ރަމަޟާން މަސް، އާޚިރަތް ހަނދުމަވުން

 

ރަމަޟާން 12

[ރަމަޟާން މަސް، އާޚިރަތް ހަނދުމަވުން]

بسم الله الرحمن الرحيم

އަޚުންނޭވެ! މި މައްސަރަކީ ބަރަކާތުގެ މައްސަރެވެ. ޚައިރާތުގެ މައްސަރެވެ. މި މައްސަރަކީ މިއީ ރުއްސެވުމާއި ފުއްސެވުމުގެ މައްސަރެވެ. އަޚުންނޭވެ!

ދެން އަންނަ ރަމަޟާން މަހަކާ ބައްދަލު ކުރެވޭނެ ކަމުގެ ޔަޤީންކަން އަހަރެމެންގެ ތެރެއިން އެކަކަށްވެސް ލިބިގެން ނުވެއެވެ.

އެމީހެއްގެ އާޚިރަތަށްޓަކައި ވިޔަފާރި ކުރަން ބޭނުންވާ މީހަކަށް، އެ ވިޔަފާރީގެ މޫސުން އަތުވެއްޖެއެވެ. ބާޒާރުތައް ވަނީ ހުޅުވިފައެވެ. އެ ބާޒާރުގައި އަގުތައް ވަނީ ބަޔާންވެގެންނެވެ. ނަމަވެސް، އެދުވަހަކުން މޫސުން ނިމި، ބާޒާރު ބަންދުވާނޭ ދުވަހެއް އެބަ އާދެއެވެ. އެއަށްފަހު ކޮންމެ މީހަކުވެސް ހުންނަންޖެހޭނީ އެމީހަކު ހޯދައިގަތް ކަމެއްގެ މަތީގައެވެ.

އަޚުންނޭވެ! މި ދުނިޔެއަށްވުރެން އާޚިރަތް ހެޔޮކަން ބޮޑުވެގެންވެ އެވެ.

އަޚުންނަށް މިކަމުގައި ކުޑަ މިޘާލެކެވެ. މި ދުނިޔޭގައި މާޤާމެއް، ޝަރަފެއް، ޤަދަރެއް ކަމުގައިވާ ވާނެ އެންމެ ބޮޑު ޝަރަފަކީ ﷲ ގެ ނަބީއްޔެއް ރަސޫލެއް ކަމުގައި ވުން ނޫން ހެއްޔެވެ؟ މިއަށްވުރެ ޝަރަފެއް ކޮބައި ހެއްޔެވެ؟ މަތިވެރިކަން ލިބުމަށް އޮތް ،ަތިވެރިކަމެެއް ކޮބައި ހެއްޔެވެ؟

އެފަދަ ފަރާތަކަށް ﷲ ވަޙިކުރެއްވީ މި ދުނިޔެއަށްވުރެ އާޚިރަތް ހެޔޮކަން ބޮޑުވެގެންވާ ކަމުގަ އެވެ. “ނަބީ ކަމުގެ ޝަރަފާއި ޤަދަރަށްވުރެންވެސް” އާޚިރަތް ހެޔޮކަން ބޮޑީ ހެއްޔެވެ؟ އާނއެކެވެ.

وَلَلْآخِرَةُ خَيْرٌ لَّكَ مِنَ الْأُولَىٰ ” އަދި ނަބިއްޔާއަށްޓަކައި ދުނިޔެއަށްވުރެ، آخرة ހެޔޮކަން ބޮޑުކަން ކަށަވަރެވެ.”

ފަހެ، އެހިނދު މި ދުނިޔެ ހެޔޮވެންވާނެ އެހެން ފަރުދެއް ނަފްސެއް އޮންނާނެ ހެއްޔެވެ؟

ލޯބިވާ ގާތް، އަޚުންނޭވެ! ރަމަޟާން މަހަކީ އާޚިރަތް ހޯދުމަށް، ޣާފިލު ހިތްތައް ހުޅުވި، ނަފްސުތައް ހޭލެވި، މި ދުނިޔޭގެ ލައްޒަތާއި އާރާމުން އެއްކިބާވެ، ދާން ޖެހޭނެކަން ދަސްކޮށްދޭ މޫސުމެކެވެ.

