ތަރާވީޙް ނުވަތަ 2 ރަކުޢަތް ނަމާދެއްގައި ހަނދާންނެތިގެން 3 ވަނަ ރަކުޢަތަށް ތެދުވެވުނު މީހާ ޢަމަލު ކުރާނީ ކިހިނެތް ތޯ އެވެ؟

 

ސުވާލު : ތަރާވީޙް ނުވަތަ 2 ރަކުޢަތް ނަމާދެއްގައި ހަނދާންނެތިގެން 3 ވަނަ ރަކުޢަތަށް ތެދުވެވުނު މީހާ ޢަމަލު ކުރާނީ ކިހިނެތް ތޯ އެވެ؟

2 ރަކުޢަތުގެ ނަމާދެއްގައި 3 ވަނަ ރަކުޢަތަށް ތެދުވުމާއި، އަދި 3 ރަކުޢަތް ނަމާދުގައި ހަތަރުވަނަ ރަކުޢަތަށް ތެދުވުމާއި އަދި 4 ރަކުޢަތް ނަމާދުގައި 5 ވަނަ ރަކުޢަތަށް ތެދުވުން:

މި ހުރިހައި ޙާލަތެއްގެ މައްޗަށް އޮތީ އެއް ޙުކުމެކެވެ.

މި މައްސަލައިގައި ބަޔާންވެގެންވާ އެންމެ ޞައްޙަ ޤައުލަކީ އެއީ، 2 ރަކުޢަތް ނަމާދެއްގައި ތިންވަނަ ރަކުޢަތުގެ ކޮންމެ ހިސާބެއްގައި ހުއްޓާ އެއީ 3ވަނަ ރަކުޢަތް ކަން އެނގުމާއި އެކުގައި އެމީހާއަށް އޮތީ އައްތަހިޔާތަށް އަނބުރައި ރުޖޫޢަވުމެވެ.

ފަހެ، އޭނާއަށް އެއީ 3 ވަނަ ރަކުޢަތް ކަން އެނގުމުންވެސް އަނބުރައި އައްތަހިޔާތަށް ރުޖޫޢަ ނުވާނަމަ އެނާގެ ނަމާދު ބާޠިލްވާނެ އެވެ.

ވުމުން އޭނާ އަނބުރައި އައްތަހިޔާތަށް އަންނާނީ އެވެ. އަދި ސަލާމް ދިނުމަށްފަހު ކުށު ސަޖިދައިގެ ދެސަޖިދަ ކުރާނީ އެވެ.

(ކުށު ސަޖިދަ ސަލާމް ދިނުމުގެ ކުރިން ކުރިއަސް ކުށެއް ނެތެވެ. އެހެނަސް މި ދަނޑިވަޅުގައި އެންމެ ހެޔޮވެގެންވަނީ ސަލާމް ދިނުމަށްފަހުގައި ކުށު ސަޖިދަ ކުރުމެވެ.)

3 ވަނަ ރަކުޢަތަށް ތެދުވި މީހާ، އެކަން އެނގުމާއެކު ރުޖޫޢަވުމަށް ބަޔާންވެގެންވާ ދަލީލުތަކުގެ ތެރޭގައި މާތް ނަބިއްޔާގެ ޙަދީޘްފުޅު ހިމެނެ އެވެ. (صلاة الليل مثنى مثنى) މާނައަކީ “ރޭގަނޑުގައި ކުރާ ނަމާދުވަނީ 2 ރަކުޢަތުން 2 ރަކުޢަތުންނެވެ.”

އަދިވެސް މިކަމުގެ ދަލީލަކީ : 3 ވަނަ ރަކުޢަތަށް ތެދުވެއްޖެ މީހާ ވަނީ ނަބިއްޔާ އަމުރުފުޅު ނުކުރައްވާ ކަމެއްގެ މަތީގަ އެވެ. ފިޤުހު ވެރި ބޭފުޅުންގެ ތެރޭގައި އިމާމް أحمد -رحمه الله- ވިދާޅުވެފައިވާ ގޮތުގައި، ރޭގަނޑުގެ އަޅުކަމުގައި 3 ވަނަ ރަކުޢަތަށް ތެދުވާ މީހާގެ މިޘާލަކީ ފަތިސް ނަމާދު 3 ރަކުޢަތަށް ތެދުވާ މީހާގެ މިޘާލުފަދަ އެވެ.

