އިމާމު، ޝަރުޢީ ގޮތުން ހުއްދަވެގެންވާ ޢުޛުރެއް (ޙަދަޘަވެރިވުން) ދިމާވެ ނަމާދު ދޫކޮށް ނުކުތުމުން މައުމޫމުން ޢަމަލު ކުރާނީ ކިހިނެއް ހެއްޔެވެ؟
ޖަވާބު ދެއްވީ: أُسْتَاذ أبو أنس محمد حسن حفظه الله
އިމާމު، ޝަރުޢީ ގޮތުން ހުއްދަވެގެންވާ ޢުޛުރެއް (ޙަދަޘަވެރިވުން) ދިމާވެ ނަމާދު ދޫކޮށް ނުކުތުމުން ޢަމަލު ކުރާނީ ކިހިނެއް ހެއްޔެވެ؟ ޖަވާބުގައި ދަންނަވާލަން އޮތީ ދެ ޙާލަތެއްގައި ނުކުތުން ވެއެވެ.
ފުރަތަމައީ : ދެ މީހަކު ނަމާދު ކުރަން ތިއްބާ އިމާމު، ޝަރުޢީ ޢުޛުރެއް ދިމާވެ ނުކުމެއްޖެ ނަމަ، މައުމޫމު އަމިއްލައަށް އެކަނި ހުރެ ނަމާދު ފުރިހަމަ ކުރާނީއެވެ. މިއީ ޖުމްހޫރު ފިޤުހުވެރިންގެ ބަސްފުޅެވެ.
ދެވަނަ ޙާލަތަކީ ބޮޑު ޖަމާޢަތެއްގައި ނަމާދުކުރަނިކޮށް އިމާމް އެފަދަ ޙާލަތެއް ދިމާވެގެން ނުކުތުމެވެ. ފަހެ، މި ޙާލުގައި އިމާމްގެ ބަދަލުގައި މައުމޫމުންގެ ތެރެއިން މީހަކު އެ މަޤާމަށް އަރައި އިމާމްގެ ގޮތުގައިވެ ނަމާދު ކުރިއަށް ގެންދާނީއެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ ޤައުލެވެ. الحنفية ، المالكية އަދި الشافعية މަޛްހަބުގެ ޤައުލެވެ. އަދި މި ޤައުލަކީ الإمام أحمد ގެ އެއް ރިވާޔަތެވެ.
ފަހެ، ނަމާދުން ނުކުންނަން، އިމާމް މިފަދައިން ބުނުމުން މައްސަލައެއް ނެތެވެ. ފަހަތުގައިވާ މީހާއަށް އިޝާރަތްކޮށް ބުނާނީއެވެ. “މިވެނި މީހާއެވެ! ކުރިއަށް ޖެހި މީސްތަކުންނާއިގެން ނަމާދު ކުރާށެވެ”. މިއީ މި ކަމުގައި އޮތް ޞައްޙަ ގޮތެވެ.
ފަހެ، އިމާމް، ވުޟޫ ނެތި ނަމާދު ފެށީއެވެ. އަދި ނަމާދުގައި ހުއްޓާ ހަނދާންވުމުން ވެސް ޢަމަލު ކުރާނީ މިފަދައިންނެވެ. މިކަމަށް ދަލީލު ކުރެވޭ އެއް ދަލީލަކީ، އުއްމަތުގެ ދެވަނަ ޚަލީފާ عمرُ بن الخطاب -رضي الله عنه- ފަތިސް ނަމާދުގައި ވަނިކޮށް أبو لؤلؤة المجوسي ހަންޖަރުން، މި ޞަޙާބީގެ ހަށިކޮޅަށް ޙަމަލާ ދިނުމުން އެ މަޤާމަށް ޞަޙާބީ عبدَالرحمن بن عوف -رضي الله عنه- އިމާމްގެ މަޤާމަށް އެހިނދު އަރާވަޑައިގެން ނަމާދު ކުރިއަށް ގެންދިއުމެވެ. އަދި އިމާމްވެހުރެ ފަތިސް ނަމާދު ފުރިހަމަ ކުރެއްވިއެވެ. (މި ރިވާޔަތް ބުޚާރީގައި ބަޔާންވެގެންވެއެވެ.)
މި ޒަމާނުގައި ފާޅުވި އެންމެ ބޮޑެތި އިމާމުން އަދި ފިޤުހުވެރިން ވެސް މިފަދައިން ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި الإمام ابن بَاز-رحمه الله އަދި العلامة ابن العثَيمِين- رحمه الله- މިފަދައިން ދެކެވަޑައިގަންނަވައެވެ.