16 އަހަރު ނުފުރޭ ކުޑަކުދިންނަށް ޒަކާތް ދައްކަން ޖެހޭނެ ތޯ؟

16 އަހަރު ނުފުރޭ ކުޑަކުދިންނަށް ޒަކާތް ދައްކަން ޖެހޭނެ ތޯ؟

 

ޖަވާބު ދެއްވީ: أُسْتَاذ أبو أنس محمد حسن حفظه الله

‎ 16 އަހަރު ނުފުރޭ ކުދިންނަށް ޒަކާތް ދައްކަން ޖެހޭނެ ތޯ ކޮށްފައިވާ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ދަންނަވާލާނަމެވެ. ފުރަތަމަ ކަމަކަށް ސުވާލު ކިޔުމުން ހިތަށް ފާޅުވި ވަރަށް ވެސް ހިތްދަތި އިޙްސާސެއް ބަޔާން ކުރަމެވެ.

އިސްލާމީ ގިއުގަނޑުން ބޭރުވެ، ދީނާއި ބީރައްޓެހި ބަސްތައް އަޑުއަހައި އަޑުއިވި ޙަޤީޤަތުގައި ވެސް މުސްލިމުންގެ ތެރެއިން އެތައް ބަޔަކު މިވަނީ ދީނުގައިވާ ހުދޫދުތަކާއި ނުހަނު ބޮޑަށް ދުރުވެފައެވެ. މިއަދު 16 އަހަރު ވާހިނދު އެއީ ކުޑަކުދިންނެވެ. ހަމަ ޙަޤީޤަތުގައި ވެސް ކުޑަ ކުދިން ހެއްޔެވެ؟ އިސްލާމް ދީނުގައި ކުޑަކުދިން އެއީ ބޮޑެތި ފަރާތްތަކެއްގެ ގޮތުގައި ނުވަތަ “ބާލިޣު” ވެފައިވާ ބަޔެއްގެ ގޮތުގައި ކަނޑައަޅާ ގޮތްތަކެއް ބަޔާންކޮށްފައި ވެއެވެ. އެއީ:

1. ތުބުނޅި ފެޅުން

2. ކިހިލިފަތާއި ލަދުވެތި ގުނަވަނުގައި އިސްތަށި ފެޅުން

3. މަނި ބޭރުވުން

4. ًޢުމުރުން ފަނަރަ އަހަރުވުން

5. (މީގެ އިތުރަށް) އަންހެން ކުދިން ހައިޟުވުމެވެ. ނުވަތަ މާބަނޑުވުމެއެވެ.

ފަހެ، އެއް އަޑަކުން އަޑުއިވިއިވި ދީން މިވަނީ ނުހަނު ބީރައްޓެހި އެއްޗަކަށް ވެފައިއެވެ. ފަހެ، ދީނުގައި ވަނީ އަންހެން އަދި ފިރިހެން ކުދިން ބާލިޣުވުން ކަނޑައަޅައި ދެއްވާފައިއެވެ. އެއީ ބަޔަކު ހަދާފައިވާ އެއްޗަކުން ވާނެ ކަމެއް ނޫނެވެ. ފަހެ، އަންހެން ކުއްޖަކު ޢުމުރުން 12 އަހަރުގައި ޙައިޟުވެއްޖެހިނދު، އެއީ ކުޑަކުއްޖެއް ކަމުގައި ބުނެ ރޯދަ ނުހިފުވުމުން، މިފާފަ އެހިނދު އުފުލާނީ ކާކު ހެއްޔެވެ؟ ﷲ ޙަޟުރަތަށް ކުއްތަންވާނެ ދުވަހުގައި 20 އަހަރު ނުވަތަ 18 އަހަރު ނުވަތަ 16 އަހަރު ނުފުރެއޭ ބުނެ ސަލާމަތްވާނެ ހެއްޔެވެ؟ ދީން ކުރިއަށް ނެރެ ވިސްނައި ފިކުރުކުރުން ހުއްޓެވެ.

ދެވަނައީ : ޒަކާތާއި މެދުގައި ކޮށްފައިވާ ސުވާލެވެ.

ސުވާލުގެ މުރާދަކީ ފިޠުރު ޒަކާތް ކަމުގައި އުއްމީދު ކުރަމެވެ. އެހިނދު އެނގެން ބޭނުން ވަނީ ފިޠުރު ޒަކާތް ނެރުން ވާޖިބުވެގެން ވަނީ ކޮން ބައެއްގެ މައްޗަށް ތޯއެވެ؟ ޖަވާބު ވަނީ މި ޙަދީޘްގައި ބަޔާންވެގެންނެވެ. އިމާމް البُخَاري (1503) އަދި އިމާމް مُسلم (984) ، عَبْد الله بِن عُمر رضي الله عنهما ގެ އަރިއަހުން ރިވާކުރައްވާފައިވާ ޙަދީޘްގައި ވެއެވެ. ابن عمر ވިދާޅުވިއެވެ. (فَرَضَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ زَكَاةَ الفِطْرِ صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ شَعِيرٍ عَلَى العَبْدِ وَالحُرِّ، وَالذَّكَرِ وَالأُنْثَى، وَالصَّغِيرِ وَالكَبِيرِ مِنَ المُسْلِمِينَ) “މުސްލިމުންގެ ތެރޭގައިވި އެންމެހައި އަޅުންނާއި މިނިވަނުންގެ މައްޗަށް، ފިރިހެނުންނާއި އަންހެނުންގެ މައްޗަށް އަދި ކުދި ބޮޑު އެންމެންގެ މައްޗަށް ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ކަދުރުން ޞާޢެއްގެ މިންވަރުން ފިޠުރު ޒަކާތް ފަރުޟު ކުރެއްވި އެވެ. ނުވަތަ ގޮދަނުން ޞާޢެއްގެ މިންވަރު ފަރުޟު ކުރެއްވިއެވެ”. މުސްލިމުންގެ ތެރޭގައިވާ ކުޑަކުދިން، ބޮޑެތި މީހުން، އަންހެނުން ފިރިހެނުން، މިނިވަނުން އަޅުން ، މި އެންމެންގެ މައްޗަށް ޒަކާތް ނެރުން ވާޖިބުވެގެންވެއެވެ.

ފަހެ ކާބޯތަކެތި، ޢީދު ދުވަހާއި ޢީދު ވިލޭރެއަށް ބޭނުންވާ މިންވަރަށް ވުރެ، އިތުރަށް ހުރެއްޖެ މީހާ ޒަކާތްނެރުން ވާޖިބުވާނެއެވެ. އެހެންވުމުން 16 އަހަރު ނުވަތަ 15 އަހަރު ނުވަތަ 10 އަހަރު ފުރުނަސް ނުވަތަ އެއީ ކުޑަކުދިން ކަމުގައި ވީނަމަވެސް ބަލަދުވެރިޔާގެ ބެލުމުގެ ދަށުގައިވާ އެންމެހައި ފަރާތްތަަކަށް ޒަކާތް ނެރުން ވާޖިބުވާނެއެވެ.