ރަމަޟާން 8
[ރޯދަވެރިޔާގެ މައްޗަށް ވާޖިބުވެގެންވާ ބައެއް އަދަބުތައް]
بسم الله الرحمن الرحيم
ރޯދައަކީ އަޅުކަމެކެވެ. އަދި އިސްލާމް ދީނުގެ ފަސް ރުކުނުގެ ތެރެއިން އެއް ރުކުނެވެ. ވުމާއެކު އެ ރުކުން ޤާއިމް ކުރުމަށްޓަކައި އެ އަޅުކަން އަދާކުރާ އަހުލުވެރިޔާގެ މައްޗަށް ވާޖިބުވެގެންވާ އަދަބުތަކެއްވެ އެވެ. އެންމެހައި އަޚުން ބައެއް ނުކުތާތަށް އެކަމުގައި ހަނދުމަ ކޮށްދިނުމަށްޓަކައި ބަޔާން ކުރަމެވެ.
1. ރޯދަ ހިފުމުގައި އޭގެ އެންމެ ފުންމިނަށް ﷲ އަށް އިޚްލާޞްތެރިކަން އަދާ ކުރުމެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. (مَن صامَ رمضانَ إيمانًا واحتسابًا، غُفِرَ لَهُ ما تقدَّمَ من ذنبِهِ)
”ރަމަޟާން މަހުގެ ރޯދަ ފަރުޟު ވުމުގެ މައްޗަށް އީމާންވެ (އެކަމަށް ރުހިގެން ހުރުމާއެކު) ﷲ ގެ ޙަޟުރަތުން ޘަވާބާއި ދަރުމައަށްޓަކައި ރޯދަ ހިފި މީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ﷲ ފުއްސަވާނެތެވެ.“ صحيح البخاري 2014 و مسلم 760
ޙަދީޘްގައި -އިސްވެ ގޮސްފައިވާ ފާފަތައް ފުއްސެވިގެންދާނެ- ގޮތުގައި ބަޔާންވެގެންވަނީ ދެ ޝަރުޠަކާ އެކުގައި ރޯދަ ހިފާ މީހުންނެވެ. އެއީ إيمانًا واحتسابًا ގެ އަހުލުވެރިންނެވެ. ފަހެ އޭގެ ޙަޤީޤީ މާނައަކީ ކޮބައި ހެއްޔެވެ؟
الإِمَام شَيْخُ الإِسْلَام ابن تَيْمِيَّة ވިދާޅުވެފައިވެ އެވެ. ﷲ ރަމަޟާންމަހުގެ ރޯދަ ފަރުޟު ކުރައްވާ، ޝަރުޢު ކުރައްވާ އަދި ވާޖިބު ކުރައްވާފައި ވުމުގެ މައްޗަށް އީމާންވެ، އެކަމަށް ރުހި ޤަބޫލުވެގެންވުމެވެ. އަދި ﷲ ގެ ޙަޟުރަތުން އެ ރޯދައިގެ ޘަވާބަށް އެދޭ ޙާލުގައި ރޯދަ ހިފުމެވެ. ޔަޢުނީ : ރޯދަ ހިފަނީ ﷲ އަށް ޚާލިޞްކަމާ އެކުގައި އަދިﷲގެ ޙަޟުރަތުން ޘަވާބަށް އުއްމީދުކުރާ ޙާލުގަ އެވެ. جامع المسائل:1/160
ޢިލްމުގެ އަހުލުވެރިން ޛިކުރުކޮށްފައިވެ އެވެ. “ކޮންމެ އަހަރަކުވެސް މި ދުވަސްވަރު އައުމުން ޢާދަވެ، ޢާދައެއް ގޮތަށް ކުރާ ޢާދަކާދައެއްފަދައިން ރޯދަ ނުހިފުން ހުއްޓެވެ.