އާޚިރަތުގެ އަގު ވަޒްން ކުރަން ނަފްސަށް ދައްކާފައިވާ ތަރުބަވީ ފިލާވަޅު ލިބިގެންދާ މޫސުމެކެވެ.

އެހެނަސް ހިތާމައަކީ ހިތްދަތި ކަމަކީ، އާޚިރަތް ނުވަތަ ޤިޔާމަތް އެއީ އަހަރެމެން ދަންނަ ނަމެއް ގޮތުގައި ހަމައެކަނި ކަނޑައެޅިފައި ވުމެވެ.

العلامة محمد بن صالح العثيمين -رحمه الله- ވިދާޅުވެފައިވެ އެވެ.

”އާޚިރަތް ދުވަހަކީ އެއީ ޤިޔާމަތް ދުވަހެވެ. ޤިޔާމަތް ދުވަހަށް އާޚިރަތް ދުވަހުގެ ނަމުން ނަންދެވިފައިވާ ސަބަބަކީ އެއީ އެއަށްފަހުގައި އެހެން ދުވަހެއް ނުވާނެތީ އެވެ. ފަހެ، އިންސާނާ ކަޑަތުކުރާ 4 މަރުޙަލާއެއްވެ އެވެ. އޭނާގެ މަންމަގެ ބަނޑުގައި ހޭދަކުރާ މަރުޙަލާ އެވެ. ދުނިޔޭގައި ހޭދަކުރާ މަރުޙަލާ އެވެ. ބަރުޒަޚުގައި ހޭދަކުރާ މަރުޙަލާ އެވެ. އަދި ޤިޔާމަތްދުވަހުގެ މަރުޙަލާ އެވެ. އެއީ އެންމެ އާޚިރު (އެންމެ ފަހު) މަރުޙަލާ އެވެ. އެހެންވުމުން އާޚިރަތްދުވަހުގެ ނަމުން ނަންދެވުނެވެ. އެއީ މީސްތަކުން ބިރުވެރި ކަމުގައި ކޮޅަށް ތިބެންޖެހޭ ދުވަހެކެވެ. އެއްގޮތަކީ ސުވަރުގެއަށް ދިއުމެވެ. نسأل الله إن يجعلنا منهم އެހެން ނޫނީ ނަރަކައަށް ދާން ޖެހުމެވެ. والعياذ بالله މިއީ އެދުވަހުގެ ނިމުން ނިމިގެންދާނެ ގޮތެވެ.“

شرح رياض الصالحين(٤٥٤/١).

އަޚުންނޭވެ! ދެން ހޭދަކުރަން އޮތް މަރުޙަލާ ދަންނަ ހުއްޓެވެ. ބަރްޒަޚެވެ!

އަޚުންނޭޥެ! ޤަބުރަށް ދާނެ ދުވަސް ވިސްނާލުން ހުއްޓެވެ. ތިމާ މަރުވެ، ހިނެވައި، ކަފުންވެ، ހަށިގަނޑު ވަޅުލެވި، ބިންގަނޑުގެ އަޑީގައި އޮންނާނެ ދުވަސް މިއަދު ވިސްނާލެވޭނެ އެވެ. އެ ދުވަހުގެ ޙާލަތެވެ.

ގާތް ރަޙްމަތްތެރިންނޭވެ! ދުނިޔޭގެ ދިރިއުޅުމުގައި މިކަންތައްތައް ނަފްސަށް ހަނދުމަވާ މިންވަރު ތިޔައިން ކޮންމެ އަޚަކަށް މިނެ ކިރާލެވޭނެ އެވެ.

ވިޔަފާރި ވެރިޔާ އޭނާއަށް ކޮންމެ ހެދުނަކާއި، ހަވީރެއްގައި އޭނާގެ މުދަލާއި ފައިސާގެ މަތިން ހަނދާންވެ އެވެ.

