އޮށޯވެ އޮވެގެން ޤުރުއާން ކިޔެވުން
އޮށޯވެ އޮވެގެން ޤުރުއާން ކިޔެވުމާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ.
އޮށޯވެ އަދި އިށީނދެ ޤުރުއާން ކިޔެވުމުގައި އެއްވެސް މަނާ ކަމެއް ނުވެ އެވެ. އެއީ ހިތުދަސްކޮށްފައިވާ ޤުރުއާން ކިޔެވި ކަމުގައިވީނަމަވެސް ނުވަތަ ޤުރުއާން (ހަތިމް) ނަގައިގެން ކިޔެވި ކަމުގައިވީނަމަވެސް ނުވަތަ ފޯނުން ބަލައިގެން ކިޔެވި ކަމުގައިވިނަމަވެސް މެ އެވެ.
މިކަމަށް ދަލީލު ވާރިދުވެގެންވެ އެވެ. صحيح البخاري 297 ގައި ވާ ރިވާޔަތުގައި ވެ އެވެ. އުއްމުލް-މުއުމިނީން عائشة -رضي الله عنها- ވިދާޅުވެފައިވެ އެވެ. أنَّ النبيَّ صَلَّى اللهُ عليه وسلَّمَ: كانَ يَتَّكِئُ في حَجْرِي وأَنَا حَائِضٌ، ثُمَّ يَقْرَأُ القُرْآنَ “ހަމަކަށަވަރުން ތިމަން ކަމަނާ ޙައިޟުގައިވާ ހިނދުގައި، ތިމަން ކަމަނާގެ އުނގުގައި ނަބިއްޔާ އިސްތަށިފުޅު އަޅުއްވައިގެން އޮންނަވާ ޤުރުއާން ވިދާޅުވެ އެވެ.”
ވުމުން މިކަމުގެ ޙުކުމް ވަރަށް ޞަރީޙަކޮށް ބަޔާންވެގެންވެ އެވެ.
الحافظ النووي -رحمه الله- ވިދާޅުވެފައިވެ އެވެ. (ރަސޫލާ އެފަދައިން ޢަމަލު ފުޅުކުރެއްވި ރިވާޔަތަށްފަހުގައި) “ފަހެ، މި ރިވާޔަތުން އޮށޯވެގެން އޮވެ، (އުޑުތިލަމަތިން، އަރިމައްޗަށް، އޮށޯވެ އޮވެގެން) ޤުރުއާން ކިޔެވުން ހުއްދަވެގެންވާކަން ދަލީލު ކުރެވެ އެވެ.” شرح صحيح مسلم.
ދަންނައެވެ! ގޮނޑީގައި ނުވަތަ އެދުގައި އިށިނދެ ނުވަތަ އޮށޯވެ އޮންނަ މީހާ އަދި އެންމެހައި ޙާލަތެއްގައި ޤުރުއާން ކިޔެވުން ހުއްދަ އެވެ. އެއީ ވުޟޫގައި ނުވަތަ ވުޟޫ ނެތް ޙާލަތުގައި (ކުޑަ ޙަދަޘަ) ކަމުގައިވީނަމަވެސް އެވެ. ދެންފަހެ، ޙަދަޘަވެރިވެފައިވާ ޙާލުގައި މުޞްޙަފް ނަގައިގެން ނުވާނެ އެވެ. އެހެން ވަޞީލަތެއް ބޭނުން ކުރުން އެއްވެސް މައްސަލައެއް ނެތެވެ. އަދި ޖުނުބުވެރިޔާ ހިނައިގަނެ ޙަދަޘަ އެރިގަތުމަށް ދާންދެން ޤުރުއާން ކިޔެވުން ހުއްދައެއް ނުވާނެ އެވެ.