ޔަޢުނީ : އޭނާގެ އަހުލުން، އަޚުން އަދި އެކުވެރިން ރޯދަ ހިފައިގެން ތިބޭތީ އޭނާވެސް ރޯދަ ހިފާ މީހެއްގެ ގޮތުގައި ހުންނަނީ އެވެ. އަދި މިސްތަކުން އޭނާގެ މައްޗަށް ބަދުބަސް ބުނާނެތީ، ރޯދަ ނުހިފައޭ ބުނާނެތީވެ ރޯދައަށް ހުންނަނީ އެވެ. އަދި މިސްތަކުންނަށް ދެއްކުމަށްޓަކައި ރޯދަ ނުހިފުމެވެ. އަދި މީސްތަކުންގެ ފަރާތުން ހެޔޮ މަދަޙައިގެ ބަސްތައް ލިބުމުގެ ބޭނުމުގައިވެސް ރޯދަ ނުހިފުމެވެ.”
އަޚުންނޭޥެ! ނިޔަތަކީ ގެންގުޅެން ދަތި އަދި އެއްގޮތެއްގައި ބެހެއްޓުމަށް ބުރަ އެއްޗެކެވެ. އެހެނަސް އޭނާ އެދުވަސްތައް ބައްދަލުކުރަނީ އުފަލާއި، ހިތްހަމަ ޖެހުމާއި، އެތައް ދުވަހަކަށްފަހު އެ ނިޢުމަތާއި ބައްދަލުވުމަށް އެދި ދުޢާ ކުރާ ހާލުގައި އެވެ. އެ މޫސުމަށް އެދިއެދި ހުންނަ ޙާލުގަ އެވެ. ސަބަބަކީ އެ މޫސުމުގެ އަޖުރާއި މާތްކަން އެނގި ވިސްނިފައި ވުމުންނެވެ. މިއީ މުޚްލިޞުން ދައްކައި ދީފައިވާ ނަމޫނާ ހިދާޔަތެވެ.
الحَافِظ ابن رَجب الحَنبَلي ވިދާޅުވެފައިވެ އެވެ. ”ޞަލަފުއް-ޞާލިޙުން ރަމަޟާން މައްސަރާ އެބޭކަލުން ބައްދަލުވުމުގެ (ނިޢުމަތަށްއެދި) ﷲ ގެ ޙަޟުރަތަށް 6 މަސްދުވަހު ދުޢާ ދަންނަވަ އެވެ. އެއަށްފަހު (ރަމަޟާން މައްސަރުގައި އަޅުކަން ކުރުމަށްފަހު) އެބޭކަލުންގެ ކިބައިން އެ މައްސަރުގެ އަޅުކަން ޤަބޫލުވެވޮޑިގެންނެވުމަށް އެދި ﷲ އަށް 6މަސް ދުވަސް ދުޢާ ކުރުމުގައިވެ އެވެ.“ لَطَائِف المَعَارف ص 209
ޝައްކެތްވެސް ނެތެވެ. އެބޭކަލުންނަށް މި ދުވަސްތައް ފާއިތުވެދާތީ ހިތްތައް ދެރަވާނެ، މާޔޫސް ކުރުވާނެ އެވެ. މާތް މަތިވެރި ދުވަސްތައް ފާއިތުވެ އަނެއްކާވެސް 1 އަހަރު ދުވަހަށް ދުރުވެ ވަކިވާތީވެ ހިތާމަ ކުރާ ނަފްސުތަކެއްގެ ގޮތުގަ އެވެ. އިޚްލާޞްތެރިކަން ފާޅުވާނެ މިފަދަ ގިނަގުނަ ޢަމަލާތްތަކެއްވެ އެވެ.
الشيخ العلامة صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ. ”ރަމަޟާން މައްސަރާއި ބައްދަލުވުމުން މުއުމިނު އަޅާ އެކަމަށް އުފާކުރާނެ އެވެ. އެހެނަސް، މުނާފިޤު އަދި ކަންނެތް ކަމުގައިވާމީހާއަށް ރަމަޟާން މައްސަރު ބައްދަލުކުރުމުން ބުރައަކަށް (ދަތިކަމެއް) ގެ ގޮތުގައިވާނެ އެވެ.“
كلمات رمضانية 01 – 1437هـ
2. ﷲ އަށް ތަޤްވާވެރި ވުމުގެ މަތީގައި ލާޒިމްވެ ދެމިހުރުން، ފަހެ، މިއީ ރޯދަވެރިޔާ އޭނާ ރޯދައަށް ހުރުމުގައި މާބޮޑަށް ލާޒިމްވެގެންވާ ސިފައެއް ކަމުގައިވެ އެވެ. މިއީ ރޯދަ ފަރުޟު ކުރެއްވި ޙިކްމަތް ކަމުގައިވެސް ވެ އެވެ. يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ….. ތިޔަބައިމީހުން ތަޤްވާވެރި ވުމަށްޓަކަ އެވެ.”
