ރޯދަވެރިޔާ ފަތިސް ނަމާދުގެ ފަހުން ނިދާފަ އޮއްވާ ނިދީގެ ތެރޭގައި މަނި ބޭރުވެއްޖެ ނަމަ ރޯދަ ގެއްލޭނެ ތޯއެވެ؟ އެފަދަ މީހާ ޢަމަލުކުރާނީ ކިހިނެއް ތޯއެވެ؟

ރޯދަވެރިޔާ ފަތިސް ނަމާދުގެ ފަހުން ނިދާފަ އޮއްވާ ނިދީގެ ތެރޭގައި މަނި ބޭރުވެއްޖެ ނަމަ ރޯދަ ގެއްލޭނެ ތޯއެވެ؟ އެފަދަ މީހާ ޢަމަލުކުރާނީ ކިހިނެއް ތޯއެވެ؟

 

أُسْتَاذ أبو أنس محمد حسن حفظه الله

ރޯދައަށް ހުރެ މަނި ބޭރުވާ މީހާ އަށް އޮތީ 2 ޙާލަތެކެވެ.

ފުރަތަމައީ : އޭނާގެ އަމިއްލަ އިޚްތިޔާރުން މަނި ބޭރު ވުމެވެ. އެ ގޮތުން އަނބިމީހާއާ ޖިމާޢުވެގެން ނުވަތަ އެހެންވެސް ގޮތެއްގައި އޭނާގެ ޝަހުވަތްތެރިކަން ފުއްދުމެވެ. ފަހެ، މި މީހާގެ ރޯދަ ބާޠިލްވާނެއެވެ. އަދި ރަމަޟާންމަހު އަނބިމީހާއާ ޖިމާޢުވެގެން ނަމަ، އޭނާގެ މައްޗަށް ރޯދަ ޤަޟާ ކުރުމާއެކު ބޮޑުވެގެންވާ ކައްފާރާއެއް އޮންނާނެއެވެ.

ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާގައިވެ އެވެ.

”…… ރޯދައަށް ހުރެ އަނބިމީހާ ހަށިގަނޑުގައި ބައްދާލުމާއި، ބޮސްދިނުން މައްސަލައެއް ނޫނެވެ. އެހެނަސް އެ މީހަކީ ޝަހުވަތުގައި އަވަސް މީހެއްގެ ގޮތުގައިވެ، ގައިގޯޅިވެ ހެދުމުން އަދި ބޮސްދިނުމުން މަނި ބޭރުވެދާނެކަމުގެ ބިރު އޮތްނަމަ އަޥްލާވެގެންވަނީ މިކަންތައްތަކުން ދުރުގައިހުރުމެވެ. އަދި މިކަމުގައި ފަރުވާކުޑަކޮށްގެން ނުވާނެއެވެ. އަނބިމީހާ ހަށިގަނޑުގައި ބައްދާލުމުން ނުވަތަ ބޮސްދިނުމުން ނުވަތަ ގައިގޯޅިވެ އުޅުމުން މަނި ބޭރުވެއްޖެ ނަމަ، މަނި ބޭރުވުމުގެ ސަބަބުން ހިނައި ގަންނަން ޖެހޭނެއެވެ. އެއީ ދުވާލު ކަމުގައިވެއްޖެހިނދު، އެ ދުވަހުގެ ރޯދަ ޤަޟާކުރަން ޖެހޭނެއެވެ. އަދި އިތުރު ކައްފާރާއެއް ނޯންނާނެ އެވެ.“

الجزء 16، الصفحة 238

ދެވަނަ ޙާލަތަކީ : އޭނާގެ އިޚްތިޔާރެއް ނެތި މަނި ބޭރުވުމެވެ. މިޘާލަކަށް ސުވާލުގައި ބަޔާން ކޮށްފައިވާ ފަދައިން، ރޯދައަށް ހުރި މީހަކު ނިދާފައި އޮއްވާ އިޙްތިލާމްވުމެވެ. ފަހެ މިޙާލުގައި އޭނާގެ ރޯދައަށް އެއްވެސް އަޘަރެއް ނުކުރާނެއެވެ. އޭނަގެ މައްޗަށް ވާޖިބުވެގެންވަނީ ހިނައިގަތުމެވެ. ރޯދައަށް އެއްވެސް މައްސަލައެއް ނެތެވެ