުމަށްޓަކައި ތެދުވުން އެއީ މެދުކެނޑުން ކަމުގައި ބެލެވޭނެ ހެއްޔެވެ؟
ސުވާލުގައި ކޮށްފައިވާ މައްސަލައަކީ މި ޙަދީޘްގައި ޛިކުރުވެގެންވާ އަޖުރު ހޯދުމަށްޓަކައި އިންނަ މީހާ ކަމުގައިދެކެމެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ.
(مَنْ صَلى الغَداة فِي الجَمَاعَة ثُمَّ قَعَدَ يَذكُرُ الله حَتَّى تَطلُعَ الشَمس ثم صَلى رَكْعَتَين كَانت لَه كأجْر حَجَّة وَ عُمْرة تَامة تَامة تَامة)
” ފަތިސް ނަމާދު ޖަމާޢަތުގައި ކޮށް، އެއަށްފަހު މިސްކިތުގައި އިރު އެރުމަށް ދާންދެން،ﷲ އަށް ޛިކުރުކުރުމަށްޓަކައި އިށީނދެ އިނުމަށްފަހު، 2 ރަކުޢަތް ނަމާދެއް ކުރުމުން އޭނާއަށް ޙައްޖެއް އަދި ޢުމުރާއެއްގެ އަޖުރު ލިބޭނެ އެވެ. އެއީ ފުރިހަމަ ޙައްޖެއް އަދި ޢުމުރާއެކެވެ. އެއީ ފުރިހަމަ ޙައްޖަކާއި ޢުމުރާއެއްގެ ޘަވާބެވެ. ފުރިހަމަ ޙައްޖަކާއި ޢުމުރާއެއްގެ ޘަވާބެވެ.“ السلسلة الصحيحة (حسن) 3403
ފަހެ، އެމީހާގެ ނިޔަތަކީ މި ވަޤުތު އައުމަށް ދާންދެން ފަތިސް ނަމާދަށްފަހު ޛިކުރު ކުރުމުގައި އިނުމެވެ. އެހެނަސް އޭނާ ވުޟޫ ގެއްލިގެން (ވުޟޫކުރުމުގެ ޙާޖަތަށްޓަކައި) ނިކުތުން އެއީ ނިޔަތް ދިއުމާއި އެ އަޖުރު ހޯދުމުގެ ޤަޞްދު ފިލައިދާނެ ކަމެއް ކަމުގައި ނުބެލެވެ އެވެ. إن شاء الله. އޭނާ ވާނީ އެ ނިޔަތުގެ ތެރޭގައިވާ މީހެއްގެ ގޮތުގަ އެވެ.
އިތުރު މަޢުލޫމާތެއްގެ ގޮތުގައި ބުނަމެވެ.
ފަތިސް ނަމާދު ގޭގައި ކުރާ ފަރާތްތައް، ޚާއްޞަކޮށް އަންހެން ބޭކަނބަލުން، މި އަޖުރު ހޯދުމަށްޓަކައި ފަތިސްނަމާދަށްފަހު އިރު އަރަންދެން ޛިކުރު ކުރުމަށް އިނުމަށްފަހު 2 ރަކުޢަތް ނަމާދު ކުރުމުން އެ އަޖުރާއި ޘަވާބު ލިބޭނެތޯ ސުވާލު ކުރުމުން، މަދީނާގެ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. الشيخ عَرفَات بن حسن المحمدي – حفظه الله- އަރިހުގައި މިފަދައިން ސުވާލު ދެންނެވީމެވެ. ޝެއިޚް ޖަވާބުގައި ވިދާޅުވި އެވެ.
“އެފަދައިން އަންހެނަކު ގޭގައި ފަތިސް ނަމާދު ކުރުމަށްފަހު އިރު އެރުމަށް ދާންދެން ޤާއިމްވެ އިނުމަށްފަހު ދެރަކުޢަތް ނަމާދު ކުރުމުން ޙަދީޘްގައިވާ އަޖުރު ލިބޭނެ ކަމުގައި ޖަޒްމުކޮށް (ޔަޤީން ކަމާ އެކު) އަހަރެމެން ނުބުނާ ހުށީމެވެ. އެހެނަސް އަންހެން މީހާއަށް އެދަރުމަ ލިބޭނެ ކަމުގައި އުއްމީދު ކުރަމެވެ.”