ފަހެ، ޙަޤީޤީ ރޯދަ ހިފުމަކީ މި އެވެ. އެންމެހައި ގުނަވަންތަކެއް ﷲގެ ޢަޛާބާއި، ކޯފާ އާއި، ނުރުއްސަވާނެ އެންމެހައި ޢަމަލުތަކުން އެއްކިބާކޮށް ﷲ ގެ ޢަޛާބުން ސަލާމަތްވުމަށްޓަކައި އެންމެހައި ގުނަވަންތަކެއް ތަޤްވާގެ މަތީގައި ލާޒިމްކޮށް ހިފެހެއްޓުމެވެ. الإِمَام ابن القَيِّم ވިދާޅުވެފައިވެ އެވެ . ”ރޯދަވެރިޔާއަކީ އޭނާގެ އެންމެހައި ގުނަވަންތަކުން ރޯދަ ހިފާ މީހެކެވެ.
(ގުނަވަންތައް ފާފަތަކުން ދުރުވެ ހިފަހައްޓާ މީހާ އެވެ.) އަދި އޭނާގެ ދޫ ދޮގުހެދުމުންނާއި، ފާޙިޝް ބަސްތައް ބުނުމުންނާއި އަދި ދޮގުހެކި ދިނުމުގެ މައްޗަށް ރޯދަ ހިފާމީހެކެވެ. އަދި އޭނާގެ ބަނޑު ކާތަކެތީންނާއި ބޯ ތަކެތީން ރޯދަ ހިފާމީހެކެވެ. އަދި އޭނާގެ ޖިންސީ ގުނަވަން (ފާޙިޝް ކަންތައްތަކުގެ މަތިން) ރޯދަހިފާ މީހާއެވެ.“ الوابل الصيب من الكلم الطيب
3. ﷲ ގެ އެންމެހައި އަމުރުފުޅު ތަކުގެ މަތީގައި ޤާއިމްވެ ދެމިހުރުމާއެކު ، ނަހީކުރެވިގެންވާ އެންމެހައި ޢަމަލުތަކުން އެއްކިބާ ވުމެވެ. މިއީ ރޯދަވެރިން އެބައިމީހުން ރޯދައިގައި އެންމެ ބޮޑު ތަފާތެއް އަޖުރާއި ޘަވާބުން ފަރަޤުކޮށްދޭ ސިފަ އެވެ. މިތަނުގައި އެފަދަ ބައެއް ނުކުތާތަކަށް އަލިއަޅުވާލަމެވެ.
ފުރަތަމައީ : ދޫރައްކާތެރި ކުރުން : ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ. (من لم يدَع قولَ الزُّورِ، والعملَ بِهِ، فلَيسَ للَّهِ حاجةٌ أن يدعَ طعامَهُ وشرابَهُ) “ދޮގު ބަސްތައް ބުނުމުންނާއި، އެފަދަ ޢަމަލުތައް ކުރުމުން ވަކިނުވާ މީހާ، ﷲ އަށްޓަކައޭ ބުނެ އޭނާ ކެއުމާއި ބުއިން ދޫކޮށްލައިގެން ހުރުމުގެ ޙާޖަތެއްނެތެވެ.”
جَابر -رضي الله عنه- ވިދާޅުވެފައިވެ އެވެ. “ތިބާ އެދުވަހެއްގައި ރޯދައަށް ހުރެއްޖެހިނދު، ތިބާގެ ލޮލުން، ކަންފަތުން ރޯދައަށް ހުރުން ހުއްޓެވެ. އަދި ތިބާގެ ދުލުން ދޮގުހެދުމާއި ޙަރާމް ޢަމަލުތައް ކުރުމުން (އެއްކިބާވެ) ރޯދައަށް ހުރުން ހުއްޓެވެ. އަވަށްޓެރިޔާ އަށް ގޯނާކުރުމުން ދުރުވުން ހުއްޓެވެ. އަދި ތިބާގެ ފަރާތުން ހިތްތިރިކަމާއި މަޑުމޮޅިކަމުގައި ދެމިހުރުން ހުއްޓެވެ. އަދި ތިބާ ރޯދައަށް ހުންނަ ދުވަހާއި ކައިބޮއިގެން ހުންނަ ދުވަހަކީ އެއްފަދަ ދުވަހެއް ކަމުގައި ނުހެދުން ހުއްޓެވެ.”
