ސުވާލު : އަޅުގަނޑުގެ ބައްޕައަކީ ނަފްސަނީ ބައްޔަށާއި ސްޓްރޯކް އަށް ބޭސް ކުރާތާ 7 އަހަރުވެފައިވާ އުމުރުން 72 އަހަރުގެ މީހެކެވެ. ސްޓްރޯކް ޖެހުމުގެ ސަބަބުންނާއި ނަފްސާނީ ބަލީގެ ސަބަބުން ކުރާކަންތައްތައް ހަދާންނުހުރެއެވެ. އަމިއްލަޔަށް އިސްނަގައިގެން އެއްވެސް ކަމެއް ނުކުރެއެވެ. ފެންވެރިޔަސް އެހެން ކަމެއްކުރިޔަސް ކުރާނީ ބުނީމައެވެ. ނަމަވެސް ނަމާދު ކޮށް ރޯދަވެސް ހިފައެވެ. ބައެއް ފަހަރު 4 ރަކުޢަތް ނަމާދުގައި 2 ރަކުޢަތްކޮށްފައިވެސް ނިންމާލައެވެ. އަޅުގަނޑުގެ ސުވާލަކީ ބައްޕަ ހިފާރޯދަތައް ރަގަޅުވާނެތޯއެވެ. ރަގަޅު ނޫންނަމަ އަމަލުކުރަންޖެހޭ ގޮތަކީ ކޮބައިތޯއެވެ. އަދި މި ނަމާދާއި ރޯދައިގެ ހުކުމަކީ ކޮބައިތޯއެވެ. އަވަސް ޖަވާބަކަށް އެދެމެވެ.
ބައްޕައަށް ދިމާވެފައިވާ ޙާލަތަށް ﷲ ޙަޟުރަތުން ހެޔޮ ގޮތް މިންވަރު ވުމަށް އެދެމެވެ. ބައްޕައަށް އެކަމުގައި ﷲ ހިތްވަރު ދެއްވާންދޭވެ.
އަޚާ އެވެ! ސުވާލުގައި ޛިކުރުކޮށްފައިވާ ބަލި މީހާގެ ޢަމަލުތަކުން ދަލީލުކޮށްދެނީ ބުއްދި ސަލާމަތުން ހުރި ކަމަވެ.
ބައްޕައަށް ދަރިން ފެނުނީމަ އެއީ “ތިމަންނަގެ ބައްޕަ” އަނބިމީހާ ފެނުމުން “އެއީ އަހަރެމެންގެ މަންމަ” މިފަދަ ބަސްތައް ބުނޭ ހެއްޔެވެ؟
މިއީ ބުއްދި ފިލައިފައިވާ ކަން ދަލީލުކޮށް ދޭ ކަންތަކެވެ. އެހެނަސް މިފަދަ ކަމެއް ނެތްނަމަ، ބަޔާންވެގެންވަނީ ބައްޕައަކީ ބުއްދި ސަލާމަތުންހުރި ފަރާތެއް ކަމެވެ. އެހިނދު ނަމާދު ތައް ކުރުމަށް އޮތް ސިފަ މިތަނުގައި ބަޔާން ކުރަމެވެ.
ނަމާދު : ހަނދާންނެތުމުގެ ކަންތަކަކީ ވަރަށްވެސް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. ބައްޕައަށްވެސް ދިމާވެފައިވަނީ ހަނދާންނެތުން -ﷲ ބައްޕަގެ މި ބައްޔަށް އަވަސް ޝިފާ ދެއްވާށި- ނަމާދުގައި ޙައްލު ކުރާނެ ގޮތެއްވެ އެވެ.
އެއީ ބައްޕަ ގޮވައިގެން އަބަދުވެސް ކޮންމެވެސް އެކަކު ނަމާދު ކުރުމެވެ.
މާނައީ : ބައްޕަ އެކަނި ނަމާދު ނުކުރުމެވެ. އެހެނަސް ބައްޕަ ނަމާދު ކުރާނީ އަބަދުވެސް ޖަމާޢަތް ހަދައިގެންނެވެ. އެގޮތުން ދަރިއެއް އަބަދުވެސް ވަޤުތު ޖެހުމުން ބައްޕައާ އެކު ޖަމާޢަތް ހަދައި ނަމާދު ކުރާނީ އެވެ. އެހިނދު ބައްޕަވާނީ އިމާމްއަށް ތަބަޢަވެ ނަމާދު ކުރާ ފަރާތަކަށެވެ. އެއާއެކު، ހަނދާން ނެތުމުގެ ސަބަބުން ދިމާވާ ކަންތައްތައް ހައްލުވީ އެވެ.
އަޚާ އެވެ! މިފަދައިން އަހަރެމެން މަދީނާގައި ކިޔެވިހިނދު މަދީނާގައިވާ އެންމެ ބޮޑު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މަސްޖިދުއް ނަބަވީގައި ޢިލްމު އުނގަންނައި ދެއްވުމުގައިވާ العلامة الشيخ عَبد المُحسن العَباد – حفظه الله- ވިދާޅުވެފައިވެ އެވެ.
ދެވަނައީ : ރޯދަ އެވެ. ބައްޕަ ބުއްދި ސަލާމަތުންހުރެއްޖެ ކަމުގައިވާނަމަ ރޯދަ ގެ ތަކްލީފް އޮންނާނެ އެވެ. އެހެނަސް ތަކްލީފް އުފުލުން 2 ގޮތަކަށްވެ އެވެ. ބައްޕައަށް ރޯދައަށް ހުރުމަށް ކުޅަދާނަ ހަށިގަނޑެއް އަދި ޞިއްޙަތެއް ލިބިފައިވުމެވެ. ފަހެ، އެހިނދު ބައްޕައަށް އޮތީ ރޯދަ ހިފުމެވެ.
އަނެއްގޮތަކީ، ބައްޕަ ބުއްދި ސަލާމަތުން ހުރެ، އެހެނަސް ހަށިގަނޑުގައި އެފަދަ ޤާބިލް ކަމެއް ނެތުމެވެ. ނުވަތަ އަބަދުގެ އަބަދަށް، ބޭސް ކާން ޖެހުމުގެ ސަބަބުން ރޯދައަށް ހުރުމުގެ ފުރުސަތު ނެތީ އެވެ. އެހިނދު ރޯދަ ހިފުން ދޫކޮށް ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާން ދޭނީ އެވެ.
އެއީ ބައްޕައަށް ރޯދައިގެ ތަކްލީފު އުފުލުމަށްއޮތް ސިފަ އެވެ. (ކޮންމެ ރޯދައަކަށް 1.5 ކިލޯ ހަނޑު ނެރޭނީ އެވެ.) މިއީ މިކަމުގައި އޮތް ތަފްސީލެވެ. ދުޢާ އަކީ ﷲ ތަޢާލާ ބައްޕަގެ ފާފަ ފުއްސަވައި، ބައްޕައަށް ޙަޔާތަކީ ހެޔޮ ދަރުމައާއި ޘަވާބު ލިބިގެންދާ ޙަޔާތެއް ކަމުގައި ލެއްވުމެވެ. ބައްޕައަށް ދިމާވެފައިވާ ޙާލަތަށް ކެތްތެރިކަން ބައްޕައަށް ލިބިގެން ދިއުމެވެ.