ތަރާވީސް ނަމާދުގައި އެންމެ މޮޅު އިތުރުވެގެންވަނީ ކިތައް ރަކުއަތް ތޯ؟ އަދި ދަމުނަމާދާއި ވިތުރި ކުރާނީ ކޮން ގަޑިއެއްގަ ތޯ؟
أُسْتَاذ أبو أنس محمد حسن حفظه الله
އެންމެ މޮޅު އިތުރުވެގެންވަނީ މާތް ނަބިއްޔާ صلى الله عليه وسلم ކުރެއްވި މިންވަރަށް ކުރުމެވެ.
صحيح البخاري 2013 ގައި ވާރިދުވެގެންވާ ޙަދީޘްގައިވެ އެވެ. أنَّهُ سَأَلَ عَائِشَةَ رَضِيَ اللَّهُ عَنْهَا، كيفَ كَانَتْ صَلَاةُ رَسولِ اللَّهِ صَلَّى اللهُ عليه وسلَّمَ في رَمَضَانَ؟ فَقَالَتْ: ما كانَ يَزِيدُ في رَمَضَانَ ولَا في غيرِهِ علَى إحْدَى عَشْرَةَ رَكْعَةً، “(ނަބިއްޔާގެ އަނބިކަނބަލުން) عَائِشَةَ رَضِيَ اللَّهُ عَنْهَا، އަރިހުގައި މާތް ނަބިއްޔާ ރަމަޟާން މަހުގެ ރޭއަޅުކަމާއި ބެހޭގޮތުން ސުވާލު ދެންނެވުމުން އެ ކަމަނާ ވިދާޅުވިއެވެ. “ރަމަޟާން މަހުގައި ވެސް އަދި ރަމަޟާން ނޫން މަސްތަކުގައި ވެސް 11 ރަކުޢަތަށްވުރެ ގިނަ ނުކުރައްވަތެވެ”.
ފަހެ، އެހެން ވުމުން މިއީ އެންމެ ހެޔޮވެގެންވާ ގޮތެވެ. އަދި އެންމެ ރިވެތި ވެގެންވާ ނަމޫނާއެވެ.
ސުވާލުގައި ބުނެފައިވާ “ދަމު ނަމާދު ކުރެވެން އޮތް ޙާލަތު” ފަހެ އެއީ އެންމެ ހެޔޮވެގެންވާ ވަޤުތާއި މެދުގައި ސުވާލު ކުރާ ކަމުގައިވާނަމަ ޖަވާބަކީ ؛
ގޭގައި ކުރާ މީހާއަށް އެންމެ ހެޔޮވެގެންވާ ވަޤުތު ސުންނަތުގައި ބަޔާންވެގެންވެއެވެ. ނަބިއްޔާ ﷺ އަރިހުން ޘާބިތުވެގެންވާ ގޮތުގައި ﷲ ގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ ދާޥޫދް -عليه السلام- ގެ ނަމާދެވެ.
ޞަޙީހު مسلم ١١٥٩ ގައި ރިވާވެގެންވެއެވެ. وَأَحَبُّ الصَّلَاةِ إلى اللهِ عَزَّ وَجَلَّ، صَلَاةُ دَاوُدَ عليه السَّلَام، كانَ يَرْقُدُ شَطْرَ اللَّيْلِ، ثُمَّ يَقُومُ، ثُمَّ يَرْقُدُ آخِرَهُ، يَقُومُ ثُلُثَ اللَّيْلِ بَعْدَ شَطْرِهِ. “ﷲ ގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން އިތުރުވެގެންވާ ނަމާދަކީ (ސުންނަތް ނަމާދަކީ) دَاوُدَ عليه السَّلَام ގެ ނަމާދެވެ. ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި އަވަހާރަފުޅު ލެއްޕެވުމަށްފަހު ދެން ނަމާދުކުރައްވައެވެ. ދެން އެއަށްފަހު އަވަހާރަފުޅު ލައްޕަވައެވެ. ފަހެ، ޤިޔާމަށް (ނަމާދުގައި ހުންނަވަނީ) ރޭގަނޑު ދެބައިވުމަށްފަހު، ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގައެވެ.
ފަހެ، ގޭގައި މިފަދައިން ނަމާދުކޮށްފި މީހާއަށް ހުރި ހެޔޮކަމެއްގެ ބޮޑު ކަމާއެވެ.
ފަހެ، ތަރާވީޙް އަދި ރޭއަޅުކަން، ތަހައްޖުދު މި އެންމެހައި ނަންތަކެއް ނިސްބަތްވަނީ އިޝާ ނަމާދުން އަވަދިވުމުގެ ވަޤުތުން ފެށިގެން ފަތިސް ވަނުމާ ދެމެދު ކުރެވޭ ނަމާދަށެވެ. އެހެންކަމުން ގޭގައި ކުރާ މީހާއަށް ކޮންމެ ވަޤުތެއް ވެސް ނަމާދު ކުރުމަށް ތަނަވަސްވެގެންވެއެވެ. އަދި އިސްވެ އެވަނީ އެންމެ އަޥްލާ ވަޤުތު ބަޔާން ކޮށްފައެވެ. والله أعلم.