ސުވާލު : ލޯގަނޑެއް އިއްނަ ކޮޓަރިއެއްގައި ލޯގަނޑައް ކުރިމަތިވާ ގޮތައް ނުވަތަ ސައިޑަކަށް އިންނަމަ ނަމާދު ޞައްހަވާނެތޯއެވެ.
ލޯގަނޑު ކުރިމަތީގައި ނަމާދު ކުރުމާއި މެދުގައި ބުނަމެވެ.
ލޯގަނޑެއް ކުރިމަތީގައި ނަމާދު ކުރާ މީހާގެ ނަމާދު ޞައްހަވާނެ އެވެ.
އެހެނަސް މިތަނުގައި މުހިންމު ވެގެންވާ ނުކުތާއެއް ދަންނަންޖެހެ އެވެ:
ނަމާދު ކުރާ މީހާ، އޭނާގެ ކުރިމަތީގައި އަދި އޭނާގެ ލޯމަތިގައި ނުވަތަ ނަމާދަށް ހުންނަހިނދު އޭގެ ސަބަބުން އޭނާ ނަމާދުން މަޝްޣޫލު ކުރުވާ ތަކެތިން ދުރަށް ދާން ޖެހޭނެ އެވެ.
ނަމާދުގައި ހުންނަހިނދު ނަމާދަށް ޙުޝޫޢަތްތެރި ވުމުގެ މަތިން އޭނާ މަޝްޣޫލު ކުރުވާ ތަކެތިން އޭނާ ދުރަށްޖެހި، އެފަދަ މުނާސަބުތަނެއްގައި ނަމާދުކުރުން ހުއްޓެވެ. ފަހެ، ލޯގަނޑެއްގެ ކުރިމަތީގައި ހުރުމުން އެއަށް ބެލި، އޭނާގެ ފިކުރު އެއަށްހުއްޓި ނަފްސު އޭގައި މަޝްޣޫލު ކުރުވާނެ އެވެ.
ނަމާދުގައި މިފަދައިން މަޝްޣޫލު ކުރުވާ އަދި އެއަށް ލޮލުގެ ނަޟަރު ހުއްޓުވާ ތަކެތިން ﷲ ގެ ނަބިއްޔާ އެކަހެރިވެވަޑައިގެންފައި ވުމުން އަހަރެމެން އެފަދައިން ޢަމަލުކުރުން ކޮންފަދަ ހެޔޮކަން ބޮޑުވެގެންވޭ ހެއްޔެވެ. صحِيح البخَارِي ގެ 5817 ވަނަ ޙަދީޘްގައިވެ އެވެ. صَلَّى رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ في خَمِيصَةٍ له لَهَا أعْلَامٌ، فَنَظَرَ إلى أعْلَامِهَا نَظْرَةً، فَلَمَّا سَلَّمَ قالَ: اذْهَبُوا بخَمِيصَتي هذِه إلى أبِي جَهْمٍ، فإنَّهَا ألْهَتْنِي آنِفًا عن صَلَاتِي، އެކިއެކި (ތަކެތި ކުރަހާފައިވާ) ފޭރާމެއް ތުރުކުރައްވައިގެން ނަމާދު ކުރެއްވި އެވެ. އޭގައިވާ ކުރެހުމަށް ލޯފުޅުގެ ނަޟަރު ހުއްޓިވަޑައިގެންނެވި އެވެ. ފަހެ، ނަމާދުން އަވަދިވަޑައިގެންނެވުމުން ވިދާޅުވި އެވެ. “ފަހެ، މި ފޭރާން أبِي جَهْمٍ ގެ ކައިރިއަށް ގެންދިއުން ހުއްޓެވެ. ފަހެ، ހަމަކަށަވަރުން ދެންމެ ތިމަން ނަބިއްޔާ ނަމާދަށް ހުންނެވިހިނދު، އެ (ފޭރާން) ނަމާދުން މަޝްޣޫލު ކުރުވި އެވެ.”
ވުމުން، ލޯގަނޑު ކުރިމަތީގައި ނަމާދު ނުކުރުމުގެ ސަބަބަކީ މި އެވެ. އެއްވެސް ޙާލެއްގައި ލޯގަނޑު ހުރުމުން ނަމާދު ނުކުރެވޭނެތީ ނޫނެވެ.
އެހެނަސް ނަމާދުން މަޝްޣޫލު ކުރުވާނެ ސަބަބެއް ކަމުގައިވާތީ އެވެ.
أُسْتَاذ أبو أنس محمد حسن حفظه الله