ސަޖިދައިގައި އޮންނަ ހިނދު ދެ ފައިތިލަ ބަހައްޓާނީ ކިހިނެތްތޯ އެވެ؟

 

ސުވާލު : ސަޖިދައިގައި އޮންނަ ހިނދު ދެ ފައިތިލަ ބަހައްޓާނީ ކިހިނެތްތޯ އެވެ؟

ކައިރީގައި ނުވަތަ ދުރުކޮށްފައިތޯ އެވެ؟

މި މައްސަލައިގައި ފިޤުހު ޢިލްމުވެރިން ވަނީ ދެބަސްވަޑައިގަންނަވާފަ އެވެ.

ފުރަތަމަ ޤައުލު : ސަޖިދައިގައި އޮންނަހިނދު ދެ ފައިތިލަ ދުރުކޮށްފައިބެހެއްޓުމެވެ. ފަހެ، މި ޤައުލަކީ ޖުމްހޫރު ޢިލްމުވެރިންގެ ޤައުލެވެ. އެ ބޭކަލުން ބަޔާންކޮށްފައިވާ ހުއްޖަތްތަކުގެ ތެރޭގައިވެ އެވެ.

އެއީ، ސުންނަތުގައި ބަޔާންވެގެންވަނީ ދެ ކަކޫ އަދި ދެ ފަލަމަސްގަނޑު ސަޖިދައިގައި އޮންނަހިނދު ދުރުކޮށްފައި ބެހެއްޓުމެވެ. ފަހެ، ދެފައިތިލަ ވަނީ ކަކުލާއި ފަލަމަސްގަނޑުގެ މައްޗަށް ތަބަޢަވެގެންވާ ފައިގެ ބައެއް ކަމުގަ އެވެ.

އެގޮތުން ނަބިއްޔާ ﷺ އަރިހުން ފަލަމަސްގަނޑު ދުރުކޮށްފައި ބެހެއްޓުމަށް ވާރިދުވެގެންވާ ޙަދީޘް ބަޔާންކޮށްފައިވެ އެވެ.

أبو داود (735) ސުންނުގައި أبي حميد رضي الله عنه ނަބިއްޔާ ނަމާދު ކުރެއްވިގޮތް ބަޔާންކޮށް ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. (وإذا سجد فَرَّج بين فخذيه) “އަދި (ނަބިއްޔާ ﷺ ) ނަމާދުގައި ސަޖިދަކުރައްވާހިނދުގައި ދެ ފަލަމަސްގަނޑުފުޅު ދުރުކުރައްވަ އެވެ.”

الشوكاني رحمه الله ވިދާޅުވެފައިވެ އެވެ. ޙަދީޘްގައިވާ ބަސްފުޅު “ދެ ފަލަމަސްގަނޑުފުޅު ދުރުކުރެއްވި އެވެ.”

މާނައީ : ދެފަލަމަސްގަނޑު އަދި ދެ ކަކޫ އަދި ދެ ފައިތިލަ ދުރުކޮށްފައިވުމެވެ.

މިއީ الشافعي މަޛްހަބުގެ މަޝްހޫރު ޤައުލުވުމުން އަހަރެމެންގެ ތެރޭގައިވެސް މިފަދައިން ޢަމަލުކުރުން ޢާންމުވެފައިވެ އެވެ.

ދެވަނަ ޤައުލަކީ : ދެފައިތިލަ ސަޖިދައިގައި އޮންނަހިނދު އެއްފައިތިލަ އާއި އަނެއްފައިތިލަ ޖައްސައި ގާތްކޮށް ކައިރިކޮށްފައި ބެހެއްޓުމެވެ. މި ޤައުލަކީ މި ޒަމާނުގައި ފާޅުވި އެންމެ ބޮޑު ޙަދީޘް ޢިލްމުވެރިޔާ (މުޙައްދިޘް) އިމާމް الشيخ الألباني އަދި ފިޤުހު ޢިލްމުވެރިޔާ الشيخ ابن عثيمين އިޚްތިޔާރު ކޮށްފައިވާ ޤައުލެވެ.

މި ޤައުލު ބަޔާންކޮށްފައިވާ ޢިލްމުވެރިން އެކަމަށް ދަލީލުކޮށްފައިވާ ހުއްޖަތަކީ أم المؤمنين عائشة -رضي الله عنها- ގެ އަރިހުން ރިވާކޮށްފައިވާ ރިވާޔަތެކެވެ. (………………… فوجدته ساجداً ، راصّاً عقبيه ، مستقبلاً بأطراف أصابعه القبلة)

عائشة )رضي الله عنها( ވިދާޅުވެފައިވެ އެވެ. “………………ފަހެ، ތިމަން ކަމަނާއަށް ނަބިއްޔާ ސަޖިދައިގައި އޮންނެވިތަން ފެނިވަޑައިގެންނެވި އެވެ. ދެފައިތިލަފުޅު ކައިރިކޮށް ޖައްސަވައިގެން ސަޖިދައިގައި އޮންނެވި އެވެ. އަދި ދެފައިތިލަފުޅުގެ އިނގިލިފުޅުގެ ކޮޅުތައް ޤިބްލައަށް ކުރިމަތިލައްވައިގެން ސަޖިދައިގައި އޮންނެވި އެވެ.”

މިރިވާޔަތް ابن خزيمة ޞަޙީޙުގައި (1/328) ، ابن حبان ޞަޙީޙުގައި (5/260) ، الحاكم މުސްތަދްރަކްގައި (1/352) އަދި البيهقي “السنن الكبرى” (2/167) ގައި ގެންނަވާފައިވެ އެވެ. މިޙަދީޘްއަކީ ޞައްޙަ ރިވާޔަތެކެވެ.

الشيخ الألباني رحمه الله މި ޙަދީޘް صفة صلاة (2/736) ގައި ޞައްޙަ ކުރެއްވި އެވެ. ފަހެ، ޙަދީޘް ޞައްޙަވުމުން މިއީ މި މައްސަލަ ފައިސަލާ ކުރެވޭ ނުހަނު ސާފު ޙުއްޖަތެއް، ދަލީލެއް ކަމުގައިވެ އެވެ.

ވުމުން، ސަޖިދައިގައި އޮންނަ މީހާ، ދެފައިތިލަ ކައިރިކޮށް އެއްފައިތިލަ އަނެއް ފައިތިލައާ ޖައްސައި ދެމެދުގައި އެއްވެސް ގޮތަކަށް ހުސްޖާގައެއް ނުދީ ބެހެއްޓުން ސުންނަތްވެގެންވެ އެވެ. ނަބިއްޔާ ﷺ ގެ ސުންނަތަކީ އެއީ އެވެ.