ހުރިހައި ކަމެއް ރެކޯޑްކޮށް އެއްވެސް އެއްޗެއް އުނިވެ ނުދާ ގޮތުގަ އެވެ.

ރޭގަނޑާއި ދުވާލާއި ހެނދުނާއި ހަވީރު މަރާއި ޤަބުރު އަދި އާޚިރަތް މަތިން ހަދާންވަނީ ކިތައް ފަހަރު ހެއްޔެވެ؟ މިބަޔާން ކުރާ ބަސްތަކުގައި މިވަނީ އެ ނަފްސު މިނެކިރަންވީ މިންގަނޑެވެ.

مَالك بن دِينَار رحمه الله ވިދާޅުވެފައިވެ އެވެ . ”ދުނިޔެއަށްޓަކައި (ދުނިޔޭގެ އުފަލާއި އަރާމާއި ބޭނުންވާ ތަކެތި ނުލިބިގެން) ތިބާ ހިތާމަކުރާ މިންވަރަކުން ތިބާގެ ހިތުން އާޚިރަތަށްޓަކައި އޮންނަ ހިތްމަތް ނުކުންނާނެ އެވެ. އަދި އާޚިރަތަށްޓަކައި (ޤިޔާމަތް ދުވަހުގެ ޢުޤޫބާތާއި ބިރުވެރިކަމުގެ މައްޗަށް) ތިބާ ހިތާމަކުރާ މިންވަރަކުން ތިބާގެ ހިތުން ދުނިޔޭގެ ހިތްމަތް ނުކުންނާނެ އެވެ.“

ޓެސްޓު ކޮށްލާށެވެ! ތިމާއަށް ނޭނގުނަސް ހިތުގައި ދުނިޔެގޭ އުފަލަށް، އަރާމަށް، ނިޢުމަތަށް ދަހިވެތިކަން އޮތްވަރު މި “ކިޓުން” ޓެސްޓު ކޮށްލުން ހުއްޓެވެ. ހަފްތާއަކު އެއްފަހަރުވެސް ޤަބުރުގައި އޮންނާނެކަން ހަނދާނަށް ނާންނަ މީހާ އޭނާގެ ހިތާއި ނަފްސުގައި އެފަދައިން ނެތުމުން، ނަފްސުގައި ދުނިޔޭގެ ލައްޒަތްއޮތް މިންވަރު ދޭހަވީ އެވެ.

އޭގެ ސަބަބުން މެނުވީ އާޚިރަތް ހަނދުމަނެތިވެގެން ނުދެ އެވެ.

ދަރިންފަދަ ގާތް އަޚުންނޭވެ! މިއަދު ކުރިމަތި ވެފައިވާ “ދުނިޔޭގެ ފިތުނައިގައި ޖެހިފައިވުން” މި މުޞީބާތުގެ އެންމެ ބޮޑު މުޞީބާތަކީ އެފަދައިން ހަނދުމަކޮށްދޭނެ ފަރާތްތައް ނެތުމެވެ. އެވާހަކަ ދައްކައި އެ އިޙުސާސު ގެނުވާ ބަޔަކު ނެތުމެވެ. އަޚުންނަށް އެފަދައިން އެނގޭނެ އެވެ. ޙަޔާތުގައި އާޚިރަތް މަތިން ހަނދުމަކޮށްދޭ އިންސާނެއް، ޝަޚުޞެއް ދިމާވީ ކޮން ދުވަހަކު ހެއްޔެވެ؟ ކޮން ދުވަހަކު ހެއްޔެވެ؟ لاحول ولا قوة إلا بالله!

الإمام سُفيَان الثَّوْرِي -رحمه الله- ވިދާޅުވެފައިވެ އެވެ. ”ތިބާ އެމީހަކާ އެކުގައި އިށީންނަ ފަރާތަކީ، ތިބާ މި ދުނިޔެމައްޗަށް ޒުހުދުވެރި ކުރުވާ ފަރާތެއްކަމުގައިވުން ހުއްޓެވެ. އަދި އެނާ އަކީ ތިބާއަށް އާޚިރަތަށް ހިތްވަރުދީ ބާރުއަޅުވާ ފަރާތެއް ކަމުގައިވުން ހުއްޓެވެ.

