އިމާމްވެ ނަމާދު ކުރުމަށް ވަކި އުމުރެއްވޭ ތޯ؟ 8 އަހަރު ނުފުރޭ ކުއްޖަކަށް އިމާމްވެ ނަމާދު ކުރެވިދާނެ ތޯ؟
ޖަވާބު ދެއްވީ: أُسْتَاذ أبو أنس محمد حسن حفظه الله
ކުޑަކުދިން އިމާމްވެ ނަމާދު ކުރުމާމެދު، ކުރެވިފައިވާ ސުވާލަށް ޖަވާބު ދިނުމަށްޓަކައި ސުވާލުގައިވާ ނުކުތާތަކަށް އިޝާރާތް ކޮށްލާނަމެވެ.
ފުރަތަމައީ : އިމާމަކަށް އިސްކުރާނީ ކާކު ހެއްޔެވެ؟ الإمام الترمذي 235 ގައި މި ޙަދީޘް ރިވާކޮށްފައި ވެއެވެ. يؤمُّ القومَ أقرؤُهُم لِكِتابِ اللَّهِ فإن كانوا في القراءةِ سواءً ، فأعلمُهُم بالسُّنَّةِ ، فإن كانوا في السُّنَّةِ سواءً ، فأقدمُهُم هجرةً فإن كانوا في الهجرةِ سواءً ، فأكبرُهُم سنًّا ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުންގެ މައްޗަށް އިމާމުގެ ގޮތުގައި ޤުރުއާން އެންމެ ދަސް ފަރާތް އިސްކުރާށެވެ. އެ މީހުންގެ ތެރޭގައި އެންމެން ޤުރުއާނުގައި ހަމަހަމަ ވެއްޖެހިނދު، (އެމީހުންގެ ތެރެއިން އިމާމަށް) އިސްކުރާނީ ސުންނަތް އެންމެ ބޮޑަށް ދަންނަ ފަރާތެވެ. ސުންނަތުގައި ހަމަހަމަ ވެއްޖެހިނދު ހިޖުރަ ކުރުމުގައި އިސްވެގޮސްފައިވާ މިންގަނޑުންނެވެ. އެކަމުގައި ހަމަހަމަ ވެއްޖެހިނދު، ޢުމުރުގެ ގޮތުން އެންމެ އިސްފަރާތެވެ…”.
ދެވަނައީ : އިމާމަކަށް އެރުވޭނެ ޢުމުރު ފުރައެއް ކަނޑައެޅިފައިވޭ ހެއްޔެވެ؟
ޢުމުރުފުރައެއް ބުނެ، ޢުމުރުން ވަކި އަހަރެއް ވާރިދުވެގެން ނުވެއެވެ. އެހެނަސް އެއީ ހެޔޮ ނުބައި ވަކިކުރަން އެނގުމާއެކު، ނަމާދު ކުރަން ދަންނަ، އެކަމަށް އެކަށީގެންވާ ކުއްޖެއް ކަމުގައިވުމެވެ. ފަހެ، އެހިނދު އިމާމަކަށް އިސްވެ ނަމާދު ކުރެވޭނެއެވެ. ފަހެ، މިކަން އެނގިގެން ދަނީ ޞަޙާބީ عَمرو بن سَلَمة -رضي الله عنه ޢުމުރުފުޅުން 7 އަހަރުގައި ޤައުމުގެ މީސްތަކުންގެ މައްޗަށް އިސްވެ އިމާމްކަން ކުރެއްވުމެވެ. ސަބަބަކީ އެއީ އެބައިމީހުންގެ ތެރޭގައިވާ އެންމެ ޤުރުއާން ހިތުދަސް ފަރާތް ކަމުގައި ވުމެވެ.
ޢާންމުކޮށް 7 އަހަރު ފިރިހެން ކުދިންނަކީ ބާލިޣުވާ ޢުމުރުގައިވާ ކުދިންނެއް ނޫނެވެ. އެހެންކަމުން ތަކުލީފު ޖެހިފައިވާ ޢުމުރަށް އައުމާއި، އަދި ބާލިޣުވާ ޢުމުރަށް އައުން ޝަރުޠެއް ނުކުރެވެއެވެ. އެހެނަސް ނަމާދުކުރަން ދަންނަ ނަމާދު ކުރެވޭ ފަރާތެއް ކަމުގައިވާންޖެހެއެވެ. ފަހެ އެހިނދު އިމާމަކަށް އިސްކުރެވޭނެއެވެ.