ދެވަނައީ : ޣީބަ ބުނުން : ހިތާމައަކީ، ވަރަށްވެސް ގިނަ ބަޔަކު ވަނީ އެބައިމީހުންގެ ގޭގޭ ސިޓިންރޫމް ތަކާއި، ކޮޓަރި ތަކާއި އަދި މަޖްލިސްތައް މި “މޭވާ” ކެއުމުގައި ބުނަންވެސް ނޭނގޭފަދަ ސިފަތަކުގަ އެވެ. ސަރު ކާރުގެ ވެރިންގެ ވާހަތަ ތަކެވެ. މިވެނި މިނިސްޓަރެއްގެ ވާހަކަ އެވެ. އެވެނި މީހަކަށް މިވެނި މީހެއްގެ ވާހަކަ އެވެ. ފަހެ، ބަސްތައް ވަނީ އޮލަ، އެންމެން ގަޔާވާފަދަ ބަސްތަކެއްގެ ގޮތުގަ އެވެ. މިކަމުގެ ނުރައްކާ ދަންނަނީ މަދު ބައެކެވެ. ރޯދައިގެ އަހުލުވެރިން މި ޢަމަލުގެ މައްޗަށް އޭގެ އެންމެ މަތީދަރަޖައިގައި ރައްކާތެރިވުން ހުއްޓެވެ.
އަޚުންނޭވެ! މިއީ ކޮންފަދަ މުޑުދާރު ޢަމަލެއް ކަމުގައި ދަންނަމު ހެއްޔެވެ. يَحيَى بن أبي كَثير رحمه الله ވިދާޅުވެފައިވެ އެވެ.
”ޙަލާލު ހެޔޮވެގެންވާ ތަކެތިން ރޯދަވެރިޔާ ރޯދައަށް ހުރެ އެވެ. އަދި ޙަރާމްވެގެންވާ މުޑުދާރު ތަކެތިން ރޯދަވީއްލަ އެވެ. އެއީ އޭނާގެ އަޚާގެ މުޅަމަސް ކައިގެންނެވެ.
ޔަޢުނީ : ޣީބަ ބުނުމެވެ.“ أبو نعيم ٦٩/٣
އަޚުންނޭވެ! މި މުޑުދާރު ޖަރީމާގެ ޚުޠޫރަތްތެރިކަމުގެ ބޮޑުކަމުން ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުގެ ތެރޭގައިވެ އެވެ. އޭގެ ތެރޭގައި މަޝްހޫރު އިމާމް الأوزَاعِي -رحمه الله- ވިދާޅުވެފައިވެ އެވެ. (މި ބަސްފުޅަކީ ދަލީލުތަކާއި ޚިލާފް ބަސްފުޅެއް ކަމުގައިވީނަމަވެސް، މިފަދައިން ވިދާޅުވެފައިވުމުން އޭގެ ނުރައްކާ ވިސްނާލުން ހުއްޓެވެ.) الإمامُ الأوزاعيُّ ـ رحمه الله ـ «يَبْطُل الصومُ بالغِيبة ويجب قضاؤُه» “ޣީބަ ބުނުމުން އޭނާގެ ރޯދަ ބާޠިލް ކުރުވަ އެވެ. ޤަޟާކުރުން ވާޖިބުވެގެންވެ އެވެ.” އަޚުންނޭވެ! މި ޒަމާނުގައި މިފަދަ ކިތައް ޣީބައިގެ ވަޞީލަތްތަކެއް ހެއްޔެވެ؟ ސޯޝަލް މީޑިޔާގައި މިފަދަ ބަސްތައް ލިޔުމާއި މީސްތަކުންގެ މައްޗަށް ބަސްބުނުން ޢާންމުވެފައިވުމުން އެބައިމީހުންގެ ރޯދައިގެ މައްޗަށް ޢަމަލުކުރެވެނީ ކިހިނެތްކަން ވިސްނާލުން ހުއްޓެވެ.