ދުނިޔެވީ ވާހަކަތަކުގެ އަވައިގައި ޖެހިފައިވާ ދުނިޔޭގެ އަހުލުވެރިންނާ އެކު އިށީނުމުގެ މައްޗަށް ތިބާ އިންޒާރު ލިބިގަތުން ހުއްޓެވެ. ހަމަކަށަވަރުން އެފަދަ މީހުންނަކީ ތިބާގެ ދީން އަދި ތިބާގެ ހިތް ފަސާދަކުރުވާނެ ބައެކެވެ.“

حلية الأولياء٨٢/٧

ފަހެ، މީސްތަކުންވެސް މި ދުނިޔޭގެ ތެރެއަށް ޣަރަޤުވެފައިވާ މިންވަރު ފެނެ އެވެ. މިކަން ހަދާންކޮށްދޭނެ ފަރާތެއް ނުވާކަމެވެ.

الشيخ العلامة صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ. ”ދުނިޔެއަކީ މުސްލިމް އަޅާގެ ގޮވެތިގެދޮރެއް ނޫނެވެ. މުސްލިމް އަޅާގެ ގޮވެތިގެދޮރަކީސުވަރުގެ އެވެ.

އޭނާ މި ދުނިޔޭގައި ވުޖޫދު ކުރެވިފައިވަނީ ސުވަރުގެއަށްޓަކައި މަސައްކަތް ކުރުމަށްޓަކަ އެވެ.“ شرح الأربعين28

ދުނިޔެއަކީ އަގެއް ނެތް ތަނެކެވެ.

އަޚުން ދަންނަމު ހެއްޔެވެ؟ އެމީހެއްގެ މޮޔަ ކަމުގެ ސަބަބުން، ނުއަގުގައި އެއްޗެހި ވިއްކައި ގަނެ އުޅޭ މީހާގެ މުދާ އޭނަގެ ކިބައިން ހިފެހެއްޓުމަކީ ޙާކިމާއަށް ނުވަތަ ޤާޟީއަށް އިސްލާމީ ޝަރީޢަތުގައި ލިބިގެންވާ ބާރެކެވެ. ބުނެބަލާށެވެ! އެގޮތަށް ހިފަހަށްޓަން ޖެހިފައިވާ މޮޔައަކަށްވުރެ، މި ދުނިޔެއަށްޓަކައި އޭނާގެ އާޚިރަތް ވިއްކާލި މީހާގެ މޮޔަކަން މާބޮޑުނޫން ހެއްޔެވެ؟

الإِمَام السَّعْدِي -رحمه الله- ވިދާޅުވެފައިވެ އެވެ.

ހަމަކަށަވަރުން ދުނިޔޭގެ ޙަޔާތަކީ ނެތިވެ ވަކިވެދާނެ ގޮތުގައިވާ ޙަޔާތެކެވެ. ޢަދި ދުނިޔޭގެ ޙަޔާތުގައި އިންސާނާގެ ޢުމުރުގެ ނިސްބަތަކީ ވަރަށްވެސް ކުޑަ މިންވަރެކެވެ.

އެހެނަސް އާޚިރަތަކީ، ނިމުމެއްނެތް އަބަދަށް ދާއިމަށް އޮންނާނެ ނިޢުމަތެއް ކަމުގައިވެ، އެ ޙަޔާތަުގެ އަހުލުވެރިން އަބަދުގެ އަބަދަށް ދެމިތިބޭނެ އެވެ. ފަހެ، ބުއްދިވެރިޔަކު މި ދެ ދުނިޔޭގެ ޙަޤީޤަތުގެ މައްޗަށް ވިސްނައި، ޙައްޤު ތަޞައްވުރަކުން ބަލައިފިހިނދު، މި ދެ ދުނިޔެއިން އެކަތީގެ މައްޗަށް އިސްކުރުން ޙައްޤުކަންބޮޑީ ކޮން ދުނިޔެއެއްކަން އެނގިބަޔާންވާނެ އެވެ. އަދި އެ ދުނިޔެ ހޯދުމަށް މަސައްކަތްކޮށް ބާރުއަޅަންވީ ކޮން ދުނިޔެއެއް ކަމުގައި ބަޔާންވާނެ އެވެ.تفسير السعدي (187)