އެއްވެސް ޝައްކެތްނެތް ކަމަކީ، ފަތިސް ނަމާދުގެ 3 ވަނަ ރަކުޢަތަކަށް ތެދުވެއްޖެ މީހާއަށް އަނބުރައި އައްތަހިޔާތަށް ރުޖޫޢުވުން ވާޖިބުވެގެންވެ އެވެ.

4 ރަކުޢަތް ނަމާދެއްގައި 5 ވަނަ ރަކުޢަތަށް ތެދުވެވުނު މީހާއަށްވެސް މިފަދަ އެވެ. އިމާމްއަށް މައުމޫމުން ހަދާން ކޮށްދޭން ޖެހޭނެ އެވެ.

ފުރަތަމައީ : ޤަސްތުގައި އެގިހުރެ 5 ވަނަ ރަކުޢަތަށް ތެދުވެއްޖެ މީހާގެ ނަމާދު ބާޠިލްވާނެ އެވެ.

އަދި މައުމޫންގެ ތެރެއިންވެސް ގަސްތުގައި އެނގިހުރެ ފަސްވަނަ ރަކުޢަތަށް ތެދުވެއްޖެ މީހާގެ ނަމާދު ބާޠިލްވާނެ އެވެ.

ދެވަނައީ : ހަނދާންނެތި (އިމާމް އަށް ނުވަތަ ފަހަތުގައިވި މައުމޫމަށް ތެދުވެވުނީ އެވެ.) ފަހެ، ރަކުޢަތުގެ މެދު ތެރެއިން، ރުކޫޢުގައި އޮއްވާ ނުވަތަ އިޢުތިދާލުގައި ވަނިކޮށް އެއީ 5 ވަނަ ރަކުޢަތްކަން އެނގިގެން ދިޔައީ، އެހިނދު އެހިސާބުން އޭނާ އައްތަހިޔާތަށް ރުޖޫޢަވާން ޖެހޭނެ އެވެ.

އަދި ސަލާމް ދިނުމަށްފަހު ކުށުސަޖިދަ ކުރާނީ އެވެ.

الشيخ ابن عثيمين رحمه الله ވިދާޅުވެފައިވެ އެވެ. “ނަމާދަށް (އިތުރު ރަކުޢަތުގައިވާކަން އެނގުމުން) އޭނާ އެހުރި ތަނުން އައްތަހިޔާތަށް ރުޖޫޢަވުން ހުއްޓެވެ. ބައެއް ކިޔަވާކުދިންނަށް ވިސްނިފައިވަނީ، އެކަމުގެ ޙުކުމަކީ (އިތުރު ރަކުޢަތަށް ތެދުވުމަކީ) އެއީ ފުރަތަމަ އައްތަހިޔާތު ހަދާންނެތިވެ ދޫކޮށް ތެދުވި މީހާއާ އެއްފަދަ ކަމެއް ކަމުގަ އެވެ. ފަހެ، އެގޮތުން ދެކެނީ، އިތުރު ރަކުޢަތަށް ތެދުވެ ކިޔަވަން ފެށުމުން އަނބުރައި ރުޖޫޢަވުން އެމީހާގެ މައްޗަށް ޙަރާމްވާނެ އެވެ. މިއީ ކުށެކެވެ. (ކުށް ބަހެކެވެ.)

އެއްވެސް ޙާލެއްގައި އިތުރުވި ރަކުޢަތުގައި އިސްތިމްރާރުކޮށް ދެމި ނުހުރެވޭނެ އެވެ. އޭނާއަށް ހަނދާންވުމާއިއެކު ރުޖޫޢަވާންޖެހޭނެ އެވެ. ސަބަބަކީ، އޭނާއަށް އެނގި ގަސްތުގައި ނަމާދަށް އިތުރުކޮށްފިހިނދު، ހުއްދައެއް ނުވާނެ އެވެ. އަދި ނަމާދު ބާޠިލްވާނެ އެވެ. …… ފަހެ، އޭނާއަށް އެކަން ހަދާންވީ ނަމާދު ކޮށް އަވަދިވި ފަހުން ކަމުގައިވާނަމަ ނަމާދު ޞައްޙަވާނެ އެވެ. އަދި ސަލާމް ދިނުމަށްފަހު ކުށުސަޖިދަ ކުރުން ހުއްޓެވެ. އެއީ އެ ނަމާދަށް އިތުރުވި އިތުރުވުމުގެ މައްޗަށެވެ.”

الشرح الممتع (3/342 – 343)