ތިންވަނައީ: ޒުވާބު ކުރުމާއި ދެބަސްވުންތައް ދޫކުރުން :
الإمام البخاري ޞަޙީޙުގައި ރިވާކޮށްފައިވެ އެވެ. ނަބިއްޔާ ﷺ: ޙަދީޘް ކުރެއްވި އެވެ. الصيام جنة، فإذا كان يوم صوم أحدكم فلا يرفث ولا يصخب فإن سابه أحد أو قاتله فليقل إني صائم “ރޯދައަކީ އަށްޑަނަ އެވެ. ތިބާ އެ ދުވަހެއްގައި ރޯދައަށް ހުރެއްޖެހިނދު ފާޙިޝް ޢަމަލުތަކުން، ޒުވާބުކުރުމުން ދުރުވުން ހުއްޓެވެ. ތިމާގެ މައްޗަށް މީހަކު އެއްޗެހި ކިޔައިފިހިނދު އަދި ޤަތުލުކުރުމަށް (ޙަމަލާދީ މާރާމާރީހިންގުމަށް) އުޅެފިހިނދު، ބުނާހުއްޓެވެ. “އަހުރެން މިހުރީ ރޯދަ އަށެވެ.”
ފަހެ، އޭނާގެ ނަފްސުގައި ބާރު ނެތީއެއް ނޫނެވެ. އަދި އޭނާ ނާޤާބިލްވީ އެއްވެސް ނޫނެވެ. އޭނާގެ ރޯދައަށް އޮތް ޙުރުމަތްތެރިކަމުގެ ބޮޑުކަމުންނެވެ. ރޯދައިގެ ޙައްޤުގެ ބޮޑު ކަމެވެ. ލޯބިވާ އަޚުންނޭވެ! ފަހެ، ޝޯޝަލް މީޑިޔާގައި ލިޔެލާ ލިޔުންތައް މިފަދައިން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ފަހެ، އެހިނދު އެވަނީ މުންކަރާތަށް އަރައިގެންފައި ނޫންހެއްޔެވެ؟ “ލޮކްޑައުން އުވާލާ” “ރައްޔިތުންނަށް އަނިޔާވެރިވުން” މިފަދަ ޝިޢާރުތަކަކީ ވެރިންނަށް ނަޞޭޙަތްތެރިވުން ކަމުގެ ދަޢުވާގައި ބުނާނަމަ، އެހިނދު އެވަނީ އަހުލުއްސުންނަތުގެ މަންހަޖު ދޫކޮށްފަ އެވެ.
މިއީ ފިތުނަވެރި ފަސާދައިގެ އަހުލުވެރިން ޑިކޮމްރަސީގެ މަންހަޖެވެ. އިސްވެ ދިޔަ ޙަދީޘްގައިވާ އަނިޔާދޭން އައި ކަމުގައިވީނަމަވެސް އޭނާގެ ރޯދައިގެ ޙައްޤުގައި އޭނާ ބުނަންޖެހޭ ބަސްތަކަށް ވިސްނާލުން ހުއްޓެވެ.
ލޯބިވާ އަޚުންނޭވެ! ރޯދައިގެ އަދަބުތަކުގައި ޤާއިމްވެ ރޯދައަށް ރައްކާތެރިވުން ހުއްޓެވެ. ކަންފަތް ރައްކާތެރި ކުރާށެވެ. އެންމެހައި ޙަރާމް ބަސްތައް އަޑުއެހުމާއި، ޙަރާމް ތަކެތިވެސް އަޑުއެހުމުންނެވެ. ލޯ ރައްކާތެރި ކުރުން ހުއްޓެވެ. އެންމެހައި ޙަރާމް ބެލުންތަކާއި ލޮލުގެ ނަޟަރެވެ. ކޮންމެ މީހެއްގެ ރޯދަ އަދި ރޯދައިގެ އަދަބުތަކަށް ޚާލިޤްވަންތަ ޢާލިމްވަންތަ ޚަބީރުވަންތަ އިލާހު ބައްލަވައި ވޮޑިގެންވާކަން ދަންނަހުއްޓެވެ. ނަފްސު ޙިސާބުކުރުން އޮތީ މިހާރު އެވެ.
اللهم اعنا و لا تعن علينا يارب العالمين. و الحمد لله رب العالمين