ދުވަހެއް އެބަ އާދެއެވެ. އެދުވަހުގައި އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް ﷲ ގެ ޙަޟްރަތަށް އެކަނިމާއެކަނި ދާންޖެހޭނެއެވެ. އެއްވެސް މުދަލެއް، ޢާއިލާއެއް، އަޚެއް ނެތް ޙާލު އެކަނިމާ އެކަންޏެވެ.

إِن كُلُّ مَن فِي السَّمَاوَاتِ وَالْأَرْضِ إِلَّا آتِي الرَّحْمَـٰنِ عَبْدًا ﴿٩٣﴾ لَّقَدْ أَحْصَاهُمْ وَعَدَّهُمْ عَدًّا ﴿٩٤﴾ وَكُلُّهُمْ آتِيهِ يَوْمَ الْقِيَامَةِ فَرْدًا ﴿٩٥﴾

“ރަޙްމާނުވަންތަ އިލާހުގެ ޙަޟްރަތަށް އަޅެއްގެ ގޮތުގައި ނާންނާނޭ ހަމަ އެކަކުވެސް އުޑުތަކާއި ބިމުގައި ނުވެއެވެ. ހަމަކަށަވަރުން، އެކަލާނގެ އެމީސްތަކުން ހިމަނުއްވައި، ފުރިހަމަ ޢަދަދު ކުރެއްވުމަކުން ޢަދަދު ކުރެއްވިއެވެ. އަދި ޤިޔާމަތް ދުވަހުން، އެމީހުންގެ ތެރެއިން ކޮންމެ މީހަކު އަންނަހުށީ އެކަނިމާ އެކަންޏެވެ.”

އަތުގައި އެދުވަހު، ކޮށްފައިވާ ޢަމަލެއް ނޫނީ ނޯންނާނެއެވެ. ފަހެ، އަސްވާރު ގޮވައިގެން އަސް ދުއްވައިގަންނަ ފަދައިން، އެ ޢަމަލުތައް އޭގެ އަހުލުވެރިން ގޮވައިގެން ސުވަރުގެ ނުވަތަ ނަރަކައަށް ގެންދާނެއެވެ. އެހެންކަމުން، މަރު އައިސް ތިމާއާއި ބައްދަލުކޮށްފުމުގެ ކުރިން ހެޔޮ ޢަމަލު ކުރާށެވެ! އަދި މިފަދަ ހެޔޮކަމުގެ މޫސުންތަކުގައި ފުރުސަތުގެ ބޭނުން ހިފާށެވެ! ބޮޑުވެގެންވާ ދުވަހެއްގައި، ކަނޑައެޅިގެންވާ ބައްދަލުވުމަށް ތައްޔާރުވާށެވެ!

إِنَّ يَوْمَ الْفَصْلِ كَانَ مِيقَاتًا ﴿١٧﴾ يَوْمَ يُنفَخُ فِي الصُّورِ فَتَأْتُونَ أَفْوَاجًا ﴿١٨﴾

“ހަމަކަށަވަރުން، ނިޔާކުރެއްވުމުގެ ދުވަސް އެއީ ކަނޑައެޅިގެންވާ ދުވަހެއް ކަމުގައި ވިއެވެ. ތާޅަފިލި ފުމެލައްވާ ދުވަހެވެ. ފަހެ، އެދުވަހުން، ތިޔަބައިމީހުން ފައުޖުތަކަށް ބައިބަޔަށް އަންނާނޫއެވެ.”

