އާފުރޭ އިރު أعوذ ކިޔުމަކީ ބިދުޢައެއް ތޯ؟

އާފުރޭ އިރު أعوذ ކިޔުމަކީ ބިދުޢައެއް ތޯ؟

 

ޖަވާބު ދެއްވީ: أُسْتَاذ أبو أنس محمد حسن حفظه الله

އާފުރޭ އިރު أعوذ ކިޔުމަކީ ބިދުޢައެއް ތޯ؟ މި ސުވާލުގެ ޖަވާބު މި ވަނީ ތިރީގައި މި ބަޔާންކުރާ ނުކުތާތަކުގެ މަށްޗަށް ބިނާކުރެވިފައެވެ.

ފުރަތަމައީ: އާ ފުރުމާ ގުޅިފައިވާ އަދަބުތަކެވެ. އޭގެ ތެރޭގައި:

1. ރަސޫލާ ﷺ ޙަދީޘް ކުރެއްވި އެވެ. : التَّثَاؤُبُ مِنَ الشَّيْطَانِ، فَإِذَا تَثَاءَبَ أَحَدُكُمْ فَلْيَكْظِمْ مَا اسْتَطَاعَ “އާފުރުމަކީ ޝައިޠާނާގެ ފަރާތުން އަންނަ ކަމެކެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން މީހަކު އާފުރޭ ހިނދުގައި އެއިން ދުރުވުމަށް (ހުއްޓުވުމަށް) ކުޅަދާނަވީ ވަރަކަށް މަސައްކަތް ކުރާށެވެ”. މި ޙަދީޘްގައި ބަޔާންވެގެން ވަނީ ވީހާވެސް ބޮޑަކަށް އާފުރުން ހުއްޓުވުމަށެވެ. އަދި އާފުރުމަކީ ޝައިޠާނާގެ ފަރާތުން އަންނަ ކަމެއް ކަމުގައެވެ.

2. އެހެން ޙަދީޘެއްގައި الإمام مسلم ރިވާކޮށްފައިވެއެވެ. إذا تَثاءَبَ أحَدُكُمْ، فَلْيُمْسِكْ بيَدِهِ علَى فِيهِ، فإنَّ الشَّيْطانَ يَدْخُلُ. “ތިޔަބައިމީހުންގެ ތެރެއިން މީހަކު އާފުރޭ ނަމަ، އޭނާގެ އަތް އަނގަމަތީގައި އަޅައި ނިވާކުރުން ހުއްޓެވެ. ފަހެ، ހަކަށަވަރުން ޝައިޠާނާ ވަދެގަންނާނެއެވެ”. މި ޙަދީޘްގައި ބަޔާންވެގެން ވަނީ އަތް އަޅައިގެން އަނގަ ބަންދު ކޮށްގެން ހުރުމަށެވެ.

ދެވަނައީ : ފަހެ، ނަމާދުގައި ހުންނަ މީހާ، އޭނާގެ އަނގައިގައި އަތް އެޅުމާއި މެދުގައެވެ. ފުރަތަމަ ނުކުތާގައި ބަޔާންވި އަދަބުތަކުގެ ތެރޭގައި، އަނގައިގެ މަތީގައި އަތް އަޅައި ނިވާކޮށް ބަންދު ކުރުން އެއީ ސުންނަތުގައި ބަޔާން ވެގެންވާގޮތް ކަމުގައި ޛިކުރު ކުރެވިއްޖެއެވެ. މިއީ މިކަމުގައިވާ ސުންނަތެކެވެ.

ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އަލް-އިމާމް ابن بَاز -رحمه الله- އަރިހުގައި ނަމާދުގައި ހުންނަ މީހާ އާފުރުމުން އަނގައިގައި އަތްއެޅުމާމެދު ސުވާލު ކުރުމުން ވިދާޅުވިއެވެ. “ސުންނަތަކީ އެއީއެވެ. އާނއެކެވެ. ނަމާދުގައި ވެސް އަދި ނަމާދުން ބޭރުގައި ވެސް އާފުރެއްޖެހިނދު އަނގަމަތީގައި އަތް އެޅުން ހުއްޓެވެ. އަދި އާހް….. ނުކިޔުން ހުއްޓެވެ. އަޑު (ހުއްޓުވައި، އަޑު ނުއިވޭނެ ގޮތަށް) ޢަމަލުކޮށް، އޭނާގެ އަނގަ ވެސް ނުހުޅުވައި ހުއްޓުވައި އަދި އަނގަމަތީގައި އަތް އެޅުން ހުއްޓެވެ”. ވީމާ، މި ޢަމަލަކީ ނަމާދުގައި އަދި ނަމާދުން ބޭރުގައި ވެސް ކުރުން ޘާބިތުވެގެންވާ ޢަމަލެއް ކަމުގައިވެއެވެ”.

ދެވަނައީ : އާފުރުމުން أعوذ بالله من الشيطان الرجيم ކިޔުން ވާރިދުވެގެންވޭ ހެއްޔެވެ؟

މި މައުޟޫގައި ކުރީގެ ސަޢުދީ ޢަރަބިއްޔާގެ މުފްތީ، އިމާމް އައްސަލަފީ، عبد العَزِيز بن عَبد الله بن بَاز -رحمه الله- އަރިހުގައި ސުވާލު ކުރެވުނެވެ.

ސުވާލު : ނަމާދުގައި ނުވަތަ އެހެންތަނެއްގައި ވެސް އަހަރެން އާފުރޭ ހިނދު أَعُوذُ بِالله مِنَ الشَّيطَان الرجِيم ކިޔުން ލާޒިމްވެގެންވޭ ހެއްޔެވެ؟

ޖަވާބު : އަހަރެމެންނަށް އެނގިފައިވާ ޢިލްމުން، އާފުރޭހިނދު أَعُوذُ ކިޔުން ވާރިދުވެގެން ނުވެއެވެ. އެހެނަސް އާފުރޭހިނދުގައި އޭނާއަށް ކުޅަދާނަކަންވީ މިންވަރަކުން އަނގަ ހުޅުވުން ކުޑަކުރުމަށް ޝަރީޢަތުގައި ވާރިދުވެގެންވެއެވެ. އަދި އޭނާގެ އަތްތިލަ އަނގަމަތީގައި އެޅުމަށް ވެސް ވާރިދުވެގެންވެއެވެ. އަދި “ހާ..” އޭ ނުކިޔުމަށް ބަޔާން ވެގެންވެއެވެ. އަދި އާފުރޭހިނދު އެއްވެސް އެއްޗެއް ކިޔުމެއް ނުވެއެވެ. އަދި ކިޔެއްތަ! އެ މީހަކަށް ވެވުނު މިންވަރަކުން އާފުރުން މަތަކުރުމާއި އަދި އަނގަމަތީގައި އަތްއަޅައި ނިވާކުރުމަށް މަސައްކަތް ކުރުމެވެ. ސަބަބަކީ އަނގަ ހުޅުވައިފި ހިނދު އެއީ ހަޑިހުތުރު، މުޑުދާރު ހިތްނޭނދޭ މަންޒަރެއް ގޮތުގައިވެއެވެ. ފަހެ، ސުންނަތުގައި ރިވާކުރެވިފައިވާ ގޮތަށް، އަތްތިލަ އަނގަމަތީގައި އަޅައި ފޮރުވުން ހުއްޓެވެ. ސަބަބަކީ މިކަމަށް ރަސޫލާ ﷺ އަމުރުފުޅު ކުރައްވާފައިވުމެވެ. އެގޮތުން ޙަދީޘް ކުރެއްވިއެވެ. (إذا تثاءب أحدُكم فليكظِمْ ما استطاع وَ ليَضَع يَدَهُ عَلى فِيْهِ وَلاَ يَقُل (هَا) فإنَّ الشَّيطانَ يَضْحَكُ مِنهُ) “ތިޔަބައިމީހުންގެ ތެރެއިން މީހަކަށް އާފުރޭހިނދު، ކުޅަދާނަވީ މިންވަރަކުން އެކަން ވަންހަނާކުރުން ހުއްޓެވެ. އަދި އަނގަމަތީގައި އަތް އެޅުންހުއްޓެވެ. “ހާ…” ނުކިޔާށެވެ. ހަމަކަށަވަރުން ޝައިޠާނާ އޭނާގެ މައްޗަށް ހީ ހަނދާނެއެވެ”.

ފަހެ، މުއުމިނު އަޅާއަށް އެދެވިގެން ވަނީ އޭނާއަށް އާފުރެވޭ ހިނދު އެކަން (މަތަކުރުމާއި) ވަންހަނާކުރުމަށްޓަކައި ވެވުނު މިންވަރަކުން މަސައްކަތްކުރުމެވެ. އަދި އަނގަމަތީގައި އަތްއެޅުމެވެ. އެހެނަސް أَعُوذُ بِالله مِنَ الشَّيطَان الرجِيم ކިޔުމުގެ މައްޗަށް އެއްވެސް އެއްޗެއް ވާރިދުވެފައިވާކަމެއް އަހަރެމެން ނުދަންނަމެވެ. ބައެއްމީހުންނަށް އެނގިފައި ވަނީ މިއީ ޝައިޠާނާގެ ކިބައިން މެދުވެރިވާ ކަމެއްގެ ގޮތުގައިއެވެ. އެހެންކަމުން އެފަދައިން ޢަމަލު ކުރެއެވެ. އަދި ވަރަށް ވެސް ގިނަ ޢާންމު މީހުން އެފަދައިން ޢަމަލުކުރެއެވެ. އެހެނަސް މި ބާބުގައި ސުންނަތުގައި އެފަދައިން ޢަމަލު ކުރުމަށް އެއްވެސް އެއްޗެއް ވާރިދުވެގެންވާކަމަށް އަހަރެމެން ނުދަންނަމެވެ.

އާފުރުމަކީ އެއްވެސް ޝައްކެތްނުވާ ގޮތުގައި ޝައިޠާނާގެ ފަރާތުން މެދުވެރިވާ ކަމެކެވެ. މުއުމިނު އަޅާއަށް ކަންނެތްކަން މެދުވެރިވާ ޙާލުގައި އަދި ﷲ ގެ ޢަދުއްވާގެ ކިބައިން އޭނާއަށް ގެއްލުންލިބޭ ކަންތައްތައް މެދުވެރިވާ ޙާލުގައި أَعُوذُ بِالله مِنَ الشَّيطَان الرجِيم ކިޔުމާއި ﷲއަށް ޛިކުރުކުރުން ގިނަކުރުމާއި އަދި ނަބިއްޔާ ﷺ އަށް ޞަލަވާތް ކިޔެވުން ހުއްޓެވެ. އެހެނަސް ވަކި ޚާއްޞަ ޛިކުރެއް ކިޔުމަށް ކަނޑައެޅި ވާރިދުވެގެންވާކަމެއް ނުދަންނަމެވެ. އަދި، އާފުރުމަކީ އެއީ ޝައިޠާނާގެ ކިބައިން މެދުވެރިވާކަމެއްގެ ގޮތުގައި އޭނާއަށް ޢިލްމުލިބިފައިވެ (އެކަން މެދުވެރިވާ ސަބަބަކީ އެއީ ކަމުގައި ޢިލްމީގޮތުން ޘާބިތުވެއްޖެހިނދު)، އެހިނދު أَعُوذُ بِالله مِنَ الشَّيطَان الرجِيم ކިޔުމުގައި މައްސަލައެއްނެތެވެ. އެހެންނަމަވެސް އެއާއެކު އަހަރެމެން ބުނަމެވެ. ދަލީލެއް އެފަދައިން ވާރިދުވެގެން ނުވުމުން އެއީ ސުންނަތޭ ބުނެގެން ނުވާނެއެވެ.

ފަތުވާ ނަގާފައިވަނީ : فتاوى نور على الدرب 4-2127