ވުޟޫ ކުރާއިރު ބޮލުގައި އެއްފަހަރު ފެންފޮހުން

 

ސުވާލު : ވުޟޫ ކުރާއިރު ބޮލުގައި އެއްފަހަރު ފެންފޮހެމުގެ ދަލީލަކީ ކޮބާ؟

ބޮލުގައި އެއްފަހަރު ފެންފޮހުމަށް އޮތީ އެއް ދަލީލެއް ނޫނެވެ. އެތައް އެތައް ދަލީލުތަކެކެވެ.

އޭގެ ތެރޭގައި ހިމެނެ އެވެ. عَبْدِ اللَّهِ بْنِ زَيْدٍ رضي الله عنه އަރިއަހުން البخاري އަދި مسلم ރިވާކުރައްވާފައިވެ އެވެ. (މި ޞަޙާބީ ނަބިއްޔާ ގެ ވުޟޫ ސިފަކުރެއްވި އެވެ.) “…… އެއަށްފަހުގައި ދެ އަތްޕުޅުން ބޮލުގައި ފެން ފުއްސެވި އެވެ. ދެއަތްޕުޅު ބޮލުގެ އިސްތަށިތައް ފެޅި ހިސާބުން ފަށައިގެން ކަނދުރާހަމައަށް ގެންދެވި އެވެ. އަދި އެއަށްފަހު ދެއަތްޕުޅު ބޮލުގެ އިސްތަށިތައް ފެޅި ހިސާބަށް އަނބުރައި ގެންނެވި އެވެ.”

އަދި ޞަޙާބީ مُعَاوِيَةَ رضي الله عنه އަރިހުން أبو داود ރިވާކުރައްވާފައިވެ އެވެ. މި ޞަޙާބީ ނަބިއްޔާ ﷺ ވުޟޫ ކުރެއްވެވި ގޮތް މީސްތަކުންނަށް ސިފަކުރައްވާ ބަޔާންކުރެއްވި އެވެ. (ޙަދީޘްގައިވެ އެވެ.)

“ފަހެ ބޮލުގައި ފެންފުހުމާ ހަމައަށް އާދެވުމުން، އަތްޕުޅުން ފެން ނެންގެވުމަށްފަހުގައި ވައަތްޕުޅަށް އެޅުއްވި އެވެ. (ފެނުން އަތްޕުޅު ތެންމަވާލުމަށްފަހު) ބޮލުގެ އިސްތަށިތައް ފަޅާ ހިސާބުން ފެން ފުއްސަވާ ކަނދުރާއާ ހަމައަށް ދެއަތްޕުޅު ގެންދެވި އެވެ. އަދި ކަނދުރާއިން ދެއަތްޕުޅު އަނބުރައި ބޮލުގެ އިސްތަށިތައް ފެޅިހިސާބަށް ގެންނެވި އެވެ.”

އަދި މިފަދަ އެހެން ޙަދީޘެއްވެސް الْمِقْدَامِ بْنِ مَعْدِي كَرِبَ رضي الله عنه އަރިހުން أبو داود ރިވާކޮށްފައިވެ އެވެ.

މި އެންމެހައި ޙަދީޘްތަކުން ބަޔާންވަނީ ބޮލުގައި އެއްފަހަރު ފެން ފޮހުމެވެ. މޫނު ތިންފަހަރު ދޮވުން ބަޔާންވެގެންވާ ފަދައިން، ކަނައަތް އަދި ވައަތް ތިންފަހަރު ދޮވުމަށް ވާރިދުވެގެންވާ ފަދައިން ބޮލުގައި ފެން ފުހުމެއް ނެތެވެ.

އެހެނަސް އެންމެހައި ދަލީލުތަކެއްގައި ވަނީ އެއް ފަހަރު ފޮހުމެވެ. އަދި އޭގެ ސިފައަކީ މަތީގައިވާ ޙަދީޘްތަކުގައި ބަޔާންވެގެންވާ ފަދައިންނެވެ. ދެއަތަށް ފެންއެޅުމަށްފަހު ފެން އޮއްސާލާނީ އެވެ. އެއަށްފަހު އެއަތްތިލައިގައި ހުރި ފެން ބޮލުގައި ފޮހެލުމެވެ. އެއީ ދެއަތްތިލަ އެކުއެކީގައި އިސްތަށިތައް ފެޅި ހިސާބު ކަމުގައިވާ ނިތްކުރީގައި ވާ ބޮލުގެ އިސްތަށީގެ މަތީގައި ދެއަތްތިލަ ބާއްވައިގެން ބޮލުގެ މަތިން ދެއަތްތިލަ ގެންގޮސް ކަނދުރާއާ ހަމައަށް ދެއަތްތިލަ ގެންދިއުމެވެ. އެއަށްފަހު އަނެއްކާވެސް ދެއަތްތިލަ އިސްތަށިތަކުގެ މަތިން ފެންފޮހެން ފެއްޓި ހިސާބަށް ގެނައުމެވެ.

މިއީ ބޮލުގައި ފެންފޮހުމަށް ވާރިދުވެގެންވާ ސިފަ އެވެ.

ތިންފަހަރަށް ބޮލުގައި ފެންފުހި ކަމަށް އައިސްފައިވާ ރިވާޔަތްތަކީ ބަލިކަށި ޙުއްޖަތެއް ނެރެވޭ ރިވާޔަތްތަކެއް ނޫންކަން ޢިލްމުވެރިން ބަޔާންކުރައްވާފައިވެ އެވެ.