އަޚުންނޭވޭ! އެކުވެރި ގާތް ޞާޙިބުންނޭވެ! މިފަދައިން ވަޙީ ބާވަައިލައްވައި، އަނަހރެމެންނަށް އުނގަންނައިދީފައި، ރަސޫލުން ފޮނުއްވައި، ޝަރަޙަކޮށް، ތަފްޞީލުކޮށްދީފައިވެ، އެއާއެކު މި ލަނޑުދަނޑިގެ މަތިން ހަދާންނެތިވެ، އެއަށް ވާޞިލްވުމަށްއޮތް ޢަމަލުތަކާއި ބަސްތަކުން ޣާފިލުވެ، ހިތްތައް އެ ޛިކުރުން އެއް ކިބާކޮށްފައިވާ ނަފްސުތަކަށް އިތުރަށް ވާނެ “އިހުމާލެއް” އެބަ އޮތް ހެއްޔެވެ؟

ފަހެ، އެހިނދު ﷲ ގެ މަގުގައި ވަނީ ކޮންފަދަ ފަރުވާ ކުޑަ ކަމެއްގައި، ބޮޑުވެގެންވާ ފަރުވާ ކުޑަ ކަމެއްގައި ނޫން ހެއްޔެވެ؟

މުޅި ޙަޔާތް ދީނަށްޓަކައި ވޭތުކުރެއްވި ޞަޙާބީންގެ ބަސފުޅަކީ މިއީ ކަމުގައިވެއްޖެހިނދު، އަހަރެމެން ބުނާނީ ކީޔޭ ހެއްޔެވެ؟

ޞަޙާބީ عمرو بن العاص -رضي الله عنهما- ދަރިކަލުން عَبدُ الله އަށް މަރުމަތީގައި ވަޞިއްޔަތް ކުރެއްވި އެވެ. އެއަށްފަހު ވިދާޅުވި އެވެ. ”އަޅުގެ ވެރި އިލާހެވެ! ހަމަކަށަވަރުން އިބަ އިލާހު އަހަރެމެންނަށް އަމުރު ކުރެއްވުމުން އެ އަމުރުތައް ދޫކޮށްލާ އެ (ވާޖިބުތައް) ގެއްލެނި ކޮށްލި ބަޔަކު ކަމުގައި އަހަރެމެން ވަމު އެވެ. އަދި އިބަ އިލާހު އަހަރެމެންގެ މައްޗަށް ނަހީކުރެއްވުމުން، އެ ނަހީތަކަށް އަރައިގަތް ބަޔަކު ކަމުގައިވެސް އަހަރުމެން ވީމު އެވެ.

ފަހެ، އުޛުރުވެރި ވުމަކަށްޓަކައި ކުށްތަކުން ބަރީއަވެގެންވާ ފަރާތެއްކަމުގައި ތިމަން ޞަޙާބީ ނުވަމު އެވެ. އަދި ނަޞްރުވެރި ވެވޭނެ ބާރުގަދަ ފަރާތެއް ކަމުގައިވެސް ތިމަން ޞަޙާބީ ނުވަމު އެވެ. އެހެނަސް لَا إِلَه إلاَّاللهُ (އިބަ އިލާހު މެނުވީ ޙައްޤުގޮތުގައި އަޅުކަން ކުއްތަން ކުރެވޭ އެހެން އެއްވެސް އިލާހަކު ނުވެ އެވެ.) ފުރާނަފުޅު ހިއްޕެވި އަވަހާރަފުޅުވެ ދިއުމަށްދާންދެން لَاإِلَه إلاَّاللهُ މިކަލިމަ ވިދާޅުވަމުން ގެންދެވި އެވެ.

صحيح/طبقات ابن سعد ٢٦٠/٤

ޔާ ﷲ! އިބަ އިލާހުގެ ރަޙްމަތް ތަނަވަސްވެގެންވެ އެވެ! އިބަ އިލާހުއީ اللطيف އެވެ. އަޅަމެންނަށް އޯގާވެރިވަންތަވޮޑިގަންނަވާނދޭވެ! އަޅަމެންގެ ފަރުވާ ކުޑަ ކަމާއި، އިހުމާލުގެ މައްޗަށް އިބަ އިލާހުގެ ޢަފޫ ތަނަވަސް ކޮށްދެއްވާނދޭވެ.

و الحمد لله